ގައުމާއި ރައްޔިތުންގެ މަސްލަހަތު ނަގާލަން ގައުމުން ބޭރުގައި އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް ސަރުކާރުގެ ރައްދެއް ނެތް ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަމާޒުހިއްޕަވާފައި ވަނީ އެމަނިކުފާނު ފައްޓަވާފައިވާ ތަރައްގީގެ ބިޔަ މަޝްރޫއުތައް ނިންމުމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.
"އެމަނިކުފާނު [ރައީސް]ގެ ވަގުތުތައް ނަގާލާކަށް ބޭނުމެއް ނުވޭ، ބޭބޭފުޅުންނަށް ރައްދު ދެއްވާކަށް. އެމަނިކުފާނުގެ ފޯކަސް ހުރީ ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ ޖީބުތައް މުއްސަނދިކުރަން. އެ މަސައްކަތްޕުޅުގައި ރައީސް އުޅުއްވަނީ މާ ބުރަކޮށް،" ލަންޑަންގައި އިދިކޮޅު އިއްތިހާދެއް އުފައްދައި ފަށާފައިވާ ހަރަކާތްތަކަށް އިޝާރާތް ކުރައްވައި މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރާ ކޮންމެ ކަމެއްގައި ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށެވެ. އެކަމަކު ރާއްޖެ އިން ބޭރުގައި ތިއްބަވައިގެން ރާއްޖެ ބަދުނާމުކުރުމާ އެކު ފެންނަމުން ދަނީ އެހެން މަންޒަރުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ފޯކަސް ހުރީ ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ ޖީބުތައް މުއްސަނދިކުރަން. އެ މަސައްކަތްޕުޅުގައި ރައީސް އުޅުއްވަނީ މާބުރަކޮށް. --މުއާޒް
މުއާޒް ވިދާޅުވި ގޮތުގައި ސިޔާސީ މަސްރަހު ފިނިކޮށް، ގައުމަށް ހަމަޖެހުން ގެންނަން ވެސް ސަރުކާރުން މަސައްކަތްތަކެއް ކުރި އެވެ. މަޝްވަރާ އަށް ތަކުރާރުކޮށް ޕާޓީތަކަށް ދައުވަތު ދީގެން ވެސް އިދިކޮޅު ފަރާތްތަކުން އިށީންނަން ބޭނުން ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ތިއްބަވައިގެން ބަޔަކު ރޭވުންތަކެއް ރޭވިއަސް ގައުމުގައި މިހާރު އޮތީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމްވެފަ އެވެ. ރޯދަ މަހަށް ތައްޔާރުވާން ރައްޔިތުން އަވަދިނެތި އުޅޭއިރު، އެކަމަށް ހުރަސްއަޅައި އަމާންކަން ނަގާލުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ގާއިމްވެފައި މި އޮތް އަމާންކަން ވަކި ބައެއްގެ މަސްލަހަތަށްޓަކައި ނަގާނުލައްވާ، ރައްޔިތުންނާއި ގައުމަށް ފައިދާ ހުރި ގޮތަކީ އެއީ،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިޔާލުފާޅުކުރުމާއި އެއްވެއުޅުމާއި އެހެން ވެސް ހައްގުތައް ގާނޫނުގައި ލިއެފައިވާ ގޮތަށް ކުރިއަށް ގެންދަން ފުރުސަތު އޮންނާނެ ކަމަށެވެ. އޭގެ ބޭރުން މަގުމަތި ހަލަބޮލިކޮށް، ރައްޔިތުންނަށް ދަތިކުރަން ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތަރުޖަމާން އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ޖަލްސާއެއް ބާއްވަން ތަނެއް ނުލިބޭ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.