މަހްލޫފްގެ ހާލު ބެލުމަށް ހުށަހެޅި މައްސަލަ ކޮމިޓީން ބޭރު ކޮށްލައިފި

ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ ހާލު ބެލުމަށް އެމްޑީޕީން އިމްތިޔާޒް ކޮމެޓީއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.


މަހްލޫފްގެ މައްޗަށް އިއްވީ ސިޔާސީ ހުކުމްތަކެއް ކަމަށް ވިދާޅުވެ، އޭނާ ބަންދު ކުރި މައްސަލަ އާއި މަހްލޫފްގެ ހާލު ބެލުމަށް އިމްތިޔާޒް ކޮމެޓީ އަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު މަރުޒޫގެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝާހިދެވެ.

ޝާހިދު ވިދާޅުވީ އެ މައްސަލަ ކޮމެޓީ އަށް ހުށަހެޅުއްވުމުން ކޮމެޓީގެ މުގައްރިރު އަދި ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު އެ މައްސަލަ ބެލުމަށް ވޯޓަށް އަހާފައި ނުވާ ކަމަށެވެ. އެހެންވެ، އޭނާ އާއި މަރްޒޫގް ކޮމެޓީގެ ބައްދަލުވުން ބޮއިކޮޓް ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ކޮމެޓީ ބައްދަލުވުމެއްގައި މެމްބަރަކު ކަމެއް ހުށަހަޅައިގެން، ތާއީދު ލިބިއްޖެނަމަ، އެ މައްސަލައެއް ބަލަން ފެނޭތޯ ވޯޓަށް އަހަން ޖެހޭނެ. އެކަމަކު އެ ހުށަހެޅުމަށް ވޯޓަށް ވެސް ނާހައި މައްސަލަ ނުބެލޭނެ ކަމަށް ނިންމީ،" މަޖިލީހުގެ ރައީސްކަން ކުރިން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މަޖިލިސް ހިނގަމުން ދަނީ ސަރުކާރުގެ އޮފީހެއް ހިނގާ ގޮތަށެވެ. އަދި މަޖިލީހުގައި އަމަލު ކުރަމުން ދަނީ "ވެރިމީހާ" އަންގަވާ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ފެނިގެން ދިޔައީ މަޖިލީހުގެ ޕީޕީއެމް މެމްބަރުންގެ ހުދުމުހުތާރުކަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން މަސައްކަތް ކުރައްވަނީ އިދިކޮޅު މެމްބަރުންގެ އަޑު މަޖިލީހުން ކަނޑުވާލުމަށް ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމުގެ ފުރުސަތު މަޖިލީހުގެ ތެރެއިން އިދިކޮޅު މެމްބަރުންނަށް އެއްވެސް ވަރަކަށް ލިބިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ޖަލުގައި ހުންނަވާތާ ތިން މަހަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، އޭނާ އަށް ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. މަހުލޫފަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދުމުގެ ފުރުސަތު ނުދޭތީ އާއިލާ އިން ކަމާ ބެހޭ ފަރާތްތަކަށް ވަނީ ހުށަހަޅައިފަ އެވެ. މަހުލޫފް އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވެ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ވެސް ވަނީ ލަފާ ދީފަ އެވެ.

މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވިކަމާއި ފުލުހުންގެ ބަންދުގައި ހުންނެވި އިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވެ، ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަސް ދުވަހާއި 24 ދުވަހަށެވެ. އެ ދެ ހުކުމް މަހްލޫފްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.