މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
23 ނޮވެމްބަރ 2016 - 15:22
އަލަށް އެކުލަވާލާފައިވާ މާލިއްޔަތު ގަވާއިދަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ރުހުން ދީފި އެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދު މުރާޖައާ ކުރުމަށް ފަހު ގެޒެޓް ކުރުމާ މެދު ކޮމިޓީގެ ލަފައަކަށް އެދި ސަރުކާރުން ވަނީ މިދިޔަ އޭޕްރީލް 7 ގައި ފޮނުވައިފަ އެވެ. އަދި އޭޕްރީލް 13 ގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ގަވާއިދާ މެދު މެމްބަރުން ވަނީ ހިޔާލު ފާޅުކުރައްވައިފަ އެވެ.
އެ އަށް ފަހު ގަވާއިދާ ގުޅޭ ގޮތުން އެއްވެސް މަސައްކަތެއް ނުކޮށް އޮތުމަށް ފަހު، މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް އެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ. އަދި މާ ގިނަ މަޝްވަރާތަކެއް ކުުރެއްވުމެއް ނެތި ކޮމިޓީން ވަނީ އެ ގަވާއިދު ގެޒެޓް ކުރުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ނިންމައިފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ކުޅުދުއްފުށި އުތުުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ހުށަހަޅުއްވައި ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒު ރަޝީދު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި އޭރު ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
"މި ގޮތަށް ނިންމި ނަމަވެސް، ގަވާއިދު ގެޒެޓު ކުރުމަށް ފަހު ބަދަލު ގެންނަން ޖެހިއްޖެ ނަމަ އެކަމާ މެދު ކޮމިޓީގައި ބަހުސްކޮށް، ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކުރާނެ،" ކޮމިޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މާލިއްޔަތު ގާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތު ގަވާއިދަށް އެކި ފަހަރު މަތިން ތަފާތު އިސްލާހުތައް ގެނެސްފަ އެވެ. މުޅި ގަވާއިދު އެއްކޮށް މުރާޖައާކޮށް، އާ ގަވާއިދެއްގެ ގޮތުގައި އެކުލަވާލާފައި ވަނީ، ފިނޭންސް މިނިސްޓްރީން މަޖިލީހުގެ ކޮމިޓީ އަށް ފޮނުވި ސިޓީގައިވާ ގޮތުން، ކަމާ ބެހޭ ހުރިހާ މުއައްސަސާތަކެއްގެ އޮފިޝަލުން ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުންނެވެ.
އާ ގަވާއިދުގައި ހިމެނޭ ކަންކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެކަމަކު، 2.5 މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު ކޮންމެ މަޝްރޫއެއް ޓެންޑަ ބޯޑަށް ހުށަހަޅަން ޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، އެ ގޮތަށް ދެވޭ މަޝްރޫއުތަކުގެ އަގު ތިން މިލިއަން ރުފިޔާ އަށް ވަނީ މަތިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދ
24 November 2016
ބައިތުލްމާލުން އިތުރަށް ވައްކަން ކުރެވޭނެހާ ދޮރުތަކެއް ލޫޕުސްތަކެއް ހިމަނާފަ ފާސްކުރި އެއްޗެއްބާ؟