ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ޓަވަރުތައް-- މި ތަންތަނުން ފްލެޓް ލިބުނު މީހުންނާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
14 ޖުލައި 2021 - 10:19
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު ފަށައިފި އެވެ.
ހިޔާގެ 6،720 ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވާއިރު އެޗްޑީސީން ބުނި ގޮތުގައި މިއަދު އެއްބަސްވުމުގައި ސޮއިކުރާނީ ޓަވަރު އެޗް9 އިން ފްލެޓް ލިބުނު 118 މީހަކާ އެކުގަ އެވެ.
ފްލެޓް އެއްބަސްވުމުގައި މިއަދު ސޮއިކުރާ މީހުންގެ ލިސްޓު އެޗްޑީސީން އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު އޭގައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރާނީ އެއްބަސްވުމުގައި ސޮއިކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތުގައި ހިމެނޭ ފްލެޓް ލިބިފައިވާ ފަރާތުގެ މައުލޫމާތު ފޯމާއި ފްލެޓްގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުމާ ބެހޭ ފޯމު ފުރައި، އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގަ އެވެ.
އެޗްޑީސީން ވަނީ ސޮއިކުރުމުގެ ކަންކަން ފަސޭހައިން ކުރިއަށް ގެންދިއުމުގެ ގޮތުން ފްލެޓް ލިބުނު މީހުންނަށް ސޮއިކުރުމަށް ދިއުމަށް އަންގާފައިވާ ވަގުތަށް އެތަނަށް ދިއުމަށް ވެސް އެދިފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރަން ދާއިރު ސޮއިކުރާ މީހާގެ އިތުރުން ހެކިވެރިއަކު ގެންދަން ޖެހޭނެ އެވެ. އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ ދެ ފަރާތް ފެންނަ ސާފު ކޮޕީއެއް ގެންދަން ޖެހެ އެވެ. ފްލެޓްގެ ވެރިފަރާތުގެ ބަދަލުގައި "ފަވާ އޮފް އެޓާނީ" އެހެން މީހަކަށް ދީފައިވާ ނަމަ، އޭނާގެ އިތުރުން ހެކިވެރިއަކު ގެންދަން ޖެހެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުން ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޗްޑީސީން އެދެނީ ސޮއިކުރަން ބޭނުންވާ ގަލަމާއި އިނގިލީގެ ނިޝާން ޖަހަން ބޭނުންކުރާ "އިންކް ޕެޑް" އަމިއްލައަށް ގެންދިއުމަށެވެ.
ސާވިސް ފީއާ އެކު މަހު ކުލީގެ ގޮތުގައި 8،500ރ. ދައްކަން ޖެހޭ ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު ފެށިއިރު އެއްބަސްވުމުގައި ސޮއިކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފްލެޓް ކުރިއަށް ގެންދާނެ އެވެ.
ހިޔާ ފްލެޓް ލިބުނު މީހުންގެ މެދުގައި އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ގޮތުގެ ތާވަލު--
ފްލެޓު އެއްބަސްވުމުގައި ސޮއިކުރަން ފެށުމުގެ ކުރިން އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފަސޭހަ އަދި ލުއި ގޮތެއްގައި ކުރިއަށް ގެންދިއުމަށް "ހިޔާ 7000" ގެ ނަމުގައި ޕޯޓަލެއް ހަދައި، އެ ޕޯޓަލް މެދުވެރިކޮށް އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން އެދިފަ އެވެ. އިއްޔެގެ ނިޔަލަށް އެ ފުރުސަތު ދިން ނަމަވެސް އެޗްޑީސީން މިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފަ އެވެ.
އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވާ ފޯމު ބައެއް މީހުން އަދިވެސް ހުށަހަޅާފައި ނުވާ ކަމަށާއި އަނެއް ބަޔަކު ހުށަހަޅާފައިވާ ފޯމުތައް ފުރިހަމަ ވެސް ނުވާ ކަމަށެވެ.
ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކުރާ މި ފްލެޓްތަކުގެ ފިނިޝިން ނިންމަން ތިން މަސް ދުވަހުުގެ މުއްދަތެއް ފްލެޓް ލިބުނު މީހުންނަށް ލިބޭނެ އެވެ. އެ މުއްދަތުގައި އެތަނުން އެއްވެސް ކުއްޔެއް އަދި ފީއެއް ވެސް ނުނަގާނެ އެވެ. އެކަމަކު އެންމެ ތިން މަހުން ފިނިޝިން ނުނިންމޭނެ ކަމަށް ބުނެ ފްލެޓް ލިބުނު ގިނަ ބަޔަކު އެކަމުގެ ޝަކުވާދަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިލާފް
14 July 2021
ދުވާލަކު 100ވަރަކަށް މީ ހުން ގެންގޮސްގެން 2023އިންތި ހާބަށްވެސް ސޮއިކޮށް ނުނިމެނޭ..
ޖޯކެއް
14 July 2021
118 އޭ؟ ފިނިހަކަ ސަރުކާރުގެ ސްޕީޑް ދެއްތޯ؟
ޒަމީރާ
14 July 2021
އެޗްޑީސީ އަކީ ކުންފުންޏެއް.. އެއީ ސަރުކާރެއް ނޫން
ސުހޭލި ބޭރި
15 July 2021
ދެމަސް ހަމއެކަނި ސޮއިކޮއްލާ ތަޅުދަނޑި ހަވާލުކޮށްަލަން ސުހޭލު ނަގާފަ، އޭނާ މިކިޔަނީ ހިޔާގެ 6700 ފްލެޓުގެ ފިނިޝިންގ ނިންމޭނޭ 3 މަހުން. ބިތާވެފަ ތިބި ބައެއްތަ ނޫނީ ރައްޔިތުންނަށް ޖެއްސުންކުރަން ލާފަހުރި މިޙެއްތަ. އަމިއްލައަށް 2 މަހުން 6700 މީހުންލައްވަ ސޮއެކޮއްނުލެވޭއިރު މުޅިތަނުގެ ފިނިޝިން ނިންމަން 3 މަސް މަދެއްނޫނޭ މިކޔަނީ. ބލއެއް އެޗްޑިސީ އަކީ މިހާރު ރައްޔިތުންނަށް ޖެހިފައޮތް.
ބަނބޫ
14 July 2021
މަވެސް ބޭނުން ތީގާ ސޮއިކުރަން. ތިސޮއިކުރަންޖެހޭއެއްޗެއްގާ ސޮއިކުރަން މިކޮޅަށް ތިގެނަސްބަލަ.