ބޮޑު އީދާއި މިނިވަންދުވަހާއި ދިިމާކޮށް ގިނަ ބަޔަކު އަތޮޅު ތެރެއަށް ފުރަނީ. މިއަދުވެސް ރާއްޖެއިން 122 މީހުން ޕޮޒިޓިވްވެފައި ވާއިރު ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން .-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
22 ޖުލައި 2021 - 23:25
ރާއްޖެ އިން މިއަދު އިތުރު 122 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް 122 ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ އިން 24 މީހުންނާއި، ރަށްރަށުން 81 މީހުންނާއި އަދި ރިސޯޓުތަކުން 17 މީހުންނެވެ.
މިއާ އެކު ރާއްޖެ އިން ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 76،454 އަށް އަރައިފަ އެވެ. މީގެ ތެރެއިން 73،637 މީހުން ބަލިން ރަނގަޅުވެފައިވާ އިރު 218 މީހުން ވަނީ މިބަ ލީގައި މަރުވެފަ އެވެ. އަދި 11 މީހަކަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް އުޅެނީ ދެ ޕަސެންޓުގަ އެވެ. މީގެ ތެރެއިން މާލޭގެ ޕޮޒިޓިވިޓީ ރޭޓު އުޅެނީ 0.40 ޕަސެންޓުގަ އެވެ. އަދި ރަށްރަށުގެ ޕޮޒިޓިވިޓީ ރޭޓު އުޅެނީ 1.33 ޕަސެންޓުގަ އެވެ.
ވެރިރަށް މާލެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވެފައިވާ އިރު، ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ފާއިތުވި ހަތަރު ދުވަހު އިތުރުވެފަ އެވެ. މި ގޮތުން މި ހަތަރު ދުވަހު ވެސް އެވްރެޖްކޮށް 88 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ ކޭސްތައް ފެންނަ ގދ. އަތޮޅުން މިއަދު ވެސް 17 މީހުން ޕޮޒިޓިވްވެފައިވާއިރު އެ އަތޮޅުގެ ނަޑެއްލާ އިން 13 މީހުން މިއަދު ޕޮޒިޓިވްވެ އެ ރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 102 އަށް އިތުރުވެފަ އެވެ.
ޕޮޒިޓިވިޓީ ރޭޓް ފަހަކުން މައްޗަށް ނާރާ ނަމަ، ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް ކަރަންޓީނުވުމެއް ނެތި އެ ރަށަކަށް ދަތުރުކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy