ސްކޫލް ދަރިވަރުންގެ ތެރެއިން 3،000 ކުދިންނަށް އަންނަ އަހަރު ދަބަސް ދޭން ނިންމާފައިވާ ކަމަށް ސޮދަގާތު ފައުންޑޭޝަނުން ރޭ ބުނެފި އެވެ.
ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމްގެ ފައުންޑޭޝަނުން ބޭއްވި "ހިތާނީ އުފާ" ކޭމްޕު ނިންމުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި، އެ ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސިނާން ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިނާން "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެފަދަ އެހީ ބޭނުންވާ ކުދިން އެބަތިބި ކަމަށާއި މަގުސަދަކީ އެ ކުދިންނަށް ކޮންމެ ވެސް މިންވަރެއްގެ އެހީއެއް ފޯރުކޮށްދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ ދަބަސް ބޭނުންވާ ފަރާތްތަަކުން އެކަމަށް ނަން ނޯޓު ކުރަން ހުޅުވާލާނެ ކަމަށާއި އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ފައުންޑޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަންގާލަދޭންވީ މިފަދަ އެހީއެއް ބޭނުންވާކަން. އޭރުން އެހީތެރިވެދޭނަން،" ސިނާން ވިދާޅުވި އެވެ.
ސްކޫލް ބަންދާ ދިމާކޮށް ސޮދަގާތު ފައުންޑޭޝަނުން ބޭއްވި "ހިތާނީ އުފާ" އަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެ ކޭމްޕުގައި މި އަހަރު 120 ކުދިން ބައިވެރިވިކަމަށް ސިނާން ވިދާޅުވި އެވެ. އެހެންކަމުން އެ އަދަދު އަންނަ އަހަރު 200 އަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ސިނާން ވިދާޅުވި އެވެ.