ޚަބަރު / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ބޮމުގެ ހަމަލާގެ ޝަރީއަތް ހޯމަ ދުވަހަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން ކާރަށް އަރުއްވަން ނީލޯފަރު ހިނގުމުން ހިންގަަވާފައި ވަޑައިގަންނަވަނީ --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި ހަ ވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިން މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އައިޑީއެއް ގޮއްވައިލުމުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، ފުރާނަ ސަލާމަތް ކުރަން ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ.

ހަމަލާއާ ގުޅިގެން ހަތް މީހަކަށް ދައުވާކޮށްފައިވާއިރު، މީގެ ކުރިން ހަފްތާ ބަންދެއްގައި ބޭއްވި ބަންދު މުރާޖާގެ އަޑުއެހުމަކަށް ފަހު ވަގުތު އޮތުމުން ޝަރީއަތް ވަނީ ފަށައިފަ އެވެ. އެ ދުވަހު، އިބްތިދާއީ މަރުހަލާ ފަށައި އަދުހަމް އާއި ހައިޝަމަށް ވަކީލުން ހަމަޖައްސަން ފުރުސަތު ދިނެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވަނީ 20 ވަނަ ދުވަހުގެ މެންދުރަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ޗިޓު ފޮނުވިކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ ކުރިއަށްގެންދާނީ ހަމަލާ ދިން އަދުހަމްގެ ބައެވެ. އަދަބަށް ލުޔެއް ލިބޭ ގޮތަށް އަދުހަމް ވަނީ ދައުލަތާ އެކު އިއުތިރާފު އެއްބަސްވުން ހަދައި، ހަމަލާ ދިން ގޮތް ކިޔައިދީފަ އެވެ. ޝަރީއަތުގައި ވެސް އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އޭނާ އަކީ މިހާރު ދައުލަތުގެ މުހިންމު ހެއްކެކެވެ.

މި މައްސަލަ ކުރިއަށްގެންދަން ނިންމާފައި ވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ނަމަވެސް، އެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންނަކީ ކޮބައިކަމެއް އަދި ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

ދައުވާ ލިބޭ މީހުން

- އަދުހަމް އަހުމަދު ރަޝީދު: ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުން، ތޫހުނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ

- ތަހުމީން އަހުމަދު: ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ

- މުޖާޒު އަހުމަދު : ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ

- އަލީ ހައިޝަމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުން، އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

- އިސްހާގު: ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

- ފަހުމީ އަލީ: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

- މުހައްމަދު ނާޒިމް: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ

ދައުލަތުން ބުނާ ގޮތުގައި އަދުހަމަކީ ބޮން ގޮއްވައިލި މީހާ އެވެ. މުޖާޒް އަކީ އަދުހަމް ފިލުވަން މަސައްކަތް ކުރި މީހާ އެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރު ކުރުމުގައި އުޅުނު މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ. ހައިޝަމަކީ ވެސް ބޮން ހަރުކުރުމުގައި އަމަލީ ގޮތުން އުޅުނު މީހެއް ކަމަށާއި ބޮމުގެ ބައިތަކުން އެ ދެ މީހުންގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. ފަހުމީ އަކީ ބޮން ހަރު ކުރި އިރު ފާރައަށް ހުރި މީހެއް ކަމަށާއި ނާޒިމް އަކީ ހަމަލާ ދިނުމުން އަދުހަމް ގޮވައިގެން ހުޅުމާލެ ގެންދިޔަ މީހާ ކަމަށް ވެސް ބުނެފައިވެ އެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި މިކަމުގައި އެންމެ އިސް މީހަކީ މުހައްމަދު ތަސްލީމެވެ. އޭނާ އަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ޖެހޭ ކަމަށް ވިސްނައިދިން މީހާ ކަމަށް ބުނެފައިވެ އެވެ.

ހަމަލާގެ މައްސަލައިގައި ހައްޔަރު ކުރި އަހުމަދު ފާތިހުގެ މައްޗަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. އަބްދުﷲ އަލިމަނިކާއި ތަސްލީމްގެ މައްޗަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ބޮމުގެ ހަމަލާގައި ނަޝީދަށް ބޮޑަށް ޒަހަމްވީ އައިއީޑީ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުށްތައް ބުރައިގެން ގޮސް ހަށިގަނޑަށް ވަނުމުންނެވެ. އެ ރޭޒާ ފުށްތައް ނަގައި އެ މަނިކުފާނުގެ ފުރާނަ ސަލާމަތް ކުރަން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ އިރުތަކެއް ވަންދެން އޮޕަރޭޝަން ކުރި އެވެ. އޭގެ ފަހުން ޖަރުމަނުން ފަރުވާ ހޯދެއްވުމަށްފަހު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

14 September 2021

ކީއްވެ މިޝަރިއަތް ވަގުތުން ދުރަށް ނުދައްކަނީ؟ ދައުލަތުންގެ ޑީއެންއޭގެ ވާހަކަ ދެއްކީމައި އަންނަނީ ހިނި. އެއީ ކަރނަލް ނާޒިމްގެ ގެއިން ފިސްތޯލެއް ފެނުނުފަހުން ގާތްގަނޑަކަށް ދޮޅު އަހަރެއް ފަހުން އެ ފިސްތޯލުން އަދީބުގެ ޑީއެންއޭ ފެނުނު ވާހަކަ ދައުލަތުން (ފުލުހުން) ހާމަ ކުރުމުގެ ކުރިން ނާޒިމްގެ ޤާނޫނީ ވަކީލުން ހާމަކުރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454