ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވެލްގެ ހަވާލުގައި ދެ ހަރަމްގެ އުމްރާ އަށް ދާ މީހުންގެ ވިސާގެ ކަންކަން ހަމަޖެހި، އޭގެ ތެރެއިން 199 މީހަކު މިއަދު ފުރައިފި އެވެ.
ޒަމްޒަމް ގުރޫޕުގެ 246 މީހަކު މިދިޔަ ހުކުރުދުވަހު ހެނދުނު އުމްރާ އަށް ފުރަން ހަމަޖެހިފައިވީ ނަމަވެސް، އެމީހުންގެ ވިސާގެ ކަންކަން ނުނިމޭކަން އެ ގުރޫޕުން އެންގީ އެ ރޭގެ ފަތިހުގަ އެވެ. އެހެންވެ ވިސާގެ މައްސަލާގައި އެއްވެސް މީހަކަށް އެ ދުވަހު ފުރޭ ގޮތެއް ނުވި އެވެ.
ޒަމްޒަމް ގުރޫޕުގެ ވެރިޔާ އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) މިއަދު ވިދާޅުވީ އެންމެންގެ ވިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ވިސާ ޖެހުމުގެ ކަންކަން ޒަމްޒަމް ގުރޫޕުން ހަވާލުކުރީ އައިލެންޑް އޭވިއޭޝަނާ އެވެ. އެކަމަކު، ވިސާ ޖެހުމުގައި ކުރިމަތިވި މައްސަލަތަކާ ގުޅޭ ގޮތުން ޒަމްޒަމް ގުރޫޕުން އަޒީބެ ވާހަކަ ދައްކަވާކަށް ބޭނުމެއް ނުވި އެވެ. އައިލެންޑް އޭވިއޭޝަނުން ވެސް ވަކި އެއްޗެއް މިހާތަނަށް ނުބުނެ އެވެ.
އަޒީބެ ވިދާޅުުވީ 199 މީހަކު މިއަދު އުމްރާ އަށް ފުރީ އައިލެންޑް އޭވިއޭޝަންގެ ޗާޓަރު މަތިންދާބޯޓެއްގައި ކަމަށެވެ. އަދި ބާކީ 47 މީހަކު މާދަމާ ފުރަނީ ގަތަރު އެއާވޭޒްގެ ޝެޑިއުލް ފްލައިޓެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މީހުންނަށް މި ފުރެނީ ސަރުކާރުގެ އެއްބާރުލުމާއި އައިލެންޑް އޭވިއޭޝަންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން،" އަޒީބެ ވިދާޅުވި އެވެ.
ވިސާގެ މައްސަލާގައި ހުކުރުދުވަހު ނުފުރުނު މީހުން އުމްރާ އަށް ގެންދިއުމަށްޓަކައި އޮތީ ސައޫދީ އެއާލައިންސްގެ ބޯޓެއް ވެސް ޗާޓަރުކޮށްފަ އެވެ. އެ ބޯޓު ޗާޓަރުކުރީ ޒަމްޒަމް ގުރޫޕާއި އެހެން ގުރޫޕެއް ގުޅިގެންނެވެ. އެކަމަކު ޒަމްޒަމް ގުރޫޕުގެ މީހުންނަށް ފުރޭ ގޮތް ނުވުމުން، އަނެއް ގުރޫޕުގެ މީހުންނާ އެކު ބޯޓު ވަނީ ހުކުރުދުވަހު ހެނދުނު ފުރައިފަ އެވެ.