ފުލުހުންގެ ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމަށް ހާޓް އެޓޭކެއް ޖެހި ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

ނަދީމަކީ ނ، ރ، ބ އަދި ޅ. އަތޮޅަށް ކަނޑައަޅާފައި ހުންނަވާ ކޮމާންޑަރެވެ. އުމުރުން 37 އަހަރުގެ ނަދީމަކީ ބ. ހިތާދޫ ބޭފުޅެކެވެ.

ނަދީމަށް ހާޓް އެޓޭކެއް ޖެހުނީ އިއްޔެ ބ. އޭދަފުށީގައި ފުޓުބޯޅަ ކުޅެން ހުއްޓަ އެވެ. އަވަހާރަވީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް މިރެ އެވެ.

އަވަހާރަވީ ހާލު ސީރިއަސްވެ ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ރަނގަޅު ނުވެ އެވެ.

ނަދީމް އަވަހާރަވުމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޚިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ނިންމަވައި އެކަން އަންގަވައިފަ އެވެ.

ނަދީމްގެ ކަށުނަމާދު އޮންނާނީ މިރޭ ފަތިސްނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.