ރާއްޖެ ކޮމަންވެލްތުގައި ނެތުމަކީ މުޅި ޖަމާއަތަށް ލިބޭ ފަޅުކަމެއް: އިނގިރޭސި ސަފީރު

ރާއްޖެ ކޮމަންވެލްތުން ވަކިވުމަކީ ބޮޑު ހިތާމައެއް ކަމަށާއި ކޮމަންވެލްތުގައި ރާއްޖެ ނެތް ކަމުގެ ފަޅުކަން އެ ޖަމާއަތުގެ ހުރިހާ ގައުމަކަށް ވެސް އިހުސާސް ކުރެވޭ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ވިދާޅުވެއްޖެ އެވެ.


"މިހާރު"ގައި އިނގިރޭސި އަދި ދިވެހި ބަހުން ޝާއިއު ކުރެއްވި ލިއުމެއްގައި ޑޯރިސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަށް ހުށަހެޅި ކަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީގައި ވެސް ސާފުކޮށް ބަޔާންކޮށްފައިވާ ކަންކަމެވެ. އެހެންވެ، ސީމެގުގެ އެ އިރުޝާދުތައް ބަލައިގަންނަން ވާނީ، އޭނާ ވިދާޅުވި ގޮތުގައި، ދުވަސްވީ ރައްޓެއްސަކު ދޭ ނަސޭހަތެއްގެ ގޮތަށެވެ.

"ދުވަސްވީ ރަހުމަތްތެރިއެއް ކަމުގައި ދަންނަވަން ޖެހެނީ، ކަންކަން ރަނގަޅަށް ދިޔައިމާ ތައުރީފު ކުރާ ފަދައިން، ނަހަމަ އިން ދާ ނަމަ ހިތް ހަލާސްކަމާ އެކު ފާޑު ކިޔޭ އެކުވެރިންގެ މާނައިގަ އެވެ،" ޑޯރިސް ލިއުއްވާފައިވެ އެވެ.

ރާއްޖޭގެ ބައެއް ކަންކަން އިސްލާހު ނުކޮށްފި ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ، ސީމެގުގެ ރަސްމީ އެޖެންޑާގައި މިދިޔަ ސެޕްޓެމްބަރު ރާއްޖެ ހިމަނާފައި ވަނިކޮށް، ރާއްޖޭން ވަނީ ކޮމަންވެލްތުން ވަކިވެފަ އެވެ. އެ ގޮތަށް ނިންމީ، ދިވެހި ސަރުކާރުން އޭރު ބުނި ގޮތުގައި، ކޮމަންވެލްތުން ރާއްޖެއާ މެދު ބޭއިންސާފުން އަމަލުކޮށް، ދާހިލީ ކަންކަމާ ބެހެން ވެސް މަސައްކަތް ކުރަމުން ދާތީ އެވެ.

"ދިވެހިރާއްޖެ އަށް ލިބޭ ކޮންމެ ގެއްލުމަކާއި ދެރައަކީ ހަމަ އަޅުގަނޑުމެންނަށް ވެސް ލިބޭ ގެއްލުމެކެވެ. ދެރަ އެކެވެ." -- އިނގިރޭސި ސަފީރު

ކޮމަންވެލްތަކީ ދުނިޔޭގެ ހަ ބައްރުގެ 50 އަށް ވުރެ ގިނަ ގައުމުގެ މައްޗަށް އެކުލެވޭ 2.2 ބިލިއަން މީހުން ހިމެނޭ ޖަމާޢަތެއްކަން ފާހަގަކުރައްވަމުން، ސަފީރު ވިދާޅުވި ގޮތުގައި އެ ޖަމާއަތުގެ ހަމަތައް ކަމަށްވާ ޑިމޮކްރަސީ އާއި ހެޔޮ ވެރިކަމާއި އިންސާނީ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބާރުތައް ވަކިވުމާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަކީ މެމްބަރު ގައުމުތައް ކުރިއެރުވުމަށް އޮތް ބާރެކެވެ. އެ ހަމަތަކާއި އަގުތައް ރާއްޖޭގައި ވެސް ގާއިމުކޮށް، ދެމެހެއްޓުމަކީ ކޮންމެހެން މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަބަދު ވެސް ރަނގަޅުކުރަން ވީ އެތައް ކަމެއް ކޮމަންވެލްތުގައި، އެހެން ވެސް ކަންކަމެކޭ އެއްފަދައިން އޮތް ނަމަވެސް، ކޮމަންވެލްތަކީ މައުނަވީ ދައުރެއް އަދުގެ ދުނިޔޭގައި އޮތް ވަރުގަދަ ޖަމާއަތެއް ކަމުގައި އަޅުގަނޑުމެންގެ ސަރުކާރުން ދެކޭ ދެކުމުގެ މައްޗަށް އަޅުގަނޑު ތާއީދު ކުރަމެވެ. މެމްބަރު ގައުމުތަކުގެ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް ކޮމަންވެލްތުން ވެފައި އެވާ އިގުރާރު އަޅުގަނޑުމެން ހެޔޮ ހިތުން ގަބޫލުކުރަމެވެ،" ސަފީރުގެ ލިއުމުގައިވެ އެވެ.

އިނގިރޭސި ސަފީރު ޑޯރިސް ފޮރިން މިނިސްޓަރު އާސިމްއާ މިދިޔަ މަހު ރާއްޖޭގައި ބައްދަލުކުރައްވަނީ.-- ފައިލް ފޮޓޯ: ޓުވިޓާ

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމުގެ ފައިދާ ބޮޑު ކަމަށް ކަމަށާއި އެ ފައިދާތަކުގެ ބޭނުން ރާއްޖޭން ވެސް ފުރިހަމަ އަށް ހިފާފައިވާ ކަމަށް ޑޯރިސް ވިދާޅުވި އެވެ. އެ ގޮތުން، ގިނަ އަދަދެއްގެ ދިވެހިން ކޮމަންވެލްތުގެ ސްކޮލަޝިޕާއި ފެލޯޝިޕް މެދުވެރިކޮށް، މަތީ ތައުލީމު ހާސިލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމަންވެލްތު ފަންޑުގެ އެހީ ވެސް އެކި ކަންކަމުގައި ރާއްޖޭން ހޯދާފައިވާކަން ސަފީރު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އޭނާ މިސާލަކަށް ނެންގެވި ކަންކަމުގެ ތެރޭގައި، ސުނާމީ އަށް ފަހު ރާއްޖޭގެ ސިއްހީ ނިޒާމަށް އެރި ލޮޅުން ރަނގަޅު ކުރުމަށް ދިން އެހީތެރިކަމާއި 2008 ގެ އިންތިހާބަށް ރާއްޖޭގެ އިންތިހާބީ އޮނިގަނޑު ހަރުދަނާކުރުމުގެ މަސައްކަތާއި އެކި އިންތިހާބުތަކަށް އޮބްޒާވަރުން ފޮނުވުން ހިމެނެ އެވެ.

ޒުވާނުންނާ ގުޅޭ ކަންކަމާއި އަންހެނުންގެ ހައްގުތަކުގެ އިތުރަށް، ސިއްހީ އަދި ތައުލީމީ ދާއިރާ އިން ހާއްސަކޮށް ރާއްޖޭން ވަނީ، ސަފީރު ވިދާޅުވި ގޮތުގައި، ކޮމަންވެލްތުގައި އަގުހުރި އަދި ހީވާގި ހިދުމަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، 2014 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އެންމެ ކުޅަދާނަ 25 އެތުލީޓުންގެ ހުނަރުވެރިކަން ކޮމަންވެލްތަށް ނިސްބަތްވާ އެންމެން ބަލައިގަތީ، އޭނާ ވިދާޅުވި ގޮތުގައި، އުފަލާ އެކީގަ އެވެ.

"މިހާރު ކޮމަންވެލްތުން ވަކިވުމާ އެކު، 2018 ވަނަ އަހަރުގެ ގޯލްޑް ކޯސްޓް ގޭމްސްގައި ބައިވެރި ނުވެވޭނެ ކަމުގެ މައްޗަށް ހުނަރުވެރި ދިވެހި އެތުލީޓުން ކުރާ ހިތާމައިގައި އަޅުގަނޑު ބައިވެރިވަމެވެ،" ޑޯރިސް ލިއުއްވާފައިވެ އެވެ.

އިނގިރޭސި ސަފީރު ޑޯރިސް މިދިޔަ ހަފުތާގައި އިދިކޮޅު އިއްތިހާދުގެ ބޭފުޅުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓުވިޓާ

ރާއްޖެ ކޮމަންވެލްތުން ވަކިވިޔަސް، ސަފީރު ވަނީ ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިންސާނީ ހައްގުތައް ކުރިއެރުވުން ފަދަ "ދެ ބަސްވެވެން ނެތް ހަމަތަކާއި މަސްލަހަތުތައް" ހާސިލު ކުރަން ރާއްޖެއާ އެކު އިނގިރޭސި ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެކަމަކު، އިނގިރޭސިވިލާތަކީ ދުވަސްވީ ރައްޓެއްސެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ދިވެހިރާއްޖެ އަށް ލިބޭ ކޮންމެ ގެއްލުމަކާއި ދެރައަކީ ހަމަ އަޅުގަނޑުމެންނަށް ވެސް ލިބޭ ގެއްލުމެކެވެ. ދެރަ އެކެވެ،" ސަފީރުގެ ލިއުން ނިންމާލައްވަމުން ވިދާޅުވެފައިވެ އެވެ.

އިނގިރޭސި ސަފީރު ވަނީ މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުންތަކަށް ފަހު އޭނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.