ޚިޔާލު / ދީން

ދިރިއުޅުމަށް މަސައްކަތް ކުރުމުގެ މާތްކަން

ލޯކަލް މާރުކޭޓު ސަރަހައްދުގައި ބަޔަކު މަހުގެ ވިޔަފާރި ކުރަނީ. އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހާ އަށް ﷲގެ ޙަޟްރަތުގައި މަތިވެރިވެގެންވާ ދަރުމަ ކަނޑައަޅުއްވާފައިވޭ. --. ފޮޓޯ:ނިޝާން އަލީ/ މިހާރު

ޑރ. ސަޢުދުﷲ ޢަލީ

16 ޑިސެމްބަރ 2016 - 07:00

3 comments

އިސްލާމް ދީނަކީ އިންސާނުންގެ ދިރިއުޅުމުގެ ހަޔާތާއި އުޚުރަވީ ހަޔާތް ޝާމިލުވާ ގޮތުގައި ގެނެސްދޭ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހަޖެވެ. ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމުގެ މުހިންމު ކަމާއި އޭގެ މާތް ކަމާއި އެކަމުގައި ތަބާވާން ޖެހޭ އުސޫލުތަކާއި ހިފަހައްޓަން ޖެހޭ ރިވެތި އަޚްލާޤީ ސިފަތައް އިސްލާމް ދީނުގައި ބަޔާން ކުރެވިފައި ވެ އެވެ. މީގެ ތެރެއިން މި ލިޔުމުގައި މި ބަލައިލަނީ ދިރިއުޅުމުގެ މަސައްކަތުގެ މާތްކަން އިސްލާމް ދީން ބަޔާން ކޮށްދޭ ގޮތުގެ މައްޗަށެވެ.

އިސްލާމް ދީނުގައި މަސައްކަތަށް ވަރަށް މަތީ ދަރަޖައެއް ދެ އެވެ. މިކަން ހާމަވާ އެއް ކަމަކީ މަސައްކަތް ކުރާ މީހާ މަސައްކަތް ނުކުރާ ކަންނެތް މީހަކަށް ވުރެ މާތް މީހެއް ކަމުގައި އިސްލާމް ދީން ބެލުމެވެ. މީހުންގެ ގާތުން ސަލާން ނުޖަހައި ތިމާގެ އަމިއްލަ ސުވާ އަމިއްލަ އަށް ހޯދުމަށްޓަކައި ކުރާ ބުރަ މަސައްކަތަށް މަތިވެރި ދަރުމަ ހަމަޖެހިފައި ވުމެވެ. އަމިއްލަ އަތުން ކުރާ މަސައްކަތަށް އިސްލާމް ދީނުގައި ތަރުހީބު ދިނުމެވެ.

އަމިއްލަ ނަފްސާއި ތިމާ ބަލަހައްޓަން ޖެހިފައިވާ އަނބިދަރިން ފަދަ މީހުންގެ ދިރިއުޅުމުގެ މަޢީޝަތު ހަމަޖެއްސުމަށްޓަކައި ހުއްދަ ކޮންމެ މަސައްކަތެއް ކުރިއަސް އެ މަސައްކަތަކަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތަޢުރީފު ކުރެއްވުމެވެ. އެކަލޭގެފާނު ހަދީސް ކުރައްވަނީ އެމީހެއްގެ އަމިއްލަ އަތުން ހޯދާ އެއްޗަކަށް ވުރެ ހެޔޮ އެއްޗެއް އެކަކު ވެސް ނުކާނެ ކަމަށެވެ. އަދި މީގެ މިސާލެއްގެ ގޮތުން ސަލާމް ލެއްވި ދާއޫދުގެފާނު އަމިއްލަ އަތްޕުޅުން މަސައްކަތްޕުޅު ކުރެއްވި ކަން ފާހަގަ ކުރެއްވެވި އެވެ. (އަލްބުޚާރީ)

އިސްލާމީ ޢިލްމުވެރިން މިކަމަށް ދެއްވާ އަހަންމިއްޔަތު ފާހަގަ ވާ އެއް މިސާލަކީ އިމާމް ބުޚާރީ އެކަލޭގެފާނުގެ ހަދީސްތައް ލިޔުއްވި ފޮތުގައި "މީހާ އަމިއްލަ އަތުން މަސައްކަތްކޮށްގެން އާމްދަނީ ހޯދުން" މި ނަމުގައި ބާބެއް ހަމަޖައްސަވާފައި އޮތުމެވެ. ވީމާ އަމިއްލަ އަށް މަސައްކަތް ކޮށްގެން ކައިބޮއެ އުޅެން އާދަ ކުރަން ޖެހެ އެވެ. އަދި އެހެން މީހުން ލައްވާ ކުރުވާ މަސައްކަތުގައި ވެސް ތިމާ އަމިއްލަ އަށް ބައިވެރިވުމާއި އަމިއްލަ އަށް ބެލެހެއްޓުން މުހިންމު ކަމަކަށް ހަދަން ޖެހެ އެވެ. އޭރުން މަސައްކަތް ކުރުމުގެ ހެޔޮކަން ލިބުމުގެ އިތުރުން އަމިއްލަ މުދަލަށް ރައްކާތެރިކަން ލިބިގެންވެސް ދާނެ އެވެ.

މަސައްކަތުގެ މާތްކަން ހާމަވާ ދެ ވަނަ ކަމަކީ އަތުލާ އަތަށް ވުރެ ހޭދަ ކުރާ އަތުގެ މާތްކަން އިސްލާމް ދީނުގައި ބަޔާން ކޮށްފައި ވުމެވެ. މަތީގައިވާ އަތް، ދަށުގައިވާ އަތަށް ވުރެ މާތްކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާން ކުރައްވާފައިވާ ބަސްފުޅުގެ މުރާދަކީ އެއީ އެވެ. (މުސްލިމް)

ދަތުރުވެރިންގެ މާރުކޭޓުގައި އަލަނާސިތަކެއް ވިއްކަނީ. އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހާ އަށް ﷲގެ ޙަޟްރަތުގައި މަތިވެރިވެގެންވާ ދަރުމަ ކަނޑައަޅުއްވާފައިވޭ. --. ފޮޓޯ:ނިޝާން އަލީ/ މިހާރު

އެހެންކަމުން ހޭދަ ކުރާ މީހާ، ސަލާންޖަހާ މީހާ އަށް ވުރެ މާތް ވާނެ އެވެ. ސަލާން ޖަހަން ޖެހޭ ހާލަތުގައި ވެސް ސަލާން ނުޖަހައި ކެތްކޮށްގެން ހުންނަ މީހާ ސަލާން ޖަހާ މީހާ އަށް ވުރެ މާތްވާނެ އެވެ. ވީމާ ހެޔޮ ކަންކަމުގައި ހޭދަތައް ގިނަ ކުރުމަކީ މަތިވެރިވެގެންވާ ދަރުމަ އިތުރު ވެގެންވާ ކަމެއްކަން މި ހަދީސުން އެނގެ އެވެ. ހަމަ އެއާ އެކު މަސައްކަތުގެ މާތްކަން ވެސް އެނގެ އެވެ. އެހެނީ މިފަދައިން ހޭދަ ކުރެވޭނީ މަސައްކަތްކޮށްގެން އާމްދަނީ ހޯދޭ މީހުންނަށް ކަމަށް ވާތީ އެވެ.

ތިން ވަނަ ކަމަކީ މަސައްކަތެއް ނެތި ހުހަށް ހުރުން ނުވަތަ ބޭކާރު ކަންކަމުގައި ވަގުތު ނަގާލުން އިސްލާމް ދީން އިންކާރު ކުރުމެވެ. އަދި އޭގެ ބަދަލުގައި ހުއްދަ ކޮންމެވެސް މަސައްކަތެއްގައި އުޅުމަށް އަމުރު ކުރުމެވެ. މިގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވަނީ "ތިޔަބައިމީހުން ކުރެ މީހަކު ދަރު ބޮނޑިއެއް ބުރަކަށި މަތީ އުފުލައި (އެ ވިއްކައިގެން އާމްދަނީ ހޯދުން) އެއީ އެހެން މީހެއްގެ ގާތު، އެމީހާ ދިނަސް އަދި ނުދިނަސް، ސަލާން ޖެހުމަށް ވުރެ މާ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ." (އަލްބުޚާރީ)

މަސައްކަތުގެ މާތްކަން ހާމަވާ ހަތަރުވަނަ ކަމަކީ ދަރިންނަށް ހޭދަ ކުރުމުގެ މާތްކަން އިސްލާމް ދީނުގައި ބަޔާން ކޮށްފައި ވުމެވެ. އަދި ދަރިންނަށް ހޭދަ ނުކުރުމުގެ ސަބަބުން އެ ދަރިން ގެއްލި ހަލާކުވެގެން ދިޔުމުގެ ހުރި ނުބައިކަން ބަޔާން ކުރައްވާފައި ވުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައި ވަނީ މީހަކު ހޭދަ ކުރާ އެންމެ ހެޔޮ ދީނާރަކީ އޭނާގެ ދަރިންނަށް ހޭދަކުރާ ދީނާރު ކަމުގަ އެވެ. ދެން ﷲ ގެ މަގުގައި ޖިހާދު ކުރުމަށްޓަކައި އޭނާގެ ސަވާރީ އަށް ހޭދަ ކުރާ ދީނާރު ކަމުގަ އެވެ. ދެން ﷲ ގެ މަގުގައި ޖިހާދު ކުރުމަށްޓަކައި އޭނާގެ އެކުވެރިންނަށް ހޭދަ ކުރާ ދީނާރު ކަމުގައެވެ. (މުސްލިމް)

އެހެން ރިވާޔަތަކުން އެނގޭ ގޮތުގައި މީހެއްގެ ތިބި ދަރިންތަކަކަށް ހޭދަ ކޮށް އޭގެ ސަބަބުން ﷲ އެ ދަރިންނަށް މަންފާ ކޮށްދެއްވައި ފުދުންތެރިކަން ދެއްވުމުން އެމީހަކަށް އެ ލިބޭ ދަރުމަ އަކީ ވަރަށް މަތިވެރިވެގެންވާ ދަރުމައެކެވެ. މިކަމަށް ވެސް އިސްލާމީ ޢިލްމުވެރިން ދެއްވާފައިވާ އަހަންމިއްޔަތުކަން ހާމަވާ އެއް މިސާލަކީ އިމާމް މުސްލިމް އެކަލޭގެފާނުގެ ހަދީސް ފޮތުގައި "ދަރިންނާއި އަޅުންނަށް ހޭދަ ކުރުމުގެ މާތްކަމާއި އެ މީހުންނަށް ހޭދަކުރުން ހިފެހެއްޓުމުގެ ފާފަވެރިކަން" މި ނަމުގައި ބާބެއް އޮތުމެވެ.

މި ކަންކަމުން އެނގިގެން ދަނީ ދަރިންނަށް ހޭދަ ކުރުމުގެ މާތް ކަމެވެ. އޭގެ ދަރުމައިގެ މަތިވެރި ކަމެވެ. ހަމަ އެއާ އެކު އަޅުންނާއި އަދި ގާތްތިމާގެ އެހެން މީހުންނަށް ވެސް ހޭދަ ކުރުމުގެ މާތް ކަމެވެ. ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 215 ވަނާ އާޔަތުން އެނގޭ ގޮތުގައި ހޭދަތަކުގެ ތެރެއިން ހެޔޮ ގޮތުގައި ކުރާ ހޭދަތަކުގައި އެންމެ އިސްވާން ޖެހޭ ބަޔަކީ މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި ޔަތީމުންނާއި މިސްކީނުންނާއި ހާލުގައި ޖެހިފައިވާ ދަތުރުވެރިންނެވެ. މި ހޭދަތަކުގެ ތެރޭގައި ވާޖިބު ހޭދަ އާއި މުސްތަހައްބު ހޭދަ އާއި ސަދަގާތުގެ ގޮތުގައި ހިމެނޭ ތަޠައްވުޢު ހޭދަ ހިމެނޭނެ އެވެ. ކޮންމެ ދަރަޖައެއްގެ ހޭދައެއް ކަމުގައި ވިއަސް މިފަދަ ހޭދަތަކަކީ ވެސް ތިމާ އަށް އާމްދަނީއެއް ލިބިގެން ނޫނީ ނުކުރެވޭނެ ކަމެކެވެ. ވީމާ މި މާތްކަން ލިބިގަންނަން ބޭނުންވާ ނަމަ އާމްދަނީ ލިބޭ މަސައްކަތްތައް ކުރަން ލާޒިމުވެ އެވެ.

މި އިޝާރާތް ކުރެވުނު ކަންކަމުން އެނގިގެން ދަނީ އިސްލާމީ ނަޒަރުން ބަލާއިރު މަސައްކަތް ކުރުމުގެ މާތް ކަމެވެ. އަދި ހަލާލު ގޮތުގައި އާމްދަނީ ހޯދަން މަސައްކަތެއް ނުކޮށް ހުރުމުގެ ނުބައި ކަމެވެ. ވީމާ ޝަރުއީ ގޮތުން މަގްބޫލު އުޒުރެއް މެދުވެރިވެފައިވާ މީހާ ފިޔަވައި ކޮންމެ މީހަކީ ވެސް އެމީހެއްގެ އަމިއްލަ ނަފްސާއި އެމީހަކު ބަލަހައްޓަން ޖެހޭ ބައެއްގެ ޚަރަދުތަކަށް ހޭދަކުރަން ޖެހޭ މީހެކެވެ. މިކަން ނުކޮށް އެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނެ އެވެ. އަދި މި މަސްއޫލިއްޔަތު އަދާ ކުރުމަށްޓަކައި ދިރިއުޅުމުގައި މަސައްކަތެއް ކުރަން ޖެހޭނެ އެވެ.

އަޅުގަނޑުމެންގެ މިއަދުގެ ހާލަތަށް ބަލައިލާ އިރު މަސައްކަތެއް ނުކޮށް އެހެން މީހުން ކުރާ މަސައްކަތުން ހޯދާ އެއްޗަކުން ދިރިއުޅުމުގެ ބޭނުންތައް ފުއްދާ ބައެއް މީހުން އުޅެ އެވެ. އިސްލާމީ ތަރިކަ އަށް ބަލައިލާ އިރު މިފަދަ މީހަކީ އަޅުކަންތައް އަދާކުރަން އެމީހެއްގެ ހުރިހާ ވަގުތު ހޭދަ ކުރާ މީހެއް ކަމުގައި ވިޔަސް މަސައްކަތް ކުރާ މީހަކާ އަޅައި ބަލާއިރު މީނާގެ ހެޔޮކަން ކުޑަވާނެ ކަން އެނގެ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު މަސައްކަތަކީ ދަރަޖަ ކުރާ އެއްޗެއް ނޫނެވެ. ހަލާލު އާމްދަނީ ލިބޭ ނަމަ ހުރިހާ މަސައްކަތެއް ވެސް އެއްވަރެވެ. އަދި ރިޒުގު ހޯދަން މަސައްކަތް ކުރުމަކީ ހަމައެކަނި ތިމާ ހުންނަ ތަނަކުން އެކަނި ލާޒިމުވާ ކަމެއް ނޫނެވެ. ކީރިތި ޤުރުއާނުގައި އަންގަވަނީ ﷲ ގެ ފަޟްލަ ވަންތަކަން ހޯދަން ބިމުގައި ފެތުރި ދާށޭ އެވެ. މާނަ އަކީ ރިޒުގެއް ލިބެން އޮތް ތަނަކަށް ދަތުރުކޮށް ދިއުމެވެ. ވީމާ ކޮންމެ ތަނަކުން ވިއަސް އަދި ކޮންމެ މަސައްކަތެއް ވިއަސް ކުރުމުގެ ވިސްނުން ގެންގުޅޭ ނަމަ ވަޒީފާ ނެތިފައި ތިބެން ޖެހުމުގެ ފުރުސަތު ވަރަށް ހަނި ވާނެ އެވެ.

3 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 8%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާތުމަތު ފަރީމާ

16 December 2016

އޭޓީއެމް ދަށުގައި މަޑުކޮށްލަންވީ އެއީވެސް މަސައްކަތެއް. ސިޓީ ލިޔެ ލިޔެގެން ވިޔަފާރިވެރިންގެ ގެއަށާއި ކުންފުނިތަކަށާއި ފިހާރަ ވާރކްޝޮޕްތަކަށް ހިނގުންވެސް މިޢީ މިހާރު މާލޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ މަސައްކަތެއް. މިމަސައައްކަތް ކުރިއެރުވުމަށް ދުވަސްވީ މައިން ބަފައިންނަށް ކިޔަވައިގެން ތިބެ ރަނގަޅުފެންވަރުގެ ވަޒީފާތަކުގައި އުޅޭ މިބައިމީހުންގެ ދަރީންވެސް ވަރަށް ހިތްދޭތަން މިފެންނަނީ. ކޮންމެ އަކަސް ސޯޝަން ސެކިއުރިޓީގެ ގިނަ ކަންތަކެއް ތަޢާރަފްވެ ގިނަ އެހީތަކެއް ދަޢުލަތުން ލިބި ބޮޑެތި ޒިންމާތަކެއް އަމިއްލކިބައިން ލުއިވެ ވިސްނަން ނުޖެހޭ ދުވަހެއް އައުމުން ސަލާންޖަހާ މީހުން މިދަނީ ގިނަވަމުން. އިހަކަށް ދުވަހު ފެނުން ބަންގްލަދޭޝްގެ ރައްޔިތަކުވެސް އެމްޕީއެލް ކައިރީގައި ހުންނަ އޭޓީއެމް ކައިރީގައި ސަލާންޖަހަން އިންދާ ބޮޑު ފައިސާ ބޮނޑިއެއް އަތަށް ލައިގެން. ބަންލަދޭޝްގެ ގްރޫޕެއް އުޅޭ ދުރުގައި ފާރައަށް. ފުލުހަކުވެސް އައިސް އެއްޗެއް އަހާލައިފައި ދިޔައީ. ކޮބައިބާ ޒިންމާ އުފުލަންޖެހޭ ފަރާތް....؟؟؟؟؟

The name is already taken The name is available. Register?

އިބްރާހިމް

16 December 2016

މަސައްކަތް ނުކޮށް މުއްސަދިންނަށް އަޅުވެތިވުމަކީ ޑިމޮކްރަސީ ނުހަނު ބާރުއަޚާކަމެކެވެ. ވޯޓުގިނަކުރުރުމަށްޓަކައެވެ. ހިލޭބަހާ ފައިސާއިންވެސް މިކަން ހާމަވެއެވެ. ދެން އަންނަ ވެރިއަކު ކުރިއަސް ނުކުރިއަސް މުސާރަވެސް ދޭނެކަމަށް ލަފާކުރެވޭ. ޥެރިކަމުގެ ދަހިވެތިކަމުގާ މިމާތް އިސްލާމްދީން ނައްތާލަނީއެވެ.

The name is already taken The name is available. Register?

އަލީ

16 December 2016

އޭތް އިބުރާހިމް ޑީމޮކުރަސީތަ މައްސަލަޔަކީ! ދިވެހިންގެ އިގުތުސޯދު ބަނގުރަލުގެ މުއާމަލާތު ހިމެނޭ ވިއަފާރި ތަކައް ބަރޯސާވެގެން ކޮންދީނުގެ ވާހަޔެއް ތޯދެއްކޭނީ؛ އެކަލާންގެ ހަރާމް ކުރައްފަވާ އެއްޗެއް ހަލާލު ކުރެވޭނެ މީހަކުނުވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454