ފުލުހުންގެ އިސް ބޭފުޅުން އިއްޔެ ގޭންގުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
29 މެއި 2022 - 10:58
އއ. އުކުޅަހުގައި ފުލުހުންގެ އެންމެ އިސް ބޭފުޅުން ނުކުމެ ވަޑައިގެން ގޭންގުތަކޭ، ގޭންގުތަކުގެ ހަރަކާތްތައް މިހާ ވަރަށް ފުޅާ ވެއްޖެއޭ ކިޔައިގެން މި ދައްކަވަނީ، އެ ބޭފުޅުންގެ ހިތުން އާންމުން ވަރަށް ކަންބޮޑުވާނެ ވާހަކަ އެކެވެ. ނޫނެވެ. ވަރަށް ސާފުކޮށް މި ދަންނަވަނީ އެވެ؛ އަޅުގަނޑެއް، އަޅުގަނޑުމެންގެ އެކަކު ވެސް އެކަމާ ކަންބޮޑެއް ނުވެ އެވެ.
އެކަމާ ކަންބޮޑުވެގެން އުޅެނީ ކާކު ހެއްޔެވެ؟ ދެ ލޯ ބޮޑުކޮށް ހަ ފަރާތަށް ބަލާލީމަ ފެންނަ މަންޒަރަކީ، ފުލުހުން، ސިފައިން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އަދި ސަރުކާރު ވެސް އަދި އަޅުގަނޑުމެން ވެސް އެކަމާ ފަރުވާލެއް ނެތް ތަނެވެ. ހީވަނީ، ކުށުގެ މާހައުލަކީ ވެސް އޮންނަން ޖެހޭ އެއްޗެއް ހެންނެވެ. ގޭންގުތައް ވެސް އޮންނަން ޖެހޭ ކަހަލަ އެވެ. ހިވަނީ، ގައުމަކަށް ވަނީ ކޮންޓްރެކްޓަށް މީހުން މަރާ މީހުން ވެސް ތިބެން ޖެހެއޭ ބުނާހެންނެވެ.
މިހެން ދަންނަވަން ޖެހޭ ސަބަބުތައް ވަރަށް ބައިވަރެވެ.
މާލޭގެ ކަންކަންމަތީގައި ގުރޫޕުތައް ހަދައިގެން އެކްޓިވޭޓްވެ، ދުނިޔޭގެ ފެންވަރުގެ މާފިޔާ ހަރަކާތްތައް ހިންގާ ވަރުގެ ގޭންގުތަކަކަށް އެ ކުދިކުދި ގުރޫޕުތައް ބަދަލުވީ މިއަދަކު ނޫނެވެ. މީގެ ތިރީހަކަށް އަހަރު ކުރިން ފެށިގެން އެކަން ހިނގަމުން އައިކަން އެންމެންނަށް ވެސް އެނގެ އެވެ. އެ ސެލްތައް ވަކި ކުށުގެ ވެށީގައި ހިއްޕަން ފެށީ ބަލަބަލަ ތިއްބަ އެވެ. ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ އެންމެންގެ ވެސް ކުރިމަތީގަ އެވެ. އާންމުންނަށް ވެސް އެ މަންޒަރު ފެނެ އެވެ. އަހަރެއްގެ މައްޗަށް ބަރިބަރި އަށް އެތައް ކުށެއްކޮށް، އެތައް ބައެއްގެ ގަޔަށް ވަޅި ހަރައި މަރާލާއިރު، އެއީ ގޭންގުތަކުން ނުކުމެ ހިންގާފައިވާ ޖަރީމާތަކެއް ކަން އެއީ ސިއްރުވެފައި އޮތް ކަމެއް ނޫނެވެ.
މާރާމާރީއަކާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްގެން ދަނީ-- ފައިލް ފޮޓޯ
އެކަމަކު ގޭންގުތައް ހުއްޓުވުމުގެ ބަދަލުގައި ވޭތުވެދިޔަ ތިރީހަކަށް އަހަރު ފެނުނީ، މުޅި ދައުލަތް ގުޅިގެން އެ ގޭންގުތައް ދިރުވައި އާލާކުރިތަނެވެ. އެ މީހުންގެ މައްޗަށް ކުށެއް ސާބިތުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ޖުޑީޝަރީ ބައެއް މީހުންގެ ފަރާތުން ފެނުނީ އެ މީހުންގެ އަތުން ރިޝްވަތު ނަގައި، ވި ކަންކަން ނުވާ ކަންކަމަށް ހެދި ތަނެވެ. ބައެއް ލޯޔަރުން މަސައްކަތް ކުރީ ފުނިފުންޏަށް ފައިސާ ނަގައިގެން، ލޭ ހޭކިފައި ހުރި ހެކި މީހާ ލައްވާ ވެސް އެއީ ނުފެންނަ މަންޒަރެއް ކަން ދައްކުވާށެވެ. ބައެއް ގާޒީން ބެލީ ވަޒީފާ އާއި އާއިލާ ސަލާމަތް ކުރެވޭތޯ އެވެ. މަޖިލީހުގެ ބައެއް މެމްބަރުން ބެލީ އެ މީހުން ލައްވާ، ވާދަވެރިންނަށް ބިރުދެއްކުވޭތޯ އެވެ. ބައެއް މަހުޖަނުން ބެލީ އޭނާގެ އަތުން ދަރަނި ނަގާފައިވާ ފައިސާ، ގޭންގު މެދުވެރިކޮށް ހޯދޭތޯ އެވެ. ސަރުކާރު ބެލީ މުޒާހަރާތަކުގައި ހަމަނުޖެހުން އުފެއްދޭތޯ އެވެ. ބައެއް ސިޔާސީ ލީޑަރުން ބެލީ އެ މީހުންގެ ހިމާޔަތް ލިބޭނެ ގޮތެކެވެ. ނޫސްވެރިން ދުށީ އެ އެންމެން އަޅާ ނުލާ ކަމެއްގައި ނޫސްވެރިން އެކަނި ސުއިސައިޑް ވުމުގެ ބޭނުމެއް ނެތް ކަމެއްގެ ގޮތުގަ އެވެ.
މި ހުރިހާ ކަމެއްގެ ތެރޭގައި، އެތައް މިލިއަން، އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އެނބުރިއްޖެ އެވެ. ނަތީޖާ އަކީ ގޭންގުތައް ވިޔަފާރިއަކަށް ބަދަލުވެ، އެ ނޫން ގަދަ ބަޔަކު ނެތް ވަރަށް ބާރު ލިބުމެވެ. އާޚިރު ނަތީޖާ އަކީ، ފުލުހުންނަށް ވެސް އެ މީހުންގެ ގައިގައި އަތްނުލެވޭ ހިސާބަށް ދިއުމެވެ. ގޭންގު ހެދުމަކީ ގާނޫނުން މަނާ ކޮށްފައި އޮތް ކަމެއް ނަމަވެސް އެ ކުށެއް ފުލުހުންނަކަށް ދުވަހަކު ވެސް ނުހުއްޓުވުނެވެ. ހުއްޓުވަން ބޭނުންވާ ފުލުސް މީހާ ގޭންގު މީހާގެ އަތުގައި ހިފާތަނުން ފުލުސް މީހާ ގޯސްވާ ހިސާބަށް ގޮސްފައި ވެސް އެބަހުއްޓެވެ. ގޭންގުތައް ހުއްޓުވޭނީ ގާނޫނު ހަދައިގެންނޭ ފުލުހުން ބުނެގެން މަޖިލީސް ރޭގަނޑު ހޭލައި ތިބެގެން ސަންސެޓް ގާނޫނެއް ހެދިތާ 12 އަހަރުވީ އިރު ވެސް ނުކުތް ނަތީޖާއެއް ނެތެވެ.
ގޭންގު ލީޑަރު ގޮސް، ރައީސުންނާއި ނައިބު ރައީސްގެ ފަހަތްޕުޅުގައި ހުންނަތަން އާންމުންނަށް ގަސްތުގައި ވެސް ދައްކައިފި އެވެ. އެއަށް ވުރެ ބޮޑަށް، ގައުމުގެ ބޮޑެތި މަގާމްތަކާއި ޖުޑިޝަރީގެ ބޮޑެތި މަގާމްތަކަށް ގޭންގުތަކުން މީހުން އައްޔަން ކުރާ ހިސާބަށް މި ގައުމުގެ ކަންކަން ހިނގައްޖެ އެވެ.
ގޭންގު ލީޑަރު ގޮސް، ރައީސުންނާއި ނައިބު ރައީސްގެ ފަހަތްޕުޅުގައި ހުންނަތަން އާންމުންނަށް ގަސްތުގައި ވެސް ދައްކައިފި އެވެ. އެއަށް ވުރެ ބޮޑަށް، ގައުމުގެ ބޮޑެތި މަގާމްތަކާއި ޖުޑިޝަރީގެ ބޮޑެތި މަގާމްތަކަށް ގޭންގުތަކުން މީހުން އައްޔަން ކުރާ ހިސާބަށް މި ގައުމުގެ ކަންކަން ހިނގައްޖެ އެވެ. ހައިރާންވާނެ ކަމެއް ނެތެވެ. މިއީ ދިވެހިރާއްޖެ އެވެ. ކޮންމެ ކަމެއް ވެސް ހިނގައިފާނެ އެވެ.
އަޅުގަނޑަށް ނުވިސްނޭ ކަމަކީ މި އެވެ؛ ގޭންގުތަކުގެ ނިވަލުގައި ފިލައި ތިބެނީ ކޮންކޮން ސިޔާސީ ބައެއް ކަމާއި ގޭންގުތަކާ ގުޅިގެން މަސްތުވާތަކެތި ވިއްކަނީ ކޮންކޮން ސިޔާސީ ބައެއް ކަމާއި އެކަމުގެ ފަހަތުގައި ތިބީ ކޮންކޮން ބައެއް ކަން ފުލުހުންނަށް އެނގޭ އިރު، އެ މީހުން ހައްޔަރު ނުކުރެވެނީ ކީއްވެތޯ އެވެ؟ އަޅުގަނޑުގެ ސުވާލަކީ، ގޭންގެއް އޮތްކަން ހަމަ ރަނގަޅަށް އެނގޭއިރު އެ ގޭންގެއް އޮންނަތާ 20-30 އަހަރު ވާއިރު ވެސް އެ މީހުން ވުޖޫދުން ދުއްވާލެވޭ ވަރަށް ވުރެ މި ގައުމު ހަމަ ބަލިކަށީ ހެއްޔޭ އެވެ؟
ނަދީމް އަބްދުއްރަހީމް މަރާލި މައްސަލަޔާ ގުޅިގެން ފުލުހުން ފާސްކުރާ ގެޔަށް، ފުލުހަކު ވަންނަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
އަޅުގަނޑުމެން މި އުޅެނީ މާލޭގެ ގޭންގުތަކާއި އެ ގޭންގުތަކުގައި އުޅޭ މީހުންގެ އަދަދާއި އެ މީހުން ކުރާ ކަންކަމާއި އެ މީހުންނަށް ފަންޑުކޮށްދޭ މީހުންގެ އަދަދު ނޭނގިގެންނެއް ނޫނެވެ. އެ ގޭންގުތައް ހުއްޓުވުމުގެ ނިޔަތް ނެތިގެންނެވެ. ހަމަ އެއްވެސް ސަރުކާރަކަށް އެ ހިތްވަރު ނުލިބިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ގޭންގުތައް ބޭނުން ކުރާތީ އެކަން ހުއްޓުވަން ކެރޭނެ ޕޮލިސް ކޮމިޝަނަރަކު ނައިސްގެންނެވެ. އަޅުގަނޑުމެން މި ކަންބޮޑުވަނީ މަސްތުވާތަކެތި ވިއްކައިގެން އެ ގޭންގުތަކުން ރެސްޓޯރަންޓުތަކާއި ބޮޑެތި ފިހާރަތައް ހުޅުވާއިރު، އެކަން އެނގިތިބެމެ، ހުއްއްޓުވާނެ ފުލުހުންތަކެއް ނުފެނިގެންނެވެ. ހާސް މި ވަނީ، ގޭންގުގެ ބޮޑެތި މީހުން ފިނި ކޮޓަރީގައި ތިބެގެން، ތަނެއް ދޮރެއް ނޭނގޭ ޅަކުދިން މަގުމައްޗަށް ނެރެ، އެ ކުދިން ލައްވާ ޑްރަގްސް ވިއްކުވައި، އެ ކުދިންނަށް 25 އަހަރުގެ ޖަލު ހުކުމް އަންނަ އިރު، އޭގެ މުގޫ އުފުރާލެވޭނެ ހަމަ އެއްވެސް މަގެއް ނުފެނިގެެންނެވެ.
އަޅުގަނޑުމެން މި އުޅެނީ މާލޭގެ ގޭންގުތަކާއި އެ ގޭންގުތަކުގައި އުޅޭ މީހުންގެ އަދަދާއި އެ މީހުން ކުރާ ކަންކަމާއި އެ މީހުންނަށް ފަންޑުކޮށްދޭ މީހުންގެ އަދަދު ނޭނގިގެންނެއް ނޫނެވެ. އެ ގޭންގުތައް ހުއްޓުވުމުގެ ނިޔަތް ނެތިގެންނެވެ. ހަމަ އެއްވެސް ސަރުކާރަކަށް އެ ހިތްވަރު ނުލިބިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ގޭންގުތައް ބޭނުން ކުރާތީ އެކަން ހުއްޓުވަން ކެރޭނެ ޕޮލިސް ކޮމިޝަނަރަކު ނައިސްގެންނެވެ.
ގޭންގެއް ބަލަހައްޓާށޭ ކިޔައިފައި ސިފައިންގެ ހަތަރު މީހުންނާއި ފުލުހުންގެ ހަތަރު މީހުން 24 ގަޑިއިރު ގެއެއްގެ ކަންމަތީގައި ފޯރިމަރަން ތިބޭ ތަން ފެނުމުން އަޅުގަނޑަށް އަންނަނީ ހިންޏެވެ. އެއިން އަޅުގަނޑުމެންގެ ހާލަތާއި ގައުމެއް ބަޔަކު ދަށުވެފައި އޮތް ވަރު ވަރަށް ރަނގަޅަށް އެބަ އެނގެ އެވެ. އެއީ ލަދުވެތި މަންޒަަރެކެވެ. ގޮތް ހުސްވެފައިވާ ކަމުގެ ވަރަށް ރީތި މިސާލެކެވެ. އެކަމަކު، ކޮންޓްރޯލެއް ނެތް، އަދި އެހެން ބަޔަކު ގޭންގުތަކަށް މަދަދު ދޭ ކަމަށް ވަންޏާ އެއީ ނުފެނި ނުދާނެ މަންޒަރެއް ކަން ވެސް ގަބޫލު ކުރަން ޖެހެ އެވެ.
ފުލުހުން ނުކުމެ އަނެއްކާ ވެސް އިއްޔެ އަދަދުތަކެއް އިއްވައިފި އެވެ. ގޭންގުތައް އޮތް ހާލަތު ރައްޔިތުންނަށް ކިޔައިދީފި އެވެ. ކުޑަކުދިންގެ އަދަދު ވެސް ބުނެފި އެވެ. އަދަދު ވީ އިތުރެވެ. ޖަރީމާތައް އިތުރުވަނީ އެވެ. ރަށްރަށަށް ވެސް އެ ވައިރަސް ފެތުރެނީ އެވެ. -- ބޮޑު ކާމިޔާބެކެވެ!
މިހެން މި ވާހަކަ ދެއްކީމަ، އަނެއްކާ އަޅުގަނޑު ވެސް އޮންނަންވީ ބިރުން ރަޖާލައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރއޔތއ
31 May 2022
ފުލުހުންދައްކާ ތިކަހަލަވާހަކަ މިހާރުވަނީ ހެއްވާކަމަކަށް. މީގެކުރިން ތިގޮތަށް ޑުރަގުގެވާހަކައްކާފަ ޑުރަގުއެތެރެކުރުމާއި ވިއްކުމުގައިއުޅޭމީހުން ހޯދައި، ރައީސް މައުމުނުގެދައުރު ޑުރަގުގެކަންތައް ހުއްޓަން އުޅުނުގޮތަށް އުޅެފި. މިހާރުއެކަން ބެލެވޭގޮތުގައިވަނީ ބޮނޑުނަގުލަށްގޮސް ވާހަކައާއި ޙަރަކާތް އޮބިފަ. މިހާރު އަނެއްކާ މިފެންނަނީ ދެބޯގެރިދުއްވާނެ އެހެންބޮލެއް ހިއްލާލިތަންނޫންބާ؟ މިހަލަކަންތައް ކުރީމަވަނީ ބޭޒާރުކަންދަނެ އެއްޗެކޭނުބުނެ ތިބިޔާ ވަނީކިއްބާ؟
މަރީނާއައިސްތު
31 May 2022
ތިޔަ ހުރިހާ ކަމަކައްވުރެ ބޮޑީ ކޮނޑުމައްޗަށާއި މޭމަތި ފުރާލައިގެން ކުލަބަރި އަރާފައި ތިބޭ ބޭފުޅުން ދަރިންނާއި މާމަ ކާފަދަރިން ގޮވައިގެން ކިންދުގާޑުން ސުކޫލްތަކައް އެކުދިންގޮވައިގެންދާތީ އެމައުސޫމް ކުދިންކޮޅު ބޮޑެތިވެގެން ނިކުމެލާނެ އަމާން މާހޯލެއް ވެއްޓެއް ނެތް އިރު ކީއްކުރަންތޯ އެވަރުގެ ޙަރަދެއްކޮއްގެން އެކދިންނައް ކިޔަވައިދެނީ ތިޔަކިޔާ ގުރޫޕް މާފިޔާގޭންގް ތަކުގެ ޝިކާރަޔަކައް އެކުދިންވާނެކަން އެނގޭއިރު މީރޯދަމަހު އިވޭކަހަލަ ހިނިއަންނަޒާތުކަމެއް
މުހައްމަދު އަލީ
30 May 2022
އަޅުގަނޑުހެ ދަރި ވަޅިޖަހާ މަގުމަތިން މަރާލީ ލައިގެން ހުރި ޓީޝާޓް ގެ ސަބަބުން ގޭންގު މީހުންނަށް އޮޅިގެނޭ ކިޔާފަ، މި ދިއަ ކުޑަ އީދުގަ އަޅުގަނޑު އިން ކެފޭގެ އެތަށްބަޔަކު މަންޒަރު ބަލަން ތިއްބާ ވަޅިޖަހަމުން ދުވި އިރު ފުލުހުން ވެސް ދާދި ގާތުގައި ތިބި. އިއްޔެ މަގޭ ދަރި މި ދުނިޔެ ދޫކޮށްފި، އެ ދުވަހު ވެސް ކުއްޖަކު މަރުވާނެ، މާދަމާ ކޮންމެވެސް އެހެން މީހަކަށް އަޅުގަނޑު މިކުރާ ހިތާމަ ކުރަން ނިޖެހިއްޖާ ކިތައްމެހާވެސް ރަނގަޅު
ކުދުބެއްޔާ
30 May 2022
ދެން އެހެން ނުކިޔާ "ގޭންގު ޒާތުގެ" ގުރޫޕް ތަކެކޭ ކިޔަންވީނު
އައްޔ
30 May 2022
ދައުލަތާ ފުލުހުންނަށް ވުރެ ކުއްވެރިންގެ ބާރު ގަދަ މިގައުމުގަ
އަލީބެ
30 May 2022
މިހުރިހާކަމެއްގެ ޒިންމާ ނަގަންހަވާލުވެގެންތިބި ރައްޔިތުންގެ މަޖިލީސް މިއަދުވެސް ނިންމާލީ ކުރާނެކަމެއްނެތިގެނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަނެއްކާވެސް 2023 ގަ މިޔަށްވުރެ ތަނަވަސް ހިސާބު ނަންބަރު ތަކާއިގެން ގެއިންގެއަށް އަނގައިން އަނގަޔަށް ހިނގަންފަށާނެއެވެ. ތިކުދިން އަޑުއަހަންތިބޭށެވެ. މަސްއޫލިއްޔަތު އެންމެނަށް ބަހާލައި ރައީސްއަކީ ރައްޔިތުންގެ ޚާދިމަކަށް ހެދީމަ އޭނަހުންނާނީ ހުރިހާ ކަމަކުން ރެކިގެނެވެ. މިފެންނަނީ އެތަން.
ސަންތި0
30 May 2022
ައްސަލަ ފެށެނީ ރައްޔިތު މީހާ ހަމައިންނެވެ. ކޮންމެ ފަސް އަހަރަކުން ގޮތް ނިންމުމުގެ ފުރުޞަތު ރައްޔިތު މީހާ އަށް ލިބެއެވެ. ރައްޔިތު މީހާ ކޮރަޕްޓް ވުމުން ދެން ހުރި ކަންކަންވެސް ކޮރަޕްޓް ވެގެން ދެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޭނުންކުރާ މީހުން މަޖިލިސް މެންބަރުންނަށް ތިބުމަކީވެސް އެންމެނަށް ފެންނަން އޮތް ހަޤީޤަތެކެވެ. މި މީހުންވެސް މަޖިލިސް އަށް ހޮވަނީ ރައްޔިތު މީހާއެވެ.
ނޫސްވެރިން
30 May 2022
އެކަކު އަނެކަކަށް އިނގިލި ދިއްކޮށްގެން ތިބެވިދާނެ. ނޫސްވެރިންގެ ޒިންމާވެސް އެބައޮތް. މާލެއާ ގުޅިފައި މުޅުރާއްޖޭގެ ހުރިހާ ބޮޑެތި ގޭންގެއް އޮތީ. ފެށިގެންއައި ދުވަސްވަރެއްވެސް އަދި ގުޅިފައިތިބި މީހުންވެސް އެބައެނގޭ.ގާނޫނުގައި ހައްލުވެސް އެބައޮތް. ފުލުހުންނޭ ނުކިޔާ، ކިތަންމެ ހިނި އަޔަސް، ތަންކޮޅެއް ހާމަކަން ބޮޑުއަދި ނަންނަން އޮޅުން ފިލާ ގޮތަށް އިންވެސްޓިގޭވްކޮށް ތިކަން ބަލަން ވަގުތުނެތީތޯ؟ ނުވަތަ ނޫސްވެރިންނަށް އަސްލުވާހަކައަށްދާން ބިރެއްއޮތީތޯ؟
ފަލާޙް 2
31 May 2022
ލަންކާގައި ދިވެހިން ޖުވާކުޅޭ ވާހަކައާއި ޓީވީ ސްޓާރުންނާއި މުއްސަނދިންނާއި އާއްމުން އެތަންތަނަށް ދާތީ އިންވެސްޓިގޭޓް ކޮށްގެން މީގެ 3 ނުވަތަ 4 އަހަރުކުރިން ވަރަށް ފެންވަރުގެ ލިޔުމެއް ނޫސްވެރިޔަކު ލިޔުނެވެ. ފެނުނު މީހުންގެ ނަންވެސް ޖަހާފައެވެ. އަނެއްދުވަހުން ފެށިގެން އަދިއަދަށް ވެސް އެލިޔުމެއް ދެނެއް ނުފެނުނެވެ. ބިރުދައްކާލީމާ ފުރާނައަށް ބިރުން ލިޔުން ނަގަން ޖެހުނީއެވެ.
ްހަހްފާ
30 May 2022
ކުށައް އަރައިގަންނަ މީހާ ހައްޔަރު ކުރާ ދުވަހުން ފެށިގެން ދެން އެ މީހާ މުޖުތަމަޢު ތެރޭން ދުވަހަކުވެސް ނުފެންނާނެ ގޮތަށް އޮންނަ ޤާނޫނެއް އޮވެގެން ތި މީސް މީހުން ނައްތާލެވޭނި. ޝިފްޓް ޑިލީޓް ޤާނޫނު ތަންފީޛުކުރޭ
ހަހަހހަ
30 May 2022
ފުލުހުންނަކީ ގޭންގެއް ނޫންތަ؟