އެއް ޓީޗަރަކު އަނެއް ޓީޗަރަކާ މިއަދު އެންމެ ގަދައަށް، ޔަގީނުން ވެސް އަހާނެ ސުވާލަކީ މިއެވެ: "ކިހާވަރެއް ބޮޑުވީ؟"
ބޮޑު ކުރި މުސާރަ ޓީޗަރުންނަށް އިއްޔެ ލިބިއްޖެ އެވެ. އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ޓީޗަރުން ތިބީ އުފަލުން ފޮޅިފަ އެވެ. ތެދެކެވެ؛ ޓީޗަރުން ތިބީ އުފަލުން ފޮޅިފަ އެވެ. އެއީ އެކަން ވާނެ ވެސް ގޮތެވެ.
އެކަމަކު، ދިވެހި ސިވިލް ސާވިސް މުވައްޒަފުންނާއި އެހެން ސެކްޓަރުތަކުގެ މުވައްޒަފުން ތިބީ އުފަލަކުން ނޫނެވެ. އެ މީހުންގެ ސުވާލަކީ، މި އެވެ؛ ދައުލަތުގެ ބަޖެޓުން އަހަރަކު 700 ވަރަކަށް މިލިއަން ރުފިޔާ ހަމައެކަނި ޓީޗަރުންގެ މުސާރަ ބޮޑުކުރަން ހޭދަކުރުމަކީ ކޮން އިންސާފެއް ހެއްޔޭ އެވެ؟ އޮފީހުގެ ކައުންޓަރުގައި އިންނަ ޒުވާނާ ހިތާހިތާ ސުވާލުކުރަނީ، އޭނާ އެ ދެނީ ހިދުމަތެއް ނޫން ހެއްޔޭ ކިޔައިފަ އެވެ. ނަރުހުން ވެސް، އަދި ފޮޅާ ސާފުކުރާ މީހުން ވެސް އެ ދައްކަނީ ހަމަ އެއް ވާހަކަ އެވެ؛ ރައްޔިތުންގެ ޓެކްސް ފައިސާ ވަކި ބަޔަކަށް ހޭދަ މި ކުރަނީ ކޮން އުސޫލަކުން ހެއްޔެވެ؟
މުޅި ދައުލަތުގެ މުސާރަތައް އޮތީ ރިވިއުކުރަން ޖެހިފަ އެވެ. އެކި މީހުންނަށް އެކި ގޮތެވެ. މުސާރައިގައި ތަފާތުކުރުން އޮތީ އިންތިހާގަ އެވެ. އިންސާފެއް، ހަމައެއް އުސޫލެއް ނެތެވެ. މުސާރަތައް އެއް އުސޫލަކަށް ފައްތަން ކޮމިޝަނެއް ހަދާފައި އޮންނަތާ އެތައް އަހަރެއްވެގެން ދިޔައިރު ވެސް މުސާރަތަކުގެ މައި އޮނިގަނޑު އިސްލާހެއް ނުކުރެވެ އެވެ. އަދި ކިރިޔާ އެ ނިމުނީ ޓީޗަރުންގެ އެވެ. އެހެން ބައެއް ދާއިރާތަކުގެ މުސާރައިގެ އޮނިގަނޑު ނިމެން އަދި ތިން ހަތަރު އަހަރު ނަގައިފާނެ ކަމަށް ވެ އެވެ. އޭގެ މާނައަކީ އެ މީހުންނަށް ބޮޑު މުސާރަ ދޭން ފެށޭނީ ޓީޗަރުންނަށް ބޮޑު މުސާރަ ދޭތާ ތިން އަހަރު ފަހުން ކަމެވެ.
ޓީޗަރުންގެ މުސާރަ ވެސް މި ވީހާ ދުވަހަކު ކުޑަ އެވެ. އެކަމަކު، ކުޑައީ ޓީޗަރުންގެ އެކަންޏެއް ނޫނެވެ. ޓީޗަރުންގެ ޝަކުވާ އަކަށް ވީ އެ މީހުން އަދާކުރާ ވަޒީފާ އާއި އަދާކުރާ މަސްއޫލިއްޔާ އަޅާބަލާއިރު ދޭ އުޖޫރަ ކުޑަވުމެވެ. އެ މައްސަލަ ނެތް އެއްވެސް ދާއިރާއެއް ސަރުކާރަކު ނެތެވެ. ހާއްސަކޮށް ޓެކްނިކަލް ވަޒީފާތަކުގަ އެވެ. އެކަމަކު ޓީޗަރުންގެ އަދަދު ގިނަވެ، ސަރުކާރަށް ޕްރެޝަރު ބޮޑުވެ، ރައީސްގެ ދޫފުޅުން މިވެނި ދުވަހެއްގައި ދޭން ފަށާނަމޭ ވިދާޅުވީ/ ނުވަތަ ވިދާޅުވެވުނީ އެވެ. ދެން ޖެހުނީ ދޭށެވެ!
ޓީޗަރުންގެ މުސާރަ ވެސް މި ވީހާ ދުވަހަކު ކުޑަ އެވެ. އެކަމަކު، ކުޑައީ ޓީޗަރުންގެ އެކަންޏެއް ނޫނެވެ. ޓީޗަރުންގެ ޝަކުވާ އަކަށް ވީ އެ މީހުން އަދާކުރާ ވަޒީފާ އާއި އަދާކުރާ މަސްއޫލިއްޔާ އަޅާބަލާއިރު ދޭ އުޖޫރަ ކުޑަވުމެވެ. އެ މައްސަލަ ނެތް އެއްވެސް ދާއިރާއެއް ސަރުކާރަކު ނެތެވެ.
ޓީޗަރުންގެ މުސާރައިގެ ބަހުސަކީ ސަރުކާރުގެ ތެރޭގައި ވަރަށް ބޮޑަށް ހިނގި ބަހުސެކެވެ. އެންމެ މަތީ ފެންވަރުގައި ވެސް އެ ބަހުސް ހިނގި އެވެ. އެ ބަހުސްގައި ރާއްޖޭގެ ބައެއް އިކޮނޮމިސްޓުން ވެސް ބައިވެރިވެ ވަޑައިގަތެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައި އެ ވަނީ ސަރުކާރަކުން އެކަން ކޮށްގެން ނުވާނެ ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލައަކީ، ޓީޗަރުންގެ މުސާރަ ބޮޑުވުމާ އެކު ސަރުކާރަށް ދެން އަންނާނެ ޕްރެޝަރުތަކެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި ކުރިމަގަށް ނުވިސްނައި ސަރުކާރުން އެޅި ކަތި ފިޔަވަޅެކެވެ.
އޭނާ ވިދާޅުވި މައިގަނޑު ޕޮއިންޓްތަކަކީ މިއެވެ؛ ޓީޗަރުންގެ މުސާރަ ބޮޑުކުރާތަނުން ސްކޫލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރަށް މަޖުބޫރުވުމެވެ. [ކަންވީ ވެސް އެހެންނެވެ. އެ މަޖުބޫރު ކުރިމަތިވެއްޖެ އެވެ]. އޭގެ ފަހުން، ނަރުހުންނާއި ޓެކްނިކަލް މީހުން ޝަކުވާ ކުރަން ފަށާނެ އެވެ. އޭގެ ފަހުން ސިވިލް ސާވިސްގެ މުވައްޒަފުން އެ މީހުންގެ މުސާރަ ބޮޑުކުރަން ހިފާނެ އެވެ. [ދެން އޮތީ އެ މަރުހަލާ އެވެ]. ސިވިލް ސާވިސްގެ 95 ޕަސެންޓް މީހުންނަށް މުސާރައިގެ ގޮތުގައި ލިބޭ ވަރު މަހަކު 10،000ރ. އަށް ވުރެ ދަށެވެ.
ރާއްޖޭގެ އިގްތިސާދުގައި، ހަގީގަތުގައި ވަރެއް ނެތެވެ. "އުފެއްދުންތެރިކަމުން" ލިބޭ އާމްދަނީގެ 12 ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އެއްޗެއް ހަމައެކަނި ޓީޗަރުންގެ މުސާރަ އަށް އެކަނި އެބަ ހޭދަކުރަން ޖެހެ އެވެ. ޓީޗަރުންގެ މުސާރަ އަށް އެކަނި އަހަރަކު ދެ ބިލިއަން ރުފިޔާ ވަރު އަހަރަކު އެބަ ހޭދަކުރެ އެވެ. މިއީ މުޅި ޓޫރިޒަމް ދާއިރާ އިން ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބައެވެ. އުފެއްދުންތެރިކަމުން މުޅި ދައުލަށް ވަންނަ އާމްދަނީގެ ގާތްގަނޑަކަށް 80 ޕަސެންޓް މިހާރު ވެސް ހޭދަ މި ކުރަނީ މުސާރަތަކާއި ހިދުމަތް ދިނުމުގެ ހަރަދުތަކަށެވެ. މާނައަކީ، ގައުމު ތަރައްގީކުރަން ދެން އޮތީ، [ލިބޭ އާމްދަނީ އަށް ބަލައިފިއްޔާ] މަދު ލާރިކޮޅެއް ކަމެވެ.
ރާއްޖޭގެ އިގްތިސާދުގައި، ހަގީގަތުގައި ވަރެއް ނެތެވެ. "އުފެއްދުންތެރިކަމުން" ލިބޭ އާމްދަނީގެ 12 ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އެއްޗެއް ހަމައެކަނި ޓީޗަރުންގެ މުސާރަ އަށް އެކަނި އެބަ ހޭދަކުރަން ޖެހެ އެވެ. ޓީޗަރުންގެ މުސާރަ އަށް އެކަނި އަހަރަކު ދެ ބިލިއަން ރުފިޔާ ވަރު އަހަރަކު އެބަ ހޭދަކުރެ އެވެ. މިއީ މުޅި ޓޫރިޒަމް ދާއިރާ އިން ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއްބައެވެ.
މުސާރަތައް ކުޑަޔަސް، މުސާރަ ބޮޑުކުރަން އިގްތިސާދީ ތަޖުރިބާކާރުން ލަފާ ނުދޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ، ގައުމުގެ އުފެއްދުންތެރިކަމުގައި އެވަރުގެ ހަކަތައެއް ނެތުމެވެ. އެ ހަކަތަ އިތުރަށް ލިބޭނެ މާ ގިނަ މަގުތަކެއް ވެސް ނެތެވެ. އެހެންވެ، އިގްތިސާދު ދަންނަ މީހުން ދޭ ލަފަ އަކީ ހަރަދު ކުޑަކޮށްގެން ތިބުމެވެ. އެއިން އެއްޗެއް ބާކީވާ ނަމަ އެ ބައި އެންމެންގެ މައްޗަށް ހަމަހަމަ އަދި އިންސާފުވެރިކޮށް ބަހާލުމެވެ.
ޓީޗަރުންގެ މުސާރަ މި ބޮޑުކުރީ މުޅި ދުނިޔެ ވެސް ވަރަށް ބޮޑު އިގްތިސާދީ ކޮޅިގަނޑެއްގެ ތެރޭގައި އޮއްވަ އެވެ. މި ކޮޅިގަނޑު ރާއްޖެ އަށް އަދި ލައްވައިނުލިޔަސް، ނުވަތަ ޖީބުތަކަށް އަދި އެނގުމެއް ނުވިޔަސް، މުދަލާއި ހިދުމަތުގެ އަގު ނުވަތަ އިންފްލޭޝަނަށް އަންނަ ބަދަލުތަކުން އެކަން އަދި މާ ބޮޑަށް ވެސް ރޭކާލާނެ އެވެ. ފްރައިޓް ރޭޓްތައް ވަނީ 33 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. ތެލުގެ އަގު ލިޓަރަކުން 2ރ. ވަނީ ބޮޑުވެފަ އެވެ. އަޅުގަނޑުމެންގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ގައުމެއްގައި، އަދި ސަރަހައްދެއްގައި ބޮޑު ހަނގުރާމައެއް އޮތީ ފެށިފަ އެވެ. މިއީ އޭގެ އަސަރު ދިރިއުޅުމަށް ފޯރާނެ ކަންކަމެވެ.
އިކޮނޮމިސްޓުން ކަންބޮޑުވާ އަނެއް މައިގަނޑު ސަބަބަކީ، ރާއްޖޭގެ ދަރަންޏެވެ. މުސާރަ ބޮޑުކުރާ ކޮންމެ ފަހަރަކީ، އެ ފައިސާ ދާއިމީކޮށް ހޯދަން ކޮންމެވެސް ގޮތަކުން މަސައްކަތް ކުރަން ޖެހޭ ފަހަރެކެވެ. ކޮންމެ މަހަކު އެ ބުރައ ކުރިމަތިލާން އެބަ ޖެހެ އެވެ. ރާއްޖޭގެ ދަރަނި އޮތީ 100 ބިލިއަން ރުފިޔާއާ ހަމައިގަ އެވެ. އެއީ މިހާރު ދައްކާ އަދަދުތަކުން ބަލާނަމަ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވަންދެން ބޮޑު އަދަދަކުން ދައްކާލަ ދައްކާލަ ތިބެން ޖެހޭ އެއްޗެކެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ، ނުވަތަ އެހެން ސެކްޓާއެއްގެ މުސާރަ ބޮޑުކުރުމަކީ ވެސް މި ދަނޑިވަޅު ސަރުކާރަކުން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އިގްތިސާދުގެ ފޯކާސްޓްތަކަށް ބަލައިލިޔަސް، އެކަން ވަރަށް ސާފެވެ. މިކަން ރަނގަޅަށް ކުރާ ނަމަ އޮތީ ދެ ގޮތެކެވެ؛ މުޅި ދައުލަތުގެ މުސާރަ އެއް އުސޫލަކަށް ފެތެންދެން މަޑުކުރުމެވެ. އަދި އިގްތިސާދު އެއަށް ޖާގަ ދެންދެން މަޑުކުރުމެވެ.
ޓީޗަރުންގެ މުސާރަ އާ އެކު އިންފްލޭޝަނަށް އޭގެ އަސަރު ކޮށްފިއްޔާ އެއީ އަނެއްކާ ވެސް އަނެއް ކަންތަކެވެ. އެއަށް ވުރެ ބޮޑު ސުވާލަކީ މިއެވެ؛ ބޮޑު ކުރި މުސާރަ އަށް ފައިސާ ހޯދަނީ ކިހިނެއް ހެއްޔެވެ؟