ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިން. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
14 ފެބުރުއަރީ 2017 - 06:24
މީގެ އަހަރުތަކެއް ކުރިން ކުންފުންޏަކުން އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން އިއުލާނެއް ކުރި އެވެ. އިމާރާތް ހުންނަންވީ، މާލޭގެ ކޮން ސަރަހައްދެއްގައި، ކޮން މަގެއްގައި ކަން ވެސް އިއުލާންގައި އޮތެވެ. އިމާރާތުގެ އުސްމިނުގައި ހުންނަންވީ މިތައް ބުރި އެވެ. އަދި އިމާރާތުގެ ތަޅުމުގެ ބޮޑުމިނުގައި މިތައް އަކަފޫޓެވެ.
ކަން ދިމާކުރި ގޮތުން އެ އިއުލާންކުރި ދުވަސްވަރު، އެ ސަރަހައްދުގައި ހުރީ އެ ޝަރުތުތައް ފުރިހަމަވާ އެންމެ އިމާރާތެކެވެ. އިއްތިފާގަކުން ނަމަވެސް، އެއީ އޭރުގެ ވަޒީރެއްގެ މިލްކިއްޔާތުގައި ހިމެނޭ ތަނެކެވެ.
މިއީ އިއްތިފާގެވެ. ކޮރަޕްޝަނެއް ނޫނެވެ. އެ އިމާރާތް ކުއްޔަށް ދިނުމުން އިމާރާތުގެ ވެރިފަރާތަށް މާލީ ފައިދާތަކެއް ލިބޭނެ އެވެ. އެ ޝަރުތުތައް ފުރިހަމަވާ އެންމެ އިމާރާތެއް ހުރުމަކީ އެ ކުންފުނީގެ މައްސަލައެއް ނޫނެވެ. އަދި އެއީ ވަޒީރެއްގެ އިމާރާތަކަށް ވުމަކީ ވެސް ކުންފުނިން ކުރި ކަމެއް ނޫންތާ އެވެ!
ދެން ފަހުގެ ބައެއް ކަންކަމަށް ވިސްނައިލަމާ ހެއްޔެވެ! މި ދަންނަވާ ކަންކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށް، ކޮރަޕްޝަން ނައްތައިލުމާ ބެހޭ މުއައްސަސާ އިން ވަނީ ކަނޑައަޅައިފަ އެވެ. ވީއިރު، އެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގައި އާންމު ރައްޔިތުންނަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟
މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތައް އުފައްދާފައިވަނީ ގާނޫނުއަސާސީން ބާރު ލިބިދީގެންނެވެ. އެއިން ކޮންމެ މުއައްސަސާއަކީ ވަކި ފަރާތަކަށް ބުރަ ނުވާ، މުސްތަގިއްލު މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ.
ގާނޫނުއަސާސީގައި އެގޮތަށް ބުނެފައި އެ އޮންނަނީ އެ މުއައްސަސާ ހިންގާ އިމާރާތް އެއް ފަރާތަށް ބުރަވެގެން އަރިއަޅައިލާ ވާހަކައެއް ނޫނެވެ. އެއީ އެ މުއައްސަސާއެއް ހިންގުމަށް ތިބޭ އެންމެހައި މީހުންގެ ވާހަކަ އެވެ. މާނައަކީ އެ މީހުން ތިބެންވާނީ މިނިވަންކަމާ އެކު، އެއްވެސް ނުފޫޒެއްގެ ދަށުގައި ނުވެ އެވެ. ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ފަރާތުން ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން ނުވަތަ ޝަރުއީ ދާއިރާ އިން ފޯރުވާ ނުފޫޒެއްކަމުގައި ވިޔަސް، އޭގެ ދަށުގައި ވެގެން ނުވާނެ އެވެ.
އެ ފަދަ ނުފޫޒުތަކުން ސަލާމަތް ކުރުމަށްޓަކައި، އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން މިހާރު ވަނީ ނަޒާހަތްތެރިކަމުގެ ގައުމީ އިނާމެއް ވެސް ދޭން ފަށައިފަ އެވެ. އެހެންކަމުން ކޮރަޕްޝަންގެ އަމަލުތައް އަންނަނީ މަދުވަމުންނެވެ. ކިތަންމެ ގިނަ ބަޔަކު އެކި ކަންކަމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރި ކަމުގައި ވިޔަސް، އެ ކަންތައް ތަހުގީގުކޮށް ބެލުމުން އެނގޭނީ ކޮރަޕްޝަނެއް ނެތް ކަމެވެ. އެފަދަ ބައެއް ކަންކަން ފާހަގަކޮށްލުން ރަނގަޅެވެ.
ރެހެންދި ފްލެޓު އިމާރާތް: މި ތަނުން ސަރުކާރަށް ލިބުނު ފްލެޓްތައް މިނިވަން މުއައްސަސާތަކުގެ ވެރިންނަށާއި ބައެއް ފަނޑިޔާރުންނަށް ދިނުމުގައި ކޮރަޕްޝަނެއް ނެތް. -- ފައިލް ފޮޓޯ މިހާރު
ރެހެންދި ފްލެޓުތަކުން، ބައެއް ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ސަރުކާރުން ފްލެޓް ދިނުމަކީ ކޮރަޕްޝަން ކަމަށް ބުނެ އޭސީސީ އަށް މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލައިގެ ތަހުގީގަށް ފަހު އޭސީސީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް، ރެހެންދި ފުލެޓް ގަތުމުގެ ފުރުސަތު ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށެވެ. އެހެންވީމާ އެއީ ނަޒާހަތްތެރިކަމުގެ އަމަލެކެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ހިއްކި ސަރަހައްދުގެ މަގުތައް ހެދުމަށް، 40.3 މިލިއަން ޑޮލަރަށް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރުމުން، އެއީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެއް ކަމަށް ބުނެ، ކޮރަޕްޝަނަށް ތުހުމަތުކޮށް އޭސީސީ އަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ފަހު އެކޮމިޝަނުން ބުނީ އެއީ ކޮރަޕްޝަންގެ ކުށެއް އެކުލެވިފައި ނުވާ މައްސަލައެއް ކަމަށެވެ. އެއީ ވެސް ނަޒާހަތްތެރިކަމުގެ އަމަލެކެވެ.
އައްޑޫގައި ބޭއްވި ސާކް ސަމިޓުގައި ބޭނުންކުރަން 21 އުޅަނދެއް ކުއްޔަށް ހިފި މައްސަލައެއް އޮޑިޓް ރިޕޯޓްގައި ފާހަގަކުރުމުން އޭސީސީން އެ މައްސަލަ ބެލި އެވެ. އެ އުޅަނދުތަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވިޔަސް، އަދި އެ އުޅަނދުތައް ކުއްޔަށް ހިފީ ބޮޑު އަގެއްގައި ކަމަށް ވިޔަސް، އެ އޮޑިޓް ރިޕޯޓު ތަހުގީގުކުރުމަށް ފަހު އޭސީސީން ބުނީ، ބޮޑު އަގުގައި ކުއްޔަށް ހިފިޔަސް އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. އެއީ ވެސް ނަޒާހަތްތެރިކަމެވެ.
ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލް ބިމުގައި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް ހިންގުމަށް ދިން މުއްދަތު ހަމަވުމުން އެ ބިމުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކުރުމާ އެކު، ބޮޑެތި މައްސަލަތަކެއް ފެންމަތިވެ އޭސީސީ އަށް މައްސަލައެއް ހުށަހެޅި އެވެ. އެހެންކަމުން އެ ބިމުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އަލުން ބިޑް ކުރަން އޭސީސީން ލަފާ ދިނެވެ.
ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލް އިމާރާތް: މިތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ބަޔަކާ ހަވާލު ކުރީ ރަނގަޅަށް ކަމަށް އޭސީސީން ބުނޭ. -- ފޮޓޯ/ ލާލޭ ސްކޫލު
ނަމަވެސް އެ ލަފަޔަށް ބެލުމެއް ނެތި، އެޑިޔުކޭޝަން މިނިސްޓްރީން ކޮލިޓޭޓަށް އެ ބިން ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށް ނިންމައިލި އެވެ. އޭގެ ދެ މަސް ފަހުން އޭސީސީން އެ މައްސަލަ ނިންމީ އެ ކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނެތް ކަމަށް ބުނެ އެވެ. އެ ކޮމިޝަނުން ބުނީ އޭސީސީގެ ލަފަޔާ ޚިލާފަށް ކޮލިޓޭޓާ ބިން ހަވާލުކުރި ސަބަބު އެޑިއުކޭޝަން މިނިސްޓްރީން ހޯދި އިރު، އެ ބިން ކޮލިޓޭޓާ ހަވާލުކުރީ އެންމެ ރަނގަޅަށް ކަމަށެވެ. ކޮރަޕްޝަނެއް ނެތެވެ. އެއީ ވެސް ނަޒާހަތްތެރިކަމުގެ އަމަލެކެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހެދުމަށް 1.4 ބިލިއަން ރުފިޔާ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކުރުމަކީ ކޮރަޕްޝަން ކަމަށް ތުހުމަތުކޮށް އެ މައްސަލަ އޭސީސީ އަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ތަހުގީގުކޮށް ބެލުމަށް ފަހު އޭސީސީން ބުނީ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަނގަޅަށް ކަމަށާއި، އޭގައި ކޮރަޕްޝަން ނުހިމެނޭ ކަމަށެވެ.
ސަބަބަކީ އެ ފަދަ ބޮޑެތި ބިޔަ މަޝްރޫއުތައް ބިޑް ކުރުމަކާ ނުލައި އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ފަދައިން ނެޝަނަލް ޓެންޑަ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލައި، ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކަންކަމާ ބެހޭ ކައުންސިލުން ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން މަސައްކަތް ކުރެވިދާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ ކަމަށް އޭސީސީން ބުންޏެވެ. އެހެންވީމާ ކޮރަޕްޝަނެއް ނެތެވެ.
އައިޖީއެމްއެޗްގައި އަލަށް ހަދާ 25 ބުރީގެ އިމާރާތް: އެތަނުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މިހިރީ އާންމު ރައްޔިތުން އެއް ބަޔަކު އަނެއް ބަޔަކަށް ކަންތައްތައް އޮޅުވައިލާ ވަރެވެ. ކިތަންމެ ރަނގަޅު ނިޔަތެއްގައި ކަމެއް ކުރިޔަސް، އެއިން ކޮންމެ ކަމެއްގައި އުނގުޅިފައިވަނީ ކޮރަޕްޝަންގެ ދަމިލަ ކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަނީ އެވެ. ނަމަވެސް ހަގީގަތުގައި އެ އިން ކޮންމެ ކަމެއްގައި ޖެހިފައި އެވަނީ ނަޒާހަތްތެރިކަމުގެ އޮފުދާރު ކަމެވެ.
ފަހުން އަންނަ ބަޔަކު އެއަށް ވުރެ ރަނގަޅަށް އެ ކަންކަން ބަލާއިރު، އެ ނަޒާހަތްތެރިކަން ފަލީހަތްވެގެން ނުދާނެއެކޭ ނޫނެވެ. އެހެން ވިޔަސް ގަބޫލު ކުރާށެވެ. އެއިން އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ނެތެވެ. ބަޔަކަށް އޮޅުން އެރީ އެވެ. އެއީ ކޮރަޕްޝަނެއް ނޫނެވެ.
ކުންފުނިން އިމާރާތެއް ކުއްޔަށް ހިފި ފަދައިން، ދޯންޏެއް ގަތް ކަމަށް ވިޔަސް، ގަނެވޭނީ ޝަރުތު ފުރިހަމަވާ ދޯންޏެކެވެ. ގަންނަން ބޭނުންވަނީ، މިސާލަކަށް ވަކި ކުންފުންޏަކުން، ފެރީއެއްގެ ގޮތުގައި ދުއްވައި ބާވެފައި އޮތް ދޯންޏެއް ކަމަށް ވެފައި، އަދި އެއީ ބޮޑު މަރާމާތަކާ އެކުގައި ނޫނީ ދެ ވަނަ ފަހަރަށް ބޭނުން ނުކުރެވޭ ހާލަތުގައި އޮތް ދޯންޏަކަށް ވާން ޖެހޭ ނަމަ، ކޮންމެ ކޮންމެ ދޯންޏެއްގައި އެ ޝަރުތު ފުރިހަމައެއް ނުވާނެ އެވެ. ދެން ވެސް ހަމަ ކޮރަޕްޝަނޭ ބުނަންވީ ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫސޭ
14 February 2017
ނަޒާހަތްތެރިކަމާއެކު ވަޒީފާ އަދާކުރާ ފަނޑިޔާރުން އެމެރިކާއިން އެފެންނަނީ، އެމީހުންނުބަލާ ސަރުކާރުން ބުނާނީ ކީކޭތޯއެއް! އެމީހުން ބަލަނީ ޤާނޫނުގައި ބުނަނީ ކީކޭތޯ؟ މިރާއްޖޭގައި އެފަދަ މީހުން އުފެދެން އަދި ކިތައް އަހަރު ނަގާނެބާ! އެފަދަ މީހަކު އުފެދޭކަން އެނގޭއިރަށް ނާތަހުޒީބު މީހުން ލައްވާ އެމީހަކު އެބަދުއްވާލާ! މިސާލަކަށް މުއުތަސިމް ، އަޒްމިރަލްދާ ، ފާއިޒް .
އަތުލަފި ޑިމޮކުރަސީ
14 February 2017
ފޯނު ކޯލު އަޑުއަހަނީ ސޯޝަލްނެޓް ވޯކްތަކުގަ ލިއުމެއްލިއުނަސް އިންޒާރު ކުރަނީ ލިއުމަކަށް ކޮމެންޓެއް ކޮއްލިޔަސް ހުރިތަނެއްހޯދައިގެން އެމީހަކު އުލު ބައިންދަނީ ،މިހެންގޮސް ނުކުރާކަށް ކަމެއްނެތް މިޒމާނުގަ ކިހިނެްތޯ ކޮރަޕްޝަންފަދަ ނުބައި އަމަލަކަށް ޖާގަ އޮންނާނީ މިސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަވެސް ހަމަ ވަގުތުން ބަލާ ފިޔަވަޅު އަޅުއްވާ އޭގެ ހައްގުވެރިންނަށް ހައްގު އަދަބް ދެއްވާފި، ބަޔަކު ކިތައްމެ ގިނަ ޑިޕޮޒިޓް ސިލިޕްތަކެއް ސޯޝަލްމީޑިޔާއަސް ތިލަކޮއް އެހެންބަޔަކު ކުރުވިކަމެއްކަމުގަ ދައްކަން އުޅުނަސް މިހާ މިނިވަން މުއައްސަސާތައް ތިބި ގައުމެއްގަ ކިހިނެތް ތޯ އެކަންކަން އެހެން މީހެއްގެ ބޮލުގަ އަޅުވާނީ ،މަޖިލީސް މެދުވެރިކޮއް ދުލުގަ ޒިބެއް ހަރުކޮއް އޭގައި ތަޅެއްލާ އެތަޅުގެ ތަޅުދަނޑި ސަލާމަތީބަރުތަކުގެ އަތްދަށުގަ ބާއްވާނެ ގައުމެއްނޫން މިގައުމަކީ މިގައުމުގެ އެހާ ހުދުމުހުތާރު ވެރިކަމެއް ހިނގާދިޔައި މީގެ 35 އަހަރުކުރިން ހެން ގިނަ ދިވެހިންނަށް ހީވާ ހީވުން ކުއްކަމުގަ ނުވާނެ ،މިއީ ނަޒާހައްތެރިކަމުގެ ކޯރުގަ މިދުނިޔޭގަ އޮތް ހަމައެކަނި ގައުމު ، ކަދުރަކަސް ސަދަގަތުފަންދަކަސް އެހެން އެޗަކަސް ލިބޭނީ ހައްގުވެރިންނަށް އެހިނގާނީ ހަމަ ހަގީގަތުގަވެސް ތޯހިރު މަގުން ،ނުކަސިޔާރުވެގެން އުޅެނީ ބައެއްދިވެހިންގެ ހިތޭ ބުނެލަންޖެހެނީ،
ހަބޭސް
14 February 2017
ހަބޭސް ޖަލްސާއާ ގުޅިގެން ނިންމި ނިންމުމުގެ ވާހަކަ އޮތްނަމަ
ހަސަން ލަތީފް
14 February 2017
އަޙްމަދު އަބްދުﷲ ސައީދު ސާބަހޭ، އަދި ކިރިޔާ ތިޔަލިއުއްވަނީ ލޮއީފް ދިވެހިންނަށް އޮޅުންފިލާގޮތަށް!!
އެމީ
14 February 2017
މިހާ ބޮޑަށް ޤައުމު އަމާންވެފަ، ކޮރަޕްޝަނެއް ނެތީމަ، އެންޓި ކޮރަޕްޝަން، ޕޮލިސް އަދި މިފަދަ މިނިވަން އެހެން މުއައްސަސާތައް އުވާލުން ވަރަށް މުހިންމު. އޭރުން ކާޑާއި ކަރަންޓް އަދި އެހެނިހެން ތަރައްޤީގެ ކަންތައްތަކަށް ހޭދަކުރާނެ ފައިސާ ލިބުނީ.
ދޫނި ރާއްޖެ
14 February 2017
ދިވެހިން އަބަދުވެސް އުޅެނީ އަދުގެ ހާލަތު ބަދަލުކުރަން. އެކަން ކުރިންވެސް ކޮށްފައިވާ ކަންތައް އެބަޖެހޭ ރަނގަޅުކުރަން އަދި އެކަމުގެ އިންސާފް ހޯދަން. އަމުދުން މިހާރުގެ ކޮރަޕްޝަނެއް ނުވެސް ބެލޭނެ އަދި ފިޔަވަޅެއްވެސް ނޭޅޭނެ. އެކަން މައުމޫނު ސަރުކާރުންނާއި ނަޝީދު ސަރުކާރުންނާއި ވަޙީދު ސަރުކާރުން ކޮށްފައިވާ ކަންތައް ދިރާސާކޮށް އެކަމަށް ފިޔަވަޅު އަޅަން ކޯޓަށް ދާނީ ކާކުތޯ؟ ކިތައް ރިޕޯރޓް ތޯ ބޭނުންވަނީ ކޯޓަށް މައްސަލައެއް ހުށަހަޅަން. އޭރުން މިސަރުކާރަށްވެސް ރަނގަޅު ފިލާވަޅެއް ދެވޭނީ. އަދި ދެން އަންނަބަޔަކުވެސް މިކަހަލަ ކަންތަކުން ދުރުކުރެވޭނީ.
ހާސަރު
14 February 2017
އެންޓިކޮރަޕްޝަން ކޮމިޝަން މިހާރުވެފާވަނީ ކޮރަޕްޝަން އޯކޭ ކަމަށް އެންޑޯޒްކޮށްދޭ ގައުމީ މުއައްސަސާއަކަށެވެ. ވައްސަލާމް.
ޑީޑީ
14 February 2017
މިވެސް އިތުރު ކޮށްލުން ރަގަނޅު ޓާޓާ ފްލެޓުތަކުގެ ޗެންޗޭނު ތައް ބަދަލުކުރުން ވެސް ހިމެނިދާނެ. އެޗް.ޑީ.އަށް ވެސް ލިބޭނެ އެވިދާލޫވި އެވޯޑް.
އިންސާފު
14 February 2017
ރަނގަޅު އަދަދަކީ 2.29ބިލިއަން. ދެން މާދިގުކޮށް ކޮމެންޓް ކުރާހިތެއްނެތް. ކޮރޮޕްޝަނަކީ މިއަދު ހަށިގަނޑުގެ ކާނާ އެހެންވީމާ އެއާ ނުލާ ކިހިނެއް ދިރިއުޅޭނީ. އެކަމަކު ނޫސްވެރިން މިވާހަކަތައް ދައްކާތި. އެހެންނޫނީ ދިވެހިން ވަރަށް އަވަހަށް ހަނދާންނައްތާލާނެ.
އަމްޖަދު
14 February 2017
ތިޔަ ރިޕޯޓްގެ ސަބަބުން ޚިޔާނާތާއި ނަޒާހަތް ތެރިންކަން ދެން އަންނަ ސަރުކާރަކަށްް ސާފްވާނޭ ކަމަށް ވަރަށް ހީވޭ.