މުހައްމަދު ޒާހިރު ނަސީރު
03 ޖުލައި 2016 - 08:10
ފާއިތުވި ޤަރުނުގައި ތަފާތު ކުޅިވަރުތައް އާލާކުރަން ރާއްޖޭގައި އެންމެ ބޮޑަށް ޚިދުމަތްކުރެއްވި ޒާހިރު ނަސީރުއާ މީގެ 42 ދުވަސް ކުރިން، އޭނާ ދިރިއުޅުއްވާ ގެއިން އަޅުގަނޑާ ބައްދަލުވި އެވެ. އަޅުގަނޑު އެގެއަށް ޒިޔާރަތްކުރީ އެ އާއިލާގެ އާލާސްކަންފުޅާ އުޅުއްވާ އަޅުގަނޑުގެ އެހެން ރައްޓެއްސަކާ ބައްދަލުކުރާށެވެ. ޒާހިރު ނަސީރުއާ ސަލާންކުރަމުން އެމަނިކުފާނަށް ވަރަށް ފަހުން އިނާމެއް އެރުވި ވާހަކަ ދެންނެވީމެވެ.
ނޫސްވެރިކަމުގެ ޝަރަފްވެރިކަމުގެ އިނާމެވެ. އޭރު އެމަނިކުފާނާ ސަލާންކުރި އިރު އެއީ އެމަނިކުފާނާއި އަޅުގަނޑު ކުރާ އެންމެ ފަހު ސަލާންކަން އަޅުގަނޑު ހިތަކަށް ވެސް ނާރަ އެވެ.
މިއަދަކީ ޒާހިރު ނަސީރު އަވަހާރަވިތާ 40 ވަނަ ދުވަހެވެ. ރަށުގައި ނޫޅުމުގެ ސަބަބުން އެ ޚިދުމަތްތެރިޔާ އަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމުގެ ފުރުޞަތު އަޅުގަނޑަށް ގެއްލުނެވެ. އަޅުގަނޑުގެ ގާތް މީހަކު ކުއްލިއަކަށް ހޮސްޕިޓަލުގައި ބާއްވަން ޖެހުމުން އެ ޚިދުމަތްތެރިޔާގެ ތަޢުބީނުގެ ޖަލްސާއަށް ވެސް އަޅުގަނޑަކަށް ނުދެވުނެވެ. މި ލިއުމަކީ އެމަނިކުފާނުގެ މަސައްކަތްޕުޅު ބަލައިގަންނަ، ފެނިފައިވާ، ޝުކުރުވެރިވާ ޢާއްމު ފަރުދެއްގެ ހައިސިއްޔަތުން ލިއާ ލިއުމެކެވެ.
އަޅުގަނޑަށް ކަންކަން އެނގެން ފެށީއްސުރެ ޒާހިރު ކުޅިވަރުގެ ދާއިރާގައި ކުރައްވާ ޚިދުމަތްތަކުގެ އަޑުއިވެ އެވެ. ފެނެ އެވެ. ލިއުންތަކުން ކިޔެ އެވެ. އެމަނިކުފާނުގެ ލިއުންތެރިކަމުގެ ޤާބިލުކަން ވެސް ފެނެ އެވެ. މަރުޙޫމު ޒާހިރު ނަސީރުގެ އެންމެ ޚާއްޞަ ކަމަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ އެމަނިކުފާނު ގަޑިއަށް ޙުރުމަތްތެރިކޮށް ހިއްތަވާ ވަރެވެ. އެމަނިކުފާނު އެކިއެކި ކަންކަން ރާއްވަވާއިރު އަބަދުވެސް ސުން ސުކުންތުން ފައްޓަވަން ކަނޑައަޅުއްވަ އެވެ. ސައުވީސް ގަޑިއިރު އެމަނިކުފާނަށް އޮންނަނީ ފުރިފަ އެވެ. ތަފާތު މަސައްކަތުގަ އެވެ.
ޒާހިރު ނަސީރުގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގައި، އެމަނިކުފާނުގެ ކޮއްކޯފުޅު އުމަރު ޒާހިރަށް، ސަރުކާރުން ހަނދާނީ ފޮތެއް އަރުވަނީ --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ކުޅިވަރުގެ ކަންކަން އިންތިޒާމުކުރެއްވުމުގަ އެވެ. ނޫސްވެރިކަމުގަ އެވެ. ބޭސްވެރިކަމުގަ އެވެ. އެމަނިކުފާނަކީ މުރާލި، ކަމަށް ކަމޭ ހިއްތަވާ ބޭފުޅެކެވެ. މުރާލިކަމަކީ އެމަނިކުފާނުގެ ޢާއިލާގެ އެންމެ ފާހަގަކުރެވޭ އެއް ކަމެވެ. އެއީ މުރާލީންގެ އާއިލާއެކެވެ. މަރުޙޫމް ޒާހިރު ނަސީރު ބަލިކުރެވޭތޯ އަޅުގަނޑު ބެލީ އެންމެ ކަމެއްގަ އެވެ. އެކަމުގައި ވެސް އަޅުގަނޑަށް ލިބުނީ ނާކާމިޔާބެވެ.
އަޅުގަނޑު ބޭރުގައި ކިޔަވަން ހުރެފައި ޗުއްޓީ އަށް އަންނަ ދުވަސްވަރު ހުކުރަށް ދަނީ އާސާރީ ހުކުރު މިސްކިތަށެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި އޭރު މާލޭގައި ހުކުރު ކުރަނީ އެއް މިސްކިތުގައި ނުވަތަަ ދެ މިސްކިތުގަ އެވެ. އަޅުގަނޑު ހުކުރަށް ގޮސް އިންނަނީ މިސްކިތުގެ ދާލަގަ އެެވެ. ހޫނު ގަދަކަމުން ބައެއް ދުވަސް ދުވަހު ބައެއް މީހުން އަނބުރާގަނެގެން ބޭރަށް ނެރޭތަން ވެސް އަޅުގަނޑަށް ފެނިފައިވެ އެވެ. ހުކުރު މިސްކިތުގެ ދާލައިގައި އިނުމުން ވަރަށް އަވަހަށް މިސްކިތުން ފޭބެ އެވެ. ހޫނު ގަދަކަމުން އަޅުގަނޑު އަވަހަށް މިސްކިތުން ފައިބާ ކޮންމެ ފަހަރަކު ވެސް މިސްކިތުގެ ވަޅު ކައިރިން ޒާހިރު ނަސީރު އަޅުގަނޑަށް ފެނެ އެވެ. އަޅުގަނޑު ނިންމީ ކޮންމެ ގޮތެއް ހަދާފައި ވެސް ޒާހިރަށް ވުރެ ކުރިން މިސްކިތުން ފައިބާށެވެ. އަޅުގަނޑު ދެ ހުކުރަކު މި މަސައްކަތްކުރީމެވެ. ކޮންމެ ހުކުރަކު ވެސް އަޅުގަނޑު މިސްކިތުން ފައިބާ އިރު ޒާހިރު ހުންނަވަނީ މިސްކިތުގެ ވަޅު ކައިރީގަ އެވެ. އަޅުގަނޑު ނާކާމިޔާބު ޤަބޫލުކުރި ހުކުރުގައި އިމާމު ސަލާމް ދިނުމާ އެކު އަޅުގަނޑު ދާލައިން ފުންމާލައިފީމެވެ. އެފަހަރު ކުރީ ފަހަރު ފަހަރަށް ވުރެ މާ ގޯހެވެ. ޒާހިރު ހުންނެވީ މީހަކާ ވާހަކަ ދައްކަވާށެވެ. ޒާހިރަކީ އަވަދި ނެތި އުޅުއްވާ ބޭފުޅަކަށް ވުމާ އެކު ދީނުގެ ފަރުލު އަދާކުރެއްވުމަށް ފަހު ގަޑިގަޑިއަށް ރާއްވަވާފައިވާ ކަންތައްތައް ނިންމެވުމަށް އަވަސްވެވަޑައިގަންނަވަނީ އެވެ.
ރާއްޖޭގެ ކުޅިވަރަށް ޒާހިރު ނަސީރު ކޮށްދެއްވާފައިވާ ވަރުގެ ޚިދުމަތެއް ކުރިއަށް އޮތް ތާގައި އެއްވެސް ދިވެއްސަކަށް ނުކުރެވޭނެ އެވެ. އެއީ އެމަނިކުފާނު ޚިދުމަތް ފެއްޓެވީ އަލިފުން ކަމުންނެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ޑަކްޓަރުކަމަށް ގިނަ ބަޔަކު ބަލައިގަންނަ ޑރ. އެން.ޑީ. ޢަބްދުއްﷲ އަށް މަރުޙަބާ ދެންނެވުމަށް ސޯސަން ވިލާގައި އޭރު ކިޔަވާ ކުދިން ބޭއްވި ޖަލްސާގައި އިސްވެ ވާހަކަ ދެއްކެވީ ވެސް ޒާހިރު ނަސީރެވެ. އޭރު ޒާހިރު އުޅުއްވަނީ އެޕޯތެކްރިސީ ކޯހެއް ހެއްދެވުމަށް އެކުއެނާސް ޔުނިވަރސިޓީގަ އެވެ. އިންޑިއާ މޯލްޑިވްސް ފުރެންޑްޝިޕް ސޮސައިޓީ އުފެއްދުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިއެއްގެ ހައިސިއްޔަތުން އިސްވެ ވާހަކަދެއްކެވީ ވެސް ޒާހިރު ނަސީރެވެ. ޒާހިރު ނަސީރަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ލިއުންތެރިއެކެވެ. ނޫސްވެރިއެކެވެ. އެމަނިކުފާނު އަމިއްލަފުޅަށް ނޫސް ވެސް ނެރުއްވި އެވެ. އަމިއްލަފުޅަށް ޚަރަދު ކުރައްވައިގެން ރާއްޖޭގައި ތަފާތު ކުޅިވަރުތައް އާލާކުރެއްވުމަށް މަސައްކަތްކުރެއްވި އެވެ.
އެމަނިކުފާނު އެއްވެސް ކުޅިވަރެއް ނުކުޅުއްވައި، ކުޅިވަރުގެ ޤަވައިދުތައް ދަސްކޮށްދެއްވާތީވެ އެއްޒަމާނެއްގައި ރާއްޖޭގެ ބައެއް ބޮޑުންނަށް އެކަންވީ ބައެއް ގޭގޭގެ ބައްދަލުވާ ކޮޓަރިތަކުގައި ސަމާސާއަކަށް ދެއްކޭ ވާހަކަ އަކަށެވެ. މިޒަމާނަށް ބަލައިލާއިރު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗަކީ ދުވަހަކު ވެސް ފުޓްބޯޅަ ކުޅުނު މީހެއް ނޫނެވެ. ޒާހިރު ނަސީރު ކުޅިވަރަށް ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި ޤައުމު ބިނާކުރައްވަން ކުރެއްވި މަސައްކަތް އެއްވެސް ފަރާތަކުން ފާހަގަކުރެއްވިކަން އަޅުގަނޑަށް އެނގިފައެއް ނެތެވެ. ޒާހިރު ނަސީރު ޒުވާން ކުދިން ލައްވާ ކުޅިވަރު ކުޅުއްވަން ފެއްޓެވި ޒަމާނަކީ ވަޒީފާ މަދު، ކުރާނެ ގިނަ މަސައްކަތްތަކެއް ނެތް ޒަމާނެކެވެ. ކުޅިވަރުގެ ޑިސިޕްލީނާ އެކު އެކުދިން ރަނގަޅު މަގުގައި ގެންދަވާ ރަނގަޅު މީހުންނަށް ހަދަން ޒާހިރު ނަސީރު ވަރަށް މަސައްކަތްކުރެއްވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ޒާހިރު ނަސީރު ބައިވެރިވެވަޑައިގަންނަވަނީ: ޒާހިރަކީ އޭރު ނޫސްވެރިކަމުގެ ރޮނގުން ވެސް ފާހަގަކޮށްލެވުނު ބޭފުޅެއް
ޒާހިރު ނަސީރު ކުޅުއްވާ އެހެންނަމަވެސް އެހެން މީހުންނަށް ދަސްކޮށް ނުދެއްވާ ކުޅިވަރެއްގެ ވާހަކަ އަޅުގަނޑު ދަންނަވާފާނަމެވެ. ޑާންސިން އެވެ. އެއްޒަމާނެއްގައި ކޮލަމްބޯގެ މަޝްހޫރު ޑާންސިން ސްކޫލެއް ކަމަށްވާ ވިވިލް ޑިކާވް ޑާންސިން ސްކޫލުން ލެޓިން އެމެރިކަން ޑާންސް އިން ޒާހިރު ނަސީރު ވަނީ ގޯލްޑް މެޑިލި ހޯއްދަވާފަ އެވެ. އެ ސްކޫލުގެ ތަނބެއްގައި ޒާހިރު ނަސީރުގެ ނަން ލިއެފައި އޮތެވެ. އަދި މިކަން އިތުރަށް ޔަޤީންވަނީ ޒާހިރު ނަސީރު އެޕޯތެކްރެސީ ކޯސް ނިންމެވުމަށް ފަހު ރާއްޖެ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ ބައެއް އެކުވެރިންނަށް ފޮނުއްވި ވިދާޢީ ޕޯސްޓް ކާޑުގައި ހޯއްދަވާފައިވާ ކާމިޔާބުތަކުގެ ތެރޭގައި ރަން މެޑެލީގެ ވާހަކަ ލިއުއްވާފައި އޮތީމަ އެވެ. އެ ޒަމާނުގައި ޑާންސިން ސްކޫލް އަށް ޑާންސް ދަސްކުރަން ދަނީ ތިން ވައްތަރެއްގެ ބައެކެވެ. އެއީ ކުރިސްމަހާއި އާ އަހަރު ކައިރުވުމުން ޑާންސް ދަސްކުރަން ނުވަތަ ފަރިތަކުރަން ދާ ބަޔަކާއި ބޭރަށް ޑިޕްލޮމެޓިކް ވަޒީފާ އަށް ދާ މީހުންނާއި އާޓެއް ނުވަތަ ހުނަރެއްގެ ގޮތުގައި ޑާންސް ދަސްކުރަން ދާ މީހުންނެވެ.
ޒާހިރު ނަސީރު ލަންކާގެ އެ ޒަމާނުގެ ބޮޑުވަޒީރުގެ ގަނޑުވަރު ޓެންޕަލް ޓުރީސްގައި ޔުނިފޯމެއް ލައްވައިގެން އެއްޗެއް ބައްސަވަން އުޅުއްވަނިކޮށް ވެސް އަޅުގަނޑަށް ފެނިފައިވެ އެވެ. އަޅުގަނޑަށް ހީވަނީ ލައްވައިގެން ހުންނެވީ ސްކައުޓް ޔުނިފޯމެއް ހެންނެވެ.
ރާއްޖޭގެ ކުޅިވަރަށް ޒާހިރު ނަސީރު ކޮށްދެއްވާފައިވާ ވަރުގެ ޚިދުމަތެއް ކުރިއަށް އޮތް ތާގައި އެއްވެސް ދިވެއްސަކަށް ނުކުރެވޭނެ އެވެ. އެއީ އެމަނިކުފާނު ޚިދުމަތް ފެއްޓެވީ އަލިފުން ކަމުންނެވެ. ނޫސްތަކުން އަޅުގަނޑަށް ފެނުނީ އެމަރުޙޫމުގެ ޖަނާޒާގައި ބައިވެރިންގެ އަދަދު މަދުވެގެން ސަރުކާރަށް ފާޑުކިޔާފައި ލިއެފައި އޮތް ތަނެވެ. އެމަނިކުފާނު ތަމްރީނު ދެއްވި މިހާރު ކުޅިވަރުގެ މުގުލުގައި ތިއްބެވި ނުފޫޒު ގަދަ ޝަޚްސިއްޔަތުން ކޮބައިތޯ އެވެ؟ ކުޅިވަރުގެ ޖަމްޢިއްޔާތަށް ކޮބައިތޯ އެވެ؟ ކުލަބްތައް ކޮބައިތޯ އެވެ؟ އަޅުގަނޑަށް އަބަދުވެސް ހީވެފައި އޮތީ ޒާހިރު ނަސީރު އަޅުގަނޑުމެންނާ ވަކިވެވަޑައިގަންނަވާ ދުވަހަކީ މާލެ ތޮއްޖެހޭނެ ދުވަހެއް ކަމަށެވެ. އެކަމަކު ވީ އެހެނެއް ނޫނެވެ. ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުމެއް ނުއޮންނާނެ އެވެ. އަޅުގަނޑުގެ ދުޢާއަކީ މަރުޙޫމަށް ސުވަރުގޭގެ ނިޢުމަތްލެއްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ޒާހިރު
04 July 2016
އަޅުގަނޑު ވަރަށް ކުޑައިރު ޒާހިރު ޙުސައިނާ ބައްދަލުވިއެވެ. އެއީ ޒާހިރުގެ ގެއިން ޑޮކްޓަރެއްގެ ގޮތުގައެވެ. އަޅުގަނޑު ދިޔައީ ބޮލުގެ ފުއްކިބައިގައި ރިއްސާތީ ދައްކައިލާށެވެ. އެ ވަގުތު ވިދާޅުވީ ކުޅިވަރެއް ކުޅެމުހެއްޔޭއެވެ. އާދޭހޭ، ދެންނެވުމުން ވިދާލުވީ އެހެންވިއްޔާ ބެލުން ހިލޭކަމުގައެވެ. އަދި ހިނިތުންވެވަޑައިގެން އަޅުގަނޑުގެ ކޮނޑުގައި ސަމާސާ ޖެއްސެވުމެއް ޖެއްސެވިއެވެ. ހަމަ ގައިމުވެސް އެއީ ޤައުމު ނުދެކޭޒާތުގެ ޝަޚްސެކެވެ. ﷲ އެ މަރްޙޫމުގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް މިންވަރުކުރައްވާށިއެވެ. އާމީން.
ޒެޑްސް
03 July 2016
މި ލިއުން ލިއުއްވި ޒާހިރަކީ ވެސް މިހާރު ހަމަ ކެޔޮގަނޑު ކަނޑާލާފަ ހުރި ގަހެކެވެ. ދެ ޒާހިރު ވަރަށް އެއްގޮތް ހެން ހިވެއެވެ. މެޑެލި ހޯދުމުގައެވެ. ވާދަކުރުމުގައެވެ. ސުން ސުކުންތަކުަގައެވެ. ކުޑައިރުގެ ހަނދާންތަކުގައެވެ
އިއާދަ
03 July 2016
ޒާހިރުގެ ތިފަދަ ލިޔުއްވުންތައް މިނޫހުން ފެންނާނެކަމަށް އުންމީދު ކުރަމެވެ. ޒާހިރުވެސް ވާންވީ އެފަދަ ބޭފުޅަކަށެވެ. ގައުމުގަ މަދީ އެފަދަ ބޭފުޅުންނެވެ. އެފަދަ ބޭފުޅުން ދެން އުފެދުމާމެދު ޝައްކެވެ. އެންމެން މިތިބީ އެހެން ހާލަތެއްގައެވެ. އެމަގުން ދާނެ މީހަކު ޒާހިރުފަދަ ބޭފުލަކަށް ވެދާނެބާއެވެ. ރަނގަޅު ކަމެކެވެ. ކުރިއަށް އޮތީ ހަމަ އެފަދަ ނަމެކެވެ. ކުޑަ ތަފާތެއް ހުއްޓަސް މެެއެވެ. ހިތްވަރު ދޫކޮށް ނުލައްވައްޗެެވެ. އުންމީދެއް އޮތިއްޔާ ކާމިޔާބު ވާނެއެވެ. ތިޔަ ޒާހިރުވެސް ގައުމަށް އެފަދަ މަގެއް ދައްކަވައިދެއްވާނެ ދުވަހަކަށް އުންމީދު ކުރަމެވެ. ގައުމުގަ ނެތް އެއްޗެއް އުފެއްދެވުމަށް އަތުކުރި އޮޅާލައި ކަމަރު ބަންނަވައިގެން އަވަހަށް ފައްޓަވާށެވެ! މީހެއްގެ ރަނގަޅު ވާހަަކައެއް ލިޔުއްވައި ދެއްވީތީ ޝުކުރިއްޔާއެވެ. ދެންވެސް އެފަދަ ޚިދުމަތްތެރިއެއްގެ ވާހަކަޔަކަށް އިންތިޒާރު ކުރަމެވެ!