ޚިޔާލު / ރިޔާސީ އިންތިޚާބު 2018

ޕްރޮފެސަރު އުގެއިލް: އަޅުގަނޑުގެ ވިސްނުމުގައި 2018

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ދިވެހިރާއްޖޭގެ މުސްތަގުބަލާ މެދު މިނިވަންކަމާއި ހިތުގައިވާ ލޯތްބާ އެކު ވިސްނުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ޒިންމާއެއް ކަމަށް އަބަދުވެސް ދެކެން ޖެހެ އެވެ. މިގޮތުން، ހިތަށް ވެރިވާ ޝުއޫރުތައް އާންމު ކުރުމުގައި އެއްވެސް މީހެއްގެ އިޒުނައަކަށް އަޅުގަނޑުމެން އެދޭކަށް ނުޖެހެ އެވެ. ކުރިއަށް އޮތީ އަޅުގަނޑުމެންގެ ހަޔާތުގައި އަނެއްކާވެސް މި ފަހުރުވެރި ގައުމުގެ މުސްތަގުބަލު، އުންމީދާއި އަމާންކަމުގެ މިސްރާބަށް ގެންދިއުމަށް އޮތް މުހިއްމު ފުރުސަތެއް ކަމަށް ދެކޭތީ އަޅުގަނޑުގެ ވިސްނުން ހިއްސާ ކުރާނަމެވެ. ބޭނުމަކީ، ދިވެހި ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި އަޅުގަނޑަށް ކޮށްލަދެވޭނެ ކޮންމެ ކަމެއް ވެސް ކުރުމެވެ.

ފުރަތަމަ ވެސް އަޅުގަނޑުމެން ހަނދާނަށް ގެންނަން ޖެހޭ އެއް ކަމަކީ، މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންގެ ހިތަށް ސިފަވާ ދިވެހި ރާއްޖެ މި ހާލަތަށް އައި ގޮތެވެ. ގައުމުގެ ކޮންމެ ފަރުދަކު ވެސް އެމީހެއްގެ އަމިއްލަ ނަފުސުގެ އެދުން ގައުމުގެ ކުރިމަތީ އިސްކުރާކަމަށްވާ ނަމަ، ގައުމުގެ ހާލަތާއި މަސްލަހަތު އިސްކުރާނީ ކޮން ބައެއްތޯ އެވެ؟ ގައުމެއްގެ އާންމު މަސްލަހަތުތައް ހިމާޔަތްކުރާނެ އަމާނާތްތެރި އަދި ތެދުވެރި ދަރިންތަކެއް ނެތް ކޮންމެ ބިމަކަށް އަނަރޫފަކަން ވެރިވަމުން ދާނެ ކަމާ މެދު ކުޑަ ވެސް ޝައްކެއް ނެތެވެ. އެކަމަށް އޮތީ ހަމަ އެންމެ ހައްލެކެވެ. އެއީ ގައުމީ މައްސަލަތަކުގައި ގައުމީ ވިސްނުމަކުން ވިސްނާނެ ދަރިންތަކެއް މި ބިމުގައި ގިނަ ވުމެވެ. އަދި ގައުމީ މައްސަލަތައް ނިންމުމުގައި ގައުމުގެ މަސްލަހަތުތައް އަމިއްލަ އެދުމުގެ ކުރިއަށް އިސްކުރާނެ ވެރިންތަކެއް ނެރުމެވެ. މިކަން ކުރުމަށް އަޅުގަނޑުމެންނަށް ލިބޭނެ އެންމެ އަވަސް ފުރުސަތަކީ މި ސިފަތައް ހުރި ވެރިއަކު ދިވެހި ގައުމަށް އިސްކުރަން 2018 ގައި ލިބޭ ރިޔާސީ އިންތިހާބެވެ.

މިއަދު މިރާއްޖޭގެ ޝަރުއީ، ސިއްހީ އަދި ތައުލީމީ ނިޒާމު މި އޮތީ ބޮއްސުންލައި އޮޔާ ގޮއްސަ އެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައި އޮތް އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތައް ވެސް މިއަދު މިވަނީ އަތުން ބީވެފަ އެވެ. ކުރުކޮށް ދަންނަވަނީ ނަމަ، މިއަދު އަޅުގަނޑުމެންގެ ކާބަފައިންގެ ލެޔާއި ދަލުން ގުރުބާންވެގެން އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދިން ދިވެހި ގައުމެއް ނެތެވެ. ގައުމުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް މިއޮތީ ސުމަކުން ފަށަން ޖެހިފަ އެވެ. މިއަދު ތިމާގެ އަމިއްލަ އެދުންތަކުން އެއްކިބާވެ މިނިވަންކަން މަތީ ހުރެ މި ގައުމުގެ ހާލަތު ވިސްނާ ވަޒަންކުރާ އެއްވެސް ދިވެއްސަކު ފަހުރުވެރިކަމުގެ އަތެއް ނުޖަހާނެ އެވެ. އެމީހެއްގެ ހިތަށް ވެރިވާނީ ވޭނުގެ އަސަރެވެ. އެމީހެއްގެ ސިކުނޑިއަށް ވެރިވާނީ އުދާސް ކަމެވެ.

ގައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެފަސްގަނޑަކުން އުފެދޭ ދަރިންނަށް ލިބިފައިވާ އިލްމާއި ހިލްމު އަދި އެމީހުންގެ ހިތުގައި އުފެދޭ ހިތްވަރާއި ތެދު ނިޔަތުގެ މަތީގައި ކުރާ ބުރަ މަސައްކަތުގެ މައްޗަށެވެ. އެހެންކަމުން، ދިވެހި ދަރިންނަކީ ތައުލީމު ލިބިފައި ތިބި މޮޅު ކުދިންތަކަކަށް ހަދަން ކުރާ މަސައްކަތް ނިމޭ ހިސާބަކީ ސަނަދު ދޭ ހިސާބު ކަމަށްވާ ނަމަ 21 ވަނަ ގަރުނުގެ ވާދަވެރިކަމުގެ ތެރޭގައި ކުރިމަގު ހޯދޭނެ ބަޔަކަށް އެކުދިން ނުވާނެ އެވެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާން ޖެހޭނީ އުފެއްދުންތެރި، އަދި ނަތީޖާ ނެރެވޭ ދަރިންތަކެއް ބިނާ ކުރުމެވެ. ނިޒާމެއްގެ ތެރޭގައި ޓައި އަޅާފައި ތިބުމަށް ވުރެ ނަތީޖާ ނެރެ ދެއްކުމަށް އިސްކަން ދޭނެ ބަޔަކު އަޅުގަނޑުމެން މިއަދު އުފައްދަން ޖެހެ އެވެ. ކޮންމެ ދުވަހެއް ވެސް ނިމިގެން ދާއިރު "މިއަދު އަހަރެން ކުރީ ކޮން ކަމެއްތޯ" ހިތާހިތުން ސުވާލުކުރާނެ، ޒިންމާދާރު ބަޔަކަށް އެކުދިން ހަދަން ޖެހެ އެވެ. ޒުވާނުންނަށް އިސްކަން ދިނުމަކީ އަމިއްލަ ސިކުނޑިން ގައުމާއި އަމިއްލަ މުސްތަގުބަލާ މެދު ވިސްނޭނެ އަދި ވިސްނާނެ ހީވާގި ދަރިންތަކެއް ބިނާ ކުރުންކަން އަޅުގަނޑުމެންގެ ވެރިން ގަބޫލުކުރަން ޖެހެ އެވެ.

ކޮރަޕްޝަނާއި ފަސާދައިގެ އަލިފާނުގައި ދިވެހި ގައުމު އަނދަމުން ދާތާ އަހަރުތަކެއް މާޒީވަމުން މި ދަނީ އެވެ. މިއީ ގައުމަކަށް ކުރިއަށް ދެވޭނެ މަގު ނޫންކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެ އެވެ.

މިއަދު ދިވެހިރާއްޖޭގައި މިއޮތް ސިއްހީ ނިޒާމަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ނިޒާމެއް ނޫނެވެ. ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާ ބައްޓަން ކުރުމުގައި ހަރުދަނާ ވިސްނުންތަކެއް ކުރިއަށް ނެރެން އެބަ ޖެހެ އެވެ. އަބަދުމެ އަތަށް އެންމެ ފަސޭހަ ގޮތް އެއީ މުސްތަގުބަލަށް އެންމެ މަންފާ ބޮޑު އަދި ދެމެހެއްޓެނިވި މަގު ނޫންކަން ގަބޫލުކުރަން ޖެހެ އެވެ. އަދި ތިމާގެ ސިޔާސީ މަޝްހޫރުކަމާއި މަގުބޫލުކަމުގެ ކުރިއަށް ދެމެހެއްޓެނިވި ގޮތަކަށް ހިންގޭނެ ސިއްހީ ނިޒާމެއް ރޭވުމަށް އިސްކަން ދޭން ޖެހެ އެވެ.

ދިވެހި ގައުމުގެ އިގްތިސާދު ބިނާކުރުމަށްޓަކައި މިއަދު އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ މުހިއްމު ކަންތައްތަކެއް އެބަ ހުއްޓެވެ. މިގޮތުން، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ހަރުދަނާ ކުރުމާއި، ފަރުދީ އުފެއްދުންތެރިކަން އިތުރުކުރުން މިވަނީ އިންތިހާއަށް ބޭނުން ވެފަ އެވެ. ރާއްޖޭގެ އުފެއްދުންތައް ރާއްޖެއިން ބޭރުކުރެވޭ މިންވަރު ފުޅާކުރުމާއި، ފަތުރުވެރިކަމުގެ ނިޒާމާއި މަސްވެރިކަން އަދި ޓެކްނޮލޮޖީގެ ރޮނގުން ގައުމުގެ ކުރިއެރުމަށް މިއަދު މިވަނީ އާދަޔާ ހިލާފު ތޫނުފިލި ވިސްނުމަކަށް ބޭނުން ވެފަ އެވެ. މިގޮތުން ކުރާ މަސައްކަތްތަކާ އެކު ދިވެހިންނަށް ވިޔަފާރިކޮށް ކުރިއަށް ދެވޭނެ މިނިވަން ވިޔަފާރީގެ ސިޔާސަތުތަކެއް އެކުލަވާލާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދޭން ޖެހެ އެވެ. އަދި، މިގޮތުން ކުރާ މަސައްކަތުގައި، އެ ވިޔަފާރިތަކަށް ހިންދެމިލެވެންދެން ޓެކްސްގެ ނިޒާމުގެ ތެރެއިން ލުއިތަކެއް ދޭން ޖެހެ އެވެ.

ކޮރަޕްޝަނާއި ފަސާދައިގެ އަލިފާނުގައި ދިވެހި ގައުމު އަނދަމުން ދާތާ އަހަރުތަކެއް މާޒީވަމުން މި ދަނީ އެވެ. މިއީ ގައުމަކަށް ކުރިއަށް ދެވޭނެ މަގު ނޫންކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެ އެވެ. ގައުމުގެ އިގްތިސާދަށް ކުޅަދާނަނުވާ މިންވަރުގެ ލޯނުތައް ނަގަމުން އެއް އަތުން ގައުމު ދަރަނިވެރިވަމުން ދާއިރު، އަނެއް އަތުން ރައްޔިތުންގެ ނަމުގައި އަދި ތަރައްގީގެ ނަމުގައި ކުރަމުން ދާ ހަރަދު ބާޒާރުގެ އަގުތަކަށް ވުރެ އެތައް ގުނައެއް ބޮޑު ނަމަވެސް، މިފެންނަނީ ތަރައްގީ ކަމަށް ގަބޫލުކުރަން ޖެހުމަކީ ތިމާގެ އަމިއްލަ ނަފްސަށް، ތިމާގެ ދަރިންގެ ނަފްސަށް އަދި އެދަރިންގެ ދަރިންގެ ނަފަސަށް ވެސް އަނިޔާވެރިވުމެވެ. މިހާލަތު ބަދަލު ކުރުމުގައި 2018 ވަނަ އަހަރު އަޅުގަނޑުމެން ގެންނަ ރައީސަކީ ކޮރަޕްޝަނާއި ފަސާދަ އުފެދިގެން އަންނަނީ ކޮންމެ ފަރާތަކުން އަދި ކޮންމެ ބައެއްގެ ތެރެއިން ކަމަށް ވިއަސް، އެކަމާ ދެކޮޅަށް ތެދުވާނެ، އަދި ތެދުވާން ޖެހޭ ސަބަބުތައް ގަބޫލުކުރާނެ މީހަކަށް ވާން ޖެހެ އެވެ.

ދިވެހި މުސްތަގުބަލު އުޖާލާކޮށް، ކުރިއަށްދާން ބޭނުންވާ ދިވެހިންނަށް އޮތް ހަމައެކަނި މަގަކީ ބުރަ މަސައްކަތާއި ތެދު މަގުކަން ގަބޫލުކުރެވޭނެ ވެއްޓެއް ގާއިމްކުރުމަކީ ގައުމުގައި އިޖްތިމާއީ އިންސާފު މަތިވެރިކުރުމަށާއި އިގުތިސާދީ މަންފާ ހަމަހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަންތައްތަކެއްކަން، 2018 ވަނަ އަހަރު އަންނަ ވެރިޔަކަށް ގަބޫލުކުރެވެން ޖެހެ އެވެ.

ދިވެހި ރާއްޖެއަކީ ކިތަންމެ ކުޑަ އަދި މީސްކޮޅު މަދު ގައުމަކަށް ވިޔަސް، މި ރާއްޖެ އަކީ މުޅި ދުނިޔޭގެ ލޯތްބާއި އިހްތިރާމް ހޯދޭނެ ގައުމެކެވެ. އަދުގެ ދުނިޔެ އާއި 21 ވަނަ ގަރުނަށް ލޯ ހުޅުވިފައިވާ، ތެދުވެރި، އަމާނާތްތެރި ދިވެހި ދަރިއަކު ދިވެހި ގައުމުގެ ވެރިކަމަށް ގެނެވިއްޖެ ނަމަ އެ ލަނޑުދަނޑި ހާސިލްކުރެވޭނެ އެވެ. އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުން ދިވެހި ރާއްޖޭގެ މުސްތަގުބަލަށް މުހިއްމެވެ. އަދި ޗައިނާ އާއި އަރަބި އިސްލާމީ ގައުމުތަކާ އެކު އުފެދިފައިވާ ގުޅުންތައް ދަމަހައްޓަމުން، އިންޑިއާ ކަނޑުގައި ދިވެހިރާއްޖެ ކުރަމުން ދާ ދަތުރުގައި އަމާން އައްސޭރިއަކަށް ގެންދެވޭނެ މާލިމީއަކަށް 2018 ގައި ފުރުސަތު ދޭން ޖެހެ އެވެ.

އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ދިވެހިން ވޯޓު ލާން ގޮސް: އަންނަ އަހަރު ރިޔާސީ އިންތިހާބު އޮންނާނެ

އަދުގެ އިސްލާމީ ދުނިޔެ އޮތް ހާލަތާ މެދު އަޅުގަނޑުމެން އެންމެން ވެސް ކަންބޮޑުވަމު އެވެ. ވީމާ، މި ހާލަތު ބަދަލުކުރަން އިސްލާމީ ގައުމުތަކާ އެކު މަސައްކަތް ކުރުމަކީ ރާއްޖޭގެ މުސްތަގުބަލާއި އިސްލާމީ އުންމަތުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށް ދެކެމެވެ. މި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމާއި ކެތްތެރިކަން ވެސް ހުރި މީހަކު އަޅުގަނޑުމެންގެ ޒައާމަތަށް އައުމަކީ އަޅުގަނޑުގެ ދުއާ އެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި އިންސާނީ ހައްގުތަކަށް ފުށުނާރާ ވެއްޓެއްގައި މިނިވަން ހިޔާލަށް ޖާގަ އޮތް މާހައުލެއް އުފައްދަން ޖެހެ އެވެ. މި ރޮނގުން ދިވެހި މީޑިއާ ކުރިއެރުމަކީ ރާއްޖޭގައި އިލްމީ ބަހުސުތަކަށް އޮތް އެންމެ އިތުބާރު ހުރި އެއް މަގު ކަމަށް އަލަށް އަންނަ ވެރިއަކު ގަބޫލުކުރަން ޖެހެ އެވެ. ވީމާ ގައުމުގެ މުސްތަގުބަލަށްޓަކައި މީޑިއާގެ ދާއިރާ ހަރުދަނާކޮށް އިސްލާމީ އުސޫލުތަކާއި ދިވެހިންގެ ރީތި އާދަކާދަތައް ދަމަހައްޓަން ސީދާ ގޮތެއްގައި ދައުލަތުން އެހީތެރިވާން ޖެހޭނެ ކަން ގައުމުގެ ވެރިމީހާ ދަންނަން ޖެހެ އެވެ.

މިއަދު ގައުމުގެ ހާލަތު މި ގޮތަށް އޮތް ނަމަވެސް ނާއުންމީދު ވާން ޖެހޭ ކަމަކަށް ނުދެކެމެވެ. އެންމެ ކަމެއް ހަނދުމަފުޅަށް ގެންނަވާށެވެ. ދިވެހިންނަކީ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައި އޮތް ދުނިޔޭގެ އޭރު އެންމެ ވަރުގަދަ ލަޝްކަރުގެ ކުރިމަތީ ސާބިތުކަން ދައްކާ ހަނގުރާމައިގައި ކާމިޔާބު ހޯދި ކުޅަދާނަ ބައެކެވެ.

ދިވެހިރާއްޖޭގެ އެންމެ ދަރިއެއްގެ އެންމެ ހައްގެއް ވެސް ނަހަމަ ގޮތުގައި ނިގުޅައި ގަނެވިއްޖެ ނަމަ އެވަނީ މުޅި ދިވެހި ގައުމުގެ ހައްގު ނިގުޅައި ގަނެވުންކަން ވެރިން ގަބޫލުކުރަން ޖެހެ އެވެ. ދިވެހިރާއްޖޭގެ ވެރިޔަކަށް އަންނަން ޖެހޭނީ ތިމާގެ ސިޔާސީ މަސްލަހަތުތައް ކުރިއެރުވުމަށްޓަކައި ދިވެހި އެއްވެސް ދަރިއެއްގެ ހައްގަކަށް ކުޑަ ވެސް އުނިކަމެއް ނުގެންނާނެ ފަދަ ހަމަޔާއި އުސޫލުތަކުގެ މަތީ ހުންނަ ސާބިތު ދަރިއެކެވެ. މިއަދު ނުހައްގުން އަނިޔާ ދެވިފައިވާ ކޮންމެ ދިވެހި ދަރިއަކު މިނިވަންކޮށް، މިނިވަން ދިވެހި ގައުމުގެ ހިދުމަތްތެރިއަކަށް ވުމަށް މަގުފަހިކޮށްދޭން ޖެހެ އެވެ. އަދި ވެރިއެއްގެ އެންމެ އިސް ޒިންމާއަކީ ރައްޔިތުންގެ މެދުގައި އަދުލުވެރިކަން އިސްކުރުންކަން އަބަދުވެސް ހަނދާން ބަހައްޓާނެ ވެރިއަކަށް ދިވެހި ގައުމު ބޭނުންވެ އެވެ.

ދިވެހި ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަކީ ކުރެވޭނެ އަދި ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރެވޭނީ އަދުލުވެރި އަދި އަދުލުވެރި ވުމުގެ ރޫހު ހުރި ވެރިޔައަކަށެވެ. ބައެއް ކޯޓުތަކާއި ފަނޑިޔާރުންގެ ނިންމުންތަކަކީ މިއަދު ބައްޓަން ކޮށްފައިވާ މާހައުލުން އުފައްދާ ނަތީޖާކަން ހަނދާން ކުރަން ޖެހެ އެވެ. އެ މާހައުލު ބަދަލުވެ ނިޒާމު ބަދަލުކުރުމުން، ގިނަ ފަނޑިޔާރުން އެކަމަށް މަރުހަބާ ކިޔާނެކަން ޔަގީނެވެ. އަދި ފަނޑިޔާރުގެ މިނިވަން ނުވުމުން އަޅުވެތިކަން އެންމެ ބޮޑަށް އިހުސާސްކުރާ އަދި އެކަމުގެ ނިކަމެތިކަން އެންމެ ބޮޑަށް ތަހައްމަލުކުރާ ބަޔަކީ ވެސް ފަނޑިޔާރުންކަން ގަބޫލުކޮށް، ރާއްޖޭގައި އަދުލުއިންސާފު ގާއިމު ކުރެވޭނެކަން ކަށަވަރު ކުރާނެ ވެރިޔަކަށް ގައުމު ބޭނުންވެ އެވެ.

ދިވެހި ގައުމުގެ އެންމެހާ ރައްޔިތުންނާއި ގައުމަށް ހިދުމަތްކޮށްދިން ވެރިން މި ބިމުގައި މިނިވަންކަމާއި އަމާންކަމާ އެކު ހިނގާ ބިނގާވެ އުޅެވޭ ދުވަސް ދުށުމަށް ދަހިވެތިވާނެ އަދި އެދުވަސް އައުމަކީ ވެރިޔަކަށް ހުންނަ މީހާއަށް ހޯދޭނެ ފަހުރުވެރި ކާމިޔާބީއެއް ކަމަށް ދެކެން ޖެހެ އެވެ. އަދި އެންމެ އަޑުގަދަކޮށް ވެރިމީހާ އަށް ތައުރީފުކުރާ ކޮންމެ މީހަކީ ވެރިމީހާ ދެކެ އަދި ގައުމު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހާ ކަމަށް ނުބަލާނެ، އަދި ސިޔާސަތުތަކާ މެދު ތަފާތު ވިސްނުމަކުން ވިސްނާ ފާޑުކިޔާ ކޮންމެ މީހަކީ ދެކޮޅުވެރިއެއް ކަމަށް ނުބަލާނެ ފަދަ ލޯ ހުޅުވިފައިވާ އަދި ރައްޔިތުންގެ ލޯބި ލިބިގެން ގައުމު ކުރިއަށް ގެންދާނެ ވެރިޔަކަށް 2018 ގައި އަޅުގަނޑުގެ ވޯޓު ދިނުމަށް ތައްޔާރަށް ހުރީމެވެ.

މިނިވަން މުއައްސަސާތަކާއި، ސިފައިންނާއި ފުލުހުންގެ ހިދުމަތް ވެސް ހަރުދަނާކުރެވޭނެ އެވެ. ނަމަވެސް، މިކަން ހާސިލު ކުރެވޭނީ އިސްވެ ދެންނެވި ފަދައިން، ނުފުދުންތެރި ވެރިންގެ މަސްލަހަތުގައި ހިދުމަތް ކުރުމަށް ބައްޓަން ކޮށްފައިވާ މާހައުލު ބަދަލުކުރެވިގެންނެވެ. އެ މުއައްސަސާތަކުގެ އިސް މަގާމުތަކަށް ހަމަޖައްސާ މީހުންނަށް އެމީހުންގެ ވަޒީފާގެ ކުރިއެރުމާއި އަމިއްލަ މަސްލަހަތުތަކާއި ރާއްޖޭގެ މުސްތަގުބަލު ވަނީ ގުޅި ލާމެހިފައިކަން ގަބޫލުކުރެވިގެންނެވެ. އަދި އެމަގަށް މަގު ދައްކާނެ ވެރިޔަކު ދިވެހި ގައުމުގެ ވެރިކަމަށް ގެނެވިގެންނެވެ.

މި ހުރިހާ ވާހަކަތަކަކާ އެކު ވެސް ދަންނަވަންތޯ އެވެ؟ މިއަދު ގައުމުގެ ހާލަތު މި ގޮތަށް އޮތް ނަމަވެސް ނާއުންމީދު ވާން ޖެހޭ ކަމަކަށް ނުދެކެމެވެ. އެންމެ ކަމެއް ހަނދުމަފުޅަށް ގެންނަވާށެވެ. ދިވެހިންނަކީ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައި އޮތް ދުނިޔޭގެ އޭރު އެންމެ ވަރުގަދަ ލަޝްކަރުގެ ކުރިމަތީ ސާބިތުކަން ދައްކާ ހަނގުރާމައިގައި ކާމިޔާބު ހޯދި ކުޅަދާނަ ބައެކެވެ. އަދި އެނޫން ވެސް، މި ދިވެހި ބިން ނިކަމެތި ކުރުމަށް ތެދުވި ކޮންމެ ނުފޫޒެއްގެ ބޮލަށް އަޅުގަނޑުމެން މާޒީގައި ވެސް ގޮންޖެހީމު އެވެ. އަދި މުސްތަގުބަލުގައި ވެސް މާތް ﷲ ގެ ރަހުމަތްފުޅާ އެކު މި ގައުމު ހިނގަމުން ދާނީ އަރުތައިގެ ދެންނެވި މަގުންނެވެ. ސުވާލަކީ، ކާމިޔާބާއި އުންމީދުގެ މިސްރާބަށް މި ގައުމުގެ މުސްތަގުބަލު ދަތުރު ފަށާއިރު އަޅުގަނޑުމެން ވާނީ ގައުމަށް ގެނައި އިސްލާހުތަކުގެ ބައިވެރިންނަށްތޯ ނުވަތަ ކުޅިބަލަން ތިބޭ ފިނޑިންނަށްތޯ އެވެ؟

ޕްރޮފެސާ ހަސަން އުގެއިލް

ޕްރޮފެސާ ހަސަން އުގެއިލް

ޕްރޮފެސަރު ހަސަން އުގައިލް އަކީ އިނގިރޭސި ވިލާތުގެ ބްރެޑްފަރޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާއިން ސިނިއަރ ޕްރޮފެސަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އައްޑޫ ސިޓީއަށް އުފަން އުގައިލަކީ ސައިންސުގެ ރޮނގުން ޕްރޮފެސަރުކަން ހާސިލުކުރެއްވި ފުރަތަމަ އަދި ހަމަ އެންމެ ދިވެހި އިލްމުވެރިޔާ ވެސް މެއެވެ. ހިސާބާއި ކޮމްޕިއުޓަރ ސައިންސުގެ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އުގައިލް ގެންދަވަނީ އިލްމީގޮތުން ދިވެހިން ހޭލުންތެރިކުރުމަށް ތަފާތު ގިނަގުނަ މަސައްކަތް ހިލޭ ސާބަހަށް ކުރައްވަމުންނެވެ.

246 ކޮމެންޓް, 625 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 2%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުައްތު ކަނބުލޮ

30 November 2017

ތިޔަ އުގައިލަށް ވެރިކަން ލިބުނަސް ވަާނީ ހަމަ މިހާރުވެސް މި ވާވަރު..

The name is already taken The name is available. Register?

އައިޑަން، ޒަރީރު

27 November 2017

އަޖާއިބް ވެއްޖެ ކިޔަވައިގެން ތިބި ތެދުވެރި އިހުލާސްތެރި ބޭފުޅުން ސިޔާސީ ނުވެ ދެން ވަގުންނާއި ޑްރަގް ޑީލަރުން ތޯ މިގައުމުގެ ވެރިކަމަށް ކުރިމަތިލާންވީ؟އަޅުގަނޑު މެން މިއުޅެނީ ގައުމަށް އިހްލާސްތެރި ވަފާތެރި ތެދުވެރި ވެރިއެއް ނުލިބިގެނެއް ނޫންތޯ؟ ހަމަ އަންތަރީސް ވެއްޖެ

The name is already taken The name is available. Register?

ނާސު

27 November 2017

ރާއްޖެއަށް ބަދަލު ގެނެވޭނެ މީހުން. މިސްކިތްތަކުގެ އިމާމުން(އީމާން ވަރުގަދަ މީހުންގެ ފަހަތުގެ ނަމާދު ކުރީމަ ފާއިދާއެއް އޮވޭ)، ޖާރނަލިސްޓުން(ތާކުން ތާކު ނުޖެހޭ އެއްޗެހި ނުލިޔެ، ހަރުދަނާ ހައްލު އެކުލެވޭ އެއްޗެހި ގެނެސްދެވޭނެ މީހުން)، ޓީޗަރުން(ކިޔަވާ ކުދިންގެ އަހްލާގު ބަދަލު ކުރެވޭނެ މީހުން)، ދީނީ އިލްމްވެރިން.އިލްމްވެރިންނާ މޯޓިވޭޝަނަލް ސްޕީކަރުންނާ ތަފާތެއް އޮވޭ. ހަގީގީ އިލްމްވެރިއެއްގެ ދަރުސެއް ކަނުލާ އަޑުއަހާލުމުން މީހާގެ އަހްލާގު ބަދަލުވާންޖެހޭނެ.

The name is already taken The name is available. Register?

އަނާ

27 November 2017

ކީއްކުރަންތޯ އުގައިލު "އެ ހަޑިމުޑުދާރު ސިޔާސީ ކަންތައްގަނޑު" ގެ ތެރެއަށް ވަންނަވަނީ؟ ހެޔޮ ނުވާނެ އެކަމާ ދުރުވެވަޑައިގަންނަވާ. މަނިކުފާނު ފަދަ ތަޢުލީމީ ބޭފުޅުން ކުޅުއްވާވަރަށްވުރެ މާ ހުތުރު ގޭމެއް ކުޅޭ ބައެއް ސިޔާސީ މީހުންނަކީ. އެކަންތައްތަކާ ދުރުވެ ކުރިންވެސް ހުންނެވިހެން ޢަބުރުވެރިކަމާއެކު ހުންނެވިއްޔާ މާ ރަނގަޅުވާނެ. އަޅުގަނޑުމެންގެ އިޙްތިރާމާއި ލޯބިލިބިގެންވި ޕްރޮފެސަރެއް މަނިކުފާނަކީ. އެ ގަދަރު އެގޮތުގައި އޮތަދެއްވުން އަޅުގަނޑުމެން އެދެނީ.

The name is already taken The name is available. Register?

1234

27 November 2017

އެންމެ ގިނަ ކޮމެންޓް މިލިބުނީ މި ލިޔުމަށް . 240 ކޮމެންޓް އެންމެ ދެދުވަހުން. ސާބަހޭ ޕްރޮފެސަރ އުގައިލް.

The name is already taken The name is available. Register?

އޭ.އެން

27 November 2017

އަޖައިބެއް ނުވާނެތަ! ﷲ އެންގެވިގޮތް ދޫކޮށް ވަލުއީ ނިޒާމަކަށް ތާއީދުކޮށް ރަނގަޅު ވެރިއެއް ހޯދަން އުޅުމަކީ "ފޫނެއް ފަޔަކަށް ފެންފުރުން" ޕރ.އުގައިލް އެވިދާޅުވާފަދަ ވެރިއެއް މި ޑިމޮކްރަސީ ގެ ތެރެއިން ނުލިބޭނެ. ކިތައްމެ ރަނގަޅު މީހަކު ރައީސަކަށް ލިޔަސް މިޑިމޮކްރަސީއަކުން މިލިޔުމުގާ ބުނާފަދަ ވެރިޔަކަށް ނުވެވޭނެ ކަން ޔަޤީން. ﷲ އަށް ރުޖޫޢަ ވެ އެފާރާތުން އަމުރު ކުރައްވާފައިވާ ގޮތަށް ކަންތައް ކޮށްގެން ނޫނީނީ އެފަދަ ވެރިޔަކަށް ނުވެވޭނެ.ޔަޤީން

The name is already taken The name is available. Register?

ގަބުޅި

27 November 2017

ގައުމެއްގައިވިއްޔާ ވެރިއަކުވެސް ހުންނަން އެބަޖެހެއެވެ. އެހެން ނޫނިއްޔާ އޮންނާނީ އެމީހަކާ އެމީހެކެވެ. ނުވަތަ ޖަންގަލީ ނިޒާމް އެވެ، ތިޔަ ބޭފުޅާ ތިޔަ ވިދާޅުވާ ފަދަ ފުރިހަމަ ވެރިއެއް ހުރި ގައުމެއް މިދުނިޔޭގައި މިހާރު އޮތްނަމަ އެމިސާލް ވިދާޅުވެ ނުވަތަ ދެއްކެވިނަމަ ތިޔަ ކޮމެންޓް ފުރިހަމަވީސް ނޫންތޯއެވެ؟ އަޅުގަނޑަށް ނޭނގޭތީ އަހާލީއެވެ.

The name is already taken The name is available. Register?

ޖަގިޔާ

27 November 2017

ޕްރޯ ގެ އަތްދަށުގަ އޮތް ރަށް ބީވެގެން ދޮޔާމަ ހާދަ ގައުމުވެގެން މިއުޅެނީ. އަމިއްލަ އެދުމުން ފޯވެ ފައްކާވެފަ ޕްރޯ ތިހުންނެވީ

The name is already taken The name is available. Register?

ނާޒިލް ގެމަނަފުށި

27 November 2017

ވަރަށް ފުރިހަމަ ލިޔުމެއް. ނަޒާހަތްތެރި އަމިއްލަ އެދުމަށްވުރެ ޤައުމު އިސްކުރާ ވެރިއެއް މިދަނޑިވަޅުގައި މުހިއްމު.

The name is already taken The name is available. Register?

ދިވެހިދަރި

27 November 2017

ހަގީގަތާއި ޚިލާފު އެއްވެސް ވާހަކައެއް ނެތް. އަޅުގަނޑުމެން އެބަޖެހޭ އަމިއްލަ އެދުންތައް އެއްކިބާކޮށް ގައުމު އިސްކުރަން. މަދު މީސްކޮޅަކަށް ފައިދާ ވާގޮތަށް ބައްޓަން ކޮއްފައި މިވާ ސިޔާސަތު ތަނަވަސްކޮށް އެކުލެވެނިވި ސިޔާސަތަކަށް ބަދަލު ކުރަން. ޝުކުރިއްޔާ އުގައިލް!

The name is already taken The name is available. Register?

ލޯބި ދޮމްބެ

27 November 2017

ތިފަދަ ސަޅިބައސާކެނޑި ލެޕްޓޮޕަކާ ރިސީޓަކުން ގައުމު ހިނގި މޡިހަކު ދުށީމު އަދި ކިއެއްތަ ތިމާވަރު ނެތިގެން ތުންފިއްތައިގެން އުޅުނު ޑރ ޗޮކުންގޮސް ސިޔާސީ ހަޔާތަށް ހޯހޯ ގޮވިތަންވެސް ދުށީމު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454