ޚިޔާލު / ތާރީހް

ކުރީގެ ރައީސް ނަޝީދު: ބިހުރޯޒް ކަމަނާ މިސްކިތް

ބިހުރޯޒު މިސްކިތް.---ފޮޓޯ: މިހާރު

މުހައްމަދު ނަޝީދު (އަންނި)

19 ނޮވެމްބަރ 2017 - 09:35

70 comments

ގަލޮޅު ބިހުރޯޒް ކަމަނާ މިސްކިތާއި އެތަނުގައިވާ ބޮޑުތަކުރުފާނުގެ ޒިޔާރަތް ތަޅާލުމުގެ ވަހަކަތަކެއް އެބަ ދެކެވެ އެވެ. އެއީ މިހާރު ރާއްޖޭގައި ވަރަށް މަދުން ހުރި އެބާވަތުގެ މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ. ވަރަށް ޒަމާންވީ އާޘާރީ މިސްކިތެކެވެ. ރާއްޖޭގެ ތާރީޚްގެ ކިތަންމެ ހަދިޘާއަކާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ މިސްކިތެކެވެ.

ބިހުރޯޒް އަކީ ފާރިސީ ބަހެކެވެ. ތަނަވަސްކަމާއި ފާގަތިކަން ބަޔާން ކޮށްދޭ މާނައެއްގެ ބަހެކެވެ. ބިހުރޯޒް ކަމަނާ އަކީ ތަނަވަސް ކަމަނާއެކެވެ. މީލާދީން 1585 ވަނަ އަހަރު ބޮޑުތަކުރުފާނު އަވަހާރަވީއިރު ވެސް ބިހުރޯޒް ކަމަނާ މިސްކިތް މިހާރު ވެސް އެހުރި ތަނުގައި ހުރެއެވެ. ބޮޑުތަކުރުފާނަށް ފަހުގައި ރަސްކަމަށް އިސްވެވަޑައިގަތީ އެތަކުރުފާނުގެ ދަރިކަލުން ކަލާފާނު 1585 ވަނަ އަހަރެވެ. މަލަބާރިން 1609ގައި މާލެ އަރާ ހިންގި ހަނގުރާމާގައި ކަލާފާނު މާލެ ދޫކުރައްވާ ފުރާވަޑައިގަތެވެ. ކަލާފާނު އަވަހާރަވީ ކަނޑުމަތީގައެވެ. ޒިޔާރަތް އަރުވާފައި އެވަނީ އަރިއަތޮޅު ހަންޏާމީދޫގައެވެ. ކަލާފާނު އަވަހާރަވުމުން ކަލާފާނުގެ ހުވަފަތް އަނބިކަބަލުން ކައިވެނިބައްލަވައިގަތީ މާފިލާފުށީ ހަސަންކަލޭގެ ފާމުލަދޭރި ކިލެގެފާނާއެވެ. ކަލާފާނަށް ފަހުގައި ރަސްކަމުގައި އިންނެވީ ފާމުލަދޭރި ކިލެގެފާނެވެ. އެއީ 1609 ވަނަ އަހަރުން 1620 ވަނަ އަހަރާ ދެމެދުގައެވެ.

ހުސެން ފާމުލަދޭރި ކިލެގެފާނުގެ ރަސްކަމުގައި ބިހުރޯޒް ކަމަނާ މިސްކިތުގެ ކިޔަވެނި ބޭކަލުން އައިސް ދަންނަވައިގަތް ބަހީ "އަލްޤާޒީ މުހަންމަދު ބޮޑުތަކުރުފާނާއި އަލްޤާޒީ ހަސަން ރަންނަބަޑޭރިކިލެގެފާނު އާއި މި ދެ ބޭކަލުން ތިބި ބިހުރޯޒް ފާނާއި ކަލޯގެ އެރުވި މިސްކިތުގެ ބޯގަ" ފެންނާން ނެތް ވާހަކައެވެ. އެހެން ބޯގައެއް ދެއްވުމަށް ރަދުން އަރިހުގައި އެދެނީއެވެ. ރަދުން، ފަނޑިޔާރު މަނިކުފާނާއި ވަޒީރު ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ފަހުގައި އެހެން ބޯގައެއް ދެއްވިއެވެ. މިސްކިތް ބެލެހެއްޓުމަށްޓަކައި މާޅޮސްމަޑުލުން ފަރެހާއި، މެންދޫ އެވެ ކިޔާ ރުއްގަނޑާއި، ފުރަމާލެ އަތޮޅުން ލަންކަންފުއްޓާއި ފަރުކޮޅުފުށީ ދެބައިން ބަޔާއި މުލަކު އަތޮޅު މާހުރަ އެވެ ކިޔުނު ރުއްގަނޑާއި، ނިލަންދެ އަތޮޅު މާއިބޫދޫ ރަސްބޮލިން ބާރަކޮއްޓެ ބޮއްޔާއި، ހައްދުންމަތީ މާވެށެވެ ކިޔާ ރުއްގަނޑު، މިސްކިތުގެ ބޯގައިގެ ގޮތުގައި ހަމަޖެއްސެވިއެވެ.

ފާމުލަދޭރި ކިލެގެފާނުގެ ރަސްކަމުގައި، މިސްކިތުގެ ބޯގައިގެ ތައުލައިގެ މާލާވެރިކަން ހަވާލުކުރީ މިސްކިތު ކިޔަވެނިންނަށާއި އެކިޔަވެނިންގެ ދަރިދަރި ކޮޅަށެވެ. އެ ބޯގަ ލިއުނު ފަތްކޮޅު ކިއަވެނިންގެ އަތަށް ދީ، އެފަތުގައި ހުރި މަގަށް ކަންކަން ކުރުމަށް ރަދުން ހެކިކުރެއްވީ ހަސްނަ ރަންނަބަޑޭރިކަލޭގެ ގެ ދަރި އަލީ ހަކުރާކަލޯ އާއި ކަޅުހިރިޔަހަމާދިކަލޭގެ ގެ ދަރި އިސްމާއިލް މޭނާކަލޯ އާއި ނޮޅިވަރަންފަރު މުހަންމަދު ކަލޯގެ ދަރި ހަސަން ރަނަހަމާދިކަލޯ އާއި އުތީމު ހުސެން ހަކުރަވަތިކަލޯގެ ދަރި މުހަންމަދު ފަޑިއަތްކަލޯ އާއި ހުސެން އަރައަރަނައިކަލޯގެ ދަރި އަލީކަލޯ އާއި އަދި އަލީ ވެލަވަރުނާކަލޯގެ ދަރި މުހަންމަދު މާބަޑޭރިކަލޯ އެވެ.

ބޮޑުތަކުރުފާނު މާލެ ހިއްޕެވީ 1573 ވަނަ އަހަރުކަން ބޮޑުތަކުރުފާނު ވާހަކައިން ވަރަށް ސާފުކޮށް ފާހަގަކުރެވެއެވެ. އެތަކުރުފާނު މާލެ ހިއްޕެވުމުގެ ކުރީގައި ކިތަންމެ ރެއަކު މާލެ އަރުއްވައެވެ. މާލޭގެ ފުއްޓަރު ފަރާތުނެވެ. ބިހުރޯޒް ކަމަނާ މިސްކިތާ ހިސާބަށް ވެސް ވަޑައިގަންނަވައެވެ. ދެބޭރަނިން ޒިޔާރަތަށް ފާތިހާ ކިއުއްވައެވެ. އެހިސާބު ގޭގެއަށް ވަންނަވާ އުޅުއްވައެވެ. އެއުޅުއްވަނީ ބިހުރޯޒްކަމަނާ މިސްކިތު ދޮށުގައެވެ. ދެބޭރަނިން ޒިޔާރަތުގެ ބިއްދޮށުން އޮންނަނީ ދެބޭރަނިން ގޮނޑާއި ބަރުން ކޮއްޓާއި އަދި ބިހުރޯޒް މިސްކިތެވެ.

ބޮޑުތަކުރުފާނާއި ހަސަންތަކުރުފާނު އަދި ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތްކުރުމުގެ ހަނގުރާމައިގެ ހުރިހާ ފަހުލަވާނުންހެން ވެސް ވަޅުލާފައިވާނީ ބިހުރޯޒް ކަމަނާ މިސްކިތުގެ ޤަބުރުސްތާނުގައެވެ. ހުކުރު މިސްކިތަކު ނޫނެވެ. ބިހުރޯޒް ކަމަނާ އާއި އުތީމު ދެބެންނާ އޮތް އިތުރު އެހެން ގުޅުމެއް އަދި ފެންނާކަށް ނެތެވެ. އަތަކަށް ޖެހި ހުރެ، އިހު އަޅުގަނޑު ދެންނެވި ފަތް ކޮޅުގައި އެވާ، "އަލްޤާޒީ މުހަންމަދު ބޮޑުތަކުރުފާނާއި އަލްޤާޒީ ހަސަން ރަންނަބަޑޭރިކިލެގެފާނު އާއި މި ދެ ބޭކަލުން ތިބި ބިހުރޯޒް ފާނާއި ކަލޯގެ އެރުވި މިސްކިތުގެ ބޯގަ" މި ބަސްތަކުގައި ބޭނުން ކުރާ "ތިބި"، މި ބަހުގެ މާނަ އަކީ އެތަނުގައި ތިބެފައި އޮތުން ކަމަށް ދެކެވިދާނެއެވެ. ނޫން ނަމަ އެއީ އެތަނުގައި އެދެ ބޭފުޅުން ފަސްދާނުވަޑުވާފައިވާ ކަމަށް ބުނުމަށް ބޭނުންކުރި ބަހެވެ. އެތާ ވަޅުލާފައި "ތިބި" ދެ ބޭފުޅުންގެ ވާހަކައެވެ. އުތީމު ދެބެންނާއި ބިހުރޯޒް ކަމަނާ އާއި އެކަމަނާގެ މިސްކިތާ ގުޅުން ބޮޑެވެ.

މާފިލާފުށީ ފާމުލަދޭރިކިލެގެފާނުގެ ރަސްކަން ނިމުމަށް ފަހު 1620 ވަނަ އަހަރު ރަސްކަމަށް އިސްވެވަޑައިގަތީ އުތީމު އަލިތަކުރުފާނުގެ މުނިކާފަ ދަރިކަލުން ކަޅުތުއްކަލާއެވެ. ކަޅުތުއްކަލާގެ ރަސްކަމުގައި ބިހުރޯޒް މިސްކިތާއި، ޒިޔާރަތާއި ޤަަބުރުސްތާނު ބެލެހެއްޓުން ހަވާލުވީ މައްޗަންގޯޅީގައި އުޅޭ އުސްމާނު އަލީއޭ ކިއުނު މީހަކާއެވެ. އޭނާ އާއި އޭނާގެ ދަރިކޮޅަށް ބިހުރޯޒް މިސްކިތުގެ ތުއުލިޔާގެ މޫލަވެރިކަން ދިނީއެވެ. އުސްމާނު އަލީ މަރުވުމަށް ފަހުގައި އޭނާގެ ދަރިކޮޅަށް މިސްކިތުގެ ބޯގަ އޮންނަ ގޮތަށެވެ.

ފަތްކޮޅުގައި ބުނަނީ "މައްޗަންގޯޅީ ހުށި އުސްމާނޫ އަލީ އަޅާ" ރަދުން އަރިހަށް ގެނައީ ކަމަށެވެ. ރަދުން އެ އަލީއާ މިސްކިތް ބެލެހެއްޓުން ހަވާލުކުރެއްވިއެވެ. މިތަނުގައި ފާހަގަނުވެ ނުދާނެ ނުގުތާތަކެއް އެބަވެއެވެ. އުސްމާނު އަލީ އަކީ މައްޗަންގޯޅީގައި ހުރި މީހެކެވެ. ފަތްކޮޅުގެ ބަސްތަކުން ލަފާ ވަނީ އޭނާ އަކީ ބޭރުމީހެއް ކަމަށެވެ. އުސްމާނު އަލީއެކެވެ. އަނެއްކާވެސް ނަން ވައްތަރީ ފާރިސީ މީހަކާއެވެ. ބިހުރޯޒް ކަމަނާގެ މިސްކިތާއެވެ.

ދޮންބަންޑާރައިންގެ ރަސްކަމުގެ ހަ ވަނަ އަހަރު، 1765 ވަނަ އަހަރަށް ވީއިރު މިދެންނެވި އުސްމާނު އަލީގެ އާއިލާ ހުސްވެއްޖެއެވެ. އުސްމާނު އަލީ ފަހުން ކައިވެނި ކުރި ތުއްކަމަނާއޭ ކިޔުނު ކަދީދާފާނުގެ ދަރިކޮޅު ވެސް ނެތިއްޖެއެވެ. ރާއްޖޭގައި 1765 ވަނައަހަރު ފަންޑިޔާރުގެ މަގާމުގައި އިންނެވީ އިބްރާހިމް ބަހާއުއްދީނު ފަނޑިޔާރު މަނިކުފާނެވެ. ފަނޑިޔާރު މަނިކުފާނާއި ވަޒީރު ބޭފުޅުންނާއި މަޖިލީހަށް އަރުވާ އެންމެ ކިލެގެބޭކަލުންނަށް ފެނިވަޑައިގަތީ، މިސްކިތުގެ ބޯގަ އައުކޮށް އެމިސްކިތް ބެލެހެއްޓުމާއި ތައުލިޔާ މޫލާގެ ވެރިކަން ރަދުންގެ ދަރިދަރި ކޮޅަށް ހަމަޖެއްސެވުމަށެވެ. ދޮންބަންޑާރައިންގެ ދެ މަނިއްޕުޅު ތިއްބެވިއެވެ. ފަހުން ކަޅުބަންޑާރައިންގެ ގޮތުގައި ރަސްކަން ކުރެއްވީ ދޮށީ މަނިއްޕުޅެވެ. ހަސަން ނޫރައްދީނު ރަދުންނަކީ ހަގު މަނިއްޕުޅެވެ.

ދޮންބަންޑާރައިންގެ ރަސްކަމުގައި ބިހުރޯޒު މިސްކިތުގެ ބޯގަ ހަމަޖެއްސެވިއިރު ހެކިންގެ ގޮތުގައި ތިއްބެވީ ހަސަން ހަކުރަވަތިކަލޯގެ ގެ ދަރި އަލީ ދޮށިމޭނާކަލޯ އާއި އިސްމާއިލްކަލޯގެ ދަރި އަލީ ހަކުރަވެތިކަލޯ އާއި މުރައިދޫ ހުސޭން ވެލަވަޅުނާކަލޯ އާއި އިބްރާހިމް ފާމުލަދޭރިކަލޯ އާއި ގަމު މޫސާ ދަހަރާދަކަލޯގެ ދަރި އުމަރު މާފަތްކަލޯ އާއި ރަސްދޫ އިބްރާހިމް ދަހަރާދަކަލޯ އާއި ބާރަށު އަލީ ރަނަހަމާންދިކަލޯ އާއި އަދި ކައްޑާނާ އަލީ ނައިބުކަލޯއެވެ. ރަދުން ވިދާޅުވެގެން 1765 ވަނަ އަހަރު ބޯގަ ލިއުމަށް އެންގެވީ މުހަންމަދު މޭނާކަލޯގެ ދަރި، ބޮޑުބަނޑޭރި އުމަރު ސައިފުއްދީނު ހަދޭގިރި އަޅާއެވެ. ފަތްކޮޅު ލިއުނީ އަލްވަޒީރު ހުސެން ފަޑިއަތްއަޅާގެ ދަރި އަލީއެވެ.

ޝަމްސުއްދީނު ރަދުންގެ ރަސްކަމުގައި 1919 ވަނަ އަހަރު ވެސް ބިހުރޯޒް މިސްކިތް އާކުރިއެވެ. އެފަހަރު އެތަނުގައި ހުރި ޒިޔާރަތް ބައުވެގެން އެޒިޔާރަތް ވެސް ހެދިއެވެ. އެ އަހަރު އެމަސައްކަތް ކުރީ ފެންފުށީ ގަލުވަޑައިމަށް ކުރިއަށް ތިބި މީހުނެވެ. އެއީ އިބްރާހިމްގެ އަބޫބަކުރު އޮޑީގެ 12 މީހުނާއި ހަސަންކަލޭގެ ގެ ދޮންއަލީގެ އޮޑީގެ 13 މީހުނާ އެކު މުޅި ޖުމްލަ 50 މީހުނެވެ. މަސައްކަތް ނިންމީ ފަސްމަހާއި ފަނަރަ ދުވަހުންނެވެ.

މުހައްމަދު އަމީނު ދޮށިމޭނާކިލެގެފާނުގެ ވެރިކަމުގައި އުފެދުނު ތާރީޚް ކޮމެޓީގެ ބެލުމުގެ ދަށުން އެއިރު މާލޭގައި ހުރި ގިނަ މިސްކިތްތަކާ ގުޅޭ މަޢުލޫމާތު އެއްކުރިއެވެ. އެދުވަސްވަރު ބިހުރޯޒްކަމަނާ މިސްކިތުގެ ޤަބުރުސްތާނުގައި ފެންނާން ހުރި 30 މަހާނަ ގަލުގައި ހުރި ލިއުން ނަކަލުވެފައި އެބަ ހުއްޓެވެ. ބިހުރޯޒް ކަމަނާ މިސްކިތުގެ ޤަބުރުސްތާނުގައި އުތީމު ދެބެންނާއި އެދެންބެގެ ފަހުލަވާނުންގެ އިތުރުން ވަޅުލާފައި ތިބީ، ކެރަފާ މީހުނާއި، ކަޅުއަލިމަނިކުގެ އާއިލާ މީހުނާއި، ބޮޑުފެންވަޅުގޭ ބައެއް ބޭފުޅުންނާއި ފަހުން އާ ގަނޑުވަރު ބައެއް ބޭފުޅުންނެވެ.

ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލާންވީ އެއްވެސް ސަބަބެއް ދިވެހިންނަށް ފެނިދާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އެމިސްކިިތާއި، ޒިޔާރަތާއި ޤަބުރުސްތާނު ތަޅާނުލާ މިހާރު އެހުރި ގޮތަށް ބެހެއްޓުމަށް ސަރުކާރުން އެދެމެވެ.

70 ކޮމެންޓް, 275 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 4%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހޫ

29 November 2017

ދިވެހި ތާރީޚު ފެށެންވާނީ ޔާމީނުގެ ވެރިކަމުން، ކަން ހިނގަމުން ދާ ގޮތަށް ބަލާލުމުން ކޮންމެ މީހަކަށްވެސް އެކަން ޔަޤީން ވާނެ، ކުރީން ބަޔަކު ވެރިކަން ކުރިއްޔާ ވެސް، މިސްކިތެއްބިނާ ކުރި ނަމަވެސް، ބިމެއް ހިއްކި ނަމަވެސް ޢިމާރާތެއް ކުރިނަމަވެސް އެއީ އެ ކުރި މީހަކު ކޮށްފައިވާ ވަރަށް ބޮޑު ކުށެއް، މައްސަލަ ބެލެންވެސް ވާނެ. ޙުކުމްކޮށް ޖަލަށް ވެސް ލެވެން ވާނެ، މިނޫން ގޮތަކަށް ވާހަކަ ދައްކާނަމަ އަބުރުގެ ދައުވާ ކުރެވި ޖުރުމާނާ ކުރެވެން ވާނެ، މިއީ ޤާނޫނީ ހަމަ، ޖުރުމާނާ ނުދެއްކިއޖެއްޔާ ޖަލަށްވެސް ލެވެން ވާނެ. އެންމެންވެސް މިކަމަށް ތާއީދު ކޮށް އަތް ޖެހުމުގައި ފަރުވާތެރިވުމަށް ހަނދާން ކޮށްދެން،

The name is already taken The name is available. Register?

އިބްރާހިމް އަހްމަދު

20 November 2017

ނަޝީދު ކަހަލަ ތަޤުވާވެރިއަކާ ދޭތެރޭ ހާދަ ގޯސް ވާހަކައޭ ބައެއް މީހުން އެ ލިޔަނީ.. އިސްލާމީ މަރުކަޒު ބިނާ ކުރީވެސް ނަޝީދު ބުނެގެން... މައުހަދު އުފެއްދީ ވެސް ނަޝީދު ބުނެގެން.. އެންމެން ތުނބުޅި ދިގުކުރީވެސް ނަޝީދު ބުނެގެން.. ހުކުރު މިސްކިތް ބިނާކުރީވެސް ނަޝީދު ބުނެގެން...

The name is already taken The name is available. Register?

އަލީ އަހްމަދު

20 November 2017

ނަޝީދުގެ ސަޕޯޓަރުންނަކީ ހާދަ ހަމަ ޤަބޫލު ނުކުރާ ބައެކޭދޯ؟

The name is already taken The name is available. Register?

އައި

20 November 2017

ސާބަހޭ ހުރިހާ ދުވަސްވީ ތަންތަން ތަޅާ ސުންނާފަތި ކުރޭ. އޭރުން ގަޓް ހުރިކަމަށް ވާނީ.

The name is already taken The name is available. Register?

ރަބަރު

20 November 2017

މިލިޔުމުގައި ބުނެފައިވާފަދައިން ބިހުރޯޒު އަކީ ފާރިސީ ބަހެކެވެ. އެއީ އިސްމު މުރައްކަބެކެވެ. އަސްލަކީ ބެހް އާއި ރޯޒް އެވެ. ބެހް އަކީ ޚޫބް ޚުޝް މި މާނާގައި ބުނެވޭ ބަހެކެވެ. ބެހް (ގުޑް) ބެހްތަރް (ބެޓާރ) ބެހެތްރީން (ބެސްޓް) އޭގެ މާނައަކީ ރަގަޅު، އުފާ އެވެ. ރޯޒް އަކީ ދުވަހެވެ. އިމްރޯޒް މިއަދު. އެހެންކަމުން ބެހް ރޯޒްގެ މާނައަކީ އުފާވެރި ދުވަސް މިއެވެ. ދިވެހިކޮށްލީމަ އެއޮތީ ބިހުރޯޒަށްވެފައެވެ.

The name is already taken The name is available. Register?

أحمد

20 November 2017

ޒިޔާރަތް ހިމާޔަތް ކުރަން ޖާހިލަކު ނޫނީ ނުގޮވާނެ.

The name is already taken The name is available. Register?

ޙަސަންދީ

20 November 2017

ޒިޔާރަށް ހިމާޔައް ކުރަން ގޮވަނީ އެތަނައް އަޅުކަން ކުރާކައްނޫން ދިވެހި ރަށްޔިތުންނަކީ އެއެއްވުރެ މިހާރު ރޯ ފިލާފައިތިބި ބައެއް، ބޭނުމަކީ ދިވެހި ތާރީޚު އަންނަން އޮތް ޖީލައް ވާސިލް ކޮށްދިނުން އެއީ ދިރިތިބީންގެ މައްޗައް މަޖުބޫރުކަމެއް

The name is already taken The name is available. Register?

ތުއްސިއްތި

20 November 2017

ގޭސް ނާބުރާ އެތާއެހެރަ ބޮޑު ތަކުރުފާ ޒިޔާރަތް ތަޅާލާކަށް ނޫޅޭ...

The name is already taken The name is available. Register?

ބަރަކާތް

20 November 2017

ބަރަކާތް ތެރި ތަންތަނަކީ މީހުންގެ އީމާންކަން މަތިވުމަށް އެހީތެރިވެދޭ ތަންތަން. އެތަންތަނަށް އިހްތިރާމް ކުރީމަ ނިމުނީ. މިތަން ތަޅާލުމުން ކުރިން ލިބެމުން އައި ބަރަކާތެއް ހުސްވާނެ. ބަރަކާތް ނެތި ތިމާގެ އީމާންކަން ފުރިހަމަ ނުވާނެ. ސާލިހު މީހުންނަށް އިހްތިރާމް ކުރުމަކީ ދީނުގެ ފަރުޡެއް.

The name is already taken The name is available. Register?

މާބަނޑޭރި

20 November 2017

ދަންނަވަންތޯ ވާހަކައެއް، ދިވެހިންނެއް ދިވެހި ވަންތަކަމެއް މިހާރު ނެތް، ދުނިޔެ އޮތީ ބޮޑު ހަނގުރާމަ އެއްގެ ތުންފަތް މަތީގަ، ދިވެހިންގެ މެޖޯރިޓީ ބަޑައް މަރުވާނީ، މިކަން އިގޭމީހަކުވެސް ނެތް..... މިހާލަތުގެ ޒިންމާ އުފުލަން ޖެހޭ ތިޔަބޭފުޅާވެސް....

The name is already taken The name is available. Register?

أحمد

20 November 2017

ތި ބިހުްރޯޒް ކަމަނާއޭކިޔާ މިސްކިތު ގޯތި ތެރޭގައި ތިހުރި ޒިޔާރަތް "ސަގާފީ ތަރިކަ" ތަޅާލާ ނެތިކޮއްލައއިފިނަމާ އަހަރެން އެކަމާ އުފާކޮށްﷲ އައް ޙަމްދުކުރާނަމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454