ޚިޔާލު / ކޮލަމް

މިފަހަރު ނުކުރަންވީ ކަންތައް: ފާޑު ކިޔާމީހުންނަކީ ހަތުރުން ކަމަށް ދުށުން

ރިޔާސީ އިންތިހާބުގައި ބަޔަކު ވޯޓު ލާން ކިޔޫގައި: ތަފާތު ހިޔާލުތަކަށް ސިޔާސީ ވެރިން ޖާގަ ދޭން ޖެހޭނެ - ފޮޓޯ؛ ހުސެއިން ވަހީދު/ މިހާރު

އިބްރާހިމް އާތިފް ޝަކޫރު

29 އޮކްޓޯބަރ 2018 - 08:59

9 comments

"ލަންޑަނުގައި މަރުކަޒުވެގެން ތިބެ، ސަޢުދީ ސަރުކާރާ ދިމާއަށް އަޑުގަދަކޮށް ދެކޮޅުހަދާ ފަރާތްތަކަށް ވުރެ، އަޅުގަނޑުމެން ފަދައިން އިޙްތިރާމާ އެކު ފާޑުކިޔާ ލިޔުންތެރިންނަކީ ނުރައްކާތެރި ބައެއް ކަމުގައި ދެކެ އެވެ،" މިއީ އޮކްޓޯބަގައި 2 ގައި، ތުރުކީގެ އިސްތަންބޫލްގައި ހުުންނަ ސަޢުދީ ކޮންސިޔުލޭޓްގައި، ކުރިޔާލާ ރާވައިގެން ޤަތުލުކުރި ސަޢުދީ ލިޔުންތެރިޔާ، ޖަމާލު ޚަޝައުޤީ، 7 ފެބްރުއަރީ 2018 ގައި ވޮޝިންގްޓަން ޕޯސްޓްގައި ލިޔުއްވާފައިވާ ލިޔުމެއް

ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ހަމަ އަލީގައި، 10 މިލިއަނަށް ވުރެ ގިނަ ދަރަޖައިގެ ކުލަ އިންސާނާގެ ލޮލަށް ފެނުމުގެ ކުޅަދާނަކަން ލިބިގެންވެ އެވެ. މީގެ އިތުރުން، އިންސާނާގެ ލޮލަށް ނުފެންނަ އަލްޓްރާ ވަޔަލަޓް އަދި އިންފްރާރެޑް އަލި، ބައެއް ބާވަތުގެ ކޮކާ، ހަރުފަ، ބޮއް ފަދަ ތަކެއްޗަށް ފެނެ އެވެ.

ލޮލަށް ފެންނަ ކުލަ، ތަޖުރިބާކުރެވެނީ ސިކުނޑި މެދުވެރިވެގެންނެވެ. ދުނިޔޭގައި މިހާ ގިނަ ބާވަތުގެ ކުލަ ލައްވައި، އިންސާނާގެ ލޮލަށް ވެސް 10 މިލިއަނަށް ވުރެ ގިނަ ކުލަ ފެނި، އެ ކުލަތައް ސިކުނޑިން ތަރުޖަމާ ކޮށްދޭއިރު ވެސް، ބައެއް އިންސާނުންގެ ސިކުނޑި ގަބޫލުކުރަނީ އެންމެ ދެ ކުލަ އެވެ. ކަޅު ނުވަތަ ހުދެވެ. (ގްރޭ ކުލައިގެ 256 ކުލަ އަކީ ހަމައެކަނި ޚިޔާލީ ތަސައްވުރެއް ތޯއްޗެކެވެ!) މިފަދަ މީހުންނަށް ކޮންމެ ކަމެއްގައި މެ އޮންނަނީ އެންމެ ދެ ގޮތެވެ. ރަނގަޅީ ތިމާގެ ޕާޓީން ބުނާ ގޮތް އެކަންޏެވެ. ފާޑުކިޔާ ކޮންމެ މީހަކީ ހަތުރެކެވެ. ސިޔާސީ ގޮތުން އަދުއްވެކެވެ. އެކުގައި ނެތިއްޔާ، ތިބާ އަކީ ހަތުރެކެވެ. އިނގިރޭސި ބަހުން ބުނާ ގޮތުން ނަމަ "އައިދާ ޔޫ އާ ވިތް މީ، އޯ ޔޫ އާ އަގެއިންސްޓް މީ" އެވެ. ޚިޔާލު ތަފާތު ވުމުގެ ދަރަޖަތަކެއް ނެތެވެ. މަށަށް ފެންނަ ގޮތަކީ ރަނގަޅު ގޮތެވެ. އެ ހިސާބުން ނިމުނީ އެވެ.

ނަމަވެސް މިއަދަކީ، ރަސޫލުންނާއި ނަބިއްޔުން ދުނިޔޭގައި ދިރިތިއްބެވި ޒަމާނެއް ނޫނެވެ. ހުރިހާ ކަމެއްގައި ރަނގަޅު ގޮތް އެނގޭ އެކަކު ވެސް ނެތެވެ. މި ޒަމާނުގައި، އެންމެ އެކަކަށް، ނުވަތަ އެއްބަޔަކަށް އެންމެ ރަނގަޅު ގޮތް، އަބަދު އެނގުމަކީ ގަބޫލުކުރެވޭ ކަމެއް ނޫނެވެ. އަމުދުން ވާނޭ ކަމެއް ވެސް ނޫނެވެ. ދުނިޔަވީ އުސޫލްތަކާ ޚިލާފު ކަމެކެވެ.

ރާއްޖޭގައި ކަންތައް ހިނގަމުން ދިޔަ ގޮތް ރަނގަޅު ނޫން ކަމަށް ގިނަ ބަޔަކު ދެކި، އަޅުގަނޑުމެން މިހާރު މި ތިބީ ތަފާތު ގޮތެއް ޚިޔާރުކޮށްގެންނެވެ. ވެރިކަމަށް އަރަން ތައްޔާރު ވެފައި ވަނީ ކޯލިޝަނަކުންނެވެ. އެންމެން އެއް ފިކުރެއް ނޫނެވެ. ޚިޔާލު ތަފާތުވުން އެބަހުރި ކަމުގައި ފާޅުގައި ވަނީ އިއުލާން ކޮށްފަ އެވެ. އެހެންކަމުން މަޝްވަރާ އާއި ވާހަކަ ދެއްކުމަށް ޖާގަ ދިނުމަށް އެއްބަސްވެގެންނެވެ.

ޚިޔާލު ތަފާތު ބައިވެރިންނާ އެކު ސަރުކާރެއް ގާއިމް ކުރުމަށް ތައްޔާރު ވަމުން އަންނައިރު، ހަތަރު ޕާޓީ އެކުވީމަ ވެސް، ހުރިހާ ކަމެއް އެންމެ މޮޅަށް އެނގޭނޭ ކަމަށް ގަބޫލުކުރާކަށް ނުވާނެ އެވެ. ބޮޑެތި މައްސަލަތަކުގައި ތަފާތު، ބައިވަރު، ބައިވަރު، ޚިޔާލު ހުންނާނޭ ކަން ޔަގީން ކުރުމަކީ، އަދި އެފަދަ ޚިޔާލު ލިބިގަތުމަށް ތައްޔާރު ވުމަކީ، އަޅުގަނޑުމެންގެ ޑިމޮކްރަސީ ހެޔޮ މަގަށް ގެންދިއުމުގައި މުހިންމު އަސާސެކެވެ. ދުނިޔޭގައި، އެކި ދުވަސްވަރުގައި، ތަފާތު ބާވަތުގެ ވެރިކަން ތަޖުރިބާ ކުރެވިއްޖެ އެވެ. ބިމަށް މޫލައި، ގިނަ ދުވަހަށް ދެމިގެން ދަނީ ޑިމޮކްރަސީ އެވެ. އެ ތަކެއް ޗެލެންޖްތަކަކަށް ފަހު ވެސް ޑިމޮކްރަސީގެ މަގު މި ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުން ޚިޔާރުކޮށްފަ އެވެ.

އަޅުގަނޑުމެން ދިވެހިން ވެސް އެއްބަސްވީ ޑިމޮކްރަސީ އަކަށެވެ. ބޭނުންވީ އެ ގޮތެވެ. އެ ނޫން ގޮތަކަށް ފަރުމާ ކުރެވިގެން، އެކަކު ބޭނުން ގޮތަށް ހުރިހާ ކަމެއް، ބަސް ބުނާ ހިނދުން ނިންމާލާ ނިޒާމު ކަމުނުގޮސްގެން އަޅުގަނޑުމެން އަނެއްކާވެސް މި ވަނީ ޑިމޮކްރަސީގެ މަގު ޚިޔާރު ކޮށްފަ އެވެ.

ނަމަވެސް ގަބޫލު ކުރާށެވެ. ޑިމޮކްރަސީ އަކީ ދުވެލި ލަސް އުޅަނދެކެވެ. ބައިވަރު މީހުންގެ ޚިޔާލު އަޑުއަހައި، ގިނަ ބަޔަކު ނިންމާ ގޮތަށް ކުރިއަށް ދާ އުޅަނދެކެވެ. އަމާޒަށް ވާސިލް ވުމުގައި އެންމެ ސީދާ، އަދި އެންމެ އަވަސް މަގުން ދަތުރު ކުރަން ޑިމޮކްރަސީތަކަށް އުނދަގުލެވެ. ކަކުނި ހިނގާ ބީދައިން އަރިއަށް ދާ ތަން ފެނުމަކީ ނުވެ ނުދާނެ ކަމެކެވެ. ނަމަވެސް، ކުރެވުނު ތަޖުރިބާއާއާ އެކު، އެކަކަށް ހުރިހާ ކަމެއް އެންމެ މޮޅަށް ނޭނގޭނެ ކަމުގައި އަޅުގަނޑުމެން މި ވަނީ ބުނެފަ އެވެ. އަނެއްކާވެސް ޑިމޮކްރަސީގެ މަގު ޚިޔާރުކޮށްފަ އެވެ. ގިނަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އެއްބަސްވެފަ އެވެ.

ވީމާ މިސާއަތުގައި، އަނެއްކާވެސް، ހުރިހާ ކަމެއް އެންމެ މޮޅަށް އެނގޭނީ، ސަރުކާރުގެ މަތީ މަގާމުތަކުގައި ޓައީ އަޅައިގެން، ބެގީކޮށްގެން ތިބި މީހުންނަށް އެކަނި ކަމަށް ދުށުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ދިވެހިންގެ އެންމެންނަކީ ތަންދޮރު ދަންނަ، ދުނިޔެ އަށް ލޯ ހުޅުވިފައި ތިބި މީހުންނެވެ. ލިޔުންތެރިންގެ ގޮތުގަ އާއި، ކިޔުންތެރިންގެ ގޮތުގައި، ތިބި މީހުންނަށް ވެސް ރަނގަޅު ގޮތް ވިސްނޭނެ އެވެ. ޒުވާނުންނާއި މުސްކުޅިންނަށް، ވަޒީފާވެރިންނާއި، ގެވެހި ފަރާތްތަކުން ދައްކާ ވާހަކަ މި ފަހަރު އަޑުއެހުން މުހިންމެވެ. ކުޅުންތެރިނާއި ދުވުންތެރިންގެ ވިސްނުމަކީ ކޮބައި ބާވަ އެވެ؟ ޓީޗަރުންނާއި ނަރުހުން، ފަޅުވެރިންނާއި ދަނޑުވެރިން ކިޔަނީ ކީކޭ ބާވަ އެވެ؟

ފާޑުކިޔުމަށް ހިތްވަރު ދީ އެ ކަމަށް ސިޔާސީ ހުރިހާ މީހުންގެ ކަންފަތާއި ސިކުނޑި ހުޅުވުމަކީ ޑިމޮކްރަސީގެ އުނދަގޫ މަގުން ހިނގުމަށް މުހިންމު ހުނަރެކެވެ. ކަޅާއި ހުދުގެ ދުނިޔެ ދޫކޮށް، ގިނަ ބާވަތުގެ، ތަފާތު ދަރަޖައިގެ ކުލަތައް ފެންނާނީ، ހިތުގެ އަޑިން ޑިމޮކްރަސީގެ އުސޫލުތައް ގަބޫލުކުރާ ފަރާތްތަކަށެވެ. ފާޑުކިޔާ މީހުންނަށް ޖާގަ ދެވިގެން މެނުވީ، ޑިމޮކްރަސީގެ އިޖުރާއަތުތައް ފުރިހަމައެއް ނުކުރެވޭނެ އެވެ. އެހެންކަމުން ފާޑުކިޔާ މީހުންނަށް ދައުވަތު ދީ އެ މީހުން ކިޔަނީ ކީކޭތޯ ބަލަމާތޯ އެވެ؟ ފާޑުކިޔާ މީހުންނަކީ ސިޔާސީ ހަތުރުން ކަމަށް މި ފަހަރު ނުދެކެމާތޯ އެވެ؟

ލިއުންތެރިޔާގެ ނޯޓު

"މިފަހަރު ނުކުރަންވީ ކަންތައް" މި ކޮލަމްގެ ފަސް ވަނަ މައުލޫއުއާ އެކު ނިމުމަކަށް މި ގެނައީ އެވެ. ކިޔުއްވައި، ޚިޔާލު ފޮނުއްވާ އަދި ފާޑުކިޔުއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިފެހެއްޓުމެއް ނެތް ޝުކުރު ރައްދު ކުރަމެވެ.

9 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 0%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢާޒި

29 October 2018

ކީއްވެތޯ މި ސިލްސިލާގަ ތިޔަ ކިޔާދެއްވާ ކަންކަން އަމިއްލަ ޢާއިލާގެ ބޭފުޅުންނަށް މިދިޔަ 8 ވަރަކަށް އަހަރު ތެރޭ ކިޔާނުދެއްވީ؟ މިހެން މިދެންނެވީ ރައްޔެތުންނަށް ކުރިމަތިވި މި އުނދަގޫ 5 އަހަރު ތެރޭ ހަމަ ރަނގަޅުކުރަންޖެހޭ އެންމެ ކަމެއްމެ ނުފެނި މިއަދު ވިދާޅުވާތީ! އަޅުގަނޑު ދެކޭގޮތުގައި ފުރަތަމަ މިބޭފުޅުން މިސުވާލަށް ޖަވާބު ދާރީކުރުވާފަ ނޫސްވެރިންވެސް މިކަހަލަ ބޭފުޅުންގެ ލިޔުން ގެނެސްދޭންވާނީ! އެހެންޏާ ފަހެ މިކަންކަން ނޭނގޭ ކުޑަކުއްޖަކުވެސް ނޫޅޭ ވިއްޔާ!

The name is already taken The name is available. Register?

އައިބީ

29 October 2018

ބައްލަވާ ޤައުމުގެ ކުޑަކުދިންނަށް އެނގުނަސް އެބޭފުޅާ އަށް އަދިކިރިޔާ ކަންނޭނގެ ނޫންތޯ އެނގިލެއްވީ! މިކަހަލަ ބޭފުޅުން މިތިބެނީ ތަންތާނގެ އިސްވެރިންނަށް.. އޯ ވެލް.. އިޓްސް ސޯ ސޭޑް!

The name is already taken The name is available. Register?

އަލީގ

29 October 2018

ބައެއްމީހުންނައް ފާޑުކިޔާ މީހުންނަކީ ހަތުރުންކަމައް ހަދަން މަޖުބޫރުވަނީ އެއީ އެމީހުން ގޯސް އަމަލުތަކެއް ހިންގީމަ އަދި އެކަން ހުއްޓާނުލާ ކުރިޔައް ގެންދަން ބޭނުންވާތީ. މިސާލަކައް ރައްޔިތުންގެ ފައިސާއައް ހިޔާނާތްތެރިވުމުން އެކަމައް ފާޑުކިޔާމީހަކީ ހަތުރެއްކަމައް ނުބަލާނަމަ އެކަމާމެދު ފިޔަވަޅުއަޅާއަދި އެކަން ހުއްޓާލަންޖެހޭ އެކަމަކު އެނިޔަތްނެތްނަމަ އެމީހަކީހަތުރަކައްހަދާ އެމީހާ ނެތިކޮއްލެވޭތޯބަލަންއެބަޖެހޭ.

The name is already taken The name is available. Register?

އައިސް

29 October 2018

މިހާރު ވެސް ތި ކަން ވެ ނިމިއްޖެ..

The name is already taken The name is available. Register?

ވާލުސޮރު

29 October 2018

ކަންކަމަށް ކެރިގެން ފާޑުކިއުމަކީ ވަރަށް ކުޜާހިތުންކުރެވޭ ކަމެކެވެ. މިކަމަކާހުރެ ސަރުކާރުގެ ވަޒީފާއެއްގަ ނޫޅެވުނުތާ އަމިއްލަ ކުންފުންޏެއްގަވެސް އުޅެވޭގޮތެއްނުވިއެވެ. އެކަމަކު މައްސަލައެއްނެތްތާއެވެ. އަމިއްލަ މަސައްކަތުން ނުދަރާ ފުދިގެން އެބަ އުޅެވެންޏާއެވެ. މިހެން އުޅެނިކޮށް މިއައީ ޕާޓީ ސިސްޓަމެވެ. ފުރަތަމަ އުފެއްދި ޕާޓީގެ މައިކެއްގަ ދެފަހަރަކު އަތްލަން ލިބުނެވެ. އެކަމަކު ކަން އޮތްގޮތަށް އެއްޗެއްބުނުމުން އެކަން ބައެއް ބޮޑުންނަށް ހަޖަމެއްނުވިއެވެ.

The name is already taken The name is available. Register?

ޢިކްރާމް

29 October 2018

މިހާރު އެހެންވެސް ހަދާފި.

The name is already taken The name is available. Register?

ކައްކަކާކޯ

29 October 2018

އަޅުގަނޑު ބޭނުން ޖަޒީރާ ރާއްޖެ މި ސްލޯގަންއަށް ފާޑުކިޔަން. ސަބަބަކީ "ރާއްޖެ" މި ބަހުން ޖަޒީރާ ވަންތަ ގައުމެއްކަން އެބައަންގައިދޭ. ޖަޒީރާ އިތުރުކުރާކަށް ނުޖެހޭ. ދެމެހެއްޓެނިވި ތަރައްގީފަދަ މާނަ އެކުލެވިގެންވާ ބަސްތައް ބޭނުންކުރަންވީ.

The name is already taken The name is available. Register?

ރައްޔިތުން

29 October 2018

ހިއެއް ނުވޭ ޔާމީން ނޫން ސިޔާސީ މީހަކު އެވަރަށް އެކަން (ހަތުރަކަށް ހެދުން) ކުރިހެނެއް. ޔާމީންގެ ވެއްޓުމަކީވެސް އެއީ. ފާޑު ކިއުމުން ގޯހެކޭ ބުނުމުން އެމީހަކު ހަތުރަކަށް ހަދައި ދުރުކުރުން. ދެން ހެދޭނީ ހުސް ގޯސްތާ! ދިވެހިން މިހާރު ދަނީ ތަސައްރަފު ފުދެމުން. ދިވެހިންނާ އެއްވަރަށް ޔާމީން ތަސައްރަފް ނުފުދުނީމަ ބަލިވީ!

The name is already taken The name is available. Register?

އެޔާމީނު

29 October 2018

ބޮޑުކެކުރި ވާހަކަ ކިޔައިދިން ބޭފުޅާ އެއުސޫލު ބޭނުން ކުރައްވައިފި. ތަހުގީގަތް ފޯނެއް ވެސް ނުދެއްވި، ޖަލުގައި ވެސް އޮންނަން ނުޖެހުނު. ނުކުރަންވީ ކަންތަކުގެ ތެރެއަށް މިކަން ލައިބަލަ މިނިވަން ނޫސް ވެރިޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454