ޚިޔާލު / ކޮލަމް 7

ކޮލަމް 7: ފައިސާ ނެތް އަންހެން ކެންޑިޑޭޓެއްގެ ވާހަކައެއް!

މީހަކު ފައިސާތަކެއް ގުނަނީ: ކެމްޕޭނުން ދައްކައިދެނީ ފައިސާ ބަހަންޖެހޭކަން

04 މާޗް 2019 - 08:16

117 comments

ރައްޔިތުންގެ މަޖިލީހަށް ނުކުންނަން ނިންމައި، އެ ވާހަކަ ދެއްކުމުން އާއިލާގެ އެއް މެމްބަރަކު އޭނާއާ ދިމާއަށް ބުންޏެވެ: "ކިޔަވައިގެން ކުރަން ތި ނޫން ކަމެއް ނޭނގުނީ ހެއްޔެވެ؟ ތިކަމެއް ކަލެއަކަށް ނުވާނެ އެވެ!"

ސަރުކާރުގައި 30 އަހަރު ހިދުމަތްކޮށް، އަދި ދެ ދާއިރާއަކުން މާސްޓާސް ހަދައި، މިހާރު ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރާތީ މި އަންހެން މީހާގެ ލޯ ވަނީ އިޖުތިމާއީ މައްސަލަތަކުގެ ތެރެއަށް ވަރަށް ބޮޑަށް ހުޅުވިފަ އެވެ. އޭނާ ބުނާ ގޮތުން، ގައުމު އޮތީ، ފަސާދަ އާއި ކޮރަޕްޝަނުން ސަލާމަތް ކުރަން ޖެހިފަ އެވެ. ހާއްސަކޮށް ނަޒާހަތްތެރި މަޖިލީހަކަށް ބޭނުންވެފައިވާ ވަރު އޭނާ އަށް ވަރަށް ރަނގަޅަށް ވިސްނެ އެވެ. އަޅުގަނޑާ އެކު ފޯނުން ވާހަކަ ދެއްކި ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ ތެރޭގައި އަޅުގަނޑަށް ވެސް ފެނުނީ އޭނާގެ ހިތްވަރާއި ގޮތްދޫނުކުރާ ކަމެވެ. ކުރިން ވެސް ދެކެފަރިތަ ރަހުމަތްތެރިޔަކަށް ވާތީ އޭނާގެ އަޒުމާ ދޭތެރޭ އަޅުގަނޑުގެ ހިތުގައި ސުވާލެއް ނެތެވެ. (އޭނާގެ ނަމާއި ދާއިރާ މި ކޮލަމްގައި ނުޖެހީ ވަރަށް ގިނަ ސަބަބުތަކަކާ ހެދި އެވެ.)

"ހުރިހާ ދެކޮޅުހެދުންތަކާ އެކު ވެސް އަޅުގަނޑު މި ހުރީ މަޖިލީހަށް ވާދަކުރަން ކުރިމަތިލައިގެން،" ދެ ކުދިންގެ މަންމަ ބުންޏެވެ.

އެކަމަކު އޭނާ ކުރަމުން އެ ދާ ތަޖުރިބާއަކީ އެހެން ކެންޑިޑޭޓަކު ކޮށްފާނެ ތަޖުރިބާއެއް ނޫނެވެ. އޭނާ އަށް ކުރިމަތިވި، އަދި ކުރިމަތިވަމުންދާ ކަންތައްތައް އެއީ އާދައިގެ ގޮތަކަށް ނަގައިގެންވާނެ ކަންކަމެއް ވެސް ނޫނެވެ. އޭނާ ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކުން ދައްކައިދެނީ ގައުމުގައި އޮތް މައްސަލަތަކެވެ. އިސްލާހު ކުރަން އުޅުނަސް، އިސްލާހު ވެދާނެ ކަމުގެ އަލާމާތެއް ފެންނަން ނެތް މައްސަލަތަކެކެވެ.

"އެންމެ ފުރަތަމަ ނިންމީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން. އެހެންވެ ޕާޓީގެ ރައީސްގެ އެޕޮއިންޓްމަންޓަކަށް އެދުނިން. އެކަމަކު އަދިއަދަށް ދާންދެން ވެސް ހަބަރެއް ނުވޭ،" އޭނާ ބުންޏެވެ.

ޕްރައިމަރީގައި ވާދަނުކޮށް އޭނާ އަމިއްލަ ގޮތުން، އުފަން ދާއިރާ އަށް ވާދަކުރި އެވެ. އޭގެ ކުރިން އެ ދާއިރާ އޮބްޒާވްކުރަން ދާއިރާ އަށް ދިޔަ އެވެ.

"އެކި މީސްމީހުންނާ އަޅުގަނޑު ވާހަކަ ދައްކާލީމަ ގިނަ މީހުން މި ބުނަނީ އަންނާށޭ 10 މިލިއަން ރުފިޔާ ހިފައިގެން،" އޭނާ ބުންޏެވެ. "ސިއްސައިގެން ދިޔައީ އެވަރުގެ އަދަދެއް ބުނީމަ ވެސް. އެކަމަކު ކަން ހިނގާ ގޮތް ފެނިފައި މިހާރު އެބަ ގަބޫލުކުރެވޭ އެއީ ހަމަ އަސްލު އަދަދެއްކަން ވެސް."

އަތުގައި އެއްވެސް ފައިސާއެއް ނެތި އޭނާ "ސުމެއްގެ" ބަޖެޓަކުން ކެމްޕޭން ފެށި އެވެ. ފޭސްބުކުން އެކަން އިއުލާން ކުރުމާ އެކު އެކިއެކި ފޯންކޯލްތައް އަންނަން ފެށި އެވެ.

"އެއް ދުވަހަކު މީހަކު އަޅުގަނޑު ކައިރިއަށް އައިސް ބުނެފި ތިމަންނަ ދީފާނަމޭ އަށް މިލިއަން ރުފިޔާ. އޭގެ ބަދަލުގައި ކޮށްދޭން ޖެހޭނެ ކަމަކީ ވީއައިޕީގެ ދަރަޖަ ލިބުނީމަ މިވެނި އެވެނި ކަންކަމެކޭ ކުރަން ޖެހޭނީ،" އޭނާ ބުންޏެވެ. "އަޅުގަނޑު ބުނެފިން އަޅުގަނޑު ފައިސާއެއް ބޭނުމެއް ނެތޭ. އަދި ތިއީ ގާނޫނު ހުއްދަ ކުރާނެ ކަންކަމެއް ވެސް ނޫނޭ."

އޭގެ ފަހުން އެހެން ހަތަރު މީހަކު އެކި ފަހަރުމަތިން އޭނާއާ ބައްދަލުކުރި އެވެ. ހުށަހެޅީ ހަތަރު މިލިއަން ރުފިޔާގެ އޮފާއެކެވެ. ޝަރުތަކީ މިހާރު ހުރި ކެންޑިޑޭޓްގެ ފަހަތަށް އެރުމެވެ. އެއާ އެކު އޮފާތަކުގެ އެހެން ޕެކޭޖެއް ވެސް އޭނާ އަށް ހުށަހެޅި އެވެ. އަދި ހަމަ އޭގެ ފަހުން، ދާދި ފަހުން އުފެދުނު (ނަން ކަނޑާލާފައި) ސިޔާސީ ޕާޓީއަކުން ވެސް އޮފާތަކެއް ލިބުނެވެ. އެކަމަކު އޭނާ ބުނީ ބައެއްގެ ޖީބަށް ނުވެއްޓި އެކަން ކުރަން ބޭނުންވާތީ އެ ހުރިހާ އެއްޗަކަށް ފުރަގަސް ދިނީ ކަމަށެވެ.

"ކުރިމަތިލާތީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތި ކުރުވި. އަޅުގަނޑު ކުރިމަތި ލިޔަ ނުދޭން ވެސް، ނަން ނަގާތޯ ވެސް އެތަކެއް މަސައްކަތެއް ކުރި. ނުކުރަނީ ކޮން ކަމެއްތޯ؟ ސެކްޝުއަލީ ހެރޭސް ކުރުމާ ހަމައަށް ދިޔަ،" އޭނާ ބުންޏެވެ.

ލިބުނު މުސާރައިން ކުޑަ ލާރިކޮޅެއް ހިފައިގެން މިދިޔަ ނޮވެމްބަރުގައި އޭނާ ނައްޓާލީ ރަށަށެވެ. އެކަނިމާއެކަނި މަސައްކަތް ފެށި އެވެ. ރަށްރަށުގައި އޭނާގެ ޖަގަހައެއް ނެތެވެ. ތާއީދުކުރާ ޓީމުތަކެއް ނެތެވެ. ރަށަށް ފައިބާއިރު މަރުހަބާ ކިޔާކަށް މީހުންނެއް ނުތިބެ އެވެ. ޕޯސްޓަރެއްހާ ހިސާބު ވެސް އަދި ނެތެވެ. ސަބަބަކީ ފައިސާ އެވެ!

"މީހުން މަލާމާތް ވެސް ކުރޭ. އެކަކު ބުނި ކަލޭ ތިއުޅެނީ މޮޔަވެގެންހޭ. ފިރިޔަކު ނުހުންނަކަން އެނގުނީމަ އެކަކު ބުނި ތިއުޅެނީ ފިރިއަކު ނެތިގެން ލާރި ހޯދާނެ ގޮތެއް ނެތިގެން ނޫންހޭ ވެސް. ބައެއް ގޭގެ އަށް ވަންނަން ނުކެރިފައި ދޮރުމަތީގައި ހުރެފައި އެބަ ނައްޓާލަން،" އޭނާ ބުންޏެވެ.

އޭނާގެ އަތުގައި ފައިސާ ނެތްކަމާއި، ފައިސާ ހުއްޓަސް ފައިސާ ނުބަހާނެ ކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެންވެ، ނަތީޖާ އަކީ އެންމެ ފުރަތަމަކޮޅު "ބާކީ"ވުމެވެ.

"އަޅުގަނޑު ރަށްރަށަށް މި ދަނީ ރަހުމަތްތެރިއެއްގެ ޑިންގީއެއްގައި. އެއަށް ޖެހެނީ ހަމައެކަނި 200ރ. ގެ ތެޔޮ އަޅައިދޭން. އަޅުގަނޑު ދަނީ ވެސް އެކަނި. އެނބުރި އަންނަނީ ވެސް އެކަނި. ދެން ދަތުރުކުރަނީ ފެރީގައި. ފުރައިގެން ދާނެ ފެރީ ނެތިއްޔާ ފެރީ އޮންނަ ދުވަސް އަންނަންދެން އެ ރަށެއްގައި މަޑުކޮށްގެން ހުންނަނީ،" އޭނާ ބުންޏެވެ. "މީހުން ބުނޭ ތިހެނެއް ތިކަމެއް ނުވާނެއޭ. ފައިސާ ނެތި ހިތަށް ވެސް ނާރުވާށޭ. އަޅުގަނޑު އެ މީހުން ގާތު ބުނަން ފަސް އަހަރުން މަޖިލީހުގެ މުސާރަ އަށް ލިބެނީ 4.5 މިލިއަން ރުފިޔާއޭ. ކިހިނެއްހޭ އަށް މިލިއަން، 10 މިލިއަން ބަހާނީ."

ކެމްޕޭނަށް ބަރާބަރު ތިން މަސް ދުވަސް ވީ އިރު އޭނާ ހަރަދުކުރީ ވިއްސަކަށް ހާސް ރުފިޔާ އެވެ. އޭނާ ބުނީ މިކަން ކުރާކަން އެނގިގެން ވަރަށް ގާތް މީހުން އެކި ފަހަރުމަތިން "ތިކަން ކުރާތީ ބައިވެރިވެލީއޭ" ކިޔާފައި 40،000ރ. ދިން ކަމަށެވެ.

"އެއިން ޕޯސްޓަރުކޮޅެއް ހަދާލައިފައި، މިހެން ހުންނަ ވަރަށް ކުދިކުދި ހަރަދު މި ކޮށްލަނީ،" އޭނާ ބުންޏެވެ.

އެކަމަކު ފައިސާ ނެތި މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރުމަކީ، އޭނާ ވެސް ގަބޫލުކުރާ ގޮތުގައި، ނާދިރު ކަމެކެވެ. އޭނާ ބުނާ ގޮތުން، މުޅި ގައުމު މި އޮތީ ފައިސާގައި ޖެހުމުގެ ނުބައި އާދަތަކުގެ ތެރޭގައި ޣަރަގުވެ ނިމިފަ އެވެ.

"ބައެއް ގޭގެއިން އެބަ ކަރަންޓް ބިލް ދޭ. ޓިނު ޖަހައިދޭން، ބޭސް ފަރުވާ އަށް މިހެން ގޮސް ކިތަންމެ ކަމެއް އެބަ ބުނެލާ ހަމަ ޑައިރެކްޓްކޮށް،" އޭނާ ބުންޏެވެ. "މިވެނި އެވެނި ކަމެއް ނުކޮށްދީފިއްޔާ ވޯޓެއް ނުލާނަމޭ އައި ތަނަކަށް ދާށޭ ސީދާ ދިމާލަށް އެބަ ބުނެލާ."

މަޖިލީހުގައި އޭނާ ވާދަކުރަނީ މުއްސަންޖަކާ އެވެ. އެ މަހުޖަނު ޚަރަދުކުރާ ތަން ފެނިފައި ކޮންމެ މީހަކުހެން ދުއްވައިގަންނަނީ އޭނާއާ ދިމާއަށެވެ. އޭނާ އަށް ގަބޫލުކުރެވެނީ، ނަޒާހަތްތެރި ފިކުރެއް، އުމުރުގެ ބޮޑު ބައި ހޭދަކޮށްގެން ހޯދި ތައުލީމު މިއީ އެއްވެސް އެއްޗެއް ނޫން ކަމެވެ. ހުރިހާ ވެސް އެއްޗަކީ ފައިސާ އެވެ.

"މިއީ މުޅި ރާއްޖޭގެ ވެސް ހާލަތު. އެކަމަކު އެ ސަގާފަތް ހުއްޓުވަން ކޮންމެވެސް ބަޔަކު އެބަ ޖެހޭ ނުކުންނަން. އެކަމަށް އަޅުގަނޑު މި ނުކުތީ ވެސް.-- ތެދެއް، އަޅުގަނޑަށް އެކަނި ކާމިޔާބު ނުވެ ހިނގައިދާނެ. އެކަމަކު ކޮންމެވެސް ބަޔަކު މިހާރު ނުކުމެގެންތާ ފައިސާގެ ދަލުގައި ރައްޔިތުން ނުޖެހި ސަލާމަތްވާނީ."

ސުވާލަކީ މި އެވެ؛ ފައިސާގެ ފުނިވަރަށް ވޯޓު ވިއްކުމުގެ ވަރަށް ބޮޑު ތާރީހެއް އޮތް މި ގައުމުން އެ ވަބާ ހުއްޓުވިދާނެ ހެއްޔެވެ؟ އާޚިރުގައި މި ކެންޑިޑޭޓުގެ މަސައްކަތް ނިމިގެން ދާނީ ކިހިނެއް ހެއްޔެވެ؟

"ނުހޮވިދާނެ. އެކަމަކު އެކަމަކާ އަޅުގަނޑު ލަދެއް ނުގަނޭ. ސުމަކުން ބަލިވިޔަސް ހެޔޮ. އަޅުގަނޑު ހުންނާނީ މިގޮތުގައި."

117 ކޮމެންޓް, 548 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 8%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެނޯ

08 March 2019

ޙޮވުނީމާ އުޅޭ ހަޑި ގޮތް ލިޔެބަލަ..

The name is already taken The name is available. Register?

ރާމްބޯ ޑީ މޫނިމާ / ޖަރުމަން

05 March 2019

މީނަ ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ. ތި މިލިއަނުން އޮފާ ލިބުނު ވާހަކަ ސިކުނޑީ ސަލާމަތުން ހުރި އެކަކުވެސް ގަބޫލު ނުކުރާނެ ހާއްސަކޮށް ސިޔާސީ ދާއިރާގަ އުޅޭ މީހުން. ފުރަތަމަ ކަމަކީ ތިހާ ބޮޑު ނަޒާހަތްތެރި އެއް ނަމަ ކީއްވެ ގާނޫނާ އެއްގޮތައް އެކަން ރިޕޯޓް ނުކުރީ؟ ދެވަނަޔައް އޭނަ އަމިއްލަޔައްވެސް ނުހޮވޭނެ ކަން ޔަގީން ވާއިރު ކާކު ނުހޮވޭނެ މީހަކައް ތީގެއިން އެއްވެސް އޮފާ އެއް ދޭނީ. ނޫނޭ އަހަރުމެނަކީ ގަމާރުން.

The name is already taken The name is available. Register?

ރާމްބޯ ޑީ މޫނިމާ / ޖަރުމަން

05 March 2019

ރައްޔިތުން ތިބީ ވިކިފައޭ ކިޔާފަ ރައްޔިތުންނައް ނުބަވާނެ ސިޔާސީ ގޮތުން ތަސައްރަފު ފުދިފަ ހުރި މީހަކު. އެހެންވެ އާއްމު ރައްޔިތުން މީނަޔަކީ މޮޔައެކޭ އެބުނަނީ. ލިޔުންތެރިޔާވެސް އޭނަގެ ނެރެޓިވް އައް ސަޕޯޓު ކުރާތީ މިކޮމެންޓް ނުޖަހާނެ ކަން އިނގޭ، އެކަމް އަޅެ ބަލާބަލަ އެމެރިކާ ފަދަ ހަރުދަނާ ސިޔާސީ ކެރިއަރ ފްރޭމްވޯކު ފައްކާވެފަ އޮތް އެއްވެސް ގައުމެއްގައި މިގޮތައް ހައި ޖަމްޕު ކުރެވޭނެތޯ.

The name is already taken The name is available. Register?

ރާމްބޯ ޑީ މޫނިމާ / ޖަރުމަން

05 March 2019

މިރާއްޖޭގަވެސް ވަރައް ފުރިހަމަ ޕާޓީ ސިސްޓަމަކާ ޕޮލިޓިކަލް ކެރިއަރ ފްރޭމްވޯކެއް ފައްކާވެފަ އެބައޮތް މިހާރު. ރަނގަޅު ގޮތަކީ ރަނގަޅު ޕާޓީ އެއްގެ ތެރެއިން ސިޔާސީ ކެރިއަރު ފެށުން. ފަށާއިގެން ހަރުފަތަކައް ފަހު ހަރުފަތެއް ގިރާކުރަމުން ގޮއްސަ ޕާޓީ ޓިކެޓް ހޯދުން. ކުއްލިޔަކައް ހައި ޖަމްޕެއް ނުކުރެވޭނެ ހަރުދަނާ ސިޔާސީ ކެރިއަރ ފްރޭމްވޯކެއް ފައްކާވެފައިވާ އެއްވެސް ގައުމެއްގައި. މިލިއުމުން ދޭހަވާ ގޮތުގައި މީނާ މިއުޅޭނީ ހައި ޖަމްޕެއް ކުރެވޭތޯ.

The name is already taken The name is available. Register?

ކަހެރުވަ

05 March 2019

މިގައުމުގެ އެންމެ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގަވެސް ފައިސާ ބަހާލި ވާހަކަ އަޑުއިވެނީ. ފައިސާ ނުބަހާ ބައެއް ނެތްކަންނޭގެ އަދި އެ ދިނީމަ ނުހިފާ ބައެއް ނެތްއިރުގައި ފައިސާނެތް މީހަކަށް ކާމިޔާބުވުން ދުރު. ފައިސާ ނެތިއްޔާ ޒަމާނާ ނުގުޅެނީ. ވަރަށް ދެރަ. އެކަމު ކާމިޔާބަށް އެދެން ތިކުރާ ހިތްވަރަށް.

The name is already taken The name is available. Register?

ހަގީގަތް

05 March 2019

ތިޔަ މީހަކީ އަހަރުމެންގެ ދާއިރާނަމަ މަގޭ ވޯޓް ޔަޤީން.

The name is already taken The name is available. Register?

ޖަޒީރާ އަހުލުވެރިއެއް

05 March 2019

އަހރެން ތާއިދު ކުރަން ލާރިއަށް ވޯޓް ވިއްކުން ހުއްޓުވުމައް މަސައކަތް ކުރަން ޖެހޭ. ހިތްމަތާ އެކު މަސައކަތް ކުރޭ އިރާދަކުރެއްވިއްޔާ މާތްﷲ ކާމިޔާބު ދެއްވާނެ

The name is already taken The name is available. Register?

ކޮރަޕްޝަނާދެކޮޅު

05 March 2019

މަގޭ ދާއިރާގަވެސް އެބައުޅޭ ތިކަހަލަ ލާރި ނެތް ސޮރަކު! މެންބަރުކަމަށް ކުރިމަތި ލައިގެން. އެކަމަކު މަ ތާއީދު ކުރަނީ އެސޮރަށް! އަދި އެބުނާ ކަހަލަ މަހުޖަނުންވެސް މިދާއިރާއަށް ކުރިމަތި ލައިގެން އެބައުޅޭ! މަބުނާނީ ކުރިމަތިލިތީ ޝުކުރިއްޔާއޭ! މަށެއް ނުގަނެވޭނެ!!!!

The name is already taken The name is available. Register?

އަންހެނުންނަށްތާއީދު

05 March 2019

"ފިރިއަކު ނެތިގެން ލާރި ހޯދާނެ ގޮތެއް" "ސެކްޝުއަލީ ހެރޭސް ކުރުމާ ހަމައަށް ދިޔަ" މިނޫނީ އަންހެނަކަށް ހުރިހުރަހެއް އާޓިކަލްގަ ބުނެދީފައެއްނެތް. ބޮޑަށް ބުނެދީފަހަ ހުރީފައިސާއާ ކޮރަޕްޝަންގެވާހަކަ. މިހާރަކަށް އައިސް އަންހެނުންގެ ހައްގަށްމަސައްކަތް ކުރާތީވެ އޭގައި ނާޖާއިޒް ފައިދާނެގުންވެސްވަނީ އާއްމުވެފަ

The name is already taken The name is available. Register?

ކޮބާ..ކޮބާ

05 March 2019

ހައްގުގެ މަގުގައި އެބޭފުޅާ ކުރައްވާ މަސައްކަތުގައި ބަރަކާތް ލިއްވާށި.. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454