ރާއްޖޭގެ މަރުކަޒީ ބޭންކުގެ މައި އިދާރާ: ކަޅު ފައިސާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުން އާންމުންނަށް ގިނަ ދަތިތަކެއް ކުރިމަތިވޭ
19 ސެޕްޓެމްބަރ 2016 - 07:38
ރާއްޖޭގެ މަރުކަޒީ ބޭންކުން ރާއްޖޭގެ ބައެއް ބާރުގަދަ ފަރާތްތަކަށް "ފައިސާ ދޮންނަން" އެހީވި ކަމަށް ދެކެވޭ ވާހަކައަކީ ޤަބޫލުކުރެވޭ ވާހަކައެއް ނޫނެވެ. އެފަދަ ކަންތައްތައް ކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެފަރާތުން ވިޔަފާރި ބޭންކުތައް މެދުވެރިކޮށް އަޅަމުންދާ ފިޔަވަޅުތަކަށް ބަލައިލުމުންނެވެ. ފައިސާ ދޮވުމޭ މިދަންނަވަނީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ފައިސާ ނުވަތަ ޙަލާލު ނޫން ގޮތުގައި ހޯދާފައިވާ ފައިސާއަކީ ރަނގަޅު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމަށް ދައްކަން، ފައިސާގެ މަސައްކަތްކުރަން ޤާނޫނުން އުފައްދާފައިވާ މުއައްސަސާތަކުން އެހީތެރިވެ ދެއްވުމަށެވެ.
މިހާރު ރާއްޖޭގެ ބޭންކެއްގައި އެކައުންޓެއް ހުޅުވުމަކީ ވެސް އުނދަގޫ ކަމެކެވެ. ފުރަތަމަ ޖެހެނީ އެޕޮއިންޓްމެންޓެއް ހަދާށެވެ. އެޕޮއިންޓްމެންޓެއް ލިބެނީ ވެސް އެހާ ދުވަހުންނެވެ. މިއާ ޚިލާފަށް ރާއްޖެއިން ބޭރުގައި، އެބޭންކަކުން ދޫކުރާ ފޯމެއް ފުރިހަމަކުރުމަށް ފަހު، އެފަރާތުން ބޭނުންވާ ޝަރުތުތައް ފުރިހަމަކުރުމުން ބޭންކުން ނުކުންނަނީ އެކައުންޓު ހުޅުވައިގެންނެވެ. އޭޓީއެމް މެޝިނުން ފައިސާ ނަގަން ބޭނުންވާ މީހާ ބޭންކުން ނުކުންނަނީ ކާޑު ވެސް ހިފައިގެންނެވެ. އެއްފަހަރާ އެއް ދުވަހުން ހުރިހާ ކަމެއް ނިމުނީ އެވެ. އެކަމަކު އެފަރާތުން ބޭނުންވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރުމުންނެވެ. މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމުން ބޭންކުން ބުނަނީ މަރުކަޒީ ބޭންކުން އަންގާ ގޮތަށް ކަންތައްކުރަނީ ކަމަށެވެ. ދިވެހި ބޭންކުން ފައިސާ ދޮވުމާ އިދިކޮޅަށް ކުރައްވާ މަސައްކަތާ ހުރެ އަޅުގަނޑާ ކުރިމަތިވި ކަންތައްތަކުގެ ވާހަކަ ދަންނަވާލާނަމެވެ.
އަޅުގަނޑު ބޭނުންވީ ޒަމާނީ ސައިކަލެއް ގަންނާށެވެ. އަޅުގަނޑު ރައްކާކޮށްފައި ހުރި ފައިސާ ބޭންކުގައި ހުއްޓެވެ. ފައިސާ އަޅުގަނޑުގެ އެކައުންޓަށް ޖަމާވެފައިވާ ގޮތް އަޅުގަނޑުގެ ބޭންކު އެކައުންޓް ބަލާލަމުން، ކަމެއް ސާފުކުރަން ބޭނުންވާ މީހަކަށް ރަނގަޅަށް ސާފުކުރެވޭނެ އެވެ. އަޅުގަނޑު ބޭނުންވީ 70،000ރ އެވެ. ކައުންޓަރުގައި އިން އޮފިސަރު އަޅުގަނޑާ ސުއާލުކުރީ ކީއްކުރަން ނަގާ ފައިސާއެއްތޯ އެވެ؟ "ތިޔަ ބޭފުޅުންނަށް އެނގެން ޖެހޭތޯ އެވެ؟" އަޅުގަނޑު ސުއާލުކުރީމެވެ. ބޭނުން ނުބުނަންޏާ ފައިސާ ނުލިބޭނެ ކަމަށް ވިދާޅުވި އެވެ. އަޅުގަނޑު ސައިކަލެއް ގަންނަން ކަމަށް ދެންނެވީމެވެ. އަދި އަޅުގަނޑު ލައްވާ ޗެކުގެ އަނެއް ފުށުގައި ފައިސާ ބޭނުންވާ ސަބަބު ލިއުއްވި އެވެ. އެއާ އެކު އަޅުގަނޑުގެ ހުރިހާ ވަނަވަރެއް ލިއުއްވާ ސޮއިކުރުވި އެވެ. އޭނާ ތެދުވެވަޑައިގެން ހިންގަވައިގަތީމާ ކިހިނެއް ވީތޯ އަޅުގަނޑު ސުވާލުކޮށްލީމެވެ. އޭނާ ވިދާޅުވީ މެނޭޖަރުގެ ހުއްދަ ހޯއްދަވަން ވަޑައިގަންނަވަނީ ކަމަށެވެ. އަޅުގަނޑުގެ ފައިސާ އިން އަޅުގަނޑު ސައިކަލެއް ގަންނަން މެނޭޖަރު ހުއްދަދެއްވައިފި އެވެ. އަޅުގަނޑުގެ ފައިސާ އަޅުގަނޑު ބޭނުން ގޮތަކަށް ޤާނޫނީ އިމުގެ ތެރޭގައި ހޭދަކުރުމަކީ އަޅުގަނޑަށް ލިބިފައި އޮންނަ ޙައްޤެއް ނޫން ބާވަ އެވެ؟ ޑިމޮކްރަސީ އަށް "ލާ" ކިޔާ ޒަމާނެއްގައި، ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުގައި އޮންނަ އުސޫލަށް "ނަޢަަމް" ކިޔާ ޒަމާނެއްގައި މިވާހަކަ ދެއްކުމަކީ ބޭކާރު ކަމަކަށް ވެސް ވެދާނެ އެވެ. ދާދި ފަހުން ސަރުކާރުގެ ޕުރޮޕެގެންޑާ ރޭޑިއޯގައި ދީނީ ޢިލްމުވެރިއަކު ވާހަކަ ދައްކަވަމުން ވިދާޅުވީ ޙައްޤުގެ ވާހަކަ ނުދައްކާށެވެ. ތިމާގެ މަސްއޫލިއްޔަތުގެ ވާހަކަ ދައްކާށެވެ. މިކަން އިސްލާމްދީނުގައި އޮންނަ ގޮތް ޕީޕީއެމްގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރުން އަޅުގަނޑުމެންނަށް ސާފުކޮށް ދެއްވިއްޔާ ވަރަށް ރަގަޅުވާނެ އެވެ. އަބުރާ ބެހުން އިސްލާމް ދީނުގައި މާނަކުރެވޭ ގޮތް ސާފުކޮށްދެއްވާ ގޮތަށެވެ. ބޭންކުން ކުރިން ދެންނެވި ގޮތަށް ކަންތައްކުރައްވަނީ މަރުކަޒީ ބޭންކުގެ އެންގެވުމަކަށް ކަމަށްވެ އެވެ. އެބޭފުޅުން އިންޓަލިޖެންސް ޔުނިޓްގެ ބޭނުމަށެވެ.
އެހެން ދުވަހެކެވެ. އަޅުގަނޑަށް މީހަކު ދިން ޗެކެކެވެ. ޗެކެއް ކަމަށްވާ ނަމަ ޗެކް ދިން ފަރާތް ބޭންކަށް ރަނގަޅަށް ސާފުކުރެވޭނެ އެވެ. އަޅުގަނޑުގެ ޗެކް ޖަމައެއް ނުކުރި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އަޅުގަނޑުގެ މައުލޫމާތު ފުރިހަމަނުވުމެވެ. އަޅުގަނޑަކީ ބޭންކުގައި އެކައުންޓު ހުޅުވައިގެން އުޅޭތާ އެތައް އަހަރެއް ވެފައިވާ މީހެކެވެ. އެވެސް މަރުކަޒީ ބޭންކުގެ ބޭނުމަށް ކުރައްވާ ކަމަކަށްވެ އެވެ. ކަޅު ފައިސާ ދޮވުނަނުދިނުމަށެވެ. ބޭންކަށް ދޭން ޖެހޭ މައުލޫމާތުގެ ތެރޭގައި އެހެން ބޭންކެއްގައި އަޅުގަނޑުގެ އެކައުންޓެއް އޮތްތޯ ވެސް އެގެން ޖެހެ އެވެ. އަޅުގަނޑުގެ ހިއްސާއެއް އެއްވެސް ކުންފުންޏެއްގައި ވާ ނަމަ އެކަން ވެސް އެނގެން ޖެހެ އެވެ. އަދި އަޅުގަނޑުގެ ތަޢުލީމީ ފެންވަރު ވެސް އެނގެން ޖެހެ އެވެ. އަޅުގަނޑުގެ ތަޢުލީމީ ފެންވަރާއި ބޭންކަށް އަޅުގަނޑު ޖަމާކުރާ ފައިސާއާ ހުރީ ކޮން ގުޅުމެއްތޯ ދަންނަވާލުމުން ކަމާ ބެހޭ ބޭފުޅަކު ވިދާޅުވީ އެއީ އެމެރިކާގެ ބޭނުމަކަށް ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗަކުން ހިދުމަތް ލިބިގަންނަނީ: ބޭންކްތަކުން މިހާރު ކުރިމަތިކުރާ ސުވާލުތައް ގިނަ
މިފަހަރު މިކަން ދިމާވީ އަޅުގަނޑުގެ ރައްޓެއްސަކަށެވެ. އޭނާއަކީ ބޭރު ކުންފުންޏަކަށް މަސައްކަތްކުރާ މީހެކެވެ. އޭނާގެ މުސާރަ ލިބެނީ ބޭރު ކުންފުނިންނެވެ. ވަަޒީފާއާ ބެހޭ ހުރިހާ މާލޫމާތަކާއި ލިއުންތަކެއް ބޭންކުގެ ބޭނުމަށް ހުށައެޅި އެވެ. ފުރަތަމަ މަހުގެ މުސާރަ އައުމުން ވެސް އެކައުންޓަށް ޖަމާނުކޮށް އެތައް ދުވަހަކު ހިފަހައްޓާލި އެވެ. ކޮންމެވެސް ބެލުންތަކެއް ބަލާށެވެ. އޭގެ ފަހުން ބުނީ ފައިސާ ދޭ ރަސީދު އެފަރާތުން ބުނާ ގޮތަކަށް ބަދަލުކުރުމަށެވެ. އޭރު އޮތީ ފައިސާ ދައްކާފަ އެވެ. އެހެން ފަހަރެކެވެ. ކުންފުނިން މުސާރަ ޖަމާކުރުމުން، މުސާރަ އެކައުންޓަށް ޖަމާނުކޮށް އެތައް ދުވަހަކު ހިފަހައްޓާލި އެވެ. އެކޮޅުން ޖަމާކުރާ ފައިސާ ބޭންކަށް ބަލައިގަތުމަށް ފަހުގަ އެވެ. މިގޮތަށް ހެދުމުން ފައިދާވަނީ ކޮން ބައަކަށްތޯ އެވެ؟ ވިޔަފާރި އިދާރާއެއްގައި އެންމެ ދުވަހަކު ފައިސާ ބެހެއްޓިއަސް، އެފައިސާއެއް ބެހެއްޓި ތަނަކަށް އެދުވަހުން ފެށިގެން ފައިދާވާނެ އެވެ. މިފަދަ ކަމެއް ޢާއްމު މީހަކު ކޮށްފި ނަމަ އެއަށް ކިއަނީ ނާޖާއިޒު ގޮތުން ފައިދާނެގުމެވެ. ވިޔަފާރި އިދާރާތަކުން މިހާ ވަރަށް ސްކުރީން ކުރަނީ، މަރުކަޒީ ބޭންކުގެ ބޭނުމަށް، ކަޅު ފައިސާ ދޮވުނަ ނުދިނުމަށް ކަމަށްވެ އެވެ. މިކަމުގައި އެންމެ އުނދަގޫ އުފުލަން ޖެހެނީ މަދު ފައިސާކޮޅެއް ގެންގުޅޭ އާއްމު ރައްޔިތުންނަށެވެ. ކަޅު ފައިސާ ރާއްޖޭގައި ނުދޮވެވެނީ މަރުކަޒީ ބޭންކުގެ އެންގެވުމަށް އެހެން މާލީ އިދާރާތަކުން މިހާ ރަނގަޅަށް މިކަން ކުރައްވާތީވެ އެވެ. މޫނަށް، މަޤާމަށް ބެލުމެއް ނެތި ހަމަހަމަ ކަންމަތީ އެންމެނަށް އެއްގޮތަކަށް ކަންތައްކުރައްވާތީވެ އެވެ. އަދީބަކަށް ވިޔަސް، ޝާޢިރަކަށް ވިޔަސް ނުވަތަ ޙާފިޒަކަށް ވިޔަސް އެފަރާތްތަކުން ކަންތައް ކުރައްވަނީ ވަކި ފަރާތަކަށް ބުރަނުވެ ހަމަހަމަކަންމަތީގަ އެވެ.
ބައެއް މާލީ އިދާރާތަކުން ޚިދުމަތް ހޯދާ ޢާއްމު ފަރުދުންނަށް، މަރުކަޒީ ބޭންކުގެ ބޭނުމަކަށް ކަމަށް ބުނެ، ކުރިމަތިކުރުވާ ހުރަސްތަކާއި ދަތިތަކަކީ އަޅުގަނޑުގެ ނަޒަރުގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ރޫޙާ ޚިލާފް އަމަލުތަކެކެވެ. ކުށެއް ކޮއްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމަށް ބެލުމުގެ ޙައްޤު، ޤާނޫނުއަސާސީން އަޅުގަނޑުމެންނަށް ދީފައިވެ އެވެ. އަދި ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ ހުދޫދު ކަނޑައަޅާފައިވެ އެވެ. އަޅުގަނޑަށް ޤާނޫނުއަސާސީގެ މި މާއްދާތައް މާނަކުރެވެނީ ޙަޤީޤަތުގައި ވެސް ރަނގަޅަށްތޯ ބެއްލެވުމަށް ޤާނޫނުއަސާސީގެ މާނަކުރުމާ ބެހޭ ގޮތުން ފަހު ބަސް ވިދާޅުވާ ފަރާތުގެ ބަހެއް ހޯއްދެވުމުގެ ބޭނުމެއް ނެތެވެ. ތިޔަ ބޭފުޅުން މާނަކުރައްވާނީ ރަނގަޅަށް ކަމަށް ބަލައިގެން، މިނިވަންކަމުގައި، ހަތަރު އުދަރެސް ފެނުގައި ޖެހިފައި ހުރި، އަޅުގަނޑަށް ޖެހެނީ، މިއަދު މިވަރުން ފުއްދާލާށެވެ.
"ވަޅެއް ނުތެޅޭނެ އެވެ. ތެޅޭނީ ދާނި" ކަން ވެސް އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
20 September 2016
ކަޅުފައިސާ ދޮންނަ މީހުްނ އަދިވެސ އެކަން ކުރާަނެ، އެހެން ނޫންނަމަ، އެމއެމްޕީއާރސީ އަށް އެދްރެސްކޮށފައި ހުރ އެތައް ޗެކެއް އެސްއޯއެފް ކިޔާ ކުންފުންޔަކަން ވަދެ ނުކުންނަ އިރު އެމްއެމްއޭ އަށް ނެނގި ހުންނާނެ؟؟
އަލްޖިބްރާ
20 September 2016
އަމިއްލަ އެކައުންޓަށް ފަސްލައްކަ ޑޮލަރު ވަންނައިރު ސާފުކުރާ މަޢުލޫމާތެއް ނެތް ! އާއްމުން ގެ މީހަކު 500ޑޮލަރު އަމިއްލައެކަުންޓުން ނަގަންދިޔައިމަ އަލިފުން ޔާޔަށް މައުލޫމާތު ދޭންޖެހެނީ އެއީ ދެއްކުންތެރިކަން ! ބެންކުގަ ތިބޭމީހުންގެވެސް ވަޒީފާގަޑު ގެއްލިދާނެތީ ވަކިބަޔަކު ކިތަންމެ ބައިވަރު ފައިސާއެއް ޖަމާކުރިއަސް ނެގިއަސް ސުވާލު ކުރާކަށް ނުކެރޭނެ ! އަދި އެފައިސާ ނުދީ ހިފަހައްޓާކަށްވެސް ހަމަ ލާހިކެއް ނޫން !
ރަޝީދު
20 September 2016
މި އާރޓިކަލް ގައި އެވާ މިންވަރަށް ޗެކްކޮށް އެމެރިކައަށް އަޅުގަނޑުމެންގެ މަޢުލޫމާތު ޝެއާރ ކުރަނީ، އެއީ ހަމަ އެކަނި އާންމުންގެ އެއްޗިއްސެވެ. މިއީ ލިބެންހުރި ލިއުތަކުން އެގޭކަންކަމެވެ. އެހެނީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ފައިސާގެ ޖަރީމާގައި ވެސް ޝާމިލުވަނީ ތިޔަވިދާޅުވާ ބޭންކްތަކުގައި ހުޅުވިފައިވާ އެކައުންޓަށް ޗެކްތައް ވަރުވަރުން ޖަމާއަކޮށްގެންނެވެ. ފައިސާ ޖަމާކުރި ސްލިޕް ތައްވެސް މިހާރު ފެންމަތިވެފައި އެވަނީ އެވެ. އެދުވަހު ތިޔަވިދާލުވާ ވަނަވަރާއި، ފައިސާ ހޯދި ގޮތާއި، ދިންފަރާތާއި، ދިންބޭނުމާއި، ޗެކް އިޝޫކުރީ ކީއްކުރަންތޯ ޗެކްގެ ފުރަގަހު ލިޔުނުކަމަކަށް ނުވެއެވެ. މީގެން އެގެނީ އެވްރި ބޮޑީ އިޒް އީކުވަލް... ސަމް އާ މޯ އީކުއަލް ކަމެވެ. ކާޓޫނު ޑިމްކްރަސީ ގެ އެންމެ އަރާހުރި ވައްތަރުކަމެވެ. އޭރުވެސް މަރުކަޒީ ބޭންކް އޮވޭ.. ބަލަން ވެސް ބަލާ... އިދާރީ ބޭންކުން އަޅުނގަޑުވެސް އޮރިޔާންކޮށް ފާސްކުރޭ ކޮންމެ ހަފްތާއަކު އެއްފަހަރު... ފައިސާލިބުނު ގޮތާއި ދިންފަރާތް ކުރާމަސަތްކަތް ވަނަވަރު... އެކަމަކު އެދިޔައީތާ ޑިމްކްރަސީގެ ދަށުން ވަކި ބަޔެއް ނުބެލި... ވީ ނުވީއެއް ނޭގި... ޒިންމާވަނީ... އެވާހަކަ ދައްކާ މީހުން...އެއީ އަނގަ ބަންދު ކުރާ ގާނޫނުގެ ދަށުން "އަބުރާ ބެހޭޤާނޫނު" މީ އަޅުވެތިކަމުގެ ރާއްޖެ... ޑިމޮކްރަސީގެ ލާމަސީލު ރާއްޖެ... އެންމެ ވަރުގަދަ ޤާނޫނު އަސާސީ ލިބިގެން އުފާ ކުރާ ދިވެހި ރާއްޖެ...!
ބޭންކް
19 September 2016
މިގައުމުގެ ގަވާއިދު ތަށް ވަރަށް ސަޅިވާނެ. ބުނެބަލަ އަމަލުކުރެވޭ ގަވާއިދެއް. ބޭންކް ވިއަސް ހަމައެގޮތް. މމޕރސ ގެ ކޮސް ޗެކެއް އަމިއްލަމީހެއްގެ އެކައުންޓަށް ޖަމާކުރެވުނީ ގަވާއިދު ތަށް ތަންފީޒުނުކުރެވޭ ކަމުގެ ހެއްކެއް.
ސެވަން
19 September 2016
ވަޅުތެޅޭނެ ކޯރާޑިން
މެންޓަލިސްޓް
19 September 2016
ބަލަ ގާނޫނީ ހަމަޔަކުން ، ގަވާއިދުތަށް ބުނާގޮތުން ސިފައިންގެ ބަޑިގުދަނުން ބަޑިނެރެގެން ވަގަކަށް ނުގެންދެވޭ ،، އެކަމު އެތަނުގެ ހަތިޔާރު ތަށް ހުރީ ހިބަޅިދޫކިޔާރަށެއްގެ ނެރުކައިރިޔަށް ފައްތާފަނޫންތޯ ؟ މީ އަޅުގަނޑު ބުނާވާހަކައެއްނޫން ،، ދިވެހި އަސްކަރިއްޔާއިން އަދި ރައީސްުޔާމިން ވިދާޅުވިވާހަކަ ،، ދެން އަނެއްކަމަކީ ބްލެކްމާރކެޓްގައި ޑޮލަރުވިއްކުމަކީ ގާނޫންތަންދޭކަމެށްނޫން ،، އެކަމު ކިހާބަޔަކު އެކަން ފުޅާދާއިރާއެއްގައި ކުރާތާ ކިހާދުވަހެއްވެއްޖެތޯ ؟ ރިސޯޓްއޯނަރުން ނާޢި މަސްބޭރުކުރާމީޙުންނާޢި ބޭރުފައިސާއިން މުސާރަލިބޭ އެންމެން ކަހަލަގޮތަކަށް ޑޮލަރު ވިއްކަނީ ބްލެކްމާރކެޓް އަށް ،،، އެހެންވީމަި މަރުކަޒީބޭންކުން މަނީލޯންޑަރިން ނުހިންގޭންވީ ސަބަބަކީ ކޮބައިތޯ ؟ އަޒީމާ ދައްކާފައިވާ ވާހަކަތަށް އެހެރީ އަދީބްގެ ފޯނުންފެންނަށް ،،، އެކަމަނާވެސް އެއްބެސްވެފައި އޮތީ ކަންކަން ކުރަން ،،، ދެނޯ ؟؟؟
މުއުތަސިމް
19 September 2016
ކުޑަ ތަންކޮޅެއް އެބަޖެހޭ އިސްލާހު ކޮށްލަން. އަޒީމާ ވިދާޅުވެފަ ވަނީ އަދީބުގެންނަން ހުށަހެޅުއްވި ފައިސާ އަކީ ހެޔޮގޮތުގަ ހޯދާފަހުރި ފައިސާތޯ ވެރިފައި ކޮށްގެން ގެންނަ ކަމަށް ވަންޏާ ފައިސާގެނެވޭތޯ ބައްލަވައި ދެއްވާނެ ކަމަށް. މީގަ ކޮބާތޯ މައްސަލަ އަކީ؟ އަޒީމާގެ ނެތް މައްސަލައެއް.
ލާރި ދޮންނަމެޝިން
19 September 2016
އެކައުންޓްގެ ހުރި ޑޮލަރު ކޮޅުން ޑޮލަރުކޮޅެއް ދޭށޭ ބުނީމަ އެކަމެއްވެސް ވަނީ އެއްނޫން، އެކަމަކު މަގޭ އެކަުންޓްގަހުރި މަގޭލާރި އެއީ.. ތީދެން އަނެއްކަތަކާ ތިޖެހުނީ، ދެންނެތެއްނޫން އެކައުންޓަށް ލާރިކޮޅެއްވެސް ލެވޭކަށް...ގޭގަ ދެންބަހައްޓަނީ، މަމިދަނީ ސޭފެއް ގަންނަން..
މުހަންމަދު
19 September 2016
މީހަކު ބޭންކުގައި ބަހައްޓާފަހުންނަފައިސާއެއް ދޫކުރުމަށް ތިފަދައަށް ދަތިކުރުމުގެ އެއްމާނައަކީ، މިބޭންކުގައި ކަލޭމެންގެފައިސާ ނުބަހައްޓާށޭ ބުނުންފަދަކަމެކެވެ. ފައިސާނެގުން ދަތިކުރުމަކުން ވެފައިވާކަމެއްް ނިގުޅައެއްނުގަނެވޭނެއެވެ. އެކަމަކު ފައިސާނެގުމަކީ ދަތިކަމެއްކަން ރައްޔިތުންނަށް ދެއްކުމަށް އެޅުވޭ އަނދުނަކަށް ވެދާނެއެވެ. އަހަރެން ޤަބޫލުކުރާގޮތުގައި، ތިބުނާ ކަޅުފައިސާއެއް މަރުކަޒީބޭންކަށް ވަތްނަމަވެސް އަދިނުވަތްނަމަވެސް، ރޭވިރޭވުމެއްގެދަށުން މިރާއްޖޭގެސަރަޙައްދަށް ވަދެފައިވާނަމަ، އެފައިސާ އެއޮތީ ދޮވެވިފައެވެ. ރައްޔިތުންނަށް ދެއްކުމަށްޓަކައި، ތިކަންތިގޮތަށް ކުރާއިރު، ވަލުދޮރޯށިން މައްސަލަ ވައްދަައި ބޭރުކުރެވޭގޮތަށް ކިތަންމެކަމެއް ކޮށްފައި، އަދި ކުރަމުންވެސް ދާނެއެވެ. ތިބޭފުޅާއަށް ކަންތައް ދިމާވީ ތިގޮތަށެވެ. އެކަމަކު ބޮޑުންގެކަންތައް ތިއާއިމުޅިން ތަފާތުވާނެއެވެ. މިއީ ޙަޤީޤަތެކެވެ.
މާމަ
19 September 2016
އެވާނީ ބޭންކްގައި ފައިސާނެތީމާ ކުރާކަމަކަށް ؟
ޙުއްބުލްވަތަން67
19 September 2016
އިސްލާމީ ބޭންކު ގެ ބައެއް އެކައުންޓަށް 1 މިލިއަންގެ ޗެކެއް ޖަމާވަން ނުނަގާ މާގިނަ އިރެއް. ނިކަމެތި ރައްޔިތެއްގެ ފަސްހާސް ރުފިޔާ ޖަމާކޮށްދެނީ އެއްހާސް ސުވާލަށް ޖަވާބު ދެވުނީމަ.