ކޮލަމް އޮޅުންބޮޅުން: ފަތުރުވެރިކަން

މިއަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތެއް އޮންނަތާ މިހާރު 44 އަހަރު ފުރެނީ އެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެ ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރި ހޯދާފަ އެވެ. އެންމެ މަޝްހޫރު، އެންމެ ރީތި އަދި އެންމެ އަގުބޮޑު އެއް މަންޒިލަކަށް ވެފަ އެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ވަނީ އިންތިހާ ދަރަޖައަށް ފުޅާ ވެފަ އެވެ. ފަތުރުވެރިކަމުގެ ކޮންމެވެސް މިންވަރެއްގެ މަންފާއެއް ނުލިބޭ ގޭބިސީއެއް ރާއްޖޭގައި ވަރަށް މަދުވާނެ އެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ނުސީދާކޮށް ފަތުރުވެރިކަމުގެ ފަސޭހަތަކާއި ފައިދާ ލިބެމުން ދެ އެވެ.


ރާއްޖޭގައި މިހާރު އޮންނަ ފަތުރުވެރިކަމުގެ ސިޔާސަތު އޮޅުންފިލަން ވަރަށް އުނދަގުލެވެ. ގައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ސިޔާސަތެއް އެބަ އޮތް ބާވަ އެވެ؟ މިހެން ދަންނަވަން ޖެހެނީ ފަތުރުވެރިކަން ތަރައްގީވަމުންދާ ގޮތުންނެވެ. ވަކި މިސްރާބެއް ނެތި، ވަކި ހުދޫދެއް ނެތި، ވަކި ހިފެހެއްޓުމެއް ނެތި، ވަކި ރައްކާތެރިކަމެއް ނެތި ވަކި ހިމާޔަތެއް ނެތި ކުރިއަރަމުން ދާތީ އެވެ.

އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގައި ފަތުރުވެރިކަމުގެ ސިޔާސަތެއް އެބަ އޮތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތަކީ ފަތުރުވެރިކަމުގެ ސިޔާސަތެއް ނެތުމެވެ. އިންވެސްޓުކުރަން ޑޮލަރުބޮނޑި ހިފައިގެން އަންނަ ކޮންމެ މީހަކަށް، ކަންކަން ނިންމޭހާ ހިސާބުގައި ތިބޭ މީހުންނަށް ނުފޫޒު (ފައިސާގެއެއް ނޫން) ފޯރުވޭ ނަމަ އެ ފަރާތެއް ބޭނުންވާ ގޮތަކަށް އެ މަޝްރޫޢުއެއް ކުރިއަށް ގެންދެވެ އެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދެއްގެ ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވިޔަސް ނުވަތަ ތިމާވެއްޓަށް ގެއްލުމެއް ލިބުނަސް އެކަން ދެކޭ ބަޔަކު ނުވަތަ ބަލައިގަންނަ އެކަމެއް ހުއްޓުވުމަށް ނުފޫޒެއް ފޯރުވޭވަރުގެ މީހަކު ހުންނަ ކަމަކަށް ނުވެ އެވެ. ބިޑަކާ ނުލައި ފަތުރުވެރި ކަމަށް ރަށްރަށް ލިބޭ ޒަމާނެއްގައި، ފާހަކާ ނުލައި ވަޒީފާ ލިބޭ ޒަމާނެއްގައި، ތަޖުރިބާއަކާއި ނުލައި މަތީ ހަރުފަތްތަކަށް އެރޭ ޒަމާނެއްގައި، ޚުޝާމަދު ކޮށްގެން ހައްދާލެވޭ ޒަމާނެއްގައި މި ހުންނަނީ ދައްކަން މުހިއްމު ވާހަކަތަކެއް ނޫނެވެ.

ބަގްލިއޯނީން ރާއްޖޭގައި ތަރައްގީ ކުރާ ރިސޯޓްގެ ހިޔާލީ ކުރެހުމެއް: ޓޫރިޒަމް ކުރިއެރުވުމުގައި ހަރުދަނާ ސިޔާސަތުތަކެއް ބޭނުން

ފަހަކަށް އައިސް ރާއްޖޭގެ އެއާޕޯޓްތައް ވެސް ހަދަން ނިންމަމުން ގެންދަނީ އެކަމުގެ ތަޖުރިބާކާރުންގެ ދިރާސާތަކެއް ކުރުމަށް ފަހުގައެއް ނޫނެވެ. ބައެއް ފަހަރަށް އެއާޕޯޓެއް ހެދުމަށް ކުރެވޭ ދިރާސާތަކުގައި ނަގާކިޔާ މީހަކަށް އެ ސަރަހައްދަކަށް ނިސްބަތްވާ ރުހުން ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނެ އެވެ. އޭނާގެ ދިރާސާގައި ބޮޑަށް ބެލެވެނީ ގިނަ ވޯޓު ލިބޭ ގޮތެކެވެ. އެއާޕޯޓެއް ތަރައްގީކުރުމަށް ބަލާބެލުމުގައި ފަތުރުވެރިކަމުން ލިބިދާނެ އާމްދަނީއަކާއި އެ ސަރަހައްދަކާއި ރާއްޖޭގެ އެހެން ސަރަހައްދަކާ ގުޅޭނެ ގޮތްތަކަކަށް ވެސް ބަލަން ޖެހެ އެވެ. އެއް އަތޮޅަކަށް ބޭނުންވަނީ ކިތައް އެއާޕޯޓްތޯ އެވެ؟ ރާއްޖޭގެ ހުރިހާ ސަރަހައްދީ އެއާޕޯޓްތައް ވެސް ހިންގަނީ ގެއްލުމުގަ އެވެ. އެއީ އެއާޕޯޓަކަށް ފައިދާ ވަނީ އެތަނެއްގައި ހަރަކާތްތައް ހުންނަ ގޮތަކުން ކަމަށް ވާތީ އެވެ. އެއާޕޯޓަށް ފައިސާ ލިބެނީ އެތަން ބޭނުންކުރާ ބަޔަކު ދޭ ފީއަކުންނެވެ. ދުވާލަކު ފުލައިޓެއް ނުވަތަ ދެ ފުލައިޓު އޮވެގެން އެ ފައިދާއެއް ނުވާނެ އެވެ. ފައިދާ ނުވިޔަސް ދަތުރުފަތުރު ކުރާ މީހުންގެ ރައްކަލަކަށް އެއާޕޯޓް ހިންގާ ފަރާތަށް ބައިނުލްއަގުވާމީ ގޮތުން ކަނޑައެޅިފައި އޮންނަ ވަކި މިންގަނޑެއްގައި އެއާޕޯޓް ބަލަހައްޓަން މަޖުބޫރު ކުރެ އެވެ. ޖެހިގެން އޮންނަ އެއާޕޯޓުން ކަނޑު މަގުން ފަނަރަވަރަކަށް މިނިޓުން ދެވޭ ތަނަކަށް ބޭނުންވާނީ އިތުރު އެއާޕޯޓެއް ބާވަ އެވެ؟ ރާއްޖޭގެ ނިސްބަތުން ބޮޑެތި ރަށްރަށުގައި ވެސް ދަނޑުގޮވާން ކުރަން އޮންނަ ބިންކޮޅާ އެކު އެއާޕޯޓު ހެދުމުގެ ބޭނުމުގައި ރުއްގަސްކޮޅު ވެސް ކަނޑާލެވެ އެވެ. އެކަމުގެ ސަބަބުން ދަތިތަކެއް އުފުއްލާ ބަޔަކު ވެސް އުޅެ އެވެ.

ދާދި ފަހުން ސަރުކާރަށް ނިސްބަތްވާ ފަރާތަކުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ރާއްޖޭގައި މުއްސަނދިކަން މިއޮތީ ނުވަތަ ކަންޓުރޯލްކުރަނީ އާބާދީގެ ސައްތައިން ތިނެއް ނުވަތަ ފަހެއްގެ މީހުންނެވެ. މި ނިސްބަތް މުސްތަޤްބަލުގައި ދާނީ މިއަށް ވުރެ ވެސް ކުޑަވަމުންނެވެ. މިހާރު ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ރަނގަޅަށް ވަދެވެނީ ޑޮލަރު މިލިއަނަރަކަށް ވެގެންނެވެ. ގެސްޓްހައުސް އަށް އިންވެސްޓުކުރަން ވެސް މިލިއަނުން ޑޮލަރު ބޭނުންވެ އެވެ. ސަރުކާރުން ދޫކުރާ ތަންތަނަށެވެ. ޕީޕީއެމްގެ މެނިފެސްޓޯގައި ރިޒޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް އެ ތަންތަނުން ހިއްސާ ވިއްކާ ގޮތަށް ހަމަޖައްސާ ގޮތަށް އޮންނަ ކަމުގައި ވެ އެވެ. ރިޒޯޓް މަހުޖަނުންގެ ނުފޫޒާ ހުރެ އެމްޓީޑީސީ ކޮޅަށް ނެގުމުގެ ގާބިލްކަން ސަރުކާރަށް ލިބިފައިނުވާއިރު އެފަދަ ކަމެއް ދުވަހަކު ވެސް ސަރުކާރަށް ކުރެވިދާނެ ބާވަ އެވެ؟ ފަތުރުވެރިކަމުގައި ރައްޔިތުންގެ ހިއްސާ އޮތުމަށް އުފެދުނު ކުންފުނި ވުޖޫދަށް އައުމާ އެކު އެކި ފަހަރު މަތިން ކޮންމެވެސް ބަހަނާއެއްގައި ކުންފުނީގެ "ގުނަވަނެއް" ބުރިކުރަމުން ދިޔަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓުކުރާ އަމިއްލަ ފަރާތްތަކުން ވެސް އިންވެސްޓުކުރަނީ ބޭރުގެ ފަރާތްތަކާ ގުޅިގެން ފައިސާ ހޯދައިގެންނެވެ. ވަރަށް ގިނަ ފަރާތްތައް ސްލީޕިން ޕާޓުނަރުގެ ގޮތުގައި ތިބެގެންނެވެ. ރައްޔިތުންގެ ހިއްސާ އޮންނަ ސަރުކާރު ބައިވެރިވާ ކުންފުންޏަކަށް މިވަރު ވެސް ނުވަނީ ބާވަ އެވެ؟ ކުރިން ބޮޑު މިނިސްޓްރީއަކާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކަށް އެ މިނިސްޓްރީގެ ބޭނުމަށް ފައިސާ ހޯދުމަށް ފަޅުރަށެއް ދިނުމާ އެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަން ތަރައްގީ ކުރާނެ ފަރާތެއް ލިބިވަޑައިގަންނަވައިފި ކަން ހާމަކުރެއްވި އެވެ. އެހާ ފަސޭހައިން އިންވެސްޓަރެއް ލިބިވަޑައިގަތީ އެއްކޮޅުން ސަރުކާރު ޕާޓުނަރަކަށް ވީތީ އެވެ. މިހެން މިކަން އޮތްއިރު އެމްޓީޑީސީ ކޮޅަށް ނުޖެހެންވީ ކީއްވެގެންތޯ އެވެ؟

އެމްޓީޑީސީގެ ނިޔާމަ ރިސޯޓް: އެމްޓީޑީސީ އަށް ލުއި ގޮތްތަކެއް ހޯދައިދޭން ޖެހޭ

މިކަމުގައި އޮތީ ތިން ސަބަބެކެވެ. ފުރަތަމަ ސަބަބަކީ ކޮންމެވެސް ނުފޫޒަކާ ހުރެ ކުންފުނި ކޮޅަށް ޖަހަން ސަރުކާރުން ބޭނުން ނުވަނީ އެވެ. ދެވަނަ ސަބަބަކީ ކުންފުނީގެ ވެރިންގެ "އަތްފައި ބަނުމަށް ފަހު" ކުރިއަށް ދާން އެންގުމުން ކުރިޔަށް ނުދެވެނީ އެވެ. ތިން ވަނަ ސަބަބަކީ ކުންފުނި ހިންގަވަން ތިއްބެވި ވެރިންގެ ނާޤާބިލްކަމެވެ. މީގެ ތެރެއިން އަޅުގަނޑަށް ބޮޑަށް ޤަބޫލުކުރެވެނީ ކުރިން ދެންނެވި ދެ ސަބަބުން ކުރެ ސަބަބަކާ ހުރެ ކުންފުނި ކޮޅަށް ނުޖެހިގެން އުޅެނީ ކަމަށެވެ. މިހާރު އަނެއްކާވެސް އެމްޓީޑީސީ އިން ފައިދާ ހޯދަން ކަމަށް ބުނެ ރިޒޯޓެއް ވިއްކާލަން ތައްޔާރުވާ ކަމަށް ބުނެ އެވެ. އެ ރިޒޯޓު ރުހުން ލިބިފައިވާ މަހުޖަނަކު ގަތުމަކީ ހައިރާންވެވޭ ވަރުގެ ކަމެއް ނޫނެވެ.

ކަނޑުފަޅާއި ގިރި، ހާ ވިއްކަމުންދާ ޒަމާނެއްގައި، ރާއްޖޭގައި އެންމެ ފައިދާވާ ވިޔަފާރީގައި ރައްޔިތުންގެ ހިއްސާ އޮންނަ ގޮތަށް، ރައްޔިތުންގެ ހިއްސާ ބޮޑުކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަން ވެއްޖެ އެވެ. އެމްޓީޑީސީ އަށް ތަރައްޤީކުރުމަށް ދޫކުރެވޭ ރަށްތަކާ މެދު ތަފާތު ލުއި ގޮތެއް ސަރުކާރުން ހަމަޖައްސަވައިގެންނެވެ. އެ ތަފާތު ގެންނަން ވާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން ބޮޑުކުރުމަށެވެ. އެމްޓީޑީސީން ތަރައްގީކުރާ ހޮޓާ ނުވަތަ ރަށްތައް ސީދާ އެތަނުން ހިންގުން ލާޒިމެއް ނޫނެވެ. ހިމާޔަތް ލިބިފައިވާ، ނުވަތަ ހިމާޔަަތްކުރެވިފައިވާ މަހުޖަނަކަށް ކުއްޔަށް ވެސް ދޫކުރެވިދާނެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި އާދައިގެ ރައްޔިތުންގެ ހިއްސާ ބޮޑުކުރުމަށް، އިގުތިސާދީ ވިސްނުމެއް ގެންގުޅޭ ކަމަށް ބުނާ މި ސަރުކާރުން ވިސްނަވަން ވެއްޖެ އެވެ.