ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ (ހުދު ގަމީހުގައި) އެއްބަސްވުމެއްގައި ސޮއިކުރަނީ -- ފޮޓޯ: މިހާރު
15 ޖެނުއަރީ 2020 - 14:56
އެއްވެސް ވިޔަފާރިއެއް ނުކޮށް، އެއްވެސް ޓެކްސްއެއް ނުދައްކާ އެކަމަކު އެންމެ އަގުބޮޑު ދިވެއްސަކަށް، ކުރީގެ ލަވަ އެކްޓަރު އަހުމަދު މޫސާ (އަންމަޓީ) މިހާރު މި ވަނީ ވެފަ އެވެ: އޭނާގެ އަގަކީ 45 މިލިއަން ރުފިޔާ އެވެ!
އެހާ ބޮޑު އަގެއް ހުރި މީހަކަށް އަންމަޓީ ބަަދަލުވެގެން މި ދިއައީ، އާއިލީ ގޮތުން ވާރުތަވި މުއްސަނދިކަމެއް، އަތުގައި މުދަލެއް، ބިމެއް ނުވަތަ ރިސޯޓެއް އޮވެގެންނެއް ނޫނެވެ: އޭނާގެ އަގު އެހާ ބޮޑުވެގެން މި އުޅެނީ ބޮޑެތި މަކަރާއި ހީލަތް ހަދައި، ދިވެހި އެތައް ސަތޭކަ ބައެއްގެ އަތުން ފައިސާ އަތުލާފައި އޮތް އިރު، އެ ގެއްލުން ސަރުކާރުން އަމިއްލައަށް ބޮލުގައި އެޅުމުންނެވެ. އަދި އެޗުޑީސީން އެ ޒިންމާއާ ހަވާލުވުމުންނެވެ.
މިއީ ކުރީ ސަރުކާރުގެ ވެރިކަމުގައި އޭރު ނުފޫޒު ގަދަ ބައެއް މީހުން އަޑީގައި ތިބެގެން ހިންގި ކަމެކެވެ. މަޝްރޫއުގެ ބިންގާ އަޅުއްވާ ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އަޑިއަޑިން ސަރުކާރު ތެރެއިން ކަންކަން ނިންމޭ ފަދަ ނުފޫޒު ހުރި ބައެއް މީހުން މަޝްރޫއުގެ އެކި މަރުހަލާތަކުގައި، އަންމަޓީއާ ބައިވެރިވި އެވެ. އޭނާއަކީ އެމީހުންގެ "މޫނު" ކަމަށް ބެލެވެ އެވެ.
އަސްލަކީ މުޅިން އެހެން އެއްޗެކެވެ އަންމަޓީ ދަންނަ އެތައް ބައެއްގެ ތެރޭގައި އެ ޝައްކު އޮތެވެ. ބައެއް ލަވަތަކުގައި އެކްޓްކުރުމުގެ އިތުރުން ބައެއް ލަވަ އަލްބަމްތައް، 2000 ގެ އަހަރުތަކުގެ ކުރީކޮޅު އުފެއްދި ޕްރޮޑިއުސަރު، ސީ ލައިފް ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި، ބޭރު ބަޔަކާ ގުޅިގެން 3،000 ފްލެޓް އެޅުމުގެ މަޝްރޫއުއެއް ހިންގާ ވާހަކަ އިވުމުން ބައެއް މީހުންގެ ގާތަށް ހިނިއައީ އެހެންވެގެންނެވެ. "އެއީ އެ އަންމަޓީތަ؟" މިއީ ބައެއް މީހުންގެ ހިތުގައި އުފެދުނު ސުވާލެވެ.
ނުފޫޒު ހުރި ބަޔަކު އޭނާގެ ފަހަތުގައި ތިބެގެން، އަދި ބޭރުގެ ބައެއް ކުންފުނިތައް އެކަމުގައި ބައިވެރިކުރެވޭނެ ފުރުސަތުތައް ހޯދަމުން ދަންޏާ ފަހުން ވެދާނެ ގޮތް އަންމަޓީއަށް އޮޅުނީ ކަމަށް ބަލަމާ ހިނގާށެވެ.
އެކަމަކު މިހާރު މި އޮތީ އޭގެ ހުރިހާ ޒިންމާއެއް ކަހަލަ ގޮތަކަށް އޭނާގެ ބޮލަށް ވެއްޓިފަ އެވެ. އެންމެން ދުވީ އޭނާގެ ފަހަތުންނެވެ. އޭނާއަކީ ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރެވެ.
އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000ރ. އަދި އެތައް ބަޔަކު ފްލެޓްގެ ޑައުންޕޭމަންޓަށް އެތައް ލައްކަ ރުފިޔާއެއް ދެއްކި އިރު، އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ދިޔައީ އަންމަޓީ އެވެ. އެހެންކަމުން ނުއުފުލޭ ވަރުގެ ބޮޑު އެ މަސްއޫލިއްޔަތުގައި އޭނާ ވަޅުލެވެމުން ދިޔަ އިރު، އޭނާގެ ކިބައިން ފެނުނީ ދޮގުމައްޗަށް ދޮގެވެ. އެންމެ ފަހުން އޭނާ ބަދަލުވީ ގިނަ ބައެއްގެ ނަފުރަތާއި ރުޅި އަމާޒުވި ހީލަތްތެރިއަކަށެވެ.
ބައެއް މީހުންނަށް އަންމަޓީ ރަނގަޅެވެ. އެގޮތުން ބުކިން ފީ އަނބުރާ ދިނެވެ. އެކަމަކު އަނެއް ބަޔަކު ސީ ލައިފް އޮފީހަށް ދާއިރު ތަން ހުންނަނީ ބަންދުކޮށްފަ އެވެ. އަބަދުވެސް އަތުގައި ދެ ފޯނު/ތިން ފޯނު ގެންގުޅުނަސް، އެމީހުންނަށް އަންމަޓީއާ ގުޅޭ ގޮތެއް ނުވެ އެވެ.
އެންމެ ފަހުން އޭނާ ފިލީ އެވެ. އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނެވެ. ސްރީ ލަންކާގައި، މިނިވަންކަމާ އެކު އޭނާ އެބަ އުޅެ އެވެ. ކުރީ ސަރުކާރުގެ ސިޔާސީ ބައެއް މީހުންނާއި މިހާރު ސަރުކާރުގެ ބައެއް މީހުންނާ ވެސް ލަންކާގައި ބައްދަލުކޮށް، ނުވަތަ އެ މީހުން އޭނާއާ ބައްދަލުކޮށް ހަދާ ކަމަށް ވެ އެވެ.
ސަރުކާރުން އޭނާ ގެންނަން ބޭނުން ނަމަ ދިމާވާނެ މާ ބޮޑު ހުރަހެއް އޮތް ކަމަކަށެއް ނުފެނެ އެވެ. ނޮވެމްބަރު 3 ގެ އެންމެ ބޮޑު ޓެރަރިސްޓް އަބްދުﷲ ލުތުފީ ވެސް ގެނެވުނެވެ. އެހެންކަމުން މުޅި ސައުތު އޭޝިއާގައި ވެސް ފާހަގަކޮށްލެވޭނެ ވިޔަފާރީގެ އެންމެ ބޮޑު އެއް ހީލަތް ބޮލުގައި އެޅިފައިވާ އަންމަޓީ ހައްޔަރުކޮށްގެން ގެނެސް، ޝަރީއަތަށް ހުށަނޭޅެންވީ ސަބަބެއް ނުވިސްނެ އެވެ.
ސީ ލައިފުން ދިވެހިންނަށް ދެއްކި ހުވަފެން: އަންމަޓީ ފިލައިގެން މިހާރު އުޅެނީ ލަންކާގައި
އެކަމަކު އޭގެ ބަދަލުގައި މި ފެނުނީ، އަންމަޓީގެ ކުންފުނިން ލާރި ދޭން ޖެހޭ މީހުންނަށް އެޗުޑީސީން ބަދަލު ދޭ ތަނެވެ. މިއީ ކޮން ގޮތަކަށް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ. އަދި ސީ ލައިފްއާ އެކު އެޗުޑީސީން އެގްރިމެންޓް ހެދި އިރު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަދި އާ ސަރުކާރާ އެކު އެ މަގާމު އަލުން ލިބިވަޑައިގެންނެވި ސުހައިލް އަހުމަދަށާއި އެޗުޑީސީގެ ބޯޑަށް، ސަރުކާރުން އެދުނަސް، އެގޮތަށް ނިންމިދާނެތޯ ވެސް މިވަނީ ސުވާލު އުފެދިފަ އެވެ.
ކުޑަ ފައިސާއެއް ނޫނެވެ. އަންމަޓީގެ މަޅީގައި ޖެހުނު މީހުންނަށް ބަދަލުގެ ގޮތުގައި ދޭން 45 މިލިއަން ރުފިޔާ އެޗުޑީސީން ވަނީ ކަނޑައަޅައިފަ އެވެ. ސުހައިލް ވިދާޅުވާ ގޮތުގައި، ހުޅުމާލެ އިން ސީ ލައިފަށް ދިން ބިން އަލުން އެހެން ބަޔަކާ ހަވާލުކުރާ އިރު އެ ފައިސާ ހޯދިދާނެ ގޮތަކާ މެދު ވިސްނަވާނެ އެވެ. އެކަމަކު އެއީ ތާކުންތާކު ޖެހޭ ވާހަކައެއް ކަމަކަށެއް ނުބެލެވެ އެވެ.
ވިޔަފާރީގައި މަކަރާއި ހީލަތް ހަދަ އެވެ. އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ. އެކަމަކު އެ ގެއްލުންތަކުގެ މާލީ ބުރަ ސަރުކާރަކުން ނުއުފުލަ އެވެ. އެއީ އެ މުއާމަލާތް ހިންގާ މީހުންގެ މެދުގައި ހައްލުކުރަން ޖެހޭ ކަންކަމެވެ. އެކަމަކު ސީ ލައިފްގެ ދަލުގައި ޖެހުނު މީހުންނަށް ސަރުކާރުން ބަދަލު ދޭން ނިންމުމުގެ މާނަ އަކީ ވިޔަފާރީގެ މުއާމަލާތްތަކުގައި ލަނޑު ލިބޭ ދިވެހިންނަށް ސަރުކާރުން ބަދަލު ދޭ ސިޔާސަތެއް އުފަންކުރުވުމެވެ. މިސާލަކަށް މިފަހަރު އެޗުޑީސީން އެ ޒިންމާ ނެގީ ހުޅުމާލޭގައި ގެދޮރު އަޅަން އުޅުނު ބަޔަކު ލަނޑުދިނުމުންނެވެ. މަސްވެރިކަމުގެ ކުންފުންޏަކުން ދިވެހިންނަށް މަކަރާއި ހީލަތް ހެދުމުން ބަދަލު ދޭނީ ފިޝަރީޒް މިނިސްޓްރީން ހެއްޔެވެ؟ އާންމު ވިޔަފާރީގެ ކުންފުންޏެއް ނަމަ އެ ބުރަ އުފުލާނީ އިނޮކޮމިކް މިނިސްޓްރީން ބާވަ އެވެ؟ މިގޮތަށް މި ލިސްޓް ދިގުކޮށްލެވިދާނެ އެވެ.
ސީ ލައިފަށް އެޗުޑީސީން ދޫކުރި ބިން ހުހަށް: މިއީ ރާއްޖޭގައި ހިންގި މަކަރާއި ހީލަތުގެ އެންމެ ބޮޑު މުއާމަލާތް
ސީ ލައިފްގެ މައްސަލާގައި ފުރަތަމަ ވެސް އަދި މިހާރު ވެސް ގޯސްހަދާފައި މި އޮތީ އެޗުޑީސީންނެވެ. ސުހައިލްގެ މެނޭޖްމަންޓްގެ ދަށުން އެ އެއްބަސްވުން އަންމަޓީ ކަހަލަ މާލީ އެއްވެސް ތަނަވަސްކަމެއް ނެތް، އޭނާއާ ގުޅިފައިވާ ބޭރު ކުންފުނިން ޕްރޮޖެކްޓް ދޫކޮށްލައިފި ނަމަ ހައްލެއް ހޯދާނެ ގާބިލްކަން ވެސް، މާޒީގައި އޭނާ ކުރި ކަންކަމުން ފެންނަން ނެތް އިރު، އެހާ ބޮޑު ބިމެއް، އަދި އެހާ ބޮޑު މަޝްރޫއެއް ހިންގަން ދީގެން ނުވާނެ އެވެ. ބޯހިޔާވަހި ކަމަކީ އެތައް ހާސް ދިވެހިންނަކަށް ކުރިމަތިވެފައި އޮތް ހިތްދަތި އަދި އެހާމެ ބޮޑު މައްސަލައަކަށް ވާއިރު، 3،000 ފްލެޓް އަޅަން ހަވާލުވާ ދިވެހި މީހާގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެ އެވެ. އެމީހަކީ އެހެން ބައެއްގެ ހިޔަންޏެއް ނަމަ އެކަން ވެސް ދެނެގަނެވެން ޖެހޭނެ އެވެ. ނަމަވެސް އެޗުޑީސީއަށް އެކަން ކުރެވިފައެއް ނުވެ އެވެ.
މާލީ ބަދަލު ދީގެން އެޗުޑީސީން މިހާރު ހަދާ ގޯސް ވެސް މި އޮތީ ފެންނާށެވެ. މިއަދު އަންމަޓީ "ހިމާޔަތްކޮށް"، ސީ ލައިފްގެ މަކަރާއި ހީލަތުގެ އަގު އެ އަދާކުރަނީ ދިވެހި ރައްޔިތުންގެ ފައިސާއިންނެވެ. އެކަމަކު އެއީ އިންސާފެއްތޯ، އެހެން ދިވެހިންނަށް ސުވާލު ކުރެވިދާނެ އެވެ.
ސަރުކާރުގެ ހިތްވަރެއް ހުރި ނަމަ، އަންމަޓީ ރާއްޖެ ގެނެސް، އެ ބޮޑު ހީލަތް ފުލުހުން ލައްވާ ތަހުގީގު ކުރުވަންވީ އެވެ. އަދި އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ ވަރަށް ހެކި ވެސް ހޯދަންވީ އެވެ.
ލަންކާގައި މިނިވަންކަމާ އެކު އުޅެން އޭނާ ދޫކޮށް، އަނެއްކޮޅުން އޭނާގެ ކުންފުނީގެ ދަރަނި ސަރުކާރުން އަދާކުރާ ނަމަ، ވިޔަފާރީގެ އެ ހީލަތުގެ ދާ ފަތުރާލަން ކުރީގެ ސަރުކާރުން އޭނާއަށް ދިން ފުރުސަތަށް ވުރެ މިހާރުގެ ހާލަތު ވަކި ރަނގަޅެއް ނޫނެވެ.
ސަރުކާރުން އެވަނީ ސީ ލައިފް ޒިންމާ ނަގަން ޖެހޭ 45 މިލިއަން ރުފިޔާއާ ހަވާލުވެފަ އެވެ. އަންމަޓީ އުފަލުން އުޅެންވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެންބެ
17 January 2020
ޢެޗްޑީސީ އިން އެކުރީ ރައިދާހުރި ވިޔަފާރިއެއް. ޢެބިމަކީމިހާރު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަގުބޮޑުތަނެއް
އެމްސް
16 January 2020
ތިކަހަލަ ކިހާބަޔަކު ރަޢިއްޔަތުންގެ މަޖިލީހުގަވެސް އެބަތިބި؟
އަލީ އަސްފާގު
16 January 2020
އަންމަޓީ ވަރުގެ ނަސީބު ވެރިޔަކު ކޮބައިތޯ އެވެ މިކަމުން އެމްޑީޕީގެ ސަރުކާރުން އޭނާ ސަލާމަތް ކޮއްދިނީ އެވެ. އަދި ދިވެހި ޒުވާނުންގެ ސައިކަލްތަކުން ގަވައިދާ ހިލާފޭ ކިޔައިގެން ދިވެހިން ޖޫރިމަނާކޮށް ފެލައިގެން ބޮޑެތި އަދަދު ތަކުން މިފައިސާ ހޯދަނީ އެވެ. ނިކަމެތި ރައްޔިތން ފެލަމުން މާލޭގެ ރައްޔިތންގެ ވޯޓުވެސް ހޯދަނީ އެވެ، ރައްޔިތު ނިކަމެތި މީހާއަށް އޮތީ ކޮން ކަމެއްތޯ އެވެ،
އިބިރިހިންބެއްޔާ
16 January 2020
ދިވެހި ރައްޔިތުން ޓެކްސްއަށް ދެއްކި ފައިސާއިން އެ 45 މިލިޔަން ދައްކާދިނުމުން، އުޖޫރަޔަކަށް ނުވަތަ ހަދިޔާއަކަށް މަށަށް ދެތިން މިލިޔަން ލިބުނަސް މަމިހުރީ އެކަންކުރަން. 100% ޕްރިފިޓް. ޒީރޯ އިންވެސްޓް.
ލުތުފީ
16 January 2020
ސުހައިލް ކުރިޔަސް، ދެ ސަރުކާރުގެ އިސް ބަޔަކު ގުޅިގެން ކުރިޔަސް ގޯސްކަމެއް ވާނީ ހަމަ ގޯސްކަމަކަށެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ޒީރޯ ޓޮލަރަންސް ސުހައިލް ގެ އެޗްޑީސީ އަށް ސުހިގަނީތޯއެވެ.
ޑިމޮކްރަސީ
16 January 2020
އޮޅުވާލާ މަކަރުހަދައިގެން ދިވެހިރައްޔިތުން ފެލާލުން ނޫންކަމެއްނުކުރޭ
ނަގޫރޯޅި
15 January 2020
ހެޔޮތާ، މިހާރު އޭނައަކީ ޕާޓީ ކުއްޖެއް، ހަރަދު ކުރެ އަދި އިތުރައްވެސްދެ. ގެއްލެ މާ ހަވާލުވީ ސަރުކާރުން. އެއީ މިހާރު ނުދައްކާ ވާހަކަ
ކޮމަންމޭން
15 January 2020
މިއީ މޫސަގެ ލިއުމެއްކަމަށް ގަބޫލު ކުރަން ވަރަށް އުނދަގޫ.
ޞައްދާ މު
15 January 2020
މމމމިއާޓިކަލުން ބައެއް މީހުންގެ ހިތްތަކަށް ވަރަށް އަސަރު ކޮށްފި.
ޙަހަނީ
15 January 2020
ސީލައިފް ފުލެޓަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދޭން ނިންމީ މިސަރުކާރަކުން ނޫން! ކުރީގެ ސަރުކާރުން އަހަރެމެންނާއި އެކު ހެދި އެގްރީމެން އޮންނާނެ މިހާރުވެސް!
ލުބްލާ
15 January 2020
ކުރީ ސަރުކާރު، ކުރީ ސަރުކާރޭ ކިޔާނެ ކަމެއް ނެތް. ބަދަލު އެދިނީ މިސަރުކާރުން.