ކުޅިވަރު / މަހިންދަ ރާޖަޕަކްސަ ޓްރޮފީ

ޕްލޭން ތަންފީޒުކުރަން މޮރިއެރޯ އަށް ގޮންޖެހުން ބޮޑުވާނެ

ގައުމީ ޓީމުގެ ކޯޗް ފްރެންޗިސްކޯ މޮރިއޭރޯ: އޭނާ ބުނީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރަން ޖެހޭނީ ފިޒިކަލް އާއި ޓެކްޓިކަލް އޭންގަލުން ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗިސްކޯ މޮރިއޭރޯ އަށް ރާއްޖޭގެ ފުޓުބޯޅައިގެ ލެވަލް ގޯހެއް ނޫނެވެ. އޭނާ ބުނިގޮތުގައި ދިވެހި ޓީމުގައި އެކަށައަޅަން ޖެހޭ ކަމަކީ ފިޒިކަލް އާއި ޓެކްޓިކަލް ޕްލޭނެވެ.

"ޓެކްޓިކަލް އާއި ފިޒިކަލްގައި ކުޅުންތެރިން ދަނީ ކުރިއެރުން ހޯދަމުން،" މިއަދު ލަންކާ އާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން އާދިއްތަ ދުވަހު ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން މޮރިއޭރޯ ބުންޏެވެ.

ސާފް ޗެމްޕިއަންޝިިޕާއި އޭގެ ކުރިން ގައުމީ ޓީމު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންމެ ފަހުން ކުޅުނު ތިން މެޗު މޮރިއޭރޯ ބެލި އެވެ. ރާއްޖޭގެ ކޯޗުކަމާ މިދިޔަ މަހު ފަހުކޮޅު ހަވާލުވި ނަމަވެސް ތިން މަސް ކުރިން ރާއްޖެއިން އޮތީ އޭނާއާ އެކު އެއްބަސްވެފައި ކަމަށް މޮރިއޭރޯ ބުންޏެވެ. އެހެންވެ ރާއްޖެ ކުޅުނު މެޗުތައް އޭނާ ދިޔައީ ފޮލޯ ކުރަމުންނެވެ.

ގައުމީ ޓީމާ ހަވާލުވެ މޮރިއޭރޯ ކުރިއަށް ގެންދިޔަ ޕްރެކްޓިސް ސެޝަންތައް ބަލަން ރާއްޖޭގެ ބައެއް ކޯޗުން ވެސް ގަލޮޅު ދަނޑަށް ދިޔަ އެވެ.

ގައުމީ ޓީމުގެ ކޯޗު ފްރެންޗިސްކޯ މޮރިއޭރޯ --- ފޮޓޯ: އެފްއޭއެމް

"ޓްރޭނިންތައް ހުރި ގޮތުން އެނގޭ އޭނާ އެފެށީ ސާފް ޗެމްޕިއަންޝިޕްގައި ހުރި ބަލިފައިތަކާ ހަމައިންކަން،" އިންޓަ މިލާން އާއި އިޓަލީގެ ގައުމީ ޓީމަށް ކުރިން ކުޅުނު މޮރިއޭރޯގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ ގައުމީ ޓީމުގެ ޓްރޭނިން ދެ ސެޝަނެއް ބަލަން ދިޔަ ތަޖުރިބާކާރު ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) ބުންޏެވެ.

"ޑިފެންޑިން ޓެކްޓިކްސްއިން އޭނާ ފުރަތަމަ ވެސް ފެށީ. ދެން ބޯލް ޕޮޒެޝަނަށް ސާކެޓް ޓްރޭނިން ހަދާ. އެޓޭކް ކުރާއިރު ވެސް އެބަހުރި އުސޫލުތަކެއްގައި ކުރިއަށް އަރައިގެންދާ ކަހަލަ ގޮތެއް. ކޮންމެވެސް ގޮތަކަށް (އައިޑެންޓިޓީ) އަކަށް ކުޅެން އުޅޭހެން އެބަހީވޭ. އަދި ފެނުނު ފެނުމަށް ބަލާއިރު ރަނގަޅުހެން ހީވަނީ."

ގައުމީ ޓީމާ، މޮރިއޭރޯ ހަވާލުވެގެން މަސައްކަތް ކުރަން ފުުރުސަތު ލިބުނީ ދެ ހަފުތާ އެވެ. އޭނާގެ ފުރަތަަމަ މުބާރާތަކަށް އޮތީ މަހިންދަ ރާޖަޕަކްސަ ޓްރޮފީ އެވެ. ރާއްޖެ ކަހަލަ ގައުމެއްގައި ގައުމީ ޓީމެއް ހާނަން އެންމެ އެކަށީގެންވާ މުއްދަތެއް އަދި އޭނާ އަކަށް ނުލިބެ އެވެ. މިއަދު ފަށާ މުބާރާތުގައި އޭނާ އެންމެ ބޭނުންވާ ކުޅުން ރާއްޖޭގެ ޓީމަށް ނުދެއްކިއްޖެ ނަމަ މޮރިއޭރޯ ކުރިމަތިލާން އޮތް ޗެލެންޖް ބޮޑެވެ. އޭނާއާ ކުރިމަތިލާން ޖެހޭނީ ފުޓްބޯޅައިގެ ތެރޭގައި މަސައްކަތް ކުރާ ދިވެހި ކޯޗުންނާ އެވެ. މިއީ މީގެކުރިން ވެސް ރާއްޖެ އަށް އައި ބޭރުގެ ކޯޗުންނަށް ކުރިމަތިލާން ޖެހިފައި އޮތް ޗެލެންޖެކެވެ. ދަނޑު ތެރޭގައި އޮންނަ ޕްރެޝަރަށް ވުރެ ދަނޑު ބޭރުން އޭނާ ކުރިމަތިލާން ޖެހޭ ޕްރެޝަރު ބޮޑުވާނެ އެވެ. ސްޕޯޓްސް ޕޮލިޓިކްސް ރާއްޖޭގެ މުޅި ކުޅިވަރުގައި ވެސް ބޮޑެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގައި މޮރިއޭރޯ ހަރަކާތުން ކުޅުންތެރިންނަށް ކިޔައި ދެނީ --- ފޮޓޯ: އެފްއޭއެމްް

އަނެއްކާ ވެސް ދައްކަން ޖެހޭނީ ކުރީގެ ވާހަކަ އެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން އަށް ރާއްޖޭގެ މަގާމު ގެއްލުމުގައި ރިއާޔަތް ކުރި ސަބަބުތަކަކީ އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމު ކުޅުނު ތިން މެޗުގައި ނެރުނު ދަށް ނަތީޖާތަކެއް ނޫނެވެ. ސްޕޯޓްސް ޕޮލިޓިކްސްގެ މައްޗަށް ކޫޕްމަން އަށް ގަދަ ނުވެވުނީ އެވެ.

ލަންކާ އަށް ފުރުމުގެ ކުރިންނާއި މުބާރާތުގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވެސް މޮރިއޭރީ ބުނެފައި ވަނީ އޭނާއަކީ ޖާދޫގަރެއް ނޫން ކަމަށެވެ. އެންމެ ދެ ހަފުތާއިން އޭނާ ބޭނުންވާ ޕްލޭން ތަންފީޒް ނުކުރެވޭނެ ކަމަށެވެ.

އެކަމަކު ފުރަތަމަ މުބާރާތުގައި ވެސް ކުޅުން ގޯސް ވެއްޖެ ނަމަ، މޮރިއޭރޯގެ ޕްރެކްޓިސް ސެޝަނެއް ވެސް، އޭނާ ކުޅުވަން މަސައްކަތް ކުރާ ގޮތް ވެސް ކަމުދާ އެއްވެސް ދިވެއްސަކު ހުންނާނެ ހެނެއް ހިއެއް ނުވެ އެވެ.

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފިޒިކަލް އާއި ޓެކްޓިކަލް އޭންގަލުން ޓީމަށް ކުރިއެރުން ގެނައުމަކީ މޮރިއޭރޯ އަށް އެކަނި ކުރެވެން އޮތް ކަމެއް ނޫނެވެ. ރާއްޖޭގެ ޑޮމެސްޓިކް ސީޒަނަށް ތައްޔާރުވާ ކްލަބުތަކުގެ ޒިންމާ ވެސް އެކަމުގައި އެބައޮތެވެ. ކުޑަ ހީނާ ބުނިގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ މުުޅި ސާފް މަންޒަރު މޮޮރިއޭރޯ އަށް ސިފަ ކުރެވޭނީ ކްލަބު ފުޓްބޯޅަ ފަށައި ކްލަބުތައް މެޗުތަކެއް ކުޅޭ ފަހުންނެވެ.

ރާއްޖޭގެ ކްލަބު ފުޓްބޯޅަ އޮތީ މާ ހާލުގަ އެވެ. އަންނަ މަހު ފަށާ ސީޒަނަށް ގިނަ ކްލަބުތައް އަދިވެސް ޕްރީ ސީޒަން ޕްރެކްޓިސް ނުފަށަ އެވެ. ސީޒަންގެ ވަކި ހިސާބަކުން ކުލަބުތަކަށް މުސާރައިގެ މައްސަލަ ކުރިމަތިވެ ކުޅުންތެރިންނަށް އެންމެ މަތީ ލެވަލްގައި ކުޅެން އުނދަގޫ ވެ އެވެ.

މި ހުރިހާ މަންޒަރެއް ފެނި ތަޖުރިބާ ކުރަން މޮރިިއޭރީ އަށް ފުރުސަތު ލިބޭއިރު ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލްއާ މެދު ދެން އޭނާ ބުނާނީ ކީކޭކަމެއް ނޭނގެ އެވެ. އޭގެ ފަހުން އޭނާ އިތުރަށް މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ފިޒިކަލް އާއި ޓެކްޓިކަލްއިން އެކަނި ނޫން ކަމެއް ނޭނގެ އެވެ. ކްލަބުތަކުން މުސާރަ ނުދިނުމުން މަގުމަތިވެފައި ތިބި ކުޅުންތެރިން ގޮވައިގެން ގައުމީ ޓީމެއް އެކުލަވާލާއިރު އޭނާ ކުރަން ޖެހޭ މަސައްކަތް އިތުރަށް ބޮޑު ވާނެ އެވެ. އެއަށް ވުރެ ވަރުގަދަ ގޮންޖެހުމަކަށް ވާނީ ނުފޫޒުގަދަ ދިވެހި ކޯޗުންގެ ޕްރެޝަރެވެ.

7 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

09 November 2021

މޮޅެތި ޓީމްތަކަށް ކުޅެފަ ހުރި މޮޅު ކޯޗުން ގެ އިރުޝާދު ލިބިފަ ހުރި މީހެކެވެ. ރާއްޖެ ތެރެއިން 10 ވަރަކަށް ރަށުން 10 ވަރަކަށް ޒުވާނުން މާލެ ގެނެސް މިމީހާ ކޮޝް ކޮށްދޭތަން ބަލަން 1 މަސްދުވަހު ބެހެއްޓިއަސް ފެންވަރު ރަނގަޅު 10 ކޯޗުން 10 ރަށައް ލިބުނީ އެވެ. ދެން ބޭނުން ވާނީ ދިވެހި ކޯޗެއް ގެ ދަށުން ކޯޗް ކޮށް ދޭނެ ޕްލޭން އެކެވެ . ސެޓްފިކެޓް ނެތަސް ރަށްރަށުގަ ކޯޗް ކޮށް ދެވި ދާނެ އެވެ.

The name is already taken The name is available. Register?

ކަލޯގަޔާބެ

09 November 2021

ބްރެޒީލުގެ ކޯޗުކަންވެސް ދެފަހަރު ކުރި ބޯޅަ ނުވެސް ކުޅޭ މިހެއް. ސްކޮލާރީ….

The name is already taken The name is available. Register?

ހަސަނޭ1

09 November 2021

ސުޒޭން މެން ބައްސާމް މެން ތިބިހާ ދުވަހަކު މިޓީމެއް ރަންގަޅު ނުވާނެ..ފުރަތަމަ ކަމަކީ ލީގު ފޯރިއެއް ނެތް.ލީގު ޖެހެނީ ހޯމް އަވޭ ގޮތަށް މުޅި ރާއްޖެއަށް ބަހާލަން. ރަށު ލެވެލް އަދި އަތޮޅު ލެވެލް އިން ދެން ފުޓްބޯޅަ ފޯރި ގެނެވޭނީ.ބައްސާމް މިހެން ހަދާނެބާ.އޭނަ މަގާމް ދިފާއު ކުރަން ދިވެހިން ނުވެސް ދަންނަ ޓީމްތަކެއް ލައިގެން މިހާރު ފުރަތަމަ ޑިވިޝަން ކުރިއަށް ދަނީ. މިކަން ބަދަލު ވާން ޖެހޭ.

The name is already taken The name is available. Register?

09 November 2021

ފަހަކަށް އައިއްސަ ސާފް މުބާރާތެއްގަ ރާއްޖޭގެ ގައުމީޓީމަކުން ހޭވި އެންމެ ބޮޑު ހަޑި ހޭވީ ނިމިދިޔަ މުބާރާތުގަ، ސުޒައިން އަކީ ދުވަހަކުވެސް ރާއްްޖޭގެ ގައުމީޓީމަށް ކުޅުނު މީހެއް ނޫން، އަނގައިން މޮޅެތި ވާހަކަ ދައްކައިގެން އުޅޭ މީހެއް، ސުޒައިނުމެން ގާތްކޮށްގެން ތިޔަކަމެއް ނުވާނެ.

The name is already taken The name is available. Register?

ސޯބިރާ

09 November 2021

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ސުޒޭނަށް ދިނުމަކީ ބޮޑު ގޯހެއް. މިކޯޗަށްވެސް އޭނާކައިރިން ސަލާމަތްވުން އުނދަގޫވާނެ. ކޫޕްމަން ކޯޗުކަމުން ބޭރުވާންޖެހުނީ ސުޒޭން ދިން ގޯސް އިރުޝާދުތަކާހެދި. ސުޒޭން ކޯޗަކަށް ހުރެގެން އޮތީ އެސިސްޓެންޓް ކޯޗު އިންމައާއި ވެސް މައްސަލަޖެހިފައި. މިހެންވީމާ ސުޒޭން ގައުމީ ޓީމުގައި ހުރުމަކީ ކޯޗަށް އޮންނާނެ ބިރެއް. ބައްސާމްމެނަކީ އެވަގުތަކު އޮތްގޮތަކަށް ކަންފސޭހަކޮށްލާ ބައެއް. ވިސްނައިގެން ޕްލޭންކޮށްގެން ކަމެއްކުރާބައެއްނޫން.

The name is already taken The name is available. Register?

ނިޔާލް

09 November 2021

އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ސުޒޭން. އޭނާއަކީ ގައުމީ ކޯޗުކަމަށް ދައުވާކުރާމީހެއް. ސުޒޭންގެ ކޯޗުކަމުގައި ގައުމީ ޓީމު ބޮޑުމުބާރާތަކުން ފެއިލްވީމާ ސުޒޭން އެސިސްޓެންޓް ކޯޗަކަށް ލައިގެން ދިއުމަކީ މިކޯޗުވެސް ފެއިލްކޮށްލަން އެފްއޭއެމުން ބޭނުންވާކަމުގެ ހެއްކެއް. ފެއިލްވާ ކޯޗު އެސިސްޓެންޓަކަށް ބަހައްޓައިގެން ދިއުން މިއީ ދުނިޔޭގެ އެއްވެސްތާކު ނުކުރާނެ ކަމެއް.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

09 November 2021

އަނެއްްކާ ވާހަކަމިހުރީ ބަލިވާފާޑަށް. ދެން ކޮންމެކަމަކާ ބަލި މަތިކުރީމާ ހުރިހާކަމެއްހުންނަނީ ރަނގަޅަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454