ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. މިއަހަރުގެ ބަޖެޓަށް 2.24 ބިލިއަން ރުފިޔާގެ ސަޕްލިމަންޓެއް ވަނީ ހުށަހަޅާފައި--
09 ނޮވެމްބަރ 2021 - 11:26
މި އަހަރުގެ ބަޖެޓަށް އިތުރުވާ 2.24 ބިލިއަން ރުފިޔާ ސަލްޕިމެންޓްރީ ބަޖެޓެއްގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީ އަށް މިގޮތަށް މަޖިލީހަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ އެކު އެވެ.
ބަޖެޓް ފޮތުގައިވާ ގޮތުން މި އަހަރަށް ކަނޑައެޅި 34.9 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ސަރުކާރުގެ ހަރަދުތައް އިތުރުވާނެ އެވެ. މި އަހަރު ނިމޭ އިރު ސަރުކާރުގެ ބަޖެޓު ހުންނާނެ ކަމަށް ބެލެވެނީ 37.1 ބިލިއަން ރުފިޔާގަ އެވެ. ބަޖެޓު އިތުވަނީ ފާސްކުރި ބަޖެޓުގައި ހިމެނިފައި ނެތް ސަނީސައިޑް ބޮންޑުގެ ތެރެއިން އަނބުރާ ދައްކާފައިވާ މިންވަރަށް ބަލައި ބަޖެޓު ރިވައިޒްކޮށްފައިވުމުންނެވެ.
އަލަށް ބަޖެޓަށް އިތުރުވި އަދަދާ އެކު މި އަހަރުގެ ބަޖެޓުގައި ދައުލަތުގެ ރިކަރަންޓް ހަރަދު ވަނީ 24.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ ތިން ޕަސެންޓް އިތުރު އަދަދެކެވެ. މީގެ އިތުރުން ކެޕިޓަލް ހަރަދު ވަނީ 12.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ. މިއީ ކުރިން ފާސްކުރި ބަޖެޓަށް ވުރެ އެއް ޕަސެންޓް އިތުރު އަދަދެކެވެ.
މި އަހަރުގެ ކުރީ ކޮޅު ސަރުކާރުން ވިއްކި ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައްކަން ޖެހުނީ 2017 ވަނަ އަހަރު އިޝޫކުރި ސޮވެރިން ބޮންޑުގެ ދަރަނި އަދާކުރަން ކަމަށް ސަރުކާރުން ބުނެ އެވެ.
"ސަނީ ސައިޑް" ގެ ނަމުގައި 2017 ވަނަ އަހަރު ޔާމީންގެ ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކި އެވެ. އެއީ ބޭރުގެ މާކެޓަށް ރާއްޖެއިން ވިއްކި ފުރަތަމަ ބޮންޑެވެ. އޭރު މި ބޮންޑު ވިއްކީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.
މި ބޮންޑަށް ބާކީ ނުދެއްކި އޮތް 58 މިލއަން ޑޮލަރު (894 މިލިއަން ރުފިޔާ) އަންނަ އަހަރު ދެއްކުމަށް ރާވައިފައިވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު މެދުވެރިކޮށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 5.7 ބިލިއަން ރުފިޔާ ދަރަަނި ދެއްކުމަށް ހޭދަކުރާނެ އެވެ.
ދައުލަތުގެ ދަރަނި އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މި އަހަރު ގެރެންޓީއާ އެކު ދަރަނި ހުރީ 93 ބިލިއަން ރުފިޔާގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
10 November 2021
އެއްސަރުކާރަށް ވުރެ އަނެއް ސަރުކާރު ބަލަނީ ގިނަ އިން ކެއުމަށެވެ.
މިނާބުޑޭ
10 November 2021
މީ ވަރަށް ފައްކާ ސޮރެއް. ޤައުމު ސަތޭކަ ބިލިޔަނުން ދަރުވާލި ޚާއިނުގެ ލަޤަބު އަރުވާނަން
ދަރަނި ދަންތުރަ
09 November 2021
ސަހަރޯ ހީވޭ މިހުރީވާ ވަރުގަދަ ފިނޭންސް މިނިސްޓަރެއް ކަލޯ މެނޭ ، ފައިސާ ޔާ ބެހޭގޮތުން މިވަރަށް ކިޔަވައިގެންހުރި ދެވަނަ މީހަކު މިއުޑުދަށުގައި ވޭބާ ؟
ދޮންމަނިކު،
09 November 2021
ސަޕްލިމަންޓްރީ ބަޖެޓެއް ހުށައަޅަން ވާނި، ހަރަދު ކުރުމުގެ ކުރިން، ހަަރަދު ކޮށްނިއްމާފާއެއް ނޫން. މީވަރަށް ބޮޑު އޮޅިވާލުމެއް