ކިރަން މާޒިޔާގެ ޖޯޒީ ހިފަހައްޓާލައިގެން --- ފޮޓޯ: މާޒިޔާ
20 ނޮވެމްބަރ 2021 - 17:21
ކުރިއަށް އޮތް ސީޒަންގައި މާޒިޔާގެ ގޯލް ބަލަހައްޓަން ނޭޕާލްގެ ގައުމީ ޓީމު ކީޕަރު ކިރަން ޝެމްޝޮން އެ ޓީމަށް ސޮއިކޮށްފި އެވެ.
ކިރަން އަކީ ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އަށް ސޮއިކުރުވި ބިދޭސީ ފުރަތަމަ ކުޅުންތެރިޔާ އެވެ. ކޮންމެ ކްލަބެއްގައި ހަތަރު ބިދޭސީ ކުޅުންތެރިން ޖެހުމުގެ ފުރުސަތު މިހާރު އޮވެ އެވެ. އޭގެތެރެއިން އެއް ކުޅުންތެރިޔަކު ވާން ޖެހޭނީ އޭޝިއާ އަށް ނިސްބަތްވާ ކުޅުންތެރިޔަކަށެވެ.
މާޒިޔާ އަކީ ކިރަން ކުޅޭ ރާއްޖޭގެ ދެވަނަ ކްލަބެވެ. މިދިޔަ މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލްގެ ޓީމާއެކު މޮޅު ކުޅުމެއް ދެއްކި ކިރަން ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން ޓީސީ އަށް ކުޅެފަ އެވެ. ބަންގްލަދޭޝްގައި 2017 ގައި ބޭއްވި ކްލަބު މުބާރާތް، ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕް ޓީސީ އަށް ކާމިޔާބުކޮށްދިނުމުގައި ކިރަން މުހިންމު ދައުރެއް އަދާކުރި އެވެ. ފައިނަލް މެޗުގައި އޭނާ ވަނީ ޕެނަލްޓީ ވެސް މަތަކޮށްފަ އެވެ. ޖެހިގެން އައި 2018 ވަނަ އަހަރު ކިރަން ޓީސީއާ ގުޅުނީ ސީޒަންގެ މެދުތެރެއިންނެވެ. އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ޓީސީ ހޯދިއިރު އެ ކާމިޔާބުގައި ވެސް އޭނާގެ ހިއްސާ އޮތެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތެރޭގައި އޭނާ ބުނެފައި ވަނީ ރާއްޖެ އަކީ އޭނާގެ ދެވަނަ ހޯމް ކަމަށެވެ. އެ މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. މުބާރާތުގެ ފައިނަލަށް ނޭޕާލް ދަތުރުކުރުގައި ކިރަން ދެއްކި މޮޅު ކުޅުމާއި އޭނާގެ ލީޑާޝިޕް މުހިންމު ދައުރެއް އަދާކުރި އެވެ.
މާޒިޔާއިން ދާއިމީކޮށް ދިވެހި ކީޕަރަކަށް ފުރތަމަ 11 އިން ޖާގަ ހޯދުން އޮންނަނީ އުނދަގޫ ކަމަކަށްވެފަ އެވެ. އެ ޓީމުގެ ލޯކަލް ކީޕަރު ހުސައިން ޝަރީފަށް، އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ކުރިމަތިވި އަނިޔާއިން އޭނާ މުޅިން ރިކަވާ ނުވެ އެވެ. ގައުމީ ޓީމުގެ ދެވަނަ ކީޕރަށް އެންމެ ފަހުގެ ދެ މުބާރާތުގައި ވެސް ގައުމީ ޓީމާއެކު ބައިވެރި ނުވެވުނެވެ.
މާޒިޔާ އާ ސީޒަނަށް ތައްޔާރު ވަމުން ދަނީ ތަޖުރިބާކާރު ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ގެ ބެލުމުގެ ދަށުންނެވެ. އޭނާ އަކީ މިއަހަރު މާޒިޔާގައި މަސައްކަތް ކުރާ ތިންވަނަ ކޯޗެވެ. މިދިޔަ ސީޒަން ފެށީ މުހައްމަދު ނިޒާމްއާ އެކު އެވެ. އޭގެ ފަހުން އެ ޓީމަށް ގެނައީ ސާބިއާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް އެވެ. ކޮންޓްރެކްޓް ހަމަވުމުން ރިސްޓޯ މާޒިޔާ ދޫކޮށްލީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު
20 November 2021
ކީޕަރުންނަށް ބޭރު ކުޅުންތެރިން ނުނެގޭ ގޮތް ހަދަންޖެހޭ. މިތާ ފުޓުބޯޅަ ކުރިއަރުވަންޏާ. އެކަމު މިއީ މިހާރު ކަންމަތީ ޖަމިއްޔާތަކުން ހައިޖެކްކޮށްގެން ކުރާ ވިޔަފާރިއެއް. ބައްސާމް އަށް ރައީސްކަން ކުރެވެނިކޮށް އެނިމުނީ
ބުރޯސް
20 November 2021
ބޭރު ކުޅުންތެރިން ދިވެހި ޓީމުތަކަށް ގެންނަނީ ރަނގަޅު އަގުގައި ވަނީ ނަމަ، ދިވެހި ކުޅުންތެރިންގެ މުސާރަވެސް ރަނގަޅުވާން އެބަޖެހޭ. އަދި އިތުރު ވަޒީފާ ތަކަށް ނުގޮސް ފުޓުބޯޅައަށް އެކަނި ކެރިއާރ ބިނާކުރަން އެބަޖެހޭ.
ޝޯމޭން
20 November 2021
ރާއްޖޭގެ ކްލަބުތަކުން ދިވެހި ކުޅުންތެރިން އުފެއްދުމުގެ ބައި ވަރަށްވެސް ދަށްކޮން މިފެންނަނީ. ދެން ވާނީވެސް އެހެންތާ. ދިވެހި ނަމެއް ކިޔާ ޓީމެއްވެސް ތިމުބާރާރަކު ނޫޅޭ އަދި އެކަމަށް ބާރެއްވެސް ނާޅާ.