މީޑިއާގެ މިނިވަން ކަމަށް ގޮވާލައި ނޫސްވެރިން 2016 ގައި މުޒާހަރާ ކުރަނީ
04 ޑިސެމްބަރ 2021 - 09:53
މަނީ ލޯންޑަރިންގެ ކުށުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ޖަލު ބަންދުގައި ހުންނެވުމަށް ފަހު، މިނިވަންވެ ވަޑައިގެން ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ސަޕޯޓަރުންނާ ފުރަތަމަ ފަހަރަށް ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވައިފި އެވެ؛ ގައުމުގައި ހުރި މައްސަލަތަކުގެ ވާހަކަތައް ދައްކަވަމުން ވިދާޅުވި އެއް ވާހަކަ އަކީ، އެމަނިކުފާނަކީ، ރައްޔިތުންގެ ހީކުރާ ގޮތަށް، ހުރިހާ ކަމެއްގެ ހައްލު ނޫން ކަމެވެ. އަދި އެމަނިކުފާނަކީ ކަންކަމަށް ހައްލު ގެންނަން ދިރުވާލާ ބޭސްގުޅައެއް ވެސް ނޫން ކަމެވެ. ހަމައެހެންމެ، ވިދާޅުވި ގޮތުގައި އެމަނިކުފާނު ހައްދަވަނީ ޖާދޫއެއް ވެސް ނޫނެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ފަސްް އަހަރުގެ ތެރޭގައި ޖާދޫ ހެއްދެވުނު ކަމަކީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ތަރައްގީ އެވެ. އެމަނިކުފާނުގެ އިގްތިސާދީ ރޭވުންތެރިކަމުގެ ފުރިހަމަ ކަމެވެ. ކުރިމަގަށް ހިފާފައި ހުރި އަޒުމްތައް ވަރުދަވެފައި ރޭވުންތެރިކަން ކިތަންމެހާ ވެސް ރަނގަޅު ކަމެވެ. އެކަމަކު ވައްކަމާއި ފަސާދަ އާއި އަނިޔާވެރިކަމާއި އަނިޔާ ދިނުމާއި ފަރުދީ މިނިވަންކަން ދެމެހެއްޓުމަށް އެމަނިކުފާނަށް ޖާދުލެއް، އަދި ބޭހެއް ވެސް ނުހެއްދެވުނެވެ. އޭގެ ބަދަލުގައި ފެނުނީ އެކަންކަން އިހަށް ވުރެ ބޮޑުވެ، އޭގެ ވެސް ހައްދުފަހަނައަޅައިދިޔަ ތަނެވެ. އެކަންކަމުގެ ހައްލަކަށް "ބަންދުކުރުމާއި ޖަލު" ނޫން ބޭހެއް އަދި ޖާދުލެއް އެމަނިކުފާނަށް ފެނިވަޑައެއް ނުގަތެވެ.
ރައީސް ޔާމީން ރޭ ވާހަކަފުޅު ދައްކަވަނީ: ނޫސްވެރިންނަށް ތީރު އެއްލެވި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޭގެ ތެރެއިން އެއް ކަމަކީ، މިނިވަން ކަމާ އެކު ހިޔާލުފާޅުކުރުމެވެ. ރޭގެ ވާހަކަފުޅުގައި، މިނިވަން ޖާނަލިޒަމެއް އޮތޭ ކިޔައިގެން މި ސަރުކާރު ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ނެތޭ އެމަނިކުފާނު ވަރަށް ކޯފާވެ ހުންނަވައި ވިދާޅުވި އެވެ. އަދި، ވަރަށް ޒާތީ ގޮތަކަށް، އެމަނިކުފާނަށް މިހާރު ހުކުމް ކުރަނީ ނޫސްވެރިންނޭ، ނޫސްވެރިން ތިބީ އިންޑިއާ އެމްބަސީން ދޭ ފައިސާގައި ޖެހިފައި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އުދާސްތައް ނޫސްވެރިންނަށް ބަންޑުން ކޮށްލެއްވި އެވެ. ހަމައެހެންމެ، ނޫސްވެރިންނަކީ މާ ހާއްސަ ބަޔަކީތޯ އައްސަވައި އޭގެ މިސާލު ޖައްސަވަމުން، ގެއްލިގެން ހޯދާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލަ މި ސަރުކާރަށް ހާއްސައީ "އޭނާއަކީ ރިޕޯޓަރަކަށް ވާތީ"ތޯ ވެސް އެއްސެވި އެވެ.
ހަނދާން ނައްތާލައިގެން ނުވާނެ އެވެ؛ ވަރަށް ކުރުކޮށް މި ދަންނަވަނީ އެވެ؛ ޔާމީނަކީ ފާޑުކިޔުން ބަލައިގަންނަ ބޭފުޅެއް ނޫނެވެ. މިނިވަން ނޫސްވެރިކަމެއް، އަދި އަމުދުން ހިޔާލުފާޅުކުރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫނެވެ.
ރާއްޖެ ޓީވީގައި ރޯކޮށްލައިފައި: ގެއްލުން 12 މިލިއަން ރުފިޔާ އަށް އަރާ
ތިރީގައި ކުރުކޮށް މި ލިޔެލަނީ، އެމަނިކުފާނުގެ ވަރަށް ބޮޑު މަސްލަހަތެއް އޮތް ވެރިކަމުގެ ދޮޅު އަހަރާއި އެމަނިކުފާނު ވެރިކަން ކުރެއްވި އެންމެ ފަސް އަހަރުގެ ތެރޭގައި ހިޔާލުފާޅުކުރުމަށް ބަރިބަރި އަށް ކުރިމަތިކުރުވި ހުރަސްތަކެވެ.
- އޮކްޓޫބަރު 7، 2013 - އިދިކޮޅު މީޑިއާއެއްގެ ގޮތުގައި އޮތް ރާއްޖެ ޓީވީގައި ރޯކޮށްލި
- މާޗް 31، 2016 - ދުވަހު ނޫސް ހަވީރު އަބަދަށް އަލްވަދާއު ކިޔަން ޖެހުނު
- އެޕްރީލް 3، 2016 - ހައްގުތައް ހޯދަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނޫސްވެރިން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމުން އެތައް ނޫސްވެރިންނެއް ހައްޔަރުކުރި
- އެޕްރީލް 27، 2016- އައްޑޫލައިވް ހުއްޓުވާލި
- ޖޫން 25، ސަރުކާރުގެ ޕްރެޝަރާ ހެދި ސީއެންއެމް ނޫސް ހުއްޓާލަން ޖެހުނު
- އޯގަސްޓް 10، 2016- ސަރުކާރުގެ ޕްރެޝަރާ ހެދި ދިޓީވީ ހުއްޓާލަން ޖެހުނު
- 2016- ނޫސްވެރިކަމުގެ ހުރިހާ މިނިވަން ކަމެއް ނިގުޅައިގަނެ އަބުރުގެ ގާނޫނު ފާސްކުރި
- ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ އެތައް ބްލޮގަރުންނެއް ރާއްޖެ ދޫކޮށް ބޭރަށް ދިޔަ
- ޓްވިޓާގައި ހިޔާލުފާޅުކުރި ބްލޮގަރަކު ހައްޔަރުކޮށް ޖަލަށްލި.
- ރައީސްގެ އަބުރާ ބެހިގެން 2016 ގައި އެތައް ނޫހެއްގެ މައްސަލަ މީޑިއާ ކައުންސިލަށް ފޮނުވި
- ރާއްޖެ ޓީވީގެ ނޫސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވައި، "މިނިވަން" ކޮމިޝަންތަކުން އެތަން މިލިއަން ރުފިޔާއަކުން އިރުއިރުކޮޅާ ޖޫރިމަނާ ކުރި
ނޫސްވެރިން ކުރި މުޒާހަރާއެއްގައި ފުލުހުން ނޫސްވެރިއަކު "އުފުރާލައިގެން" ގެންދަނީ
މިއީ، އޭގެ ތެރެއިން އަދި ކުޑަމިންވަރެކެވެ. ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ނޫސްވެރިން ހަގީގަތުގައި ހިޔާލުފާޅުކުރީއެއް ނޫނެވެ. އެ މީހުން ވަގުތުތައް ހޭދަކުރީ ހައްގުތައް ހޯދުމަށެވެ. ތިބެން ޖެހުނީ މަގުމަތީގަ އެވެ. ބައެއް ނޫސްވެރިން ތިބެން ޖެހުނީ ޖަލުގަ އެވެ. ވަޒީފާ އަދާކުރާ ތަން މާދަމާ ވެސް ބަންދު ނުކުރާނެ ކަމުގެ ޔަގީންކަން ނެތުމުން ވަރަށް ގިނަ ނޫސްވެރިން ތިބީ ދެން ކުރާނީ ކޮން މަސައްކަތެއްތޯ ބަލަބަލަ އެވެ. މި ހަގީގަތް ނުވެއް ފޮރުވޭނެ އެވެ. އަދި މިއީ، ހަނދާން ނެތޭހާ ގިނަ ދުވަސްވީ ކަމެއް ވެސް ނޫނެވެ.
ނޫސްވެރިން "ކަތިލުމަކީ" ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ހިންގި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ. އެމަނިކުފާނުގެ ފުރިހަމަ ބާރު އޮތް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް ބޭފުޅުން، އަބުރުގެ ގާނޫނާ ބެހޭ ގޮތުން އޭރު ދެއްވި އިންޓަވިއުތަކުގައި ވެސް އެ ވާހަކަތައް ފެންނަން އެބަހުއްޓެވެ. އޭރު އެއް އެމްޕީއަކު ވިދާޅުވި ގޮތުގައި "މި ވަގުތަށް ކަލޭމެންނަށް އޮތީ މިގޮތެ"ވެ". މި ގޮތުގައި ކުޑަ ދުވަސްކޮޅަކު ހިފަހައްޓާލެވޭތޯ ބަލާށޭ އޭނާ ވިދާޅުވެފައި ވެ އެވެ.
ނޫސްވެރިންގެ މުޒާހަރާއެއްގައި ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް ޖަހައިގެން ނޫސްވެރިއަކު ހޭނެތިފައި
ނޫސްވެރިކަން އެއްކިބާގައި ބާއްވާފައި ސޯޝަލް މީޑިއާގެ ވާހަކަ ދައްކަންޏާ ވެސް އޮތީ ހަމަ މި ހުކުމެވެ. އޭރު ސަރުކާރުގެ ސިއްރުތަކާއި ޔާމީނަށް ފާޑުކިޔުން "ހަރާން" ކަމެކެވެ. އެއީ މި ގައުމުގައި ތިބެގެން ކުރެވެން އޮތް ކަމެއް ނޫނެވެ. އެތައް ބްލޮގަރުންނެއް ނުވަތަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނެއް ރާއްޖެ ދޫކޮށް، ބައެއް މީހުން ތިން އަހަރު ވަންދެން ރާއްޖެއިން ބޭރުގައި ދިރިއުޅެން މަޖުބޫރުވި އެވެ. ހިޔާލުފާޅުކުރި ބްލޮގަރަކު ޖަލަށް ލައި އެއް އަހަރު ވަންދެން ޖަލުގައި ވެސް ގެންގުޅުނެވެ.
މިނިވަން ކަމާ އެކު ހިޔާލުފާޅުކުރުމުގެ ފުރުސަތު މިހާރު އޮތްތޯ ނުވަތަ ނެތްތޯ އެއީ ސުވާލުކުރަން ޖެހޭ ކަމެއް ނޫނެވެ. އެކަމަކު އަޅުގަނޑަށް ޔަގީން ކަށަވަރުވާ ކަމަކީ، ރައީސް ޔާމީން ވެރިކަމަށް އަދިވެސް ވަޑައިގެންފި ނަމަ، މިނިވަން ނޫސްވެރިކަމެއް ނޯންނާނެ ކަމެވެ. މިނިވަން ނޫސްވެރިކަމަކީ އެމަނިކުފާނަށް ބިރެއް ކަމެވެ. ނޫސްވެރިންނަކީ އެމަނިކުފާނަށް ޒާތީ ބައެކޭ ހީވާ ހީވުމަށް ނިމުމެއް ނެތް ކަމެވެ. ނޫސްވެރިކަމާ ބެހޭ ގޮތުން ރޭ ވާހަކަފުޅު ދެއްކެވި އިރު، އެމަނިކުފާނު ވިދާޅުވި ފަދައިން، އެމަނިކުފާނުގެ ބޮޑީ ލޭންގުއޭޖުން ވެސް އެކަން ވަރަށް ރަނގަޅަށް އެބަ އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިސާ
05 December 2021
ރައީސް ޔާމީނުގެ ވެރިކަމުގައި ނޫސްވެރިންތައް ވެސް މަސައްކަތްކުރީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައެވެ. އެ ފަދަ ބަޔަކަށް ރަނގަޅު އެއްކަމެއްވެސް ނުފެންނާނެއެވެ. މިހާރުވެސް ސަރުކާރުގެ ދީނީ ސިޔާސަތަށް އެމީހުންގެ ހިޔާލު ފާޅުކުރުމުން ވަޒީފާއިން ވަކިކޮށްފައި ތިބި މުދައްރިސުން ނާއި ޕްރިންސިޕަލުންނާއި އެބަތިއްބެވެ. ފެނަކަ އެސްޓީ އޯގެ މުއައްޒަފުންވެސް އެބަތިއްބެވެ.
ވަހީދު
05 December 2021
ނޫސްވެރިން ވެސް، ނޫސްވެރިކަމުގެ ތާކިހާ އަޅައިގެން ތިބެ ކުރަނީ ކަނޑައެޅިގެން ސީދާ ސިޔާސީ މަސައްކަތް. ސީދާ ޕާޓީގެ މަސައްކަތް. ނޫހުގެ ނަން ބުނެލީމަ އެނޫސް ހިންގާ ޕާޓީ އެބަ އެނގޭ އެންމެނަށް. އެހެންވީމަ ނޫސްވެރިން ވެސް އެމީހުން ކުރާ މަސައްކަތަށް ލަދު ގަންނަން ޖެހޭ އެބަ.
ޙަސަން އަޙްމަދު
05 December 2021
ޔާމީންގެ ވެރިކަމަކީ ބޭއިންސާފު. ހުޅުމާލޭގައި ކުރީ ސަރުކާރުން ހެދި ފްލެޓްތައް ޔާމީން ބަހާލީ މާލޭ ގޭންގުތަކަށް. އެޗްޑީސީގައި އޮތީ ގޭންގްސްޓާރުން ޖަގަހަ ހަދާފަ. އެތަންމިތަނުން ފެންނަނީ އިސްކޮޅަށް ވުރެ ބޮޑު ފޮޓޯ. ކުރުނބާ އުފުލައިދިން ޕިކަޕް ޑްރައިވަރު ވަޒީފާ ގެއްލުނު. އައްޑޫގައި ފެނަކަ ވަޒީފާގައި ހުރި މީހާ ހދ އަށް ފޮނުވާލި. މި ހުރިހާ ކަމެއް ކުރާއިރު ސަން ޝިޔާމު ހެޔޮފޯރުވާ ދީނީ ޖަމާއަތުގެ ޕްރޮޕަގެންޑާއަކީ ޔާމީނަކީ ދީން ހިމާޔަތްކުރާ ބަތޮލަށް ހެދުން
ބަހާލީކާކު
05 December 2021
ޔާމިން ބަހާލި ގޮތަކަށް ނުން ފްލެޓްތައް ދީފަ އެހުރީ. މި ވެރިކަމުގެ 3 އަހަރު މާ ނޭވާ ލާލާފަ އެ ލިސްޓު އަލުން އެއްކޮޅުން އަނެއް ކޮޅަށް ބަދަލުކޮށްފަ ފްލެޓްތައް ދީފަ އެހުރީ. އަދި ހައްގުނުވާ މީހުންނަށް ލިބިފަ ހުރިކަން އެނގެއޭ ކިޔައި ފާޅުގަ މިހާރުގެ މިނިސްޓަރުން ބުނާއިރު އެކަން ބަދަލުކުރަން ނުއުޅެނީ ޔާމިނުދެކެ ވާ ލޯބިންތަ؟
ރަދީފުްއޮފިޝިއަލް
06 December 2021
@ބަހާލީކާކު، ބަލަ ވާނުވާ ނޭނގިގެން ތިއުޅެނީ. ހިޔާ ފުލެޓުގެ ވާހަކަ އެއް ނޫން އޭނަ އެ ދައްކަނީ
ހަލީފާ
05 December 2021
ޔާމީނޭ ކިޔާގެން އެއްޗެއް ބުނަން އުޅުނީ. ކޮމެންޓްތައް ކިޔާފަ ދެރަވެގެންވެސް ދެން ނުލިޔާނަން. ރަތް މަހަކަކަށް ނުބަވާ ވަރަށް ޔާމީނަށް އެއްޗިހި ގޮވާފަ ވިއްޔަ ހުރީ. ވާނީވެސް އެހެން. އިއްޔެވީކަމެއް މިއަދު ހަނދާން ނެތިގެން އުޅެންޏާވާނީ އެހެން. އާޓިކަލް ވަރަށް ފުރިހަމަ.
ސަލީމް
05 December 2021
ޔާމީން އެ ބުނީ ހަމަރަގަޅައް. 2 ތިން މީޑިއާ ނޫނީ މިއަދު ތިބި ސޭލް އަޅުވައިގެން.
ރައްޒާގު
05 December 2021
މިނިވަން ނޫސްވެރިކަމޭކިޔަން ޔާމީން ލަދުގަންނަންޖެހޭނެޔޭ؟ ކޮންކަމަކާތަ ޔާމީން ލަދުގަންނަން ނުޖެހެނީ. ވެރިކަމެއްކޮއްފަ ދިޔައިރު ތިޖޫރި ކަހާލައިގެން ދިޔައީމަ ލަދުގަންނާކަށް ނުޖެހޭނެތަ؟
ފޫޅު އަލިބޭބެ
04 December 2021
މި ސަރުކާރަށް ކަމެއް ނުވުމަކީ ނުވަތަ ވެރިކަމަށް އަންނަން ދެއްކި ހުވަފެންތަކުގައި ކުލަ ނުޖެހުމަކީ އަބްދުﷲ ޔާމިން މައުސޫމު މީހަކަށްވުމެެއް ނޫން. އެއީ ފާޅުކަން ބޮޑު ގޮތެއްގައި ޖައްބާރުކަން ޚިޔާރުކުރި ބޭފުޅެއް. ނޫސްވެރިންނަށް ދެއްކި ބިރަކީ ބޮޑު ބިރެއް. މުލަކު ފާރޫގުލައްވާ ހަވީރު ނޫހަށް ދައުވާކުރުވީ އޭނަޔަށް ހަވީރު ނޫސް ކޮންޓުރޯލު ނުކުރެވުނީމާ. ޔާމިނަކީ އަނިޔާވެރިޔެއް ޖައްބާރެއް. މީގެ މާނަޔަކީ ކެރަފާ ނަޝީދު މާތް މީހަކަށް ވުމެއް ނޫން އިނގޭ
ދަތުރު
04 December 2021
މިހާރު ހަނދާނަށް އަންނަނީ ސޮދަގައި ފައުންޑޭޝަން މަތީނެވެ. ކުދީން ޚިތާނު ކޮއްގެން އާސަންދައިން ލެޕްޓޮޕް ހަދިޔާކޮށް ކަނދުރު ބެހުމުގައި ހަރަކާތްތެރިވި ޟޮދަގައި ފައުންޑޭޝަން މިހާރު ކޮބައިތޯ ؟
މައްކޫ
04 December 2021
ކޮބާ ރިލްވާން މުޅި އުމުރަށް ގެއްލުވާލި ވާހަކަ؟؟؟
އެދުރުކަލޭގެފާނު
04 December 2021
ރައީސް ޔާމީނުގެ އަނިޔާވެރިކަން ބައެއް މީހުން ހަނދާން ނެތިގެން އުޅެނީ މިސަރުކާރު ވެރިކަމާއި ހަވާލުވެ ވަޒީރުކަން ލިބުނު ބައެއް ފަރާތްތަށް، އަދި މަޖިލީހަށް އެމްްޑީޕީން ހޮވުނު ބައެއް މެންބަރުން، އަދި ސިޔާސީ މަޤާމުތަކަށް އައްްޔަން ކުރެވުނު މީހުންގެ ބައެއް ކަހަލަ ކޮރަޕްޝަނާއި ހެދި ވިޔަފާރިވެރިންނާއި އާއްމު ފަރުދުންނަށް ފޯރާ ތުރާލާއި، ވަޒީފާދިނުމުގައި އަދި ވަޒީފާއިން ވަކިކުރުމުގައި ގެންގުޅޭ ނަހަމަ އުސޫލެވެ. ދެން އޮތީ ކުންފުނިތަކުގެ ވެރިންގެ ތުރާލެވެ.