ދުނިޔެ / ކޮވިޑް-19

އެމެރިކާގައި އޮމިކްރޯންގެ ނިސްބަތް 73 ޕަސެންޓަށް

21 ޑިސެމްބަރ 2021 - 12:30

އެމެރިކާގައި މިހާރު ކޮވިޑް ޖެހޭ މީހުންގެ ތެރެއިން 73 ޕަސެންޓް މީހުންނަށް، އެ ބަލި ޖެހެނީ ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ވައިރަހުން ކަމަށް، އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފި އެވެ.

ދެކުނު އެފްރިކާ އިން ފެނުނު އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް އެމެރިކާ އިން ފެންނަން ފެށިތާ އަދި މަހެއް ވެސް ނުވެ އެވެ. ނަމަވެސް އެމެރިކާގައި ކުރިން އެންމެ ހަލުވިކޮށް ފެތުރެމުން އައި ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހަށް ވުރެ، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރޭ މިންވަރު މިހާރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު 11އާ ހަމައަށް އައިއިރު، އެމެރިކާގައި ކޮވިޑް ޖެހޭ މީހުންގެ 87 ޕަސެންޓް މީހުންނަށް އެ ބަލި ޖެހެމުން އައީ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުންނެވެ. އޭރު އޮމިކްރޯން އިން ކޮވިޑް ޖެހެމުން އައި މީހުންގެ ނިސްބަތް ހުރީ 12.6 ޕަސެންޓްގަ އެވެ. އަދި ޑިސެމްބަރު 4 އާ ހަމައަށް އައި އިރު އޮމިކްރޯން އިން ކޮވިޑް ޖެހެމުން ދިޔަ މީހުންގެ ނިސްބަތް ހުރީ އެއް ޕަސެންޓަށް ވުރެ ވެސް ދަށުގަ އެވެ.

އެމެރިކާގެ އިރުދެކުނު އަދި ހުޅަނގު އުތުރު ސަރަހައްދުގައި އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރޭ ނިސްބަތް، އެހެން ސަރަހައްދުތަކަށް ވުރެވެސް މާ މައްޗެވެ. އެ ދެ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުންގެ ތެރެއިން އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުން ބަލި ޖެހޭ މީހުންގެ ނިސްބަތް ހުރީ 95 ޕަސެންޓަށް ވުރެ ވެސް މަތީގަ އެވެ.

ވިލާތުގެ ގައުމުތަކުގައި ވެސް އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރޭ ނިސްބަތް މަތިވަމުން ދާތީ، ކޮވިޑުން ދިފާއުވުމުގެ ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. ނެދަލޭންޑްސް މިހާރު ވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފުރަބަންދުކޮށް، އާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ.

އޭގެ އިތުރުން އިނގިރޭސި ވިލާތުގައި ވެސް އާންމުން އެއްވެ އުޅުން މަދުކުރުމަށް މިހާރު ވަނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެ ގޮތުން، ވެރިރަށް ލަންޑަންގައި ބާއްވަން ރާވާފައި އޮތް، މީލާދީ އާ އަހަރު ފެށުން ފާހަގަކުރުމުގެ ހަފްލާވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

ގާތްގަނޑަކަށް 6500 މީހުން ބައިވެރިކޮށްގެން ބާއްވަން ރޭވި އެ އިހްތިފާލު ކެންސަލް ކުރުމުން، ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ނަމަވެސް ލަންޑަންގެ މޭޔަރު ސާދިގް ޚާން ވިދާޅުވި ގޮތުގައި، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅަނީ އެންމެންގެ މަސްލަހަތަށް ބަލައިފަ އެވެ.

މީގެ އިތުރުން ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައި، އާ އަހަރު ފާހަގަކުރުމަށް ކޮންމެ އަހަރަކު ބާއްވާ ހަވާ އެރުވުމުގެ ހަރަކާތްތައް މިއަހަރު ނޯންނާނެ ކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އިޓަލީ ވިލާތުގައި ބާއްވާ އާ އަހަރުގެ ކުޅިވަރުތައް ވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.

ކޮވިޑް ޖައްސާ މުޅިން އާބާވަތުގެ ވައިރަހެއް – އޮމިކްރޯން – ފެނުނުކަން ދެކުނު އެފްރިކާ އިން އިއުލާންކުރީ މީގެ މަހެއްހާ ދުވަސް ކުރިން، ނޮވެމްބަރު 26، 2021ގަ އެވެ. އޭގެ ފަހުން މިހާތަނަށް 90 ގައުމެއްގައި މިބާވަތުގެ ވައިރަސް ފެތުރެމުންދާ ކަން ވަނީ ޔަގީންކުރެވިފަ އެވެ.

އޮމިކްރޯން ބާވަތުގެ ވައިރަހުން ކޮވިޑް ޖެހުމުން، ބަލިމީހާގެ ހާލު ބޮޑު ނުވިޔަސް، މިބާވަތުގެ ވައިރަހުން ބަލި ފެތުރޭ ނިސްބަތް، އެހެން ބާވަތުގެ ކޮވިޑް ވައިރަސްތަކަށް ވުރެ މަތިކަން ވަނީ ސައެންސްވެރިން ދެނެގެންފަ އެވެ. ސައެންސްވެރިން ބުނާ ގޮތުގައި އޮމިކްރޯން ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، ބަލި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމެވެ. އަދި އެކަށީގެންވާ ރަނގަޅު ދިފާއެއް ހަށިގަނޑުގައި އުފައްދަން ބޭނުން ނަމަ، ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމަށް ވެސް ސައެންސްވެރިން އިރުޝާދު ދެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454