21 ޑިސެމްބަރ 2021 - 14:54
ކޮވިޑް-19 ގެ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު ގައުމީ ވޮލީ ޓީމުގައި ތިބުމުން ސެންޓްރަލް ޒޯން މުބާރާތަށް ބަންގަލަދޭޝް އަށް ދާން ހަމަޖެހިފައި އޮތް ގައުމީ ވޮލީ ޓީމަށް ނުފުރި ޓީމު އެނބުރި މާލެ އަތުވެއްޖެ އެވެ.
ޓީމަށް ނުފުރޭނެކަން އެނގުނީ ބަންގްލަދޭޝްގައި ބާއްވާ މުބާރާތަށް ފުރަން މިއަދު އެއާޕޯޓަށް ދިޔަ ފަހުންނެވެ. ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް މިއަދުން ފެށިގެން މިމަހު 29 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ފިރިހެން ޓީމަށް ބަންގްލަދޭޝް އަށް ނުފުރުނަސް، ގައުމީ އަންހެން ޓީމު ވަނީ ބަންގްލަދޭޝް އަށް ފުރައިފަ އެވެ. ސެންޓްރަލް ޒޯން އަންހެން މުބާރާތް ވެސް ބަންގްްލަދޭޝްގައި އޮންނާނެ އެވެ.
ގައުމީ ވޮލީ ޓީމުން މާލޭގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ދެހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ސެންޓްރަލް ޒޯން މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީ ޓީމުން ވަނީ ވަރުގަދަ އަށް ތައްޔާރު ވެފަ އެވެ. އެކުވެރި ކަމުގެ ވޮލީ މެޗު ސީރީޒްގައި ލަންކާގެ ގައުމީ ވޮލީ ޓީމާ ދެކޮޅަށް، މާލޭގައި ތިން މެޗު ކުޅުނެވެ. އެއއިން އެއްވެސް މެޗަކުން މޮޅު ނުވިނަމަވެސް މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ރަނގަޅު ވޯމްއަޕެއް އެ މެޗުތަކުން ލިބުނު ކަމަށް ގައުމީ ޓީމުގެ ކޯޗް މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ބުނެފަ އެވެ.
ވީއޭއެމުން ފުރަތަމަ މަސައްކަތް ކުރީ ލަންކާގެ މެޗުތަކަށް ފަހު، ބަންގްލަދޭޝް އަށް ދިއުމުގެ ކުރިން ޓްރޭނިން ކޭމްޕެއްގައި އިންޑިއާ އަށް ދިއުމަށެވެ. ނަމަވެސް އިިންޑިއާ ޓްރޭނިން ކޭމްޕަށް ނުދިޔައީ، އެގައުމުގެ ބެންގަލޫރަށް ނިސްބަތްވާ ވޮލީ ޓީމަކުން މާލެ އައިސް ގައުމީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅޭ ގޮތަށް ހަމަޖެހުމުންނެވެ. ބެންގަލޫރުގެ ކްލަބުން މާލެ އައިސް ގައުމީ ވޮލީ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅުނެވެ.
ސެންޓަރަލް ޒޯންގައި ރާއްޖެ ހިމެނޭ ފަޅީގައި މުޅިން އަލަށް ވާދަކުރަނީ ލަންކާ އާއި އުޒްބެކިސްތާނެވެ. ދެން އޮތް ދެ ގައުމު، ނޭޕާލާއި ބަންގްލަދޭޝް އަކީ ސެންޓްރަލް ޒޯން މުބާރާތުގައި މީގެ ކުރިން ރާއްޖެ ކުޅެފައިވާ ދެ ގައުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Happy 113
21 December 2021
ޓީމް މާލޭގައި ވަކިން ކޭމްޕް ކުރެވުނުނަމަ ތިހެން ނުވީސް!!
ފަލޑޭ
21 December 2021
ރަނޭ ތިހުރީ އެސޯސިއޭޝަން ހިންގިފަ. ދޯހަޅި ސިޔާސަތާ ހެދި ނުފުރުނީ.
ރަދީފްއޮފިޝިއަލް
21 December 2021
ހެހެހެހެހެ.އެއް ގޮތުން ރަނގަޅު މިވީ ގޮތް. ސެޓަކުން 10 ޕޮއިންޓް ވެސް ނުލިބޭނެ.އެހެންވީމަ ލަދެއްގަ ނުބެދި ގައުމުގަ ތިބެވޭގޮތްވުން އެއީ ރަނގަޅެއް.ބަލި ކުދިންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.