ރޭގެ މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިން މެކްޓޮމިނޭ ބޮލުން ބޯޅާގައި ޖަހަނީ. --ފޮޓޯ:އޭއެފްޕީ
11 ޖެނުއަރީ 2022 - 12:41
މެންޗެސްޓާ (ޖެނުއަރީ 11) - އިނގިރޭސި އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑުން މިޑްލްސްބަރާއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކުރީ ރޭ ކުޅުނު ތިންވަނަ ބުރުގެ މެޗުގައި އެސްޓަން ވިލާ 1-0 އިން ބަލި ކޮށްގެންނެވެ. މެޗުގެ އަށްވަނަ މިނިޓުގައި ފްރެޑް އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅައެއް ބޮލުން ޖަހައި، ޔުނައިޓެޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ސްކޮޓް މެކްޓޮމިނޭ އެވެ.
އެސްޓަން ވިލާގެ އޮލީ ވަޓްކިންސް ވަނީ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ޔުނައިޓެޑުގެ ވިކްޓާ ލިންޑަލޯފް އަށް ކޮންޓްރޯލް ނުކުރެވުނު ބޯޅައެއް ހޯދައިގެން ވަޓްކިންސް އޭރިއާ ތެރެއަށް ވަދެ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
އެސްޓަން ވިލާ އިން ދެވަނަ ހާފުގެ ކުރީކޮޅު ދެ ގޯލު ޖެހި ނަމަވެސް އެ ދެ ގޯލުގައި ވެސް އެޓީމުގެ ކުޅުންތެރިން ތިބީ އޮފްސައިޑުގަ އެވެ. ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އާއި ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ރޭގެ މެޗުގައި މޮޅު ސޭވްތަކެއް ކޮށްފަ އެވެ.
މުބާރާތުގެ ތިންވަނަ ބުރުގެ ކުޅުން ނިމިފައިވާއިރު، ހަތަރު ވަނަ ބުރުގެ މެޗްތައް ކުޅޭނީ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ. ރެކޯޑް އަދަދަކަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާ އާސެނަލް ތިންވަނަ ބުރުން ކަޓައިފައި ވާއިރު، އާސެނަލް ކަޓުވާލި ނޮޓިންހަމް ފޮރެސްޓު ހަތަރުވަނަ ބުރުގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށެވެ.
މިދިޔަ ސީޒަނުގެ ރަނަރަޕް ޗެލްސީ ހަތަރުވަނަ ބުރުގައި ކުޅޭނީ ތިންވަނަ ޑިވިޝަނުގެ ޕްލިމޮތު އާގައިލްއާ ދެކޮޅަށެވެ. ލިވަޕޫލުން ކާޑިފް ސިޓީއާ ދެކޮޅަށް ނުކުންނައިރު، މެންޗެސްޓާ ސިޓީ ކުޅޭނީ ފުލަމްއާ ދެކޮޅަށެވެ. އަދި ޓޮޓެންހަމް އިން ބްރައިޓަންއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު ވުލްވްސް ކުޅޭނީ ނޯރިޗް ސިޓީއާ ދެކޮޅަށެވެ.
އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި ޕްރިމިއާ ލީގު ކުލަބް ސައުތެމްޓަން ކުޅޭނީ ތިންވަނަ ބުރުގައި ވޭން ރޫނީގެ ޑާބީ ކައުންޓީ ބަލިކުރި ކޮވެންޓްރީ ސިޓީއާ އެވެ. އަދި ކްރިސްޓަލް ޕެލަސް ނުކުންނާނީ ހަތަރުވަނަ ޑިވިޝަނުގެ ހާޓްލްޕޫލް ޔުނައިޑެޑާ ދެކޮޅަށެވެ.
ހަތަރުވަނަ ބުރަށް ދަތުރުކުރި އެންމެ ދަށް ޑިވިޝަނުގެ ކުލަބަކީ، އިނގިރޭސި ހަވަނަ ޑިވިޝަނުގައި ކުޅޭ ކިޑާމިންސްޓާ ހަރިސް ފުޓުބޯޅަ ކުލަބެވެ. ހަތަރުވަނަ ބުރުގައި އެ ޓީމު ވާދަކުރާނީ ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ. އެ ޓީމުން ވަނީ ތިންވަނަ ބުރުގައި ޗެމްޕިއަންޝިޕުގައި ކުޅޭ ރެޑިން ބަލިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައިތޯންޑޭސް
11 January 2022
ރަދީފް ބުނިހެން ރެފްރީވެސް ކުޅެގެން ވިލާ ބަލިވީ.
ރަދީފްއޮފިޝިއަލް
11 January 2022
މަރުހަބާ ޔުނައިޓެޑް.''އެސްޓަން ވިލާ އިން ދެވަނަ ހާފުގެ ކުރީކޮޅު ދެ ގޯލު ޖެހި ނަމަވެސް އެ ދެ ގޯލުގައި ވެސް އެޓީމުގެ ކުޅުންތެރިން ތިބީ އޮފްސައިޑުގަ އެވެ.'' މިފަދަ އިބާރާތަކުން ލިޔެ ނިންމާލީމަ އަދަ ކަމަކު ނުދާނެ.13 ކުޅުންތެރި ނިކުމެ 11 ކުޅުންތެރިންނާ ކުޅެން އުޅެފިނަމަ ދެން ނިކުންނާނެ ނަތީޖާއެއީ އެންމެންނަށް ވެސް އެނގި ޔަގީންވާނެ އެއްޗެއް.ދެން އަހަރެން ކާލާ.ވ.ވެދުން