މާޅެންދޫ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން ބަހައްޓާ ތާނގިތައް-- ފޮޓޯ: އެމްޑަބްލިއުއެސްސީ
18 ޖެނުއަރީ 2022 - 12:59
ނ. މާޅެންދޫ ފެނާއި ނަރުދަމާގެ މަސައްކަތުގެ 85 ޕަސެންޓު ނިމިއްޖެ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ. މިހާރު ކުރަމުން އަންނީ ހޮޅި ވަޅުލުމާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ އާރުއޯ ދެ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކެވެ.
މީގެ އިތުރުން މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމާއި, ސީ އައުޓްފޯލް އާއި ޕަންޕިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރަނީ ޕަންޕިން ސްޓޭޝަންތަކުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.
ޕްލޭނިން މިިސްޓްރީން އެމްޑަބްލިއުއެސްސީއާ މި މަޝްރޫއު ހަވާލުކުރީ 42.9 މިލިއަން ރުފިޔާއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
18 January 2022
ރައްޔަތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވާތަން ފެނުނީމަ އުފާވޭ.ރާއްޖޭގެ ހުރިހާ ރައްޔަތުން އުފަލުގަ ތިބޭތަން އަބަދުވެސް ދެކެން ބޭނުންވޭ.ޝުކުރިއްޔާ ސަރުކާރު.