އެންސިސްގެ އެޕާޓްމަންޓް ކޮމްޕްލެކްސް މަޝްރޫއު، ޓޫރިޒަމް މިނިސްޓަރު ޒަމީރު މިރޭ އިފްތިތާހުކޮށް ދެއްވަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު
16 ޑިސެމްބަރ 2016 - 01:05
ޒަމާނީ ގޮތަކަށް ފަރުމާކޮށްފައިވާ 94 އެޕާޓްމަންޓް ހިމެނޭ ރެސިޑެންޝަލް ކޮމްޕްލެކްސެއް ހުޅުމާލޭގައި ތަރައްގީކުރުމުގެ މަޝްރޫއު، އެންސިސް ކުންފުނިން މިރޭ އިފްތިތާހުކޮށްފި އެވެ.
"އައިރާ: އެކްސެޕްޝަނަލް ލިވިން"ގެ ނަން ދީފައިވާ މި އެޕާޓްމަންޓް ކޮމްޕްލެކްސް ހަދަނީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެންސިސް އިން ރިއަލް އެސްޓޭޓުގެ ދާއިރާގައި ހަރަކާތްތެރިވުމަށް އުފައްދާފައިވާ އެންސިސް ރިއަލްޓީންނެވެ. ހުޅުމާލޭގައި ހުންނަ އެންސިސްގެ އިމާރާތެއްގައި މިރޭ ބޭއްވި ހަފްލާއެއްގައި މި މަޝްރޫއު އިފްތިތާހުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
އެންސިސްގެ އެޕާޓްމަންޓް ކޮމްޕްލެކްސް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު (މ) އާއި އެންސިސްގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު
ހުޅުމާލޭ ވޯޓާ ފްރަންޓުގައި، ފެރީ ޓާމިނަލުން ހިނގާލާފައި ފަސްވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ހަދާ މި ކޮމްޕްލެކްސްގައި 94 އެޕާޓްމަންޓް ހުރެ އެވެ. އެއީ ތިން ކޮޓަރީގެ 45 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 26 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 13 އެޕާޓްމަންޓުގެ އިތުރުން، 10 ޕެންޓްހައުސް އެވެ. އޭގެ ތެރޭން، ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގައި މެއިޑް ރޫމެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ކުޑަ ކޮޓަރިއެއް ވެސް ހުރެ އެވެ.
އައިރާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ އެންމެ ހާއްސަ ކަމަކީ މި ތަނުގެ ޑިޒައިނެވެ. ދިވެހި ދެ އާކިޓެކްޓަކާ އެކު މި ތަން ޑިޒައިން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ސިންގަޕޫރުގެ ޓެން އާކިޓެކްޓްސްގެ ފަރާތުން މި މަޝްރޫއާ ހަވާލުވެވަޑައިގެން ހުންނެވި ލިއޯ ސެވިއާ މިރޭ ވިދާޅުވީ މި ތަން ފަރުމާކޮށްފައި ވަނީ ރާޅު އަސްލަކަށް ބަލައިގެން ކަަމަށެވެ. އޭނާ ވިދާޅުވީ އާޓިސްޓުން އަބަދު ވެސް ރާޅު ކުރަހަނީ ރޮނގުތަކެއްގެ ސިފައިގައި ކަމަށާއި މި ކޮމްޕްލެކްސް ބޭރުން ފެންނާނީ ރޮނގުތަކެއް ދަމާފައި ހުންނަ ގޮތަށް ކަމަށެވެ.
އޭގެ އިތުރުން، މި ތަނުގެ އެންމެ ހާއްސަ ކަމަކީ، ލިއޯ ވިދާޅުވި ގޮތުގައި، ހުރިހާ އެޕާޓްމަންޓަކަށް ވެސް ވީހާ ވެސް ބޮޑަށް އިރުގެ އަލި ވަންނާނެ ގޮތަށް ފަރުމާކޮށްފައިވުމެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ތިމާވެއްޓާ ރަށްޓެރި ތަނެއް ފަރުމާ ކުރުމުގެ އިތުރަށް، ރާއްޖެއާ ގުޅޭ މާހައުލެއްގައި އުޅެވޭ ކަމުގެ އިހުސާސް އެޕާޓްމަންޓުގެ ތެރޭގައި ތިބޭ އިރު ވެސް ކުރެވޭނެ ގޮތް ހެދުމަށެވެ.
"ހަމަ އެކަހަލަ ވިސްނުމެއްގައި، އިންޓީރިއާ ވެސް ވާނީ ޑިޒައިންކޮށްފައި. އަދި ބޭނުންކޮށްފައި ވާނީ ވެސް ރާއްޖެއާ ގުޅޭ ކަހަލަ، ގުދުރަތީ ގޮތުން ލިބޭ ލަކުނޑި އާއި އެ ނޫން ވެސް ތަކެތި،" ލިއޯ ވިދާޅުވި އެވެ.
އެންސިސްގެ އެޕާޓްމަންޓް ކޮމްޕްލެކްސްއާ ގުޅޭ ގޮތުން، އެ ތަން ޑިޒައިން ކުރި ސިންގަޕޫރުގެ ޓެން އާކިޓެކްޓްސްގެ ފަރާތުން ލިއޯ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު
ރާއްޖޭގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި މިހާތަނަށް ހަދާ އެންމެ ބޮޑު ސްވިމިން ޕޫލް މި ތަނުގައި ގާއިމްކުރަން ނިންމާފައިވާ އިރު، ކުޑަކުދިންނަށް ހާއްސަ ޕޫލެއް ވެސް އޮންނާނެ އެވެ. ސްވިމިން ޕޫލް ސަރަހައްދުގައި ތަފާތު ވައްތަރުގެ ބުއިމާއި ސޭންޑްވިޗް ގަންނަން ލިބޭ ތަނެއް ހުންނާނެ އެވެ. އޭގެ އިތުރުން، ފިހާރައަކާއި ސެލޫނަކާއި ޖިމަކާއި އެކި ކަންކަމަށް ބޭނުންކުރެވޭ ބޮޑު ހޯލެއް ވެސް މި ތަނުގައި ގާއިމްކުރަން ވަނީ ހަމަޖައްސައިފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، 1996 ގައި އުފެއްދި އެންސިސް އަކީ ވިޔަފާރީގެ ރޮނގުން ރާއްޖޭގައި ނަމޫނާ ކުންފުންޏެކެވެ. އެ ގޮތުން، އެ ކުންފުނީގެ ވިޔަފާރި ފުޅާކޮށް، މަސްވެރިކަމުގެ ދާއިރާގައި އެންމެ ނަން ހިނގާ ކުންފުންޏަށް ވުމަށް ފަހު، މިހާރު ޓޫރިޒަމް އަދި ރިއަލް އެސްޓޭޓުގެ ދާއިރާ އަށް ވަދެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ ރައްޔިތުންނަށް ފުރުސަތުތައް ހޯދައިދިނުމަށެވެ. އަމިއްލަ ވިޔަފާރިތައް މެދުވެރިކޮށް ވެސް އެ ފުރުސަތުތައް ފަހިކޮށްދޭން ސަރުކާރުން ބޭނުންވާ ކަމަށާއި އެންސިސް އިން ފަށާ އެޕާޓްމަންޓް ކޮމްޕްލެކްސްގެ މަޝްރޫއު ފަދަ ކަންކަމުން ވެސް އެފަދަ އެތައް ފުރުސަތެއް ފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ހިންގާ ހުރިހާ މަޝްރޫއެއްގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިތަކަށް އަންނަ ކުރިއެރުމާ މެދު އެއްވެސް ޝައްކެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެންސިސްގެ އެޕާޓްމަންޓް ކޮމްޕްލެކްސް މަޝްރޫއު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު
މިއީ އެންސިސް އިން ހުޅުމާލޭގައި ތަރައްގީ ކުރާ ދެވަނަ އެޕާޓްމަންޓް ކޮމްޕްލެކްސެވެ. މީގެ ކުރިން ވަނީ "ސައިމާ ރެސިޑެންސް"ގެ ނަމުގައި 10 އެޕާޓްމަންޓް ހިމެނޭ ތަނެއް ހަދައިފަ އެވެ.
މިފަހަރު ތަރައްގީ ކުރާ އެންމެ މަތީ ފެންވަރުގެ އައިރާ އެޕާޓްމަންޓް ކޮމްޕްލެކްސް އަށް ހާއްސަ ސޭލްސް އޮފީހަކާއި ގެލެރީއެއް މިރޭގެ ހަފްލާ ބޭއްވި އިމާރާތުގައި ވަނީ ހަަދައިފަ އެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ދުވާލާއި ރޭގަނޑު ވެސް ހުޅުވާ މި އޮފީހުން މި ކޮމްޕްލެކްސްއާ ބެހޭ މައުލޫމާތު ހޯދައި ރަޖިސްޓްރީ ކުރެވޭނެ އެވެ. މީގެ އިތުރުން، މި މަޝްރޫއަށް ހާއްސަކޮށް ދެ މޮބައިލް ނަމްބަރެއް (7976688/ 9566688) އަދި ވެބްސައިޓެއް (www.aira.mv) ވެސް ވަނީ ތައާރަފްކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅަން އެންސިސްގެ އިތުރުން، ރާއްޖޭގެ ރެއިންބޯ، ދަމާސް، ބެޗް ކޮންސްޓްރަކްޝަން އަދި އެޕޯލޯ ހޮލްޑިން އާއި އިންޑިއާގެ ރެނާޓަސްއާ އެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭން ގިނަ ކުންފުނިތަކުން ވަނީ މަސައްކަތް ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާނަލިސްޓް
17 December 2016
ވަރަށް ސަޅި! ލިޔުން ކިޔާ ނިންމާލިއިރުވެސް ތިޔަތަނެއްގެ ފޮޓޮލެއް ފެންނަ ގޮތެއްނުވި! ކަނޑަކަސް ރާޅަކަސް ތިޔަ ޑިޒައިން ދައްކާލަން ރަނގަޅު
ސީމާ
17 December 2016
ހެޔޮނުވާނެ! ނިކަމެތި ރައްޔިތުންނާއި ދޭތެރޭ ވިސްނާލަބަލަ!
ފަލަކު
16 December 2016
ފަގ ފަގީރުންނަކަށް ނެތް ހިޔާވަހިކަމެެއް ި
ޒާ
16 December 2016
ބޯހިޔާވަހިކަން މުއްސަނދިންނަށް އެކަނީ. ފަގީރުން މަގުމަތީ ނިދާހިސާބުގައި.
ސުލައިމާން
16 December 2016
މި ސަރުކާރު އައިފަހުން ހުރިހާކަމެއްވެސް މުއްސަދިންނަށް ، ރައްޔިތުން މިޖުހެނީ ބުނާކަހަލަ ޓެކްސް ދައްކައިދީގެން ގައުމު ހިންގަން މަގުފަހިކޮއްދޭން، ވަރަށް ދެރަ،
ސުލައިމާން
16 December 2016
މި ސަރުކާރު އައިފަހުން ހުރިހާކަމެއްވެސް މުއްސަދިންނަށް ، ރައްޔިތުން މިޖުހެނީ ބުނާކަހަލަ ޓެކްސް ދައްކައިދީގެން ގައުމު ހިންގަން މަގުފަހިކޮއްދޭން، ވަރަށް ދެރަ،