މީހަކު ފޯނު ކޯލަކަށް ޖަވާބު ދެނީ. އެކި ނަން ނަމުގައި ފޯނުން ގުޅައިގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސަގެ މުއާމަލާތްތައް ކުރުމުގައި އޮޅުވާލައިިގެން ފައިސާ ހޯދާތީ އެކަމަށް ސަމާލުވަން ބީއެމްއެލް އިން ވަނީ އެދިފައި--ފޮޓޯ:ބީއެމްއެލް
25 ޖެނުއަރީ 2022 - 11:06
އެކި ނަން ނަމުގައި ފޯނުން ގުޅައިގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާވެސް އިތުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ބީއެމްއެލް އިން އެދެފި އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވީ، އެކި މުދާ ވިއްކާ އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމަށް ބުނެ އެކި ކަސްޓަމަރުންނަށް ގުޅަމުންދާކަން އަނެއްކާ ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، އެ ބޭނުންކޮށްގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ވެސް އެ ބޭންކަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް. މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ދެއްވާ އޯޑަރުތަކަށް ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކެވުމަށް އެދެން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައިދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދިނުން މުހިއްމު ކަމަށެވެ. އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރަން ވަނީ އެދިފަ އެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮތްގޮތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީޒަން ޖެކުހަން
25 January 2022
ކިޑުނެޕުކޮށް ބުލެކްމެއިލްވެސް އެކުރަނީ ހެސްކިޔާފާ. މިކަމަކީ ވަކިކުޑަކަމެއްކަމުގާ ބަލައިގެން ހުރެވޭކަށްނެތް.
ރަދީފްއޮފިޝިއަލް
25 January 2022
ފޯންކޯލެއް ލިބޭ އިރަށް މޮޔަވާކަށް ނުޖެހޭ ދޯ.އަހަރުމެންނަށް ގުޅާބަލަ.ޕިންކޯޑް ، އިންޓަނެޓް ބޭންކިން ، ބޭންކް ، ލަކީޑްރޯ ފަދަ އެއްޗެހި ދުވަހަކުވެސް އަޑުނާހާ މީހަކަށް ހެދިގެން ވާހަކަ ދެއްކީމަ އެކޮޅުން ގުޅާ މީހާގެ ސިކުނޑި 0 އަށް ވައްޓާލެވޭނެ.އެއީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލު.ފުލުހުންނަށް މިކަމުގެ ކޮޅެއް މެދެއް ނުހޯދުނު.ސިޔާސީ މީހަކަށް ވަގަށް ގޮވާފަ މެސެޖެއް ފޮނުވަަބަ.ބައި ގަޑި އިރުތެރޭގަ އެމީހަކު ހޯދާނެ.އެހެންވީމަ މިއީ ގޭމެއް.ވ.ވެދުން
1828
25 January 2022
ކޮބާތަ ކޯޓް އަމުރެއްނެތި ރައްޔިތުންގެ ފޯންކޯލްތައް އަޑުއަހައި ފޯނުތައް ހާވާ ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް؟ އެމީހުންނަށް މިކަންކަން ނުހުއްޓުވެނީ ކީއްވެ؟
ވަގުން
25 January 2022
އެމީހުންގެ އަތެެއްވާތީ ކަންނޭގެ.ދެން އެހެން ނޫނީ ނުވާންވީ ސަބަބެއް ނެތް. ބޭންކްވެސް ފޭސްބުކް ޕޯސްޓަކުން ފުއްދާލަނީ .ދިރާގު އުރީދޫ އަދި ކަހާތަން ހިރުވާވެސް ނުލާ. އަހަންނަަށް އެގިފައި އޮތް ގޮތުން ސާރވިސްގެ ނާޖާއިޒް ފައިދާ ނަގައިގެން މަދު ބަޔަކު ކަސްޓަމަރުންނަށް އުދަގޫ ކުރަންޏާ އެންމެ ފުރަތަމަ އެކަން ހައްލު ކުރަން މަސައްކަތް ކުރަންޖެހޭ ފަރާތަކީ އެ ސާރވިސް ޕްރަވައިޑް ކޮށްދޭ ސާރވިސް ޕްރަވައިޑަރ. މީ އަނެއްކާ ނަޝަނަލް ލެވެލް އިޝޫއުއް.