23 ފެބުރުއަރީ 2022 - 06:29
އާއިލާއެއް ރޫޅިގެން ދަނީ ދެމަފިރިންގެ މެދުގައި ވަރަށް ގިނަ މައްސަލަތައް ޖެހި، އެ މައްސަލަތަކަށް ހައްލު ނުލިބި އެވެ. ކަންކަމުގައި ފަރުވާ ކުޑަވެ، އަމިއްލަ އެދުން ބޮޑުވުމަކީ ވެސް ދެ މީހެއްގެ ގުޅުން ނިމުމަކަށް އަންނަ މައްސަލައެކެވެ. މިފަދަ ގުޅުމެއް ނިންމާލާއިރު، ދަރިން ހުރުމަކީ ގުޅުން ނިންމާލި ނަމަވެސް، ގުޅުން އެއްކޮށް ކެނޑޭނެ ގުޅުމަކަށް ނުވެ އެވެ.
ދެ މީހުންގެ ގުޅުން ނިމިފައި އޮންނަ ހާލަތަކީ، ދެ މީހުން އެކުގައި ކުއްޖާ ބެލުމުގެ ކަންކަން ކުރުމަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެފަދަ މީހަކާ އެކު ހަމަޖެހޭ ގުޅުމެއް ބޭއްވުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
ވަރިވެފައިވާ މީހަކާ އެކު ދަރިންގެ ކަންކަން ބެލުމަށް ބައިވަރު ގޮތްތައް އޮވެ އެވެ. އޭގެ ތެރެއިން އެއް ގޮތަކީ އާންމުކޮށް އަހަރެމެން "ކޯ-ޕޭރެންޓް" ކުރާ ގޮތެވެ. އެއީ ދެ މީހުން ވާހަކަ ދައްކައިގެން ދަރިންގެ ހުރިހާ ކަމެއް ވެސް ކުރުމެވެ. އޭގެ ތެރޭގައި ކުދިންގެ އަހުލާގައި ސްކޫލުގެ ކަންކަމާއި އިތުރު ހަރަކާތްތަކާއި އަދި އެކަޑަމިކް ގޯލްސްތަކެވެ.
އެ ވަގުތަކު ކުދިން ކައިރީގައި ހުންނަ ބެލެނިވެރިއެއް ބޭނުންވާ ގޮތަށް ކުދިންގެ ކަންކަން ކުރުމަކީ "ޕެެރެލަލް ޕޭރެންޓިން" އެވެ. މީގައި އޮންނާނީ އެ މީހަކު ބޭނުންވާ ގޮތަކަށް ކުދިންގެ ހުރިހާ ކަމެއް ވެސް ކުރުމެވެ. ކަމެއް ކުރުމުގެ ކުރިން ދެ މީހުން މަޝްވަރާ ކުރުމެއް ނޯވެ އެވެ. ގިނަ ފަހަރަށް މިގޮތަށް ކަންތައް ވަނީ ދެ މީހުންގެ ގުޅުން ރަނގަޅު ގޮތުގައި ނިމިފައިނުވާ ބެލެނިވެރިންނެވެ.
ބައެއް ފަހަރު ގުޅުން ނިންމާލާފައި ވެސް އޮންނަނީ ހައްލު ނުވާ އެތައް މައްސަލަތަކަކާ އެކު އެވެ.
ދަރިންގެ ބެލުމުގައި އެ މީހަކީ ކަންކަމަށް ފަރުވާ ކުޑަ މީހެއް ނަމަ، މި ކަންކަމަކީ އެމީހެއްގެ ފަރާތުން ފެންނާނެ ކަންކަމެވެ.
- ދަރިންނަށް ވާ ވައުދުތައް ނުފުއްދުން.
- ދަރިންގެ ކަންކަމުގައި އެކަކު ބައިވެރިވުމަކީ އެއީ ޗޮއިސްއެއް ކަމަށް ދެކި، އަނެކަކު ބައިވެރިވުމަކީ މަޖުބޫރު ކަމެއް ކަމަށް ދެކުން.
- ހުތުރުބަހުން ވާހަކަދެއްކުން.
- ދަރިންގެ ލޯބި ހޯދުމަށް އެކަކު އަނެކަކު ވާދަކުރުން (އަގުބޮޑެތި ހަދިޔާތައް ދިނުން).
- ދަރިން ކުރިމަތީގައި ތިބެ ދެ މީހުން ދެބަސްވެ، ޒުވާބުކުރުން.
ކުދިން ބެލުމުގައި ޑީލް ކުރަންޖެހޭ މީހާ އަކީ ފަރުވާކުޑަ މީހެއް ނަމަ، އެ މީހަކާ ދެމެދު ބާއްވާ ގުޅުން ސާފުކޮށް އެނގޭނެހެން ކަނޑައަޅަން ޖެހެ އެވެ. އަދި ހާއްސަކޮށް ކުދިން އެކަމުގައި ޝާމިލުކުރާ އިރު، ދެ މީހުން ވެސް ކުދިންނަށް ކުރާ އުއްމީދުތަކުގެ އިތުރުން ކުދިންގެ ކަންކަން ނިންމާނެ ގޮތުގެ ވާހަކަ ދައްކާ އިރު، ތިމާ މީހާ އަށް ޓޮލަރޭޓް ނުކުރެވޭ ކަންކަން އެކަކު އަނެކަކަށް ސާފުކޮށް އެނގޭ ގޮތަށް ކިޔައިދޭން ޖެހެ އެވެ.
ކުދިންގެ ހުރިހާ ކަމެއް ވެސް ޝެޑިއުލް ކުރެވި، ދެ މީހުންނަށް ވެސް ފެންނާނެހެން ލިޔެކިޔުމުން ކަންކަން ތަރުތީބު ކުރުމަކީ ކުދިންގެ ކަންކަން ކުރުމުގައި ދެ މީހުން އެކަކު އަނެކަކުގެ ބޮލަން ކަންކަން ޖެހުމުން ސަލާމަތްވާނެ ކަމެކެވެ. އަދި ދެ މީހުން އެއްބަސްވެފައި ހުރި ކަންކަން ލިޔެކިޔުމުން ފެންނަން ހުރުމުން، ދެ މީހުންގެ ދެމެދުގައި އަރާރުންވުން ވެސް މަދުވާނެ އެވެ.
ގޮތްދޫނުކޮށް، ތިމާ ކުރާ ހުރިހާ ކަމެއް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ މީހަކާ އެކު ދަރިންގެ ކަންކަމާ ޑީލްކުރަން ޖެހުމަކީ ގިނަ ފަހަރަށް ދެން ހުންނަ މީހާ އަށް އޭގެ ރައްދުގައި ކޮންމެ ވެސް އެއްޗެއް ބުނެވި ނުވަތަ ކަމެއް ކުރެވެ އެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހުން ބުނާ އެއްޗަކަށް ނުވަތަ ކުރާ ކަމަކަށް ރައްދު ނުދީ މަޑުން ހުރުމެވެ.
ދެ މީހުންގެ ގުޅުން ނިންމާލައި ވަރިވަނީ އެއީ ދެ މީހުންނަށް އުޅެވެން ނެތީމަ އެވެ. ދަރިއަކު ހުރުމުން ދެން އިސްކަން ދޭން ޖެހޭނީ ދަރިފުޅަށް ރަނގަޅު ގޮތް ހޯދައި ދިނުމަށެވެ. އަނެއް މީހާގެ ކިބައިން ބޭނުން ނުވާ އެތައް ކަމެއް ފެނުނު ނަމަވެސް، އޭނާގެ ފަރާތުން ފެންނަ ކަންކަމާއި ނުވިސްނައި ވިސްނަން ޖެހޭނީ ދަރިފުޅުގެ މުސަތަގުބަލަށެވެ.
ދެ މީހުންގެ ތެރެއިން އެކަކަކީ ދަރިންގެ ކަންކަމުގައި ފަރުވާކުޑަ، ކަންކަމާ އަޅާނުލައި މީހެއް ނަމަވެސް ތިމާގެ ފަރާތުން ދަރިފުޅަށް ދެވޭނެ އެންމެ ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ އޭގެ އެންމެ ރަނގަޅު ގޮތެވެ. ތިމާ ކުރާ ކަންކަމުގައި ވެސް ދަރިންނަށް މިސާލަކަށްވެ، ކުރިމަގު ބައްޓަށް ކުރުމުގައި އިސްނަގަން ޖެހެ އެވެ.
ކުދިން ބެލުމުގައި ދެ މީހުންގެ ފަރާތުން ވެސް އެއްގޮތް ކަމެއް ފެންނަނީ ވަރަށް މަދުބައެއްގެ ފަރާތުންނެވެ. ދެ މީހުން އެކަކު އަނެކަކަށް ނުގުޅުމުން އޭގެ ހުރިހާ ވޭނެއް ތަހައްމަލު ކުރަން ޖެހެނީ ކުދިންނަށެވެ. މި ކަހަލަ ސަބަބުތަކަށްޓަކައި ލިޔެކިޔުމުން ކަންކަން ނިންމާފައި އޮތުމުން ކުދިންނަށް ކުރާ އަސަރު ކުޑަވެ އެވެ.
ފަރުވާކުޑަ މީހަކާ އެކު ދަރިންގެ ކަންކަން ކުރަން ޖެހުމަކީ ކޮން ކަހަލަ، އަދި ކިހާ ވަރެއްގެ ކަމެއް ކަން ތެރަޕިސްޓަކަށް ކިޔައިދީ، އެފަދަ މީހެއްގެ ފަރާތުން އެހީ ހޯދި ދާނެ އެވެ. މިފަދަ އެހީއެއް ހޯދުމުގައި ކުޑަކުދިންނަށް ހާއްސަކޮށް ތިބޭ ސައިކޮލޮޖިސްޓުންނަކީ އެ ކަމަށް އެންމެ ރަނގަޅުވާނެ މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު މައްސަލައެއް
23 February 2022
2000 ގެ އަހަރުތަކުން ފެށިގެން ރާއްޖޭންވެސް ބޮޑުވަނީ ތިކަަހަލަ ކުދިންކަންނޭގޭ. މަޖީދީމަގުން ފެންނާނެ، ވަޒީފާއަކަށްނުދޭ، ޖީއެން ސައިކަލެއްގައި ގޮޅިޖެހި ގަމީހެއެއްލައިގެން. ކެފޭތަކުގެ ގޮޑިމައްޗައް ވެއްޓިފައި، ސައިކަލެއްގައި ސިގިރެޓެއް ހިފައިގެން. އެމީހުންގެ ބެލެނެވެރިން ތިބޭބާއޭވެސް ހިތައްއަރާ، އެއީބާ އެމީހުން އެކުދިން ބޮޑުކުރަން ބޭނުންވިގޮތަކީ. މިގައުމުގެ މުސްތަގުބަލް ވަރަށް ބަނައޭ ބުނެވޭނީ!