އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު(ކ) ހެލްތު މިނިސްޓަރު ނަސީމް (މ)އާ ބައްދަލު ކުރައްވަނީ-- ފޮޓޯ: އުރީދޫ
01 މާޗް 2022 - 12:18
ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ހެލްތު ކިޓުތައް ހަދިޔާކުރަން އުރީދޫ އިން ނިންމައިފި އެވެ.
މިގޮތަށް އުރީދޫން ނިންމާފައިވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ އެކު ބޭއްވި ބައްދަލުވުމަށްފަ އެވެ. މި ބަައްދަލުވުމުގައި، ސިއްހީ ދާއިރާ ތަރައްގީކުރުމަށް އުރީދޫ އާއި ހެލްތް މިނިސްޓްރީ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އުރީދޫގެ މި ނިންމުމުގެ ދަށުން ރާއްޖޭގެ 167 ހެލްތު ސެންޓަރާއި ހެލްތު ޕޯސްޓަކަށް ހެލްތު ކިޓް ހަދިޔާ ކުރާނެ އެވެ. މި ކިޓުތަކުގައި ސްޓެތެސްކޯޕާއި ޑިޖިޓަލް ސްފިގްމާނޯމީޓަރާއި ޕަލްސް އޮކްސިމީޓަރާއި އޮޓޮސްކޯޕާއި ޑިޖިޓަލް ތާމޯމީޓަރާއި ނެބިއުލައިޒަ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭނެ އެވެ. މި ކިޓުތައް މިއަހަރު ކުރީކޮޅުގައި ހެލްތް ސެންޓަަރުތަކަށް ފޮނުވާނެ އެވެ.
މިއީ ދުޅަހެޔޮ ސިއްހަތެއްގައި ރާއްޖެ ދެމެހެއްޓުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހަދިޔާކުރާ ތަކެތި ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން އަންނަނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ތިން ވަނަ ލަނޑުދަނޑި ކަމަށްވާ "ގުޑް ހެލްތު އެންޑް ވެލްބީން" ހާސިލް ކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ބާއްވަން އުރީދޫން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވާ އުރީދޫ ކަލަ ރަން އަކީ ވެސް މި ބޭނުމުގައި ބާއްވާ ހަރަކާތެކެވެ.
އުރީދޫން ހަދިޔާ ކުރާ ހެލްތު ކިޓުގައި ހިމެނޭ ތަކެތި--
މީގެ ކުރިންވެސް އުރީދޫން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފަ އެވެ. އެކުންފުނިން ވަނީ 2018 ވަނަ އަހަރު އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް ވެސް ހެލްތު މިނިސްޓްރީއަށް ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުމާއި އޮންލައިން ތައުލީމާއި ސިއްހީ ހިދުމަތްތަކަށް ޑިޖިޓަލް ހައްލުތައް އުރީދޫން ހޯދައިދީފައިވާއިރު ކޮވިޑާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އެ ކުންފުނިން ވަނީ ސަރުކާރަށް 2،500،000ރ. ހަދިޔާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy