މި އަހަރުގެ އެންމެ ބޮޑު އަންޑަވޯޓަ ފޮޓޯގްރާފާގެ އެވޯޑް ސްޕެއިންގެ ފޮޓޯގްރާފަ ރަފޭލް ފެނާންޑޭޒް ކަބާލެރޯ އަށް ލިބުނު މި ފޮޓޯ އަކީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް
19 މާޗް 2022 - 08:18
ފެހުރިއްސެއް ރާއްޖޭން ފެނުމަކީ އާ ކަމަކަށް ނުވިޔަސް މި ފޮޓޯއިން މި ފެންނަ މަންޒަރު ހާއްސަ އެވެ. އަރިއަތޮޅުގައި ރޭގަނޑުގެ ވަގުތެއްގައި މި ފޮޓޯ ނެގި ސްޕެއިންގެ ފޮޓޯގްރާފަ ރަފޭލް ފެނާންޑޭޒް ކަބާލެރޯ އަށް މި ފޮޓޯ އިން ވަނީ އަހަރުގެ އެންމެ މޮޅު ކަނޑުއަޑީގެ ފޮޓޯގްރާފަރުގެ އެވޯޑް މިދިޔަ މަހު ލިބިފަ އެވެ.
"އަންޑަ ވޯޓަ ފޮޓޯގްރާފަ އޮފް ދި އިޔާ 2022" އަށް މި އަހަރު 71 ގައުމަކުން 4،200 ފޮޓޯ ހުށަހެޅި އެވެ. ކަބާލެރޯ ރާއްޖޭގެ ފޮޓޯއެއް ހުށަހެޅީ "ޑާންސިން ވިތު ދަ ޖަޔަންޓްސް އޮފް ދި ނައިޓް" ގެ ނަމުގަ އެވެ. ފެހުރިހި [ވޭލްޝާކް] ގެ މި ފޮޓޯ ނެގުނު ގޮތުގެ ވާހަކަ އޭނާ ކިޔައިދީފައިވެ އެވެ.
ކަބާލެރޯ އޭނާގެ ފޮޓޯގެ ތަފްސީލް ދެމުން ބުނެފައި ވަނީ އެ މީހުން ތިބީ ރާއްޖޭގެ ސަފާރީ އުޅަނދެއް ކަމަށްވާ "ބްލޫ ފޯސް ވަން" ގައި ކަމަށެވެ. އަރިއަތޮޅަށް ކުރި އެ ދަތުރުގައި ރޭގަނޑު ބޮކި ދިއްލައިގެން ތިއްބާ އެންމެ ފުރަތަމަ ފެނުނީ އެންމެ ފެހުރިއްސެކެވެ.
"އެ ފެނުނީމާ އަހަރެމެން މޫދަށް އެރުނީ. އެ ވަގުތު އަނެއްކާ އެހެން ފެހުރިއްސެއް އެތަނަށް އަތުވެއްޖެ،" ކަބާލެރޯ ކިޔައިދީފައިވެ އެވެ. "އޭގެ ދެތިން ގަޑިއިރު ފަހުން، އެ އަންނަން ފެށީ އެތައް ބައިވަރެއް. އަހަރެމެން ތިބީ ވަރަށް އުފަލުން."
ފޮޓޯގްރާފަރު ކަބާލެރޯ އުޅުނީ މިޔަރުގެ ދިރާސާތައްކުރާ ގެޑޯ މުންޓަނީރާ އެކުގަ އެވެ. ކަބާލެރޯ ބުނީ ފެހުރިހިތައް އެހާ ބައިވަރު ކުއްލިއަކަށް ފެންނަން ފެނުމުން މުންޓަނީރާއަށް ވެސް އެކަން ގަބޫލުކުރަން ދަތިވި ކަމަށެވެ.
"އަހަރެމެން ގުނާލި އިރު 11 ފެހުރިހި އަހަރެމެންގެ ވަށައިގެން ތިބި. އެއީ ދުވަހަކު ވެސް ފެނިދާނެ ކަމަށް އަހަރެމެން އެއްވެސް މީހަކު އުންމީދު ނުކުރާ ކަހަލަ ވަރަށް ތަފާތު ވަގުތުކޮޅެއް،" ކަބާލެރޯ ބުނެފައިވެ އެވެ.
އޭނާ ބުނެފައި ވަނީ މި މާކަނޑުގައި ކޮންމެ ދުވަހަކު ވެސް މިފަދަ އަޖައިބުކުރުވަނީ އެތައް ކަމެއް ހިނގާ ކަމަށާއި އެކަމަކު މިޔަރު ހިމާޔަތް ނުކުރާ ނަމަ މިއީ މާޒީގެ ކަންކަމަށް ވެގެން ހިނގައިދާނެ ކަމަށެވެ.
މުބާރާތުގެ އެތައް ހާސް ފޮޓޯއެއްގެ ތެރެއިން މި ފޮޓޯއަސް އެއް ވަނަ ދިން ސަބަބުތައް މުބާރާތުގެ ވެބްސައިޓްގައި ޖަޖުން ކިޔައިދީފައިވެ އެވެ.
ފްރާންސްގެ މަޝްހޫރު އެކްސްޕޯލޯރާ ޒެކްކޫސްޓޯ އަށް އޭނާގެ މުޅި ހަޔާތުގައި ވެސް ފެނުނީ އެންމެ ތިން ފެހުރިހި ކަމަށް ބުނެފައި އޮންނަ ކަމަށާއި އެހެންވެ އެއް ފޮޓޯއަކުން ފަސް ފެހުރިހި ފެންނަން ހުރުމަކީ ހާއްސަ ކަމަކަށް ވާނެ ކަމަށް މުބާރާތުގެ އެއް ޖަޖް އެލެކްސް މަސްޓާޑް ބުނެފައިވެ އެވެ.
"އެކަމަކު މި ފޮޓޯ ފެންނަ ފެހުރިހީގެ އަދަދަށްވުރެ މި ފޮޓޯގެ ހާއްސަކަން މާ ބޮޑު. މި ހުރިހާ ފެހުރިއްސެއްގެ މޫނު ފެންނަ ގޮތަށް އެއް ފްރޭމަކަށް އެރި ވަގުތު ފޮޓޯ ނެގުމަކީ ވަރަށް ހުޝިޔާރުވެގެން ކުރެވޭނެ ކަމެއް،" މަސްޓާޑް ބުނެފައިވެ އެވެ.
ރޭގަނޑު ކަނޑުގެ އަޑިން މަތީ ފަށަލައަށް ޕްލެންކްޓަންސްތައް އަރާ ވަގުތަކީ ބިޔަ މަސްމަހާމެހީގެ ހަރަކާތްތައް އިތުރުވެ ކަނޑުގައި މިފަދަ އެންމެ ހާއްސަ ކަންކަން ހިނގާ ވަގުތުކަން މަސްޓާޑް ފާހަގަކޮށްފައިވެ އެވެ. މި ފޮޓޯއަށް ފެހުރިހިތައް ފެންނަ ހިސާބަށް އައުމުގެ ސަބަބަކަށްވީ ވެސް ބޯޓުގައި ދިއްލާފައިވާ ބޮކީގެ އައްޔަށް އައި ޕްލެންކްޓަންތައް ކާން ފެހުރިހިތައް މައްޗަށް އެރުމެވެ. ރޭގަނޑުގެ ވަގުތެއްގައި ކަބާރެލޯ ވަނީ "ދިރުން ހުރި ފޮޓޯއެއް" ހޯދާފައި ކަމަށް ޖަޖް މަސްޓާޑް ބުނެފައިވެ އެވެ.
"ފޮޓޯތަކަށް ޖަޖްކުރި އިރު މި ފޮޓޯ ފުރަތަމަ ފެނުމާ އެކު ވެސް އަހަންނަށް ގަބޫލުކުރެވުނު މި ފޮޓޯ، އެންމެ ކުޑަމިނުން ކެޓަގަރީއަކުން ވަނަ ހޯދާނެ ކަމަށް. އެއް ފްރޭމަކުން ފަސް ފެހުރިހި ނަގަން ލިބުމަކީ ނަސީބު ރަނގަޅު ފޮޓޯގްރާފަރަކަށް ލިބޭނެ ފުރުސަތެއް. އަދި މި ފުރުސަތު ރޭގަނޑު ލިބުން އެއީ ވަކިން ހާއްސަވާ ކަމެއް،" ޖަޖް ޓޮބިއަސް ފްރީޑްރިކް ބުނެފައިވެ އެވެ.
އޭނާ ބުނެފައި ވަނީ އެއް ފްރޭމަކުން ފަސް ފެހުރިހި ފެންނަ ގޮތަށް ފޮޓޯ ނެގުމުގެ އިތުރުން އެސޮރުމެން ރީތި ގޮތަކަށް އެތުރިލައިގެން ތިއްބާ އަދި އެހާ ފުރިހަމަ ލައިޓިންއާ އެކު ފޮޓޯ ނަގާފައިވާތީ ފޮޓޯގްރާފަރުގެ ކުޅަދާނަކަން ހާމަކޮށްދޭ ކަމަށެވެ.
އެއް ވަނަ އަށް ދިޔަ ފޮޓޯގެ އިތުރުން ދެން ހުށަހަޅާފައިވާ ކަނޑުއަޑީގެ އެކި ފޮޓޯތަކުން ވެސް އާދަޔާ ހިލާފް އެތައް ކަމެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފޮޓޯގްރާފަރުން ދައްކާލާފައިވެ އެވެ. އޭގެ ތެރޭގައި، ކަނޑުގެ ހާއްސަ ދިރުންތަކާއި އެ ދިރުންތަކަށް އިންސާނުންގެ ސަބަބުން ކުރިމަތިވާ ނުރައްކަލާއި ކަނޑު އަޑިއަށް ފެތިފައިވާ އެތައް ސަތޭކަ އަހަރެއް ކުރީގެ އުޅަނދުތަކުގެ ފޮޓޯ ވެސް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚޯޗެ
19 March 2022
ދިވެހި ޒުވާނުންނާހަވާލުކުރާކަމެއް ބަރާބަރައް ކުރާނެ ، މުއްސަދި މަހުޖަނުން ނާއި ސަރުކާރުގެ ސިޔާސީ މީހުން ދިވެހި ޒުވާނުންނާހަވާލު ކޮށްފަހުރިމަސައްކަތް އެކުދިން ބަރާބަރަށް ކުރިޔަށް އެ ގެންދަނީ 200 ކިލޯ އިން 300 ކިލޯއިން އެންމެ ފުކެއްވެސް މަދުނުކޮށް. ދިވެހި ކުއްޖަކަށް ކަމެއްކޮށްދޭނެ ބޭންކެއް މިގައުމަކު ނެތް. ޕްރޮޕޯސަލެއްލިޔަސް އެކަން ނުވާނެހާސްގޮތް ބޭންކުންވެސް ކިޔާނީ. ލަދުގަނެބަލަ ދިވެހި ޒުވާނުންނޭކިޔަން ފުރަތަމަ.
މިން
19 March 2022
ބަރާބަރުވާހަކައެއް. ތިޔައީ ހަގީގަތް.
ގައުމު ގައްދާރުންނަކީ މިއީ!
20 March 2022
ހަގީގަތަކީ ގިނަ ދިވެހިން ބޭނުމެއް ނުވޭ އެހެން ދިވެއްސަކައް ކުރިއެރުމަކައް. ދިވެހި މީހާ ގެންނަ ޕްރޮޕޯސަލް، ނުވަތަ އެދޭ ވަޒީފާ، ޖެހިލުން ކުޑަކަމާ އެކުގަ ބޭރުމީހަކައް ދޭނެ. ހުނަރުވެރި ގާބިލް ކަން އެއްވަރަސް! ހީވާކަހަލަ ގާތް ރަހުމަތްތެރިން މާ ރެސްޕެކްޓް ކުރާނެޔޭ، ދޮންމީހަކައް ނުވަތަ އިންޑިޔާގެ ހުނަރުވެރިއަކައް ވަޒީފާ ދީފަ، ތިމަންނާ އަކީ އެބިޒްނަސް 'ހިންގާ'، ބޭރު މީހުންގެ ބޮސް އޭ ބުނީމަ!
ދޮން ހަސަނު
19 March 2022
އުފާވެއްޖެ. ދެރައީ މިފަދަ ފުރުސަތުތަކަށް އެކްސަޕޯސް ވުމުގެ ފުރަސަތު ދިވެހިންނަށް ލިބޭކަން މަދުކަން.
އަހުމަދުބޭ
19 March 2022
ފުރުސަތަކީ ހޯދީމަ ލިބޭ އެއްޗެއް؟ ދިވެހިރާއްޖޭގެ މިއޮތް ބޮޑުކަނޑު ދިވެހީނަށް ލިބިފައި މިއޮތީ ހިތަކަށް، އެކަމަކު ފުރުސަތު ހޯދަން ނުވަތަ ލިބިގަންނަށް ކުރަނީ ކީއްތޯ؟ ހޯދަން ކިހައި މަސައްކަތެއް ކުރެވޭތޯ؟މިއީ ކުރަންވީސުވާލްއަކީ؟ ދިވެހީންނަކީ ވަކިތަފާތު ބަޔެއްނޫނޭ، ނުވަތަ ދިވެހީންނަށްވީތީ ވަކިގޮތެއް އޮންނާކަށް ނުޖެހެއޭ، ކުރަންވީ ކަމަކީ އެއްގޮތް ނެތިއްޔާ އަނެއްގޮތްވެސް އޮތްތޯ ހޯދައި މަސަކަތް ކުރަންވީ. އެކަން ނުކުރެވޭތީ ދިވެހީނަށް ކަންކަން ނުވަނީ!
ވޭލްޝާރކް
19 March 2022
ތީ މާ ސަޅިކަމެއްނޫން! ދަންވަރު ފެހުރިހި ނިދާ ގަޑީގަ ވަރުގަދަ ފުލަޑް ލައިޓުތައް ދިއްލައިގެން ވަގުތީ ފައިދާއަށް އެއެއްޗެހީގެ ބިހޭވިޔާއަށް ބަދަލުގެންނަން ފެށީމަ މުޅިކަނޑުގެ ބަޔޯޑައިވާސިޓީއަށް ބަދަލު އައުން އެކަށީގެންވޭ. މިކަން ހުއްޓުވަންޖެހޭ.
ހެޔޮ2
19 March 2022
ހަމަ ސަޅި އިނގިއްޖޭ!!
ބޭރު މީހުން ފޮޓޯ ހުއްދަ؟
19 March 2022
ބޭރު މީހުން ރާއްޖޭގައި ފޮޓޯ ނަގައި އެކަމުން ވިޔަފާރިކޮށް ހެދުން ހުއްދަ؟
ދިވެހ
19 March 2022
ތީ އަސްލު ދިވެއްސަކު ނަގަން ޖެހޭ ފޮޓޯ އެއް.
ވަހީދު
19 March 2022
ދިވެހިން ތިބީ ގިނައިން ހަކުރު އަޅާފައި ހުންނަ ދަޅުބޯން ފްރީ ވައިފައި ދޫކޮށްފައި ހުރި ކެފޭތަކުގައި ގޭމް ކުޅުގައި....
ޓޗދރެގ
19 March 2022
ހުރިހާވެސް މައްސަލައަކީ ފުރީ ވައިފައި. ފުރީ ވައިފައިއަކީ ޒުވާނުން ކަންނެތްކުރުވާ އެއްޗެއް.
ދިވެހީންނޭ
19 March 2022
ދިވެހީންނޭ ކިޔާނެކަމެއްނެތް ފޮޓޯނަގަން ހަވާލުކޮށްފިނަމަ ބަންގްލަދޭޝް މީހަކާ ހަވާލުކޮށްފަ އައިފޯނެއް ގަނެ ކޮފީބޯންދާނީ
ދިވެހި މީހެއް
19 March 2022
ދިވެހިންނަކީ ވަކި ހާއްސަ ބައެއްނޫން، ކޮންމެ މީހަކުވެސް މަސައްކަތް ކުރީމަ ކާމިޔާބުލިބޭނީ..