"ސްޕޮޓިފައި"ގެ "ސްޓޭޝަންސް" އެޕް: އެ އެޕް ހުއްޓާލަން ވަނީ ނިންމައިފައި.
10 މެއި 2022 - 07:49
މަޝްހޫރު މިއުޒިކް ސްޓްރީމިން އެޕް "ސްޕޮޓިފައި"ގެ ރޭޑިއޯ އެޕް "ސްޓޭޝަންސް" އަންނަ ހޯމަ ދުވަހު އެއްކޮށް ހުއްޓާލަން ނިންމައިފި އެވެ.
"ސްޕޮޓިފައި" އިން 2018 ވަނަ އަހަރު އެ އެޕް އެމެރިކާގައި ތައާރަފުކުރީ ޓެސްޓަކަށް ކަމަށް ބުނެ އެވެ. އެ ޓެސްޓް ނިމުމާ އެކު، މިހާރު އެ އެޕް ހުއްޓާލަން ނިންމައި، އެ ބޭނުންކުރާ މީހުންނަށް މެސެޖެއް ފޮނުވާފައިވެ އެވެ.
އެ އެޕް ހުއްޓާލިޔަސް، އެ އެޕްގައި މީހުން ހަދާފައި ހުރި ލިސްޓުތައް "ސްޕޮޓިފައި"ގެ މައި އެޕުން ފެންނާނެ ގޮތް ވަނީ ހަދައިދީފަ އެވެ. އަދި "ސްޓޭޝަންސް"ގެ އެކައުންޓް ބޭނުންކޮށްގެން، "ސްޕޮޓިފައި"ގެ މައި އެޕަށް ލޮގިން ވެވޭނެ ކަމަށް ވެސް ބުންޏެވެ.
"ސްޓޭޝަންސް" އިން ލިބުނު ހުރިހާ ހިދުމަތެއް "ސްޕޮޓިފައި"ގެ މައި އެޕުން މިހާރު ވެސް ލިބެ އެވެ.
އެ އެޕް ހުއްޓާލުމާ ގުޅޭ ގޮތުން "ސްޕޮޓިފައި" އިން ބުނީ ޓެސްޓުތަކަށް ފަހު ބައެއް އެޕްތައް ބޮޑު އޯޑިއެންސަކަށް ދޫކޮށްލިޔަސް، ބައެއް އެޕްތަކަކީ ހަމައެކަނި "ލާނިން އެކްސްޕީރިއެންސް"އަކަށް ބޭނުންކުރާ އެއްޗެހި ކަމަށެވެ. "ސްޓޭޝަންސް" އަކީ އޭގެ އެޕެއް ކަމަށް ބުންޏެވެ.
މިދިޔަ މަހު "ސްޕޮޓިފައި" އިން ވަނީ އެ ކުންފުނީގެ ލައިވް ރޭޑިއޯ އެޕް "ގްރީންރޫމް" ރީބްރޭންޑްކޮށް "ސްޕޮޓިފައި ލައިވް" ގެ ނަމަށް ބަދަލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy