އަބްދުﷲ އަހުމަދު.
11 މެއި 2022 - 11:42
މ. ކޮޅުފުށީ ބޭރުގައި މުދާ އުފުލާ ދެ ދޯނި އަޅަން އުޅުމުގެ ތެރޭގައި އަބްދުﷲ އަހުމަދު މަރުވީ ނެގި ބޮޑު ރާޅަކާ އެކު އޭނާ ހުރި ދޯންޏާއި ކައިރީގައި އޮތް އަނެއް ދޯނީގައި ހުރި ކޮންޓެއިނަރުތަކުގެ މެދުގައި ފިތިގެން ކަމަށް އާއިލާ އިން ބުނެފި އެވެ.
އިއްޔެ ހަވީރެއްހާއިރު އެ ހާދިސާ ހިނގީ ލިޓަސްގެ ދެ ދޯންޏެއްގައިި މުދާ ބަރުކޮށްގެންދަނިކޮށް ވަރަށް ބޮޑަށް ކަނޑުގަދަވެ ކޮޅުފުށީ ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ، ތުވަރުގެ ބޭރުގައި މަޑުކޮށްގެން އޮއްވާ އެވެ.
އެ ހާދިސާ ހިނގި ގޮތް ކިޔައިދެމުން، ބ. ހިތާދު އަށް އުފަން، އަބްދުﷲ އާ ދެބެންގެ ދެދަރި މީހަކު "މިހާރު" އަށް ބުނީ އަބްދުﷲ އަކީ އެތަނުން ދޯންޏެއްގައި މަސައްކަތް ކުރަމުން އައި ފަޅުވެރިއެއް ކަމަށާއި އެ ހާދިސާ ހިނގީ ދޯނި އެޅުމަށް ޓަޔަރެއް ބާލަން އުޅެނިކޮށް ނެގި ބޮޑު ރާޅަކާ އެކު ކައިރީގައި އޮތް އަނެއް ދޯނީގެ ކޮންޓެއިނަރުތަކުގައި އޭނާ ޖެހިގެން ކަމަށެވެ.
"އެއްކޮށް ދަތުރުކުރަމުންދިޔަ ދެ ދޯނި އެއީ. ވަރަށް ބޮޑަށް ގަދަވެގެން އެތަނުގައި މަޑުކޮށްފައި ދޯނި އަޅަންވެގެން ދޯނީގެ އެއް ފަރާތަށް ޓަޔަރެއް އެއްލަން އުޅެނިކޮށް ރާޅެއް ނެގީއޭ ބުނަނީ. އެ ރާޅުގައި އަނެއް ދޯނި އައިސް ޖެހެނީ އަބްދުﷲ ހުރި ދޯނީގައި. އެ ދޯންޏަކީ ތަންކޮޅެއް އުސްކޮށް އޮންނަ ދޯންޏަކަށްވާތީ އޭނާއާ އެކީގައި ގޮސް ޖެހެނީ އަނެއް ދޯނީގެ ކޮންޓެއިނަރުތަކުގައި،" އޭނާ ކިޔައިދިނެވެ.
ކޮންޓެއިނަރާއި ދޯނީގެ މެދުގައި ޖެހުނު ގޮތަށް 60 އަހަރުގެ އަބްދުﷲ ގެ ގައިގެ ތަންކޮޅެއް މަށައިގެން ދިއުން ފިޔަވައި މާބޮޑު އަނިޔާއެއް އޭނާގެ ބޭރު ފުށުން ފެންނާކަށް ނެތެވެ. އެކަމަކު މުލީ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާފިޒު ވިދާޅުވެފައިވާ ގޮތުން ފުލުހުންގެ އެދުމުގެ މަތިން ހެދި އެކްސްރޭ އިން ދައްކާ ގޮތުގައި އަބްދުﷲގެ މޭކަށިތައް ވަނީ ވަރަށް ބޮޑަށް ބިނދިފަ އެވެ.
ނާފިޒު ވިދާޅުވި ގޮތުގައި އިއްޔެ ހަވީރު 5:15 ގައި އެކަމުގެ ރިޕޯޓް ހޮސްޕިޓަލަށް ލިބުމާ އެކު އެމްއެންޑީއެފްގެ އުޅަނދެއްގައި ފަންސަވީހަކަށް މިނެޓްގެ ތެރޭގައި ވަނީ ދެ ނަރުހަކާއި މެޑިކަލް އޮފިސަރެއް އެ ސަރަހައްދަށް ފޮނުވައިފަ އެވެ.
އެކަމަކު އެތަނަށް ގޮސް ބެލިއިރު ވެސް އަބްދުﷲ އޮތީ ނިޔާވެފަ އެވެ.
ރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ އޭނާގެ ހަތަރު ދަރިއަކާއި އަނބިމީހާގެ އިތުރުން އާއިލާގެ ގިނަ ބަޔަކު މާލޭގައި ތިބުމުންނެވެ. އަދި ތިނަދޫގައި ހުރި އޭނާގެ ދަރިފުޅު ވެސް މިހާރު މާލެ އައިސްފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
މީގެ ކުރިން މަސްވެރިކަމުގައި އުޅުނު އަބްދުﷲ ސަޕްލައި ދޯނީގައި މަސައްކަތްކުރަން ފެށިތާ ދެ ވަރަކަށް އަހަރުވެދާނެ އެވެ.
އަބްދުﷲ ގެ މައްޗަށް ކުރާ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމް އަހުމަދު
11 May 2022
ވީއެއް ނުވީއެއް ނޭނގުނު ދެދޯނި އަޅާފައިއޮތީ ކޮޅުފުށީ ބަނދަރުގާ ޢަބުދުﷲ ނިޔާވީ ތުވަރު ބޭރުގައި އޮތް ދެދޯނި ދޭތެރޭ ފިތިގެން
ތުވަރު
11 May 2022
މައްޔިތާގެ ފުރާނަ އަށް ހެޔޮ ރަހްމަތް ލައްވާ އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވާށި ?
ޙަބީބު.
11 May 2022
ދިވެދިވެހި ރާއްޖެޔަކީ ކަނޑުގެ ސަރަހަ އްދު ބޮޑުގަ އުމެ އް ވީމާ ފުލުހުންގެ ޓީމެ އް ރާ އްޖެގެ މީހުން އުޅޭ ކޮންމެ ރަށެ އްގަ ގާ އިމުވެ ތިބުން ވަރަ އް މުހިންމު އެފުލުހުންގެ މަސަތްކަތަކަ އްވާންވީ ހުރިހާ ރަ އްޔިތުންނަކީ ރަނގަޅަ އް ފަތަން އެނގޭ ބަޔަކަ އްހެދުން ނުރަ އްކާތަކުން ސަލާމަތްވާނެ އަސާސީ ތަމްރީނު މަދަރުސާ ތަކަ އްވެސް ފުލުހުން ހާޒިރުވެ އުނގެނުމުގެ ޅައުމުރުގަވެސް ހޭލުންތެރިކުރުވުން
ނޫނު ތާ
11 May 2022
ކޮންޓެއިނަރ ހަލާކުވިތަ؟ އަހާލީ މަގޭ ސައިކަލެއް އޭގަ ވާތީވެ!
މާ މަޖާވެގެން
12 May 2022
ހޭބަލިނުވެބަލަ. ހަލާކުވިއްޔާ ނެގިތަނުން އެހެން އެއްޗެއް ގެެނެސް ދޭނެނު ގަމާރާ
ށަވިޔަނި
11 May 2022
ވަރަށް ހިތާމަވެތި ހާދިސާއެއް. اللهم اغفر له وارحمه واسكنه في الجنة