މީހަކު ކައުންޓަރުގައި ހުރި ޑޮލަރު ބޮޑިއެއް ނަގަނީ. އެމްއެމްއޭއިން ވިއްކި ޑޮލަރުގެ އަގު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުން--ފޮޓޯ:މިހާރު
11 މެއި 2022 - 13:03
މިދިޔަ އަހަރު މަރުކަޒީ ބޭންކް، އެމްއެމްއޭ އިން 650 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ވިއްކާފައިވާ ކަމަށް ބުނެފި އެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެތަނުން ވިއްކި ޑޮލަރުގެ ގާތްގަނޑަކަށް 60 ޕަސެންޓް ދޫކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ ގާތްގަނޑަކަށް 383 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ) އެވެ. ކޮމާޝަލް ބޭންކްތަކަށް 266 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ވިއްކާފައިވެ އެވެ. އަދި ދަތުރުފަތުރު ކުރާ ފަރާތްތަކަށް 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ވިއްކާފައިވެ އެވެ.
މިދިޔަ އަހަރު އެމްއެމްއޭ އިން ވިއްކި ޑޮލަރުގެ އަދަދު ވަނީ 2.4 ޕަސެންޓް އިތުރުވެފަ އެވެ. އެމްއެމްއޭ އިން 2020 ވަނަ އަހަރު ވިއްކި ޑޮލަރުގެ އަދަދު އުޅެނީ 634 މިލިއަން ޑޮލަރު (9.7 ބިލިއަން ރުފިޔާ) ގަ އެވެ.
މިދިޔަ އަހަރު ޑޮލަރުުގެ ސަޕްލައި އިތުރު ކުރުމަށް އެމްއެމްއޭ އިން ވަނީ އިންޑިއާގެ ރިޒާވް ބޭންކުން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީގެ ބޭނުންކޮށްފަ އެވެ. ކަރެންސީ ސްވޮޕްގެ ގޮތުގައި ނެގި ފައިސާ ދެ އިންސްޓޯލްމަންޓަކަށް ބަހާލައިގެން ވަނީ އަނބުރާ ދައްކާފަ އެވެ.
މިދިޔަ އަހަރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅުނީ 18ރ. އާއި 17ރ. އާ ދެމެދުގަ އެވެ. އެހެން ނަމަވެސް މިހާރު ކަޅު ބާޒާރުގައި ޑޮލަރު ގެ އަގު ވަނީ 16.70ރ. އާއި 16.30ރ. އާ ދެމެދުގެ އަގަކަށް ވެއްޓިފަ އެވެ.
މީގެ އެންމެ ބޮޑު ސަބަބަކީ މިނިމަމް ވޭޖާ އެކު ރިސޯޓު މުވައްޒަފުންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުވުމާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ރަނގަޅުވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
11 May 2022
އެމްއެމްއޭ އަށް އަދި ބޭންކް ތަކަށް ވެސް ރާއްޖެއިން ގަވާއިދާ ހިލާފައް ބޭރު ކުރާ އެތައް ސަތޭކަ މިލިއަން ޑޮލަރު ނުހޯދެ އެވެ. އެމައްސަލަ ނުބެލެ އެވެ. އާދައިގެ ވަޒީފާ ތަކުގަ އުޅޭ ބިދޭސީންވެސް ވަޒީފާ އާ ނުބައްދަލު އަދަދު ތަކުން ރުފިޔާ ޑޮލަރަށް ހަދާފަ ރާއްޖެ އިން ބޭރުކޮށްލަނީ އެވެ. ބިދޭސީން ގެ މަނީ ލޯންޑް ކުރުމުގެ މައްސަލަ ތައް ވ ބޮޑެވެ. އާއްމުން އެހާ ހޭލުންތެރި ނޫންވީމަ އެވާހަކަ ނުދައްކަނީ އެވެ.