އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 100 މީހަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ.
17 މެއި 2022 - 20:18
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 10 ދާއިރާއަކުން 100 މީހަކު ތަމްރީނުކުރުމަށް ނިންމައި، އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ކުންފުނިން ފަސްވަނަ ފަހަރަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި 100 މީހުންގެ އިތުރުން އެޗްޑީސީގައި މަސައްކަތްކުރާ 30 މުވައްޒަފަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލި އެވެ.
އެޗްޑީސީން ބުނީ، އެ ތަމްރީނު ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް" އާ އެއްގޮތަށް ކަމަށެވެ. ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދެއް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދަން އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އެޗްޑީސީން ބުނިގޮތުގައި، މީހުން ތަމްރީނުކުރުމަށް ހަމަޖެހިފައި ވަނީ ބަރު އުޅަނދުފަހަރާއި ވެލްޑިން ކުރުމާއި މެޝިނަރީ އާއި ބަގީޗާ ހެއްދުމާއި ކަރަންޓާއި ޕްލަމްބިން އާއި ވަޑާންކުރުމާއި އައިސް އަލަމާރި އާއި އޭސީ މަރާމާތު ކުރުމާއި ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒް ކުރުން އަދި ބިލްޑިންގް މެއިންޓަނެންސްގެ ދާއިރާއިންނެވެ.
އެއީ ފަންނީ އަދި ގާބިލު މީހުން ބިނާކުރުމަށާއި ކުރިއަށް ދާނެ ވަކި ދާއިރާއެއް ނޭނގި ތިބި މީހުންނަށް ފުރުސަތުތަކެއް ހުޅުވާލައި މަސައްކަތުގެ މާހައުލުގައި ބިނާކުރެނެވި، ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ޖުމުލަ ހަ މަސް ދުވަހަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ބައިވެރިންނަށް މަހަކު 6،000ރ. ގެ އެލަވަންސެއް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ މި އަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އަންހެނުންގެ އަދަދު އިތުރު ކުރުމުގެ ބޭނުމުގައި 20 ޕަސެންޓް ހާއްސަކުރީ އަންހެނުންނަށް ކަމަށެވެ.
މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިންނަށް ކްލާސްރޫމް ސެޝަންތަކުގެ އިތުރުން ހަ ގަޑިއިރުގެ ސޮފްޓް ސްކިލްސް ޓްރެއިނިން ދޭނެ ކަމަށް ވެސް ބުންޏެވެ. އަދި ޕްރޮގްރާމް ނިމޭއިރު، އެންމެ ރަނގަޅު މީހުންނަށް އެޗްޑީސީގައި ވަޒީފާގެ ފުރުސަތުތައް ހުރި ވަރަކުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ އެވެ.
އެޗްޑީސީން ބުނީ 3،000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރު ހިފާފައިވާ އަމާޒަށް ވާސިލުވާން އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ގިނަ ދާއިރަތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދޭން އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކިފުތާ
17 May 2022
މި ފުރުސަތު އޮތީ ހަމައެކަނި ޒުވާނުންނަށްތޯ. ނޫނީ 45 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް މިފުރުސަތު އެބައޮތްތޯ. ވަޒީފާ ނުލިބިތިބީ ހަމައެކަނި ޒުވާނުން އެކަންޏެއްނޫނެންނޫންތޯ.
ކޮރަލް
17 May 2022
އެޗްޑީސީ އިން 100 މީހުންތަމްރީން ކުރާ އިރު 50 ޖާގަ ދޭން ވީ ފިރިހެނުންނަށެވެ.. ދެން އަނެއް 50 ޖާގަ ދޭން ވީ އަންހެނުން ނަށެވެ.
އަސް
17 May 2022
100 ޖާގަ ވެސް ދީ އަންހެނުންނަށް
ހަމަހަމަ ފުރުސަތު
18 May 2022
ޚާއްސަ ނުކުރާތީތަ އަންހެނުން މިކަހަލަ ވަޒީފާތަކަށާއި ތަމްރީނުތަކަށް ނުލަނީ؟ ވަކި ޖިންސަކަށް ޚާއްޞަކޮށްގެން ރާއްޖޭގަ ތަމްރީނުތައް އިއުލާނެއް ނުކުރޭ. ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންނަށްވެސް ފުރުސަތު ފަހި ގައުމެއް މީ. ކުރިމަތި ލީމަ އަންހެނެކޭ ކިޔާފަ ނުނަގާ އެބަހުރިތޯ ބަލަންވީ؟ ދެން ކުރިމަތިލާންވީހަމަ. ޖާގަ ޚާއްސަ ކުރެވިދާނެ ކިތަންމެވަރަކަށްވެސް، އެކަމަކު ލިއްޔާތާ ލީ ކަމަށްވާނީ؟ޚާއްސަ ކުރީމަ ބެލެވެނީ އެއީ މާ ނިކަމެތި ބައެއްގެ ގޮތުގަ.
އިބުރާ
18 May 2022
އޭރުން ފިރިހެން 50 ޖާގަ ފުލްވެ، އަންހެން 50 ޖާގައަށް ކުރިމަތިލާނެ މީހަކު ނުވެގެން އެ 50 ޖާގަ ބޭކަރު ވެގެން ދާނީ. ހެޔޮ ނުވާނެ ތިކަހަލަ ޖިންސީ ތަފާތުކުރުންތައް ގެންގުޅޭކަށް. ބޭނުން ބަޔަކަށް ބޭނުން ވަރަކަށް ކުރިމަތި ލެވޭ ގޮތަށް ބޭއްވީމަ، ލާންބޭނުންވާ ބަޔަކު ކުރިމަތި ލައިފާނެއެއްނު.