ޑެއާޑެވިލްގެ މަންޒަރެއްގައި މެޓް މަޑޮކްސް ނުވަތަ އެ ރޯލު ކުޅޭ ޗާލީ ކޮކްސް.
21 މެއި 2022 - 08:12
މާވެލްގެ ސުޕަހީރޯ "ޑެއާޑެވިލް" އަށް ބިނާކޮށް އާ ސީރީޒެއް އުފެއްދުމުގެ މަަސައްކަތް ފަށައިފި އެވެ.
ޑެއާޑެވިލްގެ ސީރީޒެއް މީގެ ކުރިން ވަނީ ނެޓްފްލިކްސް އިން އުފައްދައިފަ އެވެ. ނަމަވެސް ތިން ސީޒަނަށް ފަހު އެ ޝޯ ކެންސަލްކޮށްލީ 2018 ވަނަ އަހަރުގަ އެވެ.
އޭގެ ފަހުން އެ ކެރެކްޓާގެ ރައިޓްސް ވަނީ ޑިޒްނީ އިން ހޯދައިފަ އެވެ. އަދި މިހާރު އެ ސީރީޒް ވެސް ވަނީ، ނެޓްފްލިކްސް އިން ނަގައި، ޑިޒްނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް" އަށް ގެންގޮސްފަ އެވެ.
އެ ސީރީޒް ޑިޒްނީގެ ދަށަށް ގެންދިޔަ ފަހުން، އެ ޝޯގައި ލީޑް ރޯލުން ފެންނަ "ޑެއާޑެވިލް" ނުވަތަ މެޓް މާޑޮކް ވަނީ މިދިޔަ އަހަރު ނެރުނު އެމްސީޔޫގެ "ސްޕައިޑާ މޭން: ނޯ ވޭ ހޯމް" އިން ކެމިއޯ ރޯލަކުން ޗެސް ފެނިފަ އެވެ. އެއާ އެކު، އެމްސީޔޫގެ އިތުރު ޕްރޮޖެކްޓްތަކުން މެޓް މާޑޮކް އަލުން ފެންނާނެ ކަމަށް އެތައް ބަޔަކު އައީ އުއްމީދު ކުރަމުންނެވެ.
އަލަށް ނެރޭ "ޑެއާޑެވިލް"ގެ ސްކްރިޕްޓް ތައްޔާރުކުރަން ވެސް ދެ މީހަކު ހަމަޖައްސާފައިވެ އެވެ. އެއީ މަޝްހޫރު ލިޔުންތެރިން ކަމަށްވާ މެޓް ކޯމަން އާއި ކްރިސް ކޯޑެން އެވެ.
އަލަށް ނެރޭ ސީރީޒް ކުރިއަށް ގެންދާނެ ދިމާލެއް އަދި ނޭނގެ އެވެ. ނަމަވެސް މެޓް މާޑޮކްގެ ރޯލުން ކުރިން ވެސް ފެނުނު ޗާލީ ކޮކްސް މި ސީރީޒް ލީޑް ކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy