އެކްސިޑެންޓްވި ލޯންޗް.
25 މެއި 2022 - 20:17
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގއ. ވިލިނގިލީ ނެރުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން މާލެ ގެނައި އެކަކު އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އަނިޔާވި މީހުންގެ ހާލަތާ ގުޅިގެން ސުވާލުކުރުމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ 30 އަހަރުގެ މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި އަނެއް ދެ މީހުންނަށް ފަރުވާދެނީ ވޯޑުގައި ބާއްވައިގެން ކަމަށެވެ. އެކަމަކު އަނިޔާގެ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ޕުލްމަން ރިސޯޓުން ފުރައިގެން ވިލިނގިއްޔަށް ކުރި ދަތުރުގައި ވިލިނގިލީ ނެރުގެ ފައިކައްޓަށް ލޯންޗު އަރައި ހިނގި އެކްސިޑެންޓްގައި ދެ މީހަކު މަރުވި އެވެ. އެއީ ވިލިނގިއްޔަށް ނިސްބަތްވާ މިސްބާހު އަބްދުލް މުހުސިނާއި ނ. ލަންދޫ އުރަހަ، މުހައްމަދު ޝާފިއު އެވެ. އެނގިފައިވާ ގޮތުގައި ހާލު ސީރިއަސްވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނީ އެ ހާދިސާގައި މަރުވި މިސްބާހުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އިސްހާގު އަބްދުލް މުހުސިނަށެވެ.
މިސްބާހުގެ ލޯންޗުގައި އެމީހުން ދަތުރުކުރީ އަނެއް ދުވަހު ހެނދުނު، މިސްބާހު އާއި ޝާފިއުގެ އާއިލާގެ ދެ މީހަކު ވިލިނގިލީގައި ކައިވެނިކުރާތީ އެ ޕާޓީގައި ބައިވެރިވުމަށް ކަމަށްވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy