ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނަގަނީ.-- ފައިލް ފޮޓޯ: މިހާރު
26 މެއި 2022 - 17:49
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުނި ބަލައިގަންނާނީ އެކި ބާވަތުގެ ކުނި ވަކިކޮށްގެން ބަހައްޓާފައިވާ ނަމަ އެކަނި ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
އެންސީއައިޓީ ބިލްޑިންގްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ކުންޏަކީ ތިމާވެށީގެ ގޮތުން ދިމާވެފައިވާ ބޮޑު މައްސަލަ ކަމަށެވެ. އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތުގެ ތެރެއިން، ކުނި މެނޭޖްކުރުމުގެ ގަވައިދަށް މިނިސްޓްރީން ވަނީ މިދިޔަ އޮގަސްޓް މަހު ބަދަލެއް ގެނެސްފަ އެވެ. އޭގައިވާ ގޮތުން އަންނަ ޖޫން އެކަކުން ފެށިގެން ކުނި އުކާލާ ކުނި ނެރެން ޖެހޭނީ އެކި ބައިތަކަށް ވަކިކޮށްގެންނެވެ.
މާލެ ސަރަހައްދުގައި އުފެދޭ ކުނި ވަކިކުރަން ޖެހޭނީ ތިން ބަޔަކަށެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި އެއްކޮށް، ޕްލާސްޓިކް ފުޅި ވަކިން އަދި އެހެނިހެން ހުރިހާ ބާވަތުގެ ކުންޏެއް ވެސް ވަކިންނެވެ.
އެހެން ސަރަހައްދުތަކުން ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ބަންދުކުރަން ޖެހޭނީ އެއް ކޮތަޅެއްގަ އެވެ. ޕްލާސްޓިކް ފުޅި ވަކިން އަދި މައުދަނާއި ބިއްލޫރީގެ ބާވަތްތައް ވެސް ޖެހޭނީ ވަކިން ބަންދުކުރާށެވެ.
އެންސީއައިޓީ ބިލްޑިންގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެންވަޔަރްމަންޓް މިނިސްޓަރު ޝައުނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މިނިސްޓަރު ވިދާޅުވީ ހުރިހާ ބާވަތެއްގެ ކުންޏެއް އެއްކޮށްގެން ތިލަފުއްޓަށް ގެންދިޔަ ނަމަވެސް، އެ ތަނުގައި ވެމްކޯގެ މުވައްޒަފުން ކުނިތައް ވަކިކުރާ ކަމަށެވެ. އެކަމަކު، ވޭސްޓް އެނާޖީ ޕްލާންޓް ގާއިމްކުރެވެންދެން އެ ކުނިތައް ބަހައްޓާނީ ކުނިތައް ވަކިކޮށް، ބަންޑެލި ކޮށް، ޕެކްކޮށްފައި ކަމަށް އޭނާ ވިދަޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުން އެކަނި ވެސް ދުވާލެއްގެ މައްޗަށް 1،200 އެއްހާ ޓަނުގެ ކުނި އުފައްދަ އެވެ. އެ ރޭޓުގައި ކުނި އުފައްދާނަމަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މުޅި ތިލަފުށި ފުރިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުނީގެ މައްސަލަ ހައްލުކުރުމުގެ ބޮޑު މަސައްކަތުގެ ތެރެއިން ވަނީ ތިލަފުށިން ވިއްސަކަށް އަހަރުވަންދެން އަރަމުންދިޔަ ބޯ ދުންގަނޑު ނިއްވާލައިފަ އެވެ. އެ މަޝްރޫއުގެ ފޭސް އެކެއްގެ އިންފްރާސްޓްރަކްޗާ ނިންމައި އޮޕަރޭޝަން ވަނީ ފެށިފަ އެވެ. ޕްރޮޖެކްޓް އެއްކޮށް ނިމުމުން ކޮންސްޓްރަކްޝަން ކުންޏާއި ދަގަނޑާއި ޕްލާސްޓިކް އަދި ނުރައްކާތެރި ވޭސްޓު ވެސް ވަކިކޮށްފައި ބެހެއްޓޭނެ ވަސީލަތްތައް ތިލަފުށީގައި ގާއިމްކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެންސީއައިޓީ ބިލްޑިންގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެންވަޔަރްމަންޓް މިނިސްޓަރު ޝައުނާ އަދި ވެމްކޯގެ ޑީއެމްޑީ ސިރާޖު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޝައުނާ ވިދާޅުވީ އަންނަ އަހަރު ތިލަފުށީގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އެ ހިދުމަތް ފެށުމުން ދުވާލަކު އަށް މެގަވޮޓާއި 10 މެގަވޮޓުގެ ކަރަންޓު ވެސް ވަސީލަތްތަކުގެ ތެރެއިން އުފެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންފްރަސްޓްރަކްޗާ ގާއިމްކުރާއިރު ކުންޏާ މެދު މީހުން އަމަލުކުރާ ގޮތަށް ވެސް ބަދަލުތައް އަންނަން ޖެހޭ. އެންމެ ބޮޑު އެއް ސަބަބަކީ ކުނި އުފެދޭ ހިސާބުން ވަކިކުރުމުގެ މުހިއްމުކަން" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ކުނި ވަކިކޮށްގެން އުކާލިއަސް އެ ކުންފުނީގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ސިރާޖު ވިދާޅުވީ އެ މަސައްކަތް އެންމެ ފުރިަހަމައަށް ކުރަން ހުރެއްޖެނަމަ އެކަން ނުވާނެ ކަމަށެވެ. ބޭނުންވަނީ ހުރި ވަސީލަތްތަކުން އެކަންކުރަން ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރާ ކުންފުންޏަކަށް ވެމްކޯ ހެދުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެމްކޯއިން މި ފަހުން ވަނީ ހިޔާ ފްލެޓު ސަރަހައްދުން ވެސް، އެކި ބާވަތުގެ ކުނި ވަކިކޮށްގެން ނަގަން ފަށައިފަ އެވެ. އެކަމަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިކަމެތިރައްޔިތުމީހާ
29 May 2022
ތިއީ ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދަން ކުރާ ކަމެއްބާ؟ ކުރިޔަށް އޮތތާނގަ ކޮތަޅަކުން 2 ރުފިޔާގެ ޓެކުހެއް ނަގާނެ! މިހާރު 3 ކޮތަޅަށް ކުނިއަޅަން ކޮންމެ ގެބިސީއަކުން އިތުރު ދެ ކޮތަޅު ގަންނަން ޖެހޭނެ! ގުރޭޓަރ މާލޭގަ 50 ވަރަކަށް ހާސް ގެއިން ކޮންމެ ދުވަހަކު ދައުލަތަށް 200،000 ލިބޭނެ! މަހަކު 6 މިލިއަން!
މާހިރު
28 May 2022
އެއީ އަސްލު އެކަން އޮންނަންވާނެ ގޮތެވެ. ކުނިގޮޑަށް ގެންދާއިރު ހުރިހާ ކުންޏެއް އެއްކޮށްގެން ގެންގޮސް އެތަނުގައި ބައިބައިކުރުން ވާނީ ވަރަށް ހަޑި ކުރަން އުނދަގޫ ކަމަކަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވޭނީ ގޭބިސީންނަށްވެސް ކުނި ވަކިން އެޅޭނެ އިންތިޒާމެއް ހަމަޖައްސައިދީގެންނެވެ.
އައްލާ
27 May 2022
ތިކަމެއް ނުހިގާނެ. މިހާރު ތިކިޔަނީ ފަޅޮލޭ ފަޅޮލޭ. މިހާރު ތިކުރާގޮތައް ތިކަން ނުކުރެވެންޏާ ހުއްޓާލާ. ކޮންމެހެން ރައްޔިތުންނަށް ދުއްޕާން ޖައްސަން ނޫޅޭ.
ޢަރުތަ
29 May 2022
އައްލާމެން ތަހުޒީބު ތިކިޔަނީ ކިހިނެއް ކޮންކަމެއް ވީމަތަ އަޅެފަހެ، އަތުގަ އެންމެ ފަހުގެ ފޯނެއް އޮތީމަ ދެން މިތިބީ ތަހުޒީބުވެފައުތަ، ތިޔަ ވިސްނުން ބަދަލުކޮށް ދުނިޔޭގެ ތަހުޒީބު މުޖުތަމަޢުތަކުން ކަންކުރާގޮތަށް އުޅެބަލަ، ނޭގޭނަމަ ގޫގުލް ދެންބެ ގާތު އަހާބަލަ، ހެޔޮނުވާނެ ޕުލީޒު.
ބަލާވެރިކަމެއް
27 May 2022
ޝައުނާ އަށް ހީވާކަހަލަދޯ ރައްޔިތުން ބޮލަށްތުރާކުރަން އަބަދު ތިމަގާމުގަ އިނދެވެނޭ ، ތިޔައީ ރައްޔިތުންނަށް އިންތިހާއަށް ޖެއްސުންކުރުން. ކޮތަޅު ބޮނޑިޔެއް 150 ރުފިޔާއަށް . ގޭތެރޭ 3 ޑަސްބިން ބަހައްޓައިގެން ތިކަންކުރުންތީ ކޮންމެ މީހަކަށްވާވަރު ކަންކަމެއްނޫން. ޝައުނާގެ ވެރިކަން ނިމެނީ މީހުން ކުނިކޮތަޅު ބޮލަށް އެއްލާދުވަސް ވަރަށްގާތުގައޮތީ. ދުއްޕާން ނުކުރޭ. މިއަންނަމަހު ކުނިއުކާނީ މަގުމައްޗަށް ދެން ނަގާ. ނުނެގިޔަސް ހެޔޮ.
ޢަރުތަ
29 May 2022
ބޯނެއް ކުރަފި އަދިވެސް އުޅެޔޭ ދޯ.
ާއއއެެެެ
27 May 2022
ޢާހަރުމެން ފައިސާދީފަ އަދި ތިކަންވެސް ކުރަންވީ… ނުވާނެތިކަމެއް! ކަލޭމެންކުރޭ! ?
ރަދީފް ހުސެން
27 May 2022
ކުނި ކަލެކްޓް ކުރަން އަންނާނީވެސް ބައިބަޔައްތަ؟ ނޫނީ ހުރިހާ ކޮތަޅެއް އެއްވެހިކަލެއްގެ ތެރެޔައް އަޅައިގެން ގެންގޮސް ފަހުން ވަކިކުރާނަމޭބުނެ އޮޅުވާލާނީތަ؟
މުލޭ
27 May 2022
ތިޔަ ބާވަތް ބާވަތް ވަކިކޮށްފައި އަޅަން އެބާވަރަކަށް ޚާއްޞަ ކޮޮތަޅު ވެމްކޯއިން ދޭންޖެހޭނެ ލޭބަލް ކޮށްފައި ނުވަތަ ތަފާތު ކުލައަކުން. އެހެންނޫނީ ވެމްކޯ މީހުންނަކަށްވެސް ނޭނގޭނެ އެގަހުކޭލެއް މިގަހުކޭލެއް. ތަހުޒީބު ތަންތަނުގައި ކުރާގޮތަށް ކުރީމަ މީހުންް ވެސް ތަހުޒީބުވާނީ. ނަމަކަށް ކަމެއްކުރާ ގޮތަށް ކޮށްގެން މީހުން ބަލައިނުގަންނާނެ.
އިބްރާހިމް އަލީ އަބްދުއްސަމަދު.
27 May 2022
މީ އެއްވެސް ތާކުން ތާކު ޖެހޭ ކަމެއް ނޫން. ކުނި ރިސައިކަލް ކުރެވޭ ވަރަށް އަދި ތައްޔާރެއް ނުވޭ ވެމްކޯއެއްވެސް. މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުދި ކުދި ތަންތާ ދަތިކޮށް އުޅޭ ދިވެހިންނަށް އިތުރު ދުއްތުރާލެއް ޖެހޭނީ. އިނގިރޭސި ބަހުން މިކަހަލަ ކަންކަމަށް ކިޔަނީ ވާޗޫ ސިގްނަލް ކުރުމޭ.
ރަދީފް ހުސެން
27 May 2022
ކުނި ރިސައިކަލް ކުރަން ތައްޔާރު ނުވިޔަސް ހެވޭ، އެކަން ކުރާނަމޭ ކިޔައިގެން ބޭރުގެ އެކިފަރާތްތަކުގެ އަތުން އެހީގެގޮތުގަލާރިއޮތީ ނަގާނިމި، ދެން ދައްކަންވެސް ކޮންމެވެސް ކަމެއްކުރަންޖެހޭނެދޯ؟ މަނުބުނަން ހެންވޭރު ކޮޅުގަ ޕާކެއްތަރައްޖީ ކުރަން ހެޔޮއެދޭ ބޭރުބަޔަކު އޭރުހުރި މާލޭސިޓީ މޭޔަރުގެ އަމިއްލަ އެކައުންޓައް ލާރި ޖަމާރިކުރި ވާހަކަޔެއް.
ޑެބީ
27 May 2022
މިހާ ކޮތަޅު އަގު ބޮޑު އިރެއްގަ ކިހިނެއް 3 ވައްތަރު ކުނި 3 ކޮތަޅަށް އަޅާ އަދި ކޮންމެ ކޮތަޅެއް ޑަބަލް ކުރާނީ؟ ކޮންމެ ގޭބީސީއަކަށް މަހަކު 3 ޑަޒަން ކޮތަޅު ދީފަ ތިކަން ކުރޭ.
މަންމޯހަން
27 May 2022
ކުނިވަކިކުރުން ވެސް މުހިއްމު ހަމަ އެފަދައިން ކުނިއަޅާ ހަޑިކުރާ މީހުންނާއި ދޭތެރޭ ފިޔަވަޅުވެސް އެޅެން ޖެހޭ. އެކަން ކުރާ ބަޔަކުނެތް.