ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އުކުޅަހަށް ގެނައި ބަރުކަމަށް ހައްލު ހޯދައި ރަށްތައް ފައްކާކުރެވޭނެ: ރައީސް

"އަޅުގަނޑު މިހުރީ ލާމަރުކަޒީ ސަމުގާއިން ރާއްޖެކުރާ ދަތުރު މިއޮތް ފައްސިޔަލުގައި ދުއްވުމަށް. އިރާދަކުރެއްވިއްޔާ އެ ސަމުގާ އިން ފަޅި ދަރަޖައެއްގެ މިންވަރު ވިޔަސް ކަސިޔާރުވިޔަ ނުދޭނަން"

ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

28 މެއި 2022 - 09:55

12 comments

މައި ސަރުކާރަށް ޖަމާކޮށްފައި އޮތް ބާރުތައް ހަގީގީ މާނައިގައި ކައުންސިލްތަކަށް ދޫކޮށްލައި، ހޭދަވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އުފަންވި މައްސަލަތަކާއި ޝަކުވާތަކާއި ކަންބޮޑުވުންތައް "ފޮށިތަންމައްޗަށް ވުރެން ބަރު" ނަމަވެސް ހައްލު ހޯދައި ލާމަރުކަޒީ ނިޒާމުން ރަށްތައް ފައްކާކުރެވޭނެ މަގު ފެންނަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި މިއަދު ބޭއްވި "ވިޔަވަތި" ކޮންފަރެންސް ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ ލާމަރުކަޒުކޮށް، ކޮންމެ ރަށެއްގައި ވެސް ފުދުންތެރި ދިރިއުޅުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ. އެ އަމާޒަށް ވާސިލްވާން ގާނޫނު އިސްލާހުކޮށް، ސަރުކާރަށް މަގު ކޮށައި ދެވުނު ކަމަށާއި އުކުޅަހަށް ވަޑައިގެން ތިއްބެވީ ދެން ވެސް ހުރި މައްސަލަތަކަށް ހައްލު ހޯދަން ކަމަށް ވިދާޅުވި އެވެ.

މެދު ރާއްޖެތެރޭގެ ރަށްތަކުގެ ކައުންސިލްތަކުން ބައިވެރިވާ ބައްދަލުވުމުގައި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން 174 ބޭފުޅަކު ބައިވެރިވެ އެވެ.

ރާއްޖޭގެ ކޮންމެ ރަށެއް އަންނަނީ ފުދުންތެރި ރާއްޖެއަކަށް ފައްކާވަމުން. -- ރައީސް

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކާ އެކު ސީދާ އެ މަނިކުފާނަށް މަޝްވަރާކުރެއްވޭ ގޮތަށް އުކުޅަހުގައި "ވިޔަވަތި" ކޮންފަރެންސް ފެށުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެކެވެ. މެދު ރާއްޖެ ތެރޭގެ ކޮންފަރެންސް އުކުޅަހުގައި ބޭއްވިއިރު، އުތުރާއި ދެކުނުގައި ވެސް އެ ކޮންފަރެންސް ބާއްވަން ވަނީ އިންތިޒާމްކޮށްފަ އެވެ.

ވިޔަވަތި ކޮންފަރެންސްގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ: މި ކޮންފަރެންސްގައި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުން 174 ބޭފުޅުން ބައިވެރިވެވަޑައިގަތް. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނު 2019 ގައި ތަސްދީގުކޮށް ބޮޑެތި ބަދަލުތަކެއް ވަނީ މި ނިޒާމަށް ގެނެސްދެއްވާފައި ކަމަށެވެ. އެ ބަދަލުތަކަކީ މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމާއި އިހްތިސާސް ކަނޑައެޅުމުގެ އިތުރުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުން ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ މައިދާނުގައި ވަކިން ހާއްސަކޮށް ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރެވިއްޖެ. ނަތީޖާއަށް ބަލާ ނަމަ ޖުމްލަ 388 އިންތިހާބީ ކައުންސިލަރުން މި ރާއްޖޭގައި އެބަތިބި،" ރައީސް ވިދާޅުވި އެވެ

"އާބާދީގައި އަންހެނުންގެ ނިސްބަތް އޮންނަ ވަރާއި ގައުމުގެ ކަންކަމުގައި އަންހެނުން ހިއްސާވާ މިންވަރުގެ ފަރަގު ބޮޑުވެއްޖެ ނަމަ ތަރައްގީގެ ދުވެއްޔަށް ހުރަސްއަޅާނެ."

ރައީސް ފާހަގަކުރެއްވި މުހިއްމު ބައެއް ކަންކަން:

- ސަރުކާރުގެ ސިޔާސަތުތަކާ އަމާޒުތައް ނިމޭނީ ޖަޒީރާ ރާއްޖެއަކަށް.

- ތަފާތު ކުރުމެއް ނޯންނާނެ، ހުރިހާ ސަރަހައްދެއް ހަމަހަމަވާނެ.

- ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ހުރިހާ ރަށެއްގައި ގާއިމްކުރުން ފަސޭހައެއް ނޫން، ހަރަދު ބޮޑަސް ތަރައްގީގެ ވާހަކަ ސަރުކާރަކަށް ފެށޭނެ ހިސާބަކީ އެއީ.

- ލާމަރުކަޒީ ނިޒާމާ އެކު ރާއްޖެއަށް އަންނަން އޮތީ ބޮޑު ބަދަލެއް.

- ތޮއްޖެހި ގޮތް ހުސްވެފައި އޮތް މާލެއަށް އޮތް ހައްލަކީ ތިލަމާލެ ބްރިޖް.

- މުޅި ރާއްޖެ ލާމަރުކަޒުވާ އިރު މާލެއަށް ގެނެވޭނީ އެއާ ގުޅޭ އިޖުތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ވެށި ތަނަވަސްކުރުމުގެ ބަދަލު.

ވިޔަވަތި ކޮންފަރެންސްގެ ބައިވެރިންތަކެއް: އުކުޅަހުގައި ދެ ދުވަހަށް ބާއްވާ ކޮންފަރެންސްގައި ކަންބޮޑުތަކާއި ޝަކުވާތަކަށް ހައްލު ހޯދާނެ. -- ފޮޓޯ | ރައީސް އޮފީސް

އުކުޅަހަށް ގެނައީ ފޮށިތަންމައްޗަށް ވުރެ ބަރު މައްސަލަތަކެއް

ލާމަރުކަޒީ ގާނޫނުން ބާރުތައް ދިންތާ އަހަރެއް ފާއިތުވި އިރު ކައުންސިލްތަކަށް އަދި ސަރުކާރަށް ވެސް ހަގީގީ މާނައިގައި އެ ކަން ތަންފީޒުކުރަން ހުރި ބޮޑެތި ގޮންޖެހުންތައް ދެނެގަނެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން އުކުޅަހަށް ވަޑައިގެން ތިޔަ ތިއްބެވީ ފޮށި ތަންމައްޗަށް ވުރެ މާބަރު އެހެން އެއްޗަކައިގެން. އެއީ އެއް އަހަރުން ފެންމަތިވި މައްސަލަތަކާއި ފާހަގަވި ގޮންޖެހުންތަކުގެ ތަޖުރިބާ،" ރައީސް ވިދާޅުވި އެވެ.

އަޅުގަނޑު މިހުރީ ލާމަރުކަޒީ ސަމުގާއިން ރާއްޖެކުރާ ދަތުރު މިއޮތް ފައްސިޔަލުގައި ދުއްވުމަށް. އިރާދަކުރެއްވިއްޔާ އެ ސަމުގާ އިން ފަޅި ދަރަޖައެއްގެ މިންވަރު ވިޔަސް ކަސިޔާރު އަޅުގަނޑު ނުދޭނަން. -- ރައީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 77 ކައުންސިލް ބައްދަލުވުން ވަނީ ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގައި ސާފުވެވަޑައިގަތް ކަމަކީ، ހުރިހާ ކައުންސިލްތަކެއްގައި ވެސް އެއް ކަންބޮޑުވުންތަކެއް ހުރި ކަން ކަމަށް ރައީސް ވިދާޅުވި އެވެ.

ވިޔަވަތި ކޮންފަރެންސްގައި ރައީސް އާއި އެލްޖީއޭގެ ސީއީއޯ އަފްޝަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތައް

- ކައުންސިލަށް ބޭނުންވާ ވަރަށް ބަޖެޓާއި ވަސީލަތްތައް ނެތުން.

- މަސައްކަތް ކުރަން އެކަށޭނަ އުމްރާނީ ވަސީލަތްތަކެއް ނެތުން.

- ލޭންޑް ޔޫޒް ޕްލޭން ފާސްކުރަން ގާނޫނީ އަދި އިދާރީ ހުރަސްތަކެއް ހުރި ކަން.

- އިހްތިސާސްގައި ހިމެނޭ ވަސީލަތްތަކުގެ އިގްތިސާދީ މަންފާ ހޯދުމަށް އެޅިފައިވާ ހުރަސްތައް.

- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އެކަށީގެންވާ ވަސީލަތާއި މަސައްކަތްކުރާނެ މާހައުލު ނެތުން.

- ކައުންސިލަށް އާމްދަނީ ލިބޭނެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ނުކުރެވުން.

- ރަށުގެ އަމާންކަން ބެލެހެއްޓުމުގައި ހުރި ދަތިތައް.

ބުނެފާނެ އެހެން ވިއްޔާ މާލޭގައި ތި އަޅަނީ ކޮން ފަދަ ބިޔަ ބްރިޖެއްތޯ. ކީއްކުރަން ހިއްކާ ގިރާވަރު ފަޅެއްތޯ. ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވާ ވުމަށް ދޫ ޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް. -- ރައީސް

ރައީސް ވިދާޅުވީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާއިރު ސަރުކާރުން އިސްލާހު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެއާއެކު ކައުންސިލްތަކުން އިސްލާހުކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

"މި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާ ކައުންސިލްތަކަށް އެއް މޭޒުވެގެން މަޝްވަރާކޮށް ހައްލު ހޯދޭނެ ގޮތެއް ހޯދުން،" ރައީސް ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ސިޔާސަތުތަކާ ތަރައްގީގެ އެންމެހާ ކަންކަން ގޮސް ގުޅެނީ މި ލާމަރުކަޒީ ނިޒާމާ. ފެންވަރު ރަނގަޅު ތައުލީމާ، މަލްޓިޕާޕަސް ހޯލާ، ސެޓެލައިޓް ސްކޫލާ، ޓާޝަރީ ފެންވަރުގެ ސިއްހީ ފަރުވާއާ، ރަށުގެ ބަނދަރާ، އަޑީގައި ވަޅުލާ ފެނާ ނަރުދަމާއާ ކަރަންޓް ކޭބަލް ކަމުގައި ވިޔަސް އެ ގުޅެނީ ލާމަރުކަޒީ ނިޒާމާ. ރާއްޖެ ޓްރާންސްޕޯޓް ލިންކުން ގުޅައިދޭ ހުރިހާ ގުޅުމެއް ވެސް އާހިރުގައި އެ ގުޅެނީ ހަމަ މި ލާމަރުކަޒީ ނިޒާމާ."

އުކުޅަހުން ވެސް ފެންނަނީ ފުދުންތެރި ކުރި މަގެއް

ރައީސް ވިދާޅުވީ އުކުޅަހަށް ބަލާލިއަސް ފެންނަނީ މާދަމާގެ ވިއަވަތި ޖަޒީރާ، ބާއްޖަވެރި ފުދުންތެރި ރަށެއް ކަަމަށެވެ.

"މާނައަކީ ރާއްޖޭގެ ކޮންމެ ރަށެއް އަންނަނީ ފުދުންތެރި ރާއްޖެއަކަށް ފައްކާވަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮންފަރެންސްގައި ވަޒީރުންނާއި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މަޝްރޫއުތައް ލާމަރުކަޒީ ނިޒާމާ ގުޅުވާފައި ވަނީ ދެ ބޭނުމަކު އެވެ. އެއް ބޭނުމަކީ ތޮއްޑު އާއި އުކުޅަހާއި ރަސްދޫ ގޮތަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރުވައި ތަނަވަސްވާނެ ގޮތެއް ހޯދުމެވެ.

މާލޭގެ ހާސްކަމަށް އޮތް ހައްލަކީ ބްރިޖާއި ގޯތި

"ދެ ވަނަ ބޭނުމަކީ މާލެއަށް އޮތް ހުރިހާ ބުރައަކަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދީ ހަމަނޭވާ ލެވޭނެ ހިތްފަސޭހަ ތަނަކަށް މާލެ ހެދުން،" ރައީސް ވިދާޅުވި އެވެ.

މާލެ ބޮއްސުންލައި އެ ހާލު ޖެހުނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރޯސްތައް ރަމަތަނުވެގެންނެވެ. އަމާޒެއް ނެތި ހަރާބުގެ މަގަށް ޒަމާން އުފެއްދި ގަދަ އޮއިވަރުގެ ސަބަބުން އިތުރު އެހެން އެއްވެސް ގޮތެއް ނެތުމުން ކަަމަށެވެ.

ވިޔަވަތި ކޮންފަރެންސްގައި ރައީސް އޮފީހުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

"ބުނެފާނެ އެހެން ވިއްޔާ މާލޭގައި ތި އަޅަނީ ކޮން ފަދަ ބިޔަ ބްރިޖެއްތޯ. ކީއްކުރަން ހިއްކާ ގިރާވަރު ފަޅެއްތޯ. ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވާ ވުމަށް ދޫ ޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް،" ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ މައި ބަނދަރު ފުރަމާލޭން ބޭރުކޮށް ގުޅިފަޅާ ހަމައަށް ފެއަށް ނުޖައްސައި ދައުލަތުގެ ބަޖެޓަށް އާމްދަނީ ކައިރި ކުރެވޭކަށް ނެތް. މާލެ ރަށްވެހިންނަށް ހައްގުވާ ގޯތި ނުދީވެސް ވާކަށް ނެތް. މުޅި ރާއްޖެ ލާމަރުކަޒުވާ އިރު މާލެއަށް މި ގެނެވެނީ އެއާ ގުޅޭ އިޖުތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ވެށި ތަނަވަސް ކުރުމުގެ ބަދަލު."

ރައީސް ވިދާޅުވީ އެ މަނިކުފާނު ތަސައްވަރު ކުރައްވާ ލާމަރުކަޒީ ރާއްޖޭގެ ހުވަފެން ހަގީގަތަކަށް ހެދޭނެ ކަމަށެވެ. އެކަމަށްޓަކައި އޮތީ ސަރުކާރާއި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. ނަތީޖާ އޭރަށް ފެންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި ހުރީ ލާމަރުކަޒީ ސަމުގާއިން ރާއްޖެކުރާ ދަތުރު މިއޮތް ފައްސިޔަލުގައި ދުއްވުމަށް. އިރާދަކުރެއްވިއްޔާ އެ ސަމުގާ އިން ފަޅި ދަރަޖައެއްގެ މިންވަރު ވިޔަސް ކަސިޔާރުވިޔަ އަޅުގަނޑު ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

12 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަބީބު

28 May 2022

ހަމަހުސް ހޮޅިވާހަކަ ޖުލައިމަހު 123456789 މީގެން އެއްވެސް ދުވަހަކު ހދ ކުޅުދުއްފުށި ސިޓީއައް ނެތް ފުލައިޓަކުން ޖާގައެއް ތިޔައިގެން ކޮންމެ ބޭފުޅަކު އަތުގަ ސްމާޓް ފޯނެއް އޮންނާނެ ނިކަން މޯލްޑިވިއަންގެ އެޕް އަލާފަ މިތާރީހްތައް ސަބްމިޓް ކޮއްބަލަ ދެއްވާ ޖަވާބު ފެންނާނެ މިހާރުވެސް މިތިބީ ބަލި މުސްކުޅި މަޔަކާ ބަފަޔަކު ގޮވައިގެން އައިސް 450 ކޮންމެދުވަހަކު ކުއްޔައް ކޮޓަރިޔެއް ހިފައިގެން ކޮބާ ހޮސްޕިޓަލުގެ ފުރިހަމަ ވަސީލަތެއް ނެތީމަ އެހާދުރުން މިތިބީ އައިސް

The name is already taken The name is available. Register?

ބޮޑުމީހާ

28 May 2022

މަނިކްފާނު ތިދައްކަނީ ޚިޔާލީ ވާހަކަ. ރާއްޖެ ކުރިއަރާނީ އެއްފަސްކޮށްގެން. ކޮންމެ ރަށެެއްގައި ހޮސްޕިޓަލެއް، ސްކޫލެއް، އިންޖީނުގެ، ފެން، ނަރުދަމާ، ސޯޝަލް ސާވިސް ހިންގުމަކީ ޚަރަދުބޮޑު ކަމެއް. އާބާދީއާއި ނުބައްދަލު ފީސަބލް ނޫން ޕްރޮޖެކްޓްތަކުން ރާއްޖެ ދަރަނިވެރިވަނީ...ޕްރޮޖެކްޓް ހިންގާ ކުންފުނިތައް މުއްސަދިވަނީ. ރައްޔިތުންގެ ފައިސާ ވަކިބަޔަކަށް ދޭން ހިންގާ ޖަރީމާއެއްމީ. އެހެންނޫންނަމަ ޖަޒީރާ ކިޔާފަ އެމްޑީޕީ މީހުން ނޫޅޭނެ ޔޫރޮޕްގަ

The name is already taken The name is available. Register?

ރައީސް ސޯލިހަށް

28 May 2022

އަދި ކިރިޔާ ދިވެހިރާއްޖޭގެ ކައުންސިލް ތަކާއި މެދު އަޅުގަނޑު ދެކެމުން އައި ހުވަފެން ހަގީގަތަކަށް މިވީ. ޝުރުރިއްޔާ ރައީސް ސޯލިޙް، ޝުކުރިއްޔާ ދިވެހި ސަރުކާރު. ކައުންސިލަރުންނަކީ މުޅި ގައުމުގެ މައިބަދަ. ކައުންސިލަރުންގެ ކޮންފަރެންސަކީ ކޮންމެ އަހަރަކު ބާއްވަން ޖެހޭ މުހިންމު ބައްދަލުވުމެއް. ކައުންސިލަރުން އިލްމީ އިސްތިރާޖީ ބަޔަކަށް ހެދޭނެ ހަމައެކަނި ގޮތްވެސްމެ. ކުޑަކަމެއް އިތުރުކޮށްލަން ޖެހޭ، ޔުނިވާރސިޓީން ހޮވާލެވޭ އިލްމީ ދިރާސާތަކެއްވެސް ހުށަހެޅުން.

The name is already taken The name is available. Register?

ފޫޖި

28 May 2022

ތިޔަ އތ ކޮމިޓީއަކީ. ބޮޑު އިސްރާފެއް. ޢުވާލާ

The name is already taken The name is available. Register?

ސައްކަރަންޏާ

28 May 2022

ސިޔާސީ ގިނަ މީހުންނަކީ ބޮޑެތި އިންތިޚާބްތަކާ ދިމާކޮށް އަބަދުވެސް ރީތި ވާހަކަތައް ކިޔައިދީ އާ ޑްރާމާތައް ކުޅެން ދަންނަ ބައެއް. އަލިފުލައިލާ ވާހަކައިގަ "މާދަމާ ދައިތާ ފުޅު ގަތުލުނުކޮށް އިނިއްޔާ އަދި މިއަށްވުރެ ރީތިވާހަކައެއް ކިޔައިދޭނަން" ކަމަށް ކިޔާހެން އަބަދުވެސް އިވޭނީ މިއަދަށްވުރެ ރީތި ވާހަކައެއް މާދަމާ ކިޔައިދޭ އަޑު. ވާކަމެއް ހަރާން. ވާވައުދެއް ފުއްދައިދެވެނީކީނޫން.

The name is already taken The name is available. Register?

ރާއްޖެ

28 May 2022

ތިތަނުން ކިތައް މީހުންނަށް ކޮންފަރެންސް ޕޭޕަރ އެއް ތައްޔާރު ކުރަން އެނގެނީ؟

The name is already taken The name is available. Register?

ކުރިމަގު އެބައޮތް

28 May 2022

ނޭނގުމަކުން މައްސަލައެއް ނެތް ފަހުން އެކަންކަން ދަސްވާނެ އިލްމީ މީހުން ރައްޔިތުން ހޮވާން ފެށުމުން. މިވަގުތު ދިވެހި ރާއްޖޭގެ ޔުނިވާރސިޓީ ތަކުން އިޖްތިމާއީ، އިގްތިސޯދީ އަދި ސަލާމަތީ ދާއިރާތަކުން ދިރާސާތަކެއް ހެށަހެޅުންވެސް މުހިންމު. ނާތީއްޖާ އަކަށް ވާނީ ކައުންސިލަރުންގެ އިލްމު މުއްސަނދިވެ ވިސްނުން ތަރއްގީ އާއި ތަމައްދުނަށް މިސްރާބު ޖެހުން. ކަމަކީ ކިތަންމެހާވެސް މުހިންމު ކަމެއް. ކުރީ ކައުންސިލްތައް ބެލީ ސިޔާސީ ކޯޅުމަކަށް ބޭނުން ކުރާ ހަތިޔާރަކަށް

The name is already taken The name is available. Register?

ފަސްމަގު

28 May 2022

ރައްޔިތުންގެ ވިސްނުން ގެ ހުންނަނީ ނުކިޔަވާ ހުރި ޕާޓީ މީހާ މަގާމްގެ ގޮނޑީގަ ބައިންދަން. އޭނާ އަށް ބޮޑު މުސާރަ. ކިޔަވައިގެން ނިކުންނަ ޒުވާނާ މި ޖެހެނީ އެ ސިޔާސީ މީހާ ދަށުން މަސައްކަތް ކުރަން 5 ގުނަ ކުޑަ މުސާރައަކަށް. މިހާރު ސަރުކާރުގެ މަތިފަޑީގައި މިއުޅޭނީ ގިނައިން ނުކިޔަވާ ތިބި މީހުން. މި މީހުންނަށް ކިޔަވައިދޭ ނިމޭ އިރު މިއޮންނަނީ ދައުރު ހަމަވާން ވެފަ. މިއީ އޭގެ މިސާލެއް،

The name is already taken The name is available. Register?

ބޭހޮއްކޮ

28 May 2022

ލާމަރުކަޒީ ފައްސިޔަލުގައި ހުރި އިރު މާލެ ސިޓީ ތިއޮތީ ބަގުޑިބައްދާ ބަނދެފަ

The name is already taken The name is available. Register?

ގަބުޅިސަރުކާރު

28 May 2022

ލާމަރުކަޒީ ނިޒާމުން ތަނަވަސްރަށްތަކޯ. ކޮބައިތަ މަސްވެރިންނާދިމާލަށް ބޮޑުފައިޖަހަމުން ދުވަން ތިޔަފޮނުވާ މަޖިލިސްމެމްބަރުންތައް. މަސްވެރިންގެ މުޒާހަރާތަކުގެ އަޑުވެސް ނާހަން އެދުވަހުތިބީ ހަރުހަރުގައި. ސައޫދީ ސަރުކާރުން މަސްވެރިކަމުގެ ސިނާތަށް ޔާމީނު ހޯދި 800 މިލިޔަން ޑޮލަރު ގެނެސް ޚަރަދުކުރާނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާށޭބުނި ޑޮލަރު ވީތަންވެސް ނޭގުނު. ދޮޅުއަހަރަށްވީމާ މިއޮތީ ދޮންދޫނި މޫސުންފެށިފައި. ޙުރިހާ މަސްވެރިން ގުއިރޯނުގައި ނުޖެހޭނެ.

The name is already taken The name is available. Register?

88999

28 May 2022

ނަންވާނީ ހައިވަކަރު އޮޑި އަބަދުވެސް. ޢިޤަތިސާދު ރަނގަޅު ކިތަންމެހާވެސް އެކަމު ހެސްކިޔާފައި މުއައްސަސާތަކުން ފައިސާ ދިރުވާ މީހުން ހިފަހައްޓާ ހައްޔަރުކޮށް ފިޔަވަޅުއަޅަން ގޮވާލަބަލަ.

The name is already taken The name is available. Register?

ރަދުންގެ

28 May 2022

ކައުންސިލް ނިޒާމަކީ ޚަރަދު ބޮޑު ބޭކާރު ނިޒާމެއް ތިޔަ ނިޒާމުން ދައުލަތުގެ ފައިސާ އިސްރާފް ވުމާއި ނިޒާމު ބަރުހެލިވުން ނޫން ކަމެއް ނުފެނޭ. ކައުންސިލް ނިޒާމު އުވާލަންޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454