ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު--
06 ޖޫން 2022 - 13:38
ހައި ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން އަނބުރާ ފޮނުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފަނޑިޔާރު ހަމީދާއި ހައި ކޯޓުގެ ފަނޑިޔާރު އަބުދުއްރައޫފް އިބްރާހިމް އާ ގުޅޭ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވީ، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން އެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހެޅި މައްސަލަ އެވެ.
އެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ފަނޑިޔާރުންނަށް ޖޭއެސްސީގެ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާތީ، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށާއި އެކަންކަން ފުރިހަމަ ކުރުމަށްޓަކައި އަލުން ޖޭއެސްސީ އަށް އެ މައްސަލަ ފޮނުވުމަށެވެ.
މައްސަލަ އަނބުރާ ފޮނުވާލަން ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތަށް ފާސް ކުރުމާ މެދު މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 48 މެމްބަރަކު ވޯޓު ދެއްވީ ކޮމިޓީ ރިޕޯޓް ފާސް ނުކުރުމަށެވެ. އަދި އެ މައްސަލަ އަނބުރާ ފޮނުވާލަން 18 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ރިޕޯޓު ފާސް ނުވުމުން ރިޔާސަތުން ވޯޓަށް އެހީ ފަނޑިޔާރު ހަމީދު ވަކި ކުރުމާ ގުޅޭ ގޮތުން މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވުމަށެވެ. އޭނާ ވަކި ކުރަން ފެންނަ ކަމަށް 58 މެމްބަރަކު ވޯޓު ދެއްވި އެވެ.
ފަނޑިޔާރު އަބުދުއްރައޫފް އިބްރާހިމް ވަނީ މައްސަލަ މަޖިލީހަށް ފޮނުވުމާ އެކު އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމިޓީ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން އެމްޑީޕީ ތެރޭ އުފެދިފައިވާ ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. ޖުޑީޝަރީ ކޮމިޓީގައި ވެސް އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ކޮމިޓީން ނިންމި ގޮތަށް އެ މައްސަލަ އަނބުރާ ފޮނުވާލަން ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ.
ނަމަވެސް ޖޭއެސްސީގައި މަަޖިލިސް ތަމްސީލް ކުރައްވައި އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ޖޭއެސްސީން މިހާތަނަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް 99 ރިޕޯޓު ފޮނުވާފައިވާ ކަމަށާއި އެ ހުރިހާ ރިޕޯޓެއްގައި ވެސް މައްސަލަތައް ތަހުގީގު ކޮށްފައި ވަނީ އެއް އިޖުރާއަތެއްގެ މައްޗަށް ކަމަށެވެ. އަދި ގާނޫނުގައި ބަޔާން ކޮށްފައިވާ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކޮށްފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
"މި މައްސަލަ ފިޔަވައި އެ 99 ރިޕޯޓުން އެއްވެސް ރިޕޯޓެއް ނެތް އިޖުރާއަތާ ހިލާފަށް ޖޭއެސްސީން އަމަލު ކުރި ކަމަށް [މަޖިލީހުގެ ކޮމިޓީން] ބަޔާން ކޮށްފައެއް،" ހިސާން ވިދާޅުވި އެވެ.
"އިޖުރާއަތްތަކާއި ހަމަތަކަކީ ވަކި މީހަކަށް ވަކި މައްސަލައަކަށް އަމަލު ކުރަން ޖެހޭނެ އެއްޗެއް ނޫން އެއީ އެންމެނަށް އެއް ހަމަޔަކުން އެއް އުސޫލަކުން އަމަލު ކުރަން ޖެހޭނެ އެއްޗެއް."
ޖުޑިޝަރީ ކޮމިޓީގެ މެމްބަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޖޭއެސްސީ އަށް ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ހުށަހެޅުމުން އެ ކޮމިޝަނުން އެކުލަވައިލި ފުރަތަމަ ކޮމިޓީން ނިންމީ ފަނޑިޔާރުން ވަކި ނުކޮށް އިދާރީ ފިޔަވަޅެއް އެޅުމަށް ކަމަށެވެ. އެ ނިންމުން ބޭއްވުމަށް ފަހު އަލުން އެހެން ކޮމިޓީއެއް އެކުލަވައިލުމުން ދެ ވަނަ ކޮމިޓީން ވެސް ނިންމީ ފަނޑިޔާރުން ވަކި ނުކުރުމަށެވެ.
ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ ފަނޑިޔާރުން ވަކި ކުރުމަށް ކަމަށް އަލީ ވިދާޅުވި އެވެ. ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ ގޮތުން އެންމެ ފަހުން އެކުލަވައިލި ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭ ވާހަކަ ޖޭއެސްސީން މަޖިލީހުގެ ކޮމިޓީ އަށް ފޮނުވި ސިޓީގައި އެއްބަސްވެފައިވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
"ފަނޑިޔާރުންނަކީ އިޖުރާއީ އަދުލުވެރިކަން ހައްގު ނޫން ބައެއް ކަމުގައި މި މަޖިލީހުން ނިންމާ ކަމަށް ވާނަމަ އަޅުގަނޑު ހަމަ މައާފާއެކު ދަންނަވާލަން ޖެހެނީ ތިބޭފުޅުންނެކޭ 18 ވަނަ މަޖިލީހެކޭ އެއްވެސް ތަފާތެއް ނެތް،" އަލީ ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ ފަނޑިޔާރުން ވަކި ކުރުމަށް މިހާރު ވެސް އެ ފަނޑިޔާރުން ވަކި ކުރުމަށް ތްރީ ލައިން ވިޕެއް ނެރެފައިވާ ކަމަށެވެ.
"ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކާއިރު ވެސް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މި އޮތީ ތްރީ ލައިން ވިޕު އަޅާފައި ކޮމިޓީ ރިޕޯޓު ބަލައި ނުގަނެ ފަނޑިޔާރުން ވަކި ކުރަން ނިންމައިފަ،" ޝިޔާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު.
07 June 2022
ރައްޔިތުންގެ ފައިސާ ޚަރަދު ކޮށް ތަމްރީނު ކޮށްފައިތިބޭ މުވައްޒަފުން ނަޝީދު އާއި އޭނާގެ ބައިވެރިންނަށް ކަމުނުގޮސްގެން ވަކިވާން މަޖުބޫރު ކޮށް ވަކިކުރަމުން ދިއުމަކީ ގައުމަށް ދެވޭ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް. އެކަން ހުއްޓުވަން ޖެހޭ. ރައްޔިތުންގެ ފައިސާ އިން ތަމްރީނުކުރާ މުވައްޒަފުންނަކީ ރައްޔިތުންގެ ހަރުމުދަލެއް. މުވައްޒަފުން ތަމްރީނުކުރަން ގިނަފައިސާ އާއި ވަގުތު ހިގާ. މިކަންކަމަށް ރައްޔިތުން ވަރަށްބޮޑަށް ފާރަވެރިވާން އެބަޖެހޭ.
ސެލިއުޓް
07 June 2022
ފަނޑިޔާރުންގެ ތެރޭގައި ހުރި ސެލިއުޓް ދޭންޖެހޭ ވަރުގެ ހިތްވަރުގަދަ ކެރޭ ޖެހިލުންކުޑަ އިންސާފުވެރި ފަނޑިޔާރެއް ތިޔަ ވަކިކުރީ ހަމަޔާއި އިންސާފުން ބޭރުން. ވަކިކުރަންދެން މަގާމުގައި ދެމިހުރިކަން އެއީ މިފަނޑިޔާރުގެ ނަޒާހަތްތެރިކަމާއި ތެދުވެރިކަން ހާމަކޮށްދިން ކަމެއް.
ތޮށަލި
07 June 2022
މިހާރު ޖުޑިސަރީއައް އަތްބާނައިގެން ފަޑިޔާރުންތައްކަޑާފަޢެއުކާލަނީ ޔާމިންއައް ހުކުމްކުރާނެމީހަކުނުވެގެންނެވެ ކުށެއްސާބިތުވިއަސްނުވިއަސް ެ2023ހުގެކުރިންޔާމިންގެމައްޗައްހުކުމެއްކުރުވަންކޮންމެހެންބޭނުމެވެ.އެހެންއެކަންކުރެވެންް އަންނަނީ މިހާރުތިބިފަޑިޔާރުންކަނޑާ ކޯޓުތެރެ އާބާތުރަފިލުވައިގެންނެވެ.މީމަޖިލިހުގައިންނަ ބީރުބޮލުވަޒީރުގެ ރޭވުމެއްކަން މުޅިޤައުމުދަނޭ!
ވަކީލްް
06 June 2022
ބައެއްގެ ނުފޫޒުން ހައިކޯޓުން ތިޔަ ވަކިކުރީ މީހަކު ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ ތިބެ ހުކުމް ކުރަމުންދިޔަ އަދި ސިޔާސީ މީހުންގެ ފައިބުޑަށް ވެއްޓި އާދޭސް ނުކުރާނެ 3 ފަނޑިޔާރުންނެވެ. ސިޔާސީ މީހުންގެ ބޯއީންގެ ގޮތުގައި އުޅެ މަގާމުތައް ހޯދި މީހުން އެތިބީ ހެވިފައި ބެންޗުގައި ހުކުމް ކުރާށެވެ.
ނާޗަރަނގީ
06 June 2022
ދެންވެސް ވޯޓެއް އަންނަ އިރަށް ތިލަފަތޭ އަލަފަތޭ ކިޔަންވީ
މިހަދު
06 June 2022
އެއްވެސް އަދުލުވެރިކަމެއް ނެތް ބައެއް އެމްޑީޕީ އަކީ، ތިޔަ ރަމްޒުން އެއް ތިލަފަތަށް ބަރުވާގޮތަށް ބާއްވާ، އެއީ ތިޔަބޭފުޅުންގެ ސޫރަ
ހަނީފް
06 June 2022
ނާއިންސާފު ޖުޑީޝަރީއާ އަރާހަމަކުރި ހިތާމަވެރި ދުވަހެއް...
ޖާބެ
06 June 2022
ކޮބާ ފްލެޓުވެސް ނަގަންވާނެ