އާސަންދައިގެ މެނޭޖިން ޑިރެކްޓާ މަރިޔަމް ޝަފީގު ވާހަކަދައްކަވަނީ. ޕްރައިވެޓް ސެކްޓަރުން އާސަންދައަށް ބޮޑެތި އަގު ކިޔާ މައްސަލަ ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި--ފޮޓޯ:މިހާރު
22 ޖޫން 2022 - 15:04
ޕްރައިވެޓް ސެކްޓަރުން އާސަންދަ ހިދުމަތްތަކަށް ކިޔަނީ ވަރަށް ބޮޑެތި އަގުތަކެއް ކަމަށާއި އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވެއްޖެ އެވެ.
އިޖްތިމާއީ ކޮމިޓީގައި މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަރިޔަމް މިއަދު ވިދާޅުވީ، އާސަންދައާ ޖެހުމުން އަމިއްލަ ވިޔަފާރިތަކުން ކިޔާ އަގު ވަރަށް ބޮޑަށް އިތުރު ކަމަށެވެ. މަރިޔަމް ވިދާޅުވީ، އިމަޖެންސީ އިވަކުއޭޝަން ހާލަތްތަކުގައި ރަށްރަށުން ލޯންޗުފަހަރު ހޯދާއިރު އެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.
"500ރ. އަށް ކުރާ ދަތުރު ވެސް އާސަންދަ މެދުވެރިކޮށް ވިއްޔާ 3،000ރ. އަށް އަރާ ހާލަތްތައް ވަރަށް ގިނައިން މެދުވެރިވޭ،" އޭނާ ވިދާޅުވި އެވެ.
މަރިޔަމް ވިދާޅުވީ، އެހާ ބޮޑު އަގު ކިޔުމުން ވެސް، ލޯންޗު ކުއްޔަށް ނުނަގާ އެހެން ގޮތެއް ނޯންނަ ކަމަށެވެ. އެހެންވެ، އެކަން ހައްލުކުރަން، ކޮންމެ އަތޮޅެއްގެ ޕްރައިވެޓް ލޯންޗު ދުއްވާ ބަޔަކާ އެކު އެގްރީމެންޓް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އދ. އަތޮޅުގައި ލޯންޗުތައް އެގްރީމެންޓެއް ހަދައިގެން، ވަކި އަގަކަށް ދަތުރުތައް ވާނީ މިދިޔަ އަހަރު ހަމަޖައްސާފައި. މި އަހަރު، ދެ ފަހަރަކަށް، އިތުރު ތިން އަތޮޅެއްގައި ލޯންޗު ކުއްޔަށް ނަގާފައި ބަހައްޓަން އެބަ މަސައްކަތް ކުރަން. އެކަމަކު އަދި އެ ތަންތަނަކުން އެހާ ބޮޑު ތަރުހީބެއް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
މަރިޔަމް ވިދާޅުވީ، މިކަން އަވަސް ކުރަން ކައުންސިލްތަކާ ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކޮންމެ އަތޮޅެއްގައި ވެސް އާސަންދަ ރަޖިސްޓާޑް ޕްރައިވެޓް ލޯންޗެއް ބޭއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އަށް އާސަންދަ އާއި އެންސްޕާގެ އިސްވެރިން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުން -- ފޮޓޯ: މަޖިލީސް
މަރިޔަމް ވިދާޅުވީ، ބޭރުގެ ހޮސްޕިޓަލްތަކުން ވެސް އަގު ބޮޑުކޮށް އާސަންދަ މެދުވެރިކޮށް ހިދުމަތް ދޭތީ 2019 ވަނަ އަހަރުން ފެށިގެން އެކަން ހައްލުކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެގްރީމެންޓްތަކެއްގެ ދަށުން އެކި ފަރުވާތަކަށް ވަކި އަގުތަކެއް މިހާރު ކަނޑައަޅާފައިވާނެ ކަމަށެވެ.
"އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުގައި އެތަނުގެ ރައްޔިތުންނަށް ދޭ އަގުގައި ހިދުމަތް ލިބެން ހުރި ތަންތަން ވެސް މިހާރު ހުންނާނެ. އެކަމަކު ޕްރައިވެޓް ބޮޑެތި ހޮސްޕިޓަލްތަކަށް ތަންކޮޅެއް ބޮޑެތި އަގުގައި ހިދުމަތް ހޯދަން ލިބެނީ،" އޭނާ ވިދާޅުވި އެވެ.
މަރިޔަމް ވިދާޅުވީ، ރާއްޖޭގެ ހޮސްޕިޓަލްތަކުގެ އަގުތައް ވެސް ކޮންޓްރޯލް ނުވާ އިރު، ބޭރު ހޮސްޕިޓަލްތަކުގައި އެކަން ކުރަން އަދި މާ އުނދަގޫ ކަމަށެވެ. އަދި އަގު ބޮޑުވި ނަމަވެސް ބައެއް ސާޖަރީތައް ހަދަން ބައެއް ހޮސްޕިޓަލްތަކަށް ފޮނުވަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް ކިޑްނީ ޓްރާންސްޕްލާންޓް، ލިވާ ޓްރާންސްޕްލާންޓް ފަދަ ބޮޑެތި ކަންކަމަށް ފޮނުވަނީ އަގު ބޮޑެތި ތަންތަނަށް،" އޭނާ ވިދާޅުވި އެވެ.
އާސަންދަ މެދުވެރިކޮށް ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ ސިއްހީ ހިދުމަތްތަކަށް ހޭދަކުރާ އިރު ބޭރުގެ ހޮސްޕިޓަލްތަކަށް ހޭދަކުރަނީ އޭގެ އަށް ޕަސެންޓުވަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަލޯ
23 June 2022
އިއްޔެ ބޭހެއްގަންނަން އެސްޓީ އޯ ބޭސްފިހާރައަށް ވަދެކިން އާދަގެ ބޭހެއްގެ އަގު ހުރީ ބޭސްގަން ފިހާރައަށްވުރެ 15 ރުފިޔާ އަގުބޮޑުކޮށް. އެއްބޭހެއް އެއްބުރޭންޑެއް. އެއްކޮންޕެނީއެއް. ވީއިރު އާސަބްދަ ހުސްކުރަނީ އެސްޓީއޯއިން
ކަޅޭޅޭ
23 June 2022
އިންޑިޔާއިން ބިލުކުރާ ކޮންމެ އަގަކަށް ލާރި ދީ އާސަންދަ ހުސްކުރީ.. މިހާރު ރާއްޖެއަށްވުރެ ފަސޭހައިން އިންޑިޔާގެ ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖެހޭނެ. އެމްޑީޕީން ކުރާ ބޮޑު ވައްކަމެއް މީ.
އިބްރާ1
22 June 2022
ޢާސަންދަ ތިޔައް ވުރެ ރަނގަޅު އިންސުއަރެންސް ސްކީމް އަކަށް ބަދަލުކުރަން ނޭގިގެންތީ ތިއުޅުއްވަނީ. ތަރައްގީ ވެފަ ހުރި ގައުމުތަކުން ކޮޕީ ޕޭސްޓް ހަދާލަންވެސް ނޭގެނީ ތޯ؟
ޟީސާ
22 June 2022
މައި ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރަންވީ އޭރުން ތިކަމަށް ހައްލެއް ލިބޭނީ މިސަރުކާރައް ހަމަ އެއް ކަމެއް ހައްލު ނުވޭ
ޕީސީއާރު ބިޒްނަސް ފެށެނީ
22 June 2022
ކޮބާ ކުލިނިކުތަކުން ނަގާ ބޮޑެތި އަގުތައް؟ އެކަހަލަ ތަންތަނަށް އާސަންދަ ނުދީބަލަ
ޙޯރަ
22 June 2022
އިންޑިއާގެ ހޮސްޕިޓަލް ތަކުގަ ތިކަން އަދި އިންތިހާއަށް ބޮޑު. އާސަންދަ ވިއްޔާ އެވްރެޖްކޮށް ތިންގުނަ ބޮޑުކޮށް ބިލުކުރަނީ...
ސޮއްބެ
22 June 2022
ލިބޭތާ ލިބިގަންނާށޭ
ބޮޑުމީހާ
22 June 2022
ކުޑަކުރަން މަސައްކަތްކުރަނީ.... 4 އަހަރު މިހެން ކިޔާތާ. ނުކުރެވޭނެ. ގައުމު ހިންގަނީ ވިޔަފާރިވެރިން
އާސަންދަ2.0
22 June 2022
ޕްރިއިވެޓް ސެކްޓާގ ހަބޭހަށް އަގުބޮޑު ހޮސްޕިޓަލުތަކާ ކުލިނިކުތަކުން ދައުލަތުން މުސާރައާ އިނާޔަތްދީފައި ތިބޭ ފުލުހުންނާ ސިފައިންނާ އެމީހުންގެ މުޅި އައުލާދަށް ހިލޭ ސިއްހީ ފަރުވާ ސަރުކާރުން ކޮއްދޭއިރު ތިކިޔާ އަގުބޮޑު ކަމެއް ނޭގެ. ދައުލަތުގެ ބަޖެޓުން އެހަރަދުކުރަނީ..އެއްކަލަ ސަރުކާރު ވަޒީފާއެއްގައި ނޫޅޭ ގޮތެއްނެތް ނިކަމެތިމީހާ އަބަދުވެސް ހާލުގައި އުޅެން ޖެހެނީ ސަލާން ޖަހަން ޖެހެނީ އަދިވެސް ބޭސްފަރުވާއަށް. މި ކޮންކަހަލަ އިޖުތިމާއީ ރައްކާތެރިކަމެއްތޯ؟؟؟
ސޮއްބެ
22 June 2022
ހަމަ ފުލުހުންނާ ސިފައިންނާ ނުގެޅޭ ނުހުރެވޭދޯ
ޓެކްސް ދައްކާމީހާ
22 June 2022
އާސަންދަ ދޭތާ އެތައްއަހަރެއް ވެފައިވާއިރު މިކަހަލަ ކަންތައްތަކަށް ހައްލު ހޯދިފައި ނުވުމަކީ އާސަންދައަކީ ދައުލަތް ދަވާލަން ހިންގާ ބޮޑު ސްކޭމެއްކަން.ކޮންމެ މީހަކުވެސް ކޮމެޓީއަށް ގޮސް މޮޅުވާހަކަ ދައްކާލީމަ ނިމުނީ..އަނެއްކާ އަނެއް ޓެކުހެއްނަގާފަ އެވެސް ދަވާލާ.