ދުނިޔެ

ޔޫކްރޭންގެ އޮޑެސާ ބަނދަރަށް ރަޝިޔާގެ މިސައިލް ހަމަލާތަކެއް

24 ޖުލައި 2022 - 12:31

2 comments

އެކްސްޕޯޓް ނުކުރެވި ޔޫކްރޭންގައި ހުރި ގޮވާމުގެ ބާވަތްތައް، ދުނިޔޭގެ ބާޒާރަށް ނެރުމުގެ ފުރުސަތު ދިނުމަށް، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރިތާ އެއް ދުވަސް ފަހުން، ޔޫކްރޭންގެ ކަނޑުގެ ބަނދަރަށް ރަޝިޔާ އިން މިސައިލް ހަމަލާތަކެއް ދީފި އެވެ.

ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު މިދިޔަ ހުކުރު ދުވަހު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން، ކަޅު ކަނޑުގައިވާ ޔޫކްރޭންގެ ކަނޑުގެ ބަނދަރުތަކުން، އާގުބޯޓުތަކަށް ގޮވާމުގެ ބާވަތްތައް ބަރުކޮށްގެން، ދުނިޔޭގެ ބާޒާރަށް ބޭރުކުރުމުގެ ފުރުސަތު ރަޝިޔާ އިން ފަހިކޮށްދޭނެ އެވެ. ޔޫކްރޭނުން ކަނޑު މަގުން އެންމެ ގިނައިން މުދާ ބޭރުކުރަނީ، ޔޫކްރޭންގެ ދެކުނުން ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ އޮޑެސާ ސަހަރުގައިވާ ބަނދަރުންނެވެ.

ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާ އިން އިއްޔެ ވަނީ އޮޑެސާ ބަނދަރަށް އަމާޒުކޮށް ކަލިބާ ކްރޫޒް މިސައިލުން ހަމަލާ ދީފަ އެވެ. ރަޝިޔާ އިން އެ ބަނދަރަށް އަމާޒުކޮށް ފޮނުވައިލި ހަތަރު ކްރޫޒް މިސައިލްގެ ތެރެއިން، ދެ މިސައިލަކަށް ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ވައްޓައިލި އެވެ. އަދި އިތުރު ދެ މިސައިލް އޮޑެސާ ބަނދަރުގެ އިމާރާތްތަކަށް އަމާޒުވި އެވެ.

ޔޫކްރޭން ޓީވީން ބުނި ގޮތުގައި ރަޝިޔާގެ މިސައިލް އަމާޒުވި ބަނދަރަށް މާ ބޮޑެތި ގެއްލުންތަކެއް ނުލިބެ އެވެ. އެހެންކަމުން، އެއްބަސްވުމާ އެއްގޮތަށް ގޮވާމުގެ ބާވަތްތައް ބޭރުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް، ޔޫކްރޭން ސަރުކާރުން ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ ކަނޑުގެ ބަނދަރުތައް ހިސޯރުކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫކްރޭންގެ އެންމެ ބޮޑު ކަނޑުގެ ބަނދަރުކަމަށްވާ އޮޑެސާގެ ބަނދަރު ވެސް ހިމެނެ އެވެ. އެ ބަނދަރުން އިމްޕޯޓް އެކްސްޕޯޓްގެ އެއްވެސް ހަރަކާތެއް ނުހިނގި ނަމަވެސް، އެ ބަނދަރު މިއަދާ ހަމައަށް ވެސް އޮތީ ޔޫކްރޭންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ.

ހުކުރު ދުވަހު ދެ ގައުމުގެ މެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، އޮޑެސާގެ ބަނދަރާއި، ޔޫޒްނޭގެ ބަނދަރާއި ޗޮރްނޮމޮރްސްކް ބަނދަރުން ވެސް، ކަނޑު މަގުން މުދާ ބޭރުކުރުމުގެ ފުރުސަތު ޔޫކްރޭނަށް ލިބޭނެ އެވެ.

ޖުލައި 22، 2022؛ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް (އިށީނދެގެން ވާތް ފަރާތުގައި) އާއި ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ހާޒިރުގައި، ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ (ކޮޅަށް ކަނާތް ފަރާތުގައި) އާއި ޔޫކްރޭންގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު އޮލެކްސަންދަރް ކުބްރަކޯވް، ޔޫކްރޭންގެ ގޮވާން އެކްސްޕޯޓްކުރުމުގެ ފުރުސަތު ދިނުމުގެ އެއްބަަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، އެއްބަސްވުމުގެ ލިޔުން ބަދަލުކުރައްވަން ތައްޔާރުވެގެން. --އޭއެފްޕީ

ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގެ ފުރުސަތު ދިނުމަށް ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރިތާ 24 ގަޑިއިރު ފަހުން، އޮޑެސާ ބަނދަރަށް ރަޝިޔާ އިން މިސައިލް ހަމަލާތަކެއް ދިނުމުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދެ ގައުމުން ސޮއިކުރި އެއްބަސްވުން ފުރިހަމަ އަށް ތަންފީޒު ކުރެވޭނީ، ދެ ގައުމުން ވެސް އެއްބަސްވުމަށް އިހްތިރާމްކޮށްގެން ކަމަށެވެ.

ނަމަވެސް ތުރުކީ ވިލާތުން ބުނާ ގޮތުގައި އޮޑެސާ އަށް އިއްޔެ ދިން މިސައިލް ހަމަލާތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރަޝިޔާ އިން ވަނީ ތުރުކީ ވިލާތަށް އަންގައިފަ އެވެ. އަދި އެއްވެސް ގޮތަކުން އެފަދަ ހަމަލާއެއް ރަޝިޔާ ސިފައިންގެ ފަރާތުން އޮޑެސާއަށް ދީފައިވޭތޯ ވަރަށް ފުރިހަމައަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ރަޝިޔާ އިން ވަނީ ތުރުކީ އަށް އަންގައިފަ އެވެ.

ރަޝިޔާ އިން އެކަމަށް އިންކާރުކުރި ނަމަވެސް، ޔޫކްރޭނުން ބުނާ ގޮތުގައި އޮޑެސާގެ ބަނދަރަށް ހަމަލާ ދިނީ ރަޝިޔާ ސިފައިންނެވެ. އަދި އޮޑެސާ އަށް ފޮނުވައިލި މިސައިލްތައް އައީ، ކްރީމިއާއާ ކައިރިން ކަނޅު ކަނޑުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިޔާގެ މަނަވަރަކުންނެވެ. އެދި އެކަން ބައިނަލްއަގުވާމީ އަސްކަރީ އެހެން އިދާރާތަކަށް ވެސް ފާހަގަކުރެވިފައިވާނެ ކަމަށް ޔޫކްރޭނުން ބުނެ އެވެ.

އޮޑެސާ އަށް ދިން މިސައިލް ހަމަލާގެ ޒިންމާ އުފުލަންޖެހޭނީ ރަޝިޔާ އިން ކަމަށް ވިދާޅުވެ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވަނީ އެ ހަމަލާ ކުށްވެރިކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ބާޒާރުން ގޮވާމުގެ ބާވަތްތައް ހޯދުމުގައި ކުރިމަތިވެފައިވާ ދަތިތައް ފިލުވައިލުމަށް، އދ. މަޖިލީހާއި ތުރުކީ އަދި ޔޫކްރޭނުން ކުރަމުން އަންނަ މަސައްކަތަށް، މި ހަމަލާގެ ސަބަބުން ހިޔަނި އެޅިދާނެ އެވެ.

ދުނިޔޭގެ ބާޒާރަށް ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން ނެރޭ ދެ ގައުމަކީ ރަޝިޔާ އާއި ޔޫކްރޭނެވެ. އެ ދެ ގައުމުގެ މެދުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހަނގުރާމަ ފަށައި، ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ހުރަސްއެޅުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ ބާވަތްތަކުގެ އަގުތައް ވަނީ އުފުލެން ފަށައިފަ އެވެ.

ކާބޯތަކެއްޗާ ބެހޭ އދ.ގެ އިދާރާ އިން ބުނާ ގޮތުގައި، ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ހުރަސްއެޅުމާ ގުޅިގެން، ދުނިޔޭގެ އެކި ގައުމުތަކުގެ 47 މިލިއަނެއްހާ މީހުން ވަނީ ހައިހޫނުކަމާ ކުރިމަތިލާން ޖެހިފަ އެވެ.

ރަޝިޔާ އާއި ޔޫކްރޭނުން މިދިޔަ ހުކުރު ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އެންމެ ފުރަތަމަ ޔޫކްރޭނުން އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައިވަނީ، މިދިޔަ އަހަރު ޔޫކްރޭންގެ ދަނޑުވެރިން ކަނޑައި އެކްސްޕޯޓަށް ތައްޔާރުކޮށްފައި ހުރި ގޮވާމުގެ ތެރެއިން، 20 މިލިއަން ޓަނުގެ ގޮވާމެވެ. މިއީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ އަގު ހުރި މުދަލެވެ.

ރަޝިޔާ އާއި ޔޫކްރޭނުން ގާއިމުކުރި މި އެއްބަސްވުމުގެ މުއްދަތަކީ 120 ދުވަހެވެ. އެއަށް ފަހު ދެ ގައުމުގެ ދެމެދުގައި އިތުރު މަޝްވަރާތަކެއް ނުކޮށް ވެސް، މި އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީރުބޮލު ވަޒީރު

26 July 2022

ކޮބާތަ ރަދީފް ބްރޯ، ރަގަޅު ޚަބަރެއް ލިބުނީމަ އުފާފާޅުކޮއްލަން ކޮމެންޓެއް ޖަހާލަބަލަ.

The name is already taken The name is available. Register?

ބީރުބޮލު ވަޒީރު.

24 July 2022

ރަސިއާ ބަދުނާމުކުރަން ކޮންމެވެސް ސުޓަންޓެއް ޖެއްސީ. އެމެރިކާގެ ޕުރޮޕެގެންޑާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454