އައިއެމްއެފް އިން ބުނަނީ މިއީ ހަރަދާއި ދަރަނި ރިފޯމް ކުރަން ވީ ވަގުތު ކަމަށް
ބަޔަކު މުދާތަކެއް ދޯންޏަށް އަރުވަނީ. ކާބޯތަކެތީގެ އަގު އިތުރުވާނެ ކަމަށް އައިއެމްއެފް އިން ވަނީ ދީފަ--ފޮޓޯ:މިހާރު
27 ޖުލައި 2022 - 12:37
ކުރިއަށް އޮތްތަނުގައި ކާބޯތަކެއްޗާއި ތެލުގެ އަގު އިތުރަށް މައްޗަށް ގޮސް، ރާއްޖޭގެ ރިޒާވް ދަށްވާނެ ކަމަށް އައިއެމްއެފް އިން ބުނެފި އެވެ.
ދުނިޔޭގެ މާލީ އިދާރާ، އައިއެމްއެފްގެ ވަފުދަކުން ރާއްޖެ އަށް މިދިޔަ މަހުގެ 21-29 އަށް ކުރި ދަތުރަށް ފަހު މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ރާއްޖެ އަށް ވެސް ކުރާނެ އެވެ. އެ އިދާރާ އިން ލަފާ ކުރާ ގޮތުން، ރާއްޖޭގެ އިންފްލޭޝަން ރޭޓް ތިން ޕަސެންޓަށް އުފުލޭނެ އެވެ. އެއީ ވަރަށް ބޮޑު އަދަދެކެވެ. ސަރުކާރުން ވެސް ލަފާ ކޮށްފައި ވަނީ މި އަހަރު ނިމޭއިރު އިންފްލޭޝަން ތިން ޕަސެންޓަށް އުފުލުމުގެ ބިރުއޮތް ކަމަށެވެ.
އައިއެމްއެފް އިން ބުނީ، ކޮވިޑާ ގުޅިގެން ހަރަދުތައް ހަމަޖައްސަން ގިނަ ލޯނުތަކެއް ނެގުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިންތިހާ އަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ދަރަނި ދެއްކުމުގެ ރިސްކު ވަރަށް ބޮޑުވެފައިވާ ކަމަށާއި މި ހާލަތުން އަރައިގަތުމަށް ހާއްސަ އުސޫލުތަކެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާ އަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. އެއާ އެކު ރާއްޖޭގެ އިންޓަނޭޝަނަލް ރިޒާވް އިތުރަށް ދަށްވެ، ކާބޯތަކެއްޗާއި ތެލުގެ އަގު އިތުރަށް އުފުލި، ރިޒާވުން ކުރަން ހޭދަ ބޮޑުވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
އައިއެމްއެފް އިން ބުނީ ދަރަނި މެނޭޖްކޮށް، މިހާރަށް ވުރެ ހަރުދަނާ އުސޫލަކުން ހަރަދުތައް ހަމަޖެއްސުމަށް މިއީ އުސޫލުތައް ރިފޯމް ކުރަންވީ ވަގުތު ކަމަށެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުވާނެ ގޮތްތައް ދެނެގަނެ، ސަބްސިޑީ ދިނުމުގެ އުސޫލުތައް ރިފޯމްކުރަން ޖެހޭ ކަމަށް އެ އިދާރާއިން ލަފާދީފައިވެ އެވެ.
ރާއްޖޭގައި އެންމެ ބޭނުންވާ މީހުންނަށް ތެލުގެ ސަބްސިޑީ ދޭ ގޮތަށް ހަމަޖައްސަން މިހާރު ވެސް ވަނީ ނިންމައިފަ އެވެ. ތެލުގެ ސަބްސިޑީ އަށް މި އަހަރުގެ ބަޖެޓުގައި ހިމެނީ 341.5 މިލިއަން ރުފިޔާ ކަމަށް ވިޔަސް މިދިޔަ ޖޫން މަހުގެ ނިޔަލަށް އެކަނި އެ ކަމަށް 910.3 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރި އެވެ. ތެލަށް ކުރާ ހޭދަ ހަތަރު ގުނަ އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފަ އެވެ. ތެލަށް ކުރާ ހޭދަ އަހަރު ނިމޭއިރު 1.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
ސަބްސިޑީ ރިފޯމްކޮށް ޓާގެޓެޑް ސަބްސިޑީ ދިނުމަށް އައިއެމްއެފް އާއި ވޯލްޑް ބޭންކުން ސަރުކާރުން ލަފާ ދޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެހެން ނަމަވެސް އަދި މިހާތަނަށް މިކަން ކުރުމުގައި ސަރުކާރަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.
އައިއެމްއެފް އިން ބުނީ ޓޫރިޒަމް ދާއިރާއިންނާއި ޑޮމެސްޓިކް ދާއިރާއިން ޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން މަސައްކަތް ފެށުމަކީ އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.
"ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާއިން 12 ޕަސެންޓާއި 16 ޕަސެންޓަށް ބޮޑު ކުރުމަށާއި އާންމުންގެ އަތުން ޖީއެސްޓީ ނެގުން ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރުމަށް މަރުހަބާ ކިޔަން. އެއާ އެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރަށް ބަރޯސާވާ ވަރު ކުޑަކުރުން ވަރަށް މުހިއްމު،" ބަޔާނުގައި ބުނެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބު
28 July 2022
ދުނިޔޭގެ ހުރިހާ ގައުމެއްގަ ވެސް، އެހެން ވިޔަސް ދިވެހިންނަކީ އިގްތިސާދުކުރާ ބައެއްނޫން ވީމަ ހެސްކިޔާފަ ހަރަދު ކުރަނީ، މިހާރުވެސް މަޖީދީ މަގު ފިހާރަތައް ތޮއްޖެހިފަ، ތުރުކީ، މެލޭޝިޔާ ތައިލެންޑުގަ ދިވެހިން (އެހެން ވިޔަސް އަނގަޔާ އަތާ ދިމާނުވޭ)
އަހަނ
27 July 2022
އަމީރުއަށްވުރެ ބޮޑަށް އައިއެމްއެފަށް އެނގޭތަ؟ ދުނިޔޭގެ ފަހަރަކު ޖަމާއަތަކުން މިވާހަކަ ދެއްކިއަސް ބުނާނެ އެހެންނެއް ނޫނޭ. ދުނިޔޭގެ އެންމެ މޮޅެތި މާހިރުންނަށް ގޮންޖަހާލާވަރުގެ ވެރިކަމެއް މިއޮތީ މިތަނުގަ.
ގަރޭ
28 July 2022
މަލާމާތް ނުކުރޭ، އައިއެމްއެފަށްވުރެ ރާއްޖޭގެ ކަންކަން އަމީރަށް އެގޭނެ.
އޮނަރަބްލް އަފީފު ދީދީ
27 July 2022
މުދަލުގެއަގުއުފުލި ރާއްޖެ ނުރައްކާތެރިހާލަތަކަށްދިއުމަށް ޖާގަނުދިނުމަށްޓަކާ އެންމެފުރަތަމަ ކުރާންޖެހޭކަމަކީ އެމްޑީޕީއާއި ސޯލިޙްގެ މެނިފެސްޓޯގައިވެސްނެތި "ވަޒީރުންނަށްތިބި ކ.އަތޮޅު މާލޭމީހުންގެ ނުފޫޒުން" 800މ ޑޮލަރު ޙަރަދުކޮށްގެން މާލޭމީހުން ކުނިއުކާގޮނޑަށް މިސަރުކާރުން އަޅަން ނިންމާފައިވާ ބްރިޖް މަޝްރޫޢު ހުއްޓާލާފައި ރާއްޖޭގެ އުތުރާއި ދެކުނަށް އާމްދަނީ ލިބޭނެގޮތްހަދަން ހަނިމާދުއާއި ގޭންއެއަރޕޯޓް އޮޕަރޭޝަނަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތަށް ވުން.
އަލީރާޖާ
27 July 2022
ވަރަށް ގިނަ ދިވެހިން ބޭނުވަނީ ޓެކްސް ނުދައްކާ ދައުލަތުން ހުރިހާ ކަމެއް ހިލޭ ދީގެން ގައުމު ހިންގަން. އެކަމަކު ލޯނުވެސް ނަގައިގެން ނުވޭ. މި ކިޔޭ އެއްޗެއް އެބަ ދިމާވޭ؟
އަސްރަފް
27 July 2022
މިއޮތީވާ ގައުމެއް. ރީނދޫ ބައިގަނޑަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު މިކަހަލަ ކަންތަށްގަނޑެއް ކުރިމަތިވޭ
ޝަމުމާ
27 July 2022
ކޮންމެ ލޯނަކުން ކޮރަޕްސަން.
ކޮރަލް
27 July 2022
އަވަހަށް ފިޔަވަޅު އަޅަން ވީ އެވެ. ގަވާއިދާ ހިލާފް ބިދޭސީންގެ މައްސަލަ ހައްލު ކުރަން ވީ އެވެ. ގަވާއިދާ ހިލާފައް އުޅެ މާބޮޑެތި މުސާރަ ތަކާ ވިޔަފާރި ކުރަން ފަސޭހަ ވީމަ ގަވާއިދާ އެއް ގޮތައް ހުންނަ މީހުންވެސް ފިލަނީ އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ބިދޭސީ މިލިއަނަރުން ވ ގިނަ ވެއްޖެ އެވެ. އެކަމު އެމީހުންގެ ޕާމިޓް ގަ އިންނަނީ 300 ޑޮލަރުގެ މުސާރަ އެވެ. ސަރުކާރުން އަޅާވެސް ނުލަ އެވެ. ދިވެއްސެއްނަމަ ޖަމާކުރާ އިރައް ސުވާލު ތައް ކުރާނެ އެވެ.
ތިލަދުންމަތި
27 July 2022
މި ސަރުކާރުން ވޭތުވެ ދިޔަ މަސްކޮޅެއްގެ ތެރޭގައި ކުރި ބޮޑެތި ބޭކާރު ޚަރަދު1-އެތައް ސަތޭކަ މިލިއަން އަށް 30 ހަކަށް މިނީ ބަސް. އަނެއްކާ ތިމާވެއްޓަށް ގެއްލުންދޭ ޑީސަލް ބަސް!2-މާކެޓް ރޭޓަށް ވުރެ (ރިފަރ: ގޫގުލް) އެތަށް ގުނަ ބޮޑުކޮށް ހަމަ އެތައް ސަތޭކަ މިލިއަން އަން އަށް އެކްސްކަވޭޓަރުތަކެއް!3-މާކެޓް ރޭޓަށް ވުރެ (ރިފަރ: ގޫގުލް) އެތަށް ގުނަ ބޮޑުކޮށް ހަމަ އެތައް ސަތޭކަ މިލިއަން އަން އަށް ޑްރެޖަރެއް! މީ އަނެއްކާ ޒަމާނާ ނުގުޅޭ މުރަކަޔާ ގައު ފުނޑުކުރަމުން އަދި މާ ފުނުން ވެލި ނުނެގޭ އެއްޗެއް! މިހާރު އެއޮތީ އަލިފުއްޓަށް ގެންގޮއްސަ! ގަައިމު ކުރީސަރުކާރުން ގެނައި ސަކްޝަން ޑްރެޖަރވެސް އޮންނާނެ ނުން! އެއީ 50 މީޓަރު ފުނުން ވެލި ސަކްކުރާ މުރަކަ ގައު ފުނޑުކުރާ އެއްޗެއް ނޫން! ދެން އަދި ކޮބާ ދަރިންގެ ދަރިންނަށް ދަންދެން ދަރުވައިގެން އަޅާ ވިލި މާލެ ބްރިޖް، ރާއްޖޭ މީހުންލައްވާ އެޅުވޭނެ 60 ޕޮސިލް ޕޯސްޓް، އައްޑޫގެ ބޭކާރު ބިން ހިއްކުން، މާލީގޮތުން ބޮޑު ލޮސްއަކަށް ވާނެ ހަނިމާދޫ އެއަޕޯޓް؟ ގައިމު ފްލެޓް، ބުރިޖު އެއަރ ޕޯޓުއަޅައިގެން ރައްޔިތުން ޔާމީނު ހޮވީހެއްނުން! އަސްލު ރައްޔިތުން އޭރު ނޫނެކޭ ބުނީ، ކޮރަޕްޝަނަށް! މި ސަރުކާރު ކިތަންމެ ކަމެއް ކުރިޔަސް ރައްޔިތުން ބުނާނެ ހެން ހީވަނީ ނޫނެކޭ ހެން! އެއި އޭރަށް ވުތެ ވައްކަމާ ކޮރަޕްޝަން މިހާރު މާ ބޮޑުވީތީ!
ފޯކާއިދޫ
28 July 2022
ދައުލަތަށް އާމްދަނީ ލިބޭ މިންވަރު ދދއްވާނަމަ ރައްޔިތުން ބޭނުންވާ ކަންކަން ކޮއްދެވޭނީ ލޯން ވެސް ނަގައިގެން. ނުވަތަ ޓެކްސްތައް ބޮޑުކޮއްގެން.
މިރަށު ރިސެޕުޝަނިސްޓު
27 July 2022
މަ އޭރުވެސް ބުނީމޭ މާ ކުރީގެ ރިޕޯޓެކޭ ކުރީން ވަގުތު ފާއިތުވިފަހުން ވެބުސައިޓަށް ލެވުނީ ޖީއެސްޓީ ބޮޑު ނުކުރާށޭ ކިޔާފާ. އެއީ އަދި މި އަހަރުގެ މާޗު މަހުގެ ކުރީން ކަންކަން ހުރިގޮތަށް ބަލާފަ ލިޔުނު އެއްޗެކޭ. މިފަހަރު މިޔޯތީ މިއަހަރުގެ އޮގަސްޓު މަހުގެ ވާހަކަ. ޖީއެސްޓީ ބޮޑުކުރުމާ އެއްކޮޅޭ ދަރަނި ބޮޑޭ، ޚަރަދު ކުޑަކުރާށޭ، އިސްރާފު ނުކުރާށޭ.
ސަންޑޭ
27 July 2022
މިވަރުވެގެން ދާއިރު ވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް.