ޗެ؛ްސީގެ ކޯޗު ތޯމަސް ޓުޗެލް: ރެފްރީ އާ ބެހޭޣޮތުން އޭނާ ވާހަކަ ދެއްކުމުން މައްސަލަ ދަނީ ތަހުގީގު ކުރަމުން --- ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2022 - 11:35
ލަންޑަން (އޯގަސްޓް 16) - ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ރެފްރީ އާ ބެހޭގޮތުން ވާހަކަ ދެއްކުމުން އޭނާގެ މައްސަލަ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފި އެވެ.
ދެ ޓީމު 2-2 އިން އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނީ އެ މެޗުގެ ރެފްރީ އެންތަނީ ޓޭލާ އަށް ޗެލްސީ ދެން ކުޅެން ޖެހޭ މެޗުތަކުގައި ފުރުސަތު ނުދިނުމަކީ ރަނގަޅު ގޮތަކަށް ވާނެ ކަމަށެވެ.
އެ މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ޓުޗެލްގެ ދެމެދުގައި ހިނގި ކަންތަކުގެ ސަބަބުން އިނގިރޭސި އެފްއޭއއިން ވަނީ ދެ ކޯޗުންނަށް ވެސް ފިޔަވަޅު އަޅައިފަ އެވެ. އެއް މެޗުގެ ސަސްޕެންޝަނެއް ކޮންޓޭ އާއި ޓުޗެލް އަށް ވެސް ވަނީ އައިސްފަ އެވެ.
އެކަމަކު ރެފްރީ އާ ބެހޭގޮތުން ޓުޗެލް ދެއްކި ވާހަކައިން އޭނާ އަށް އަންނަ އަދަބު ވެސް ބޮޑު ވާނެ އެވެ.
ޗެލްސީގެ މެޗުތަކުގައި ޓޭލާ އަށް އޮފިޝަލްކަން ކުރަން ފުރުސަތު ނުދިނުމަށް ގޮވާލާ ޗެލްސީގެ ސަޕޯޓަރުން ޕެޓިޝަނެއް ވެސް ތައްޔާރު ކުރި އެވެ. ޗެލްސީއާ ދެކޮޅަށް "ގޯސް ނިންމުންތައް ނިންމުމުގައި" ޓޭލާގެ ތާރީހެއް އޮތް ކަމަށްް ޗެލްސީގެ ބައެއް ސަޕޯޓަރުން ބުނެ އެވެ.
"އަހަންނަކަށް ހީއެއް ނުވޭ ހަމައެކަނި ބައެއް ސަޕޯޓަރުން ބުނާ ވާހަކަ އެއް ހެންނެއް. އަހަރެމެންގެ މުޅި ސްކޮޑުގެ ކޮންމެ މެންބަރަކު ދެކެނީ އެގޮތަށް،" ޓޭލާ އަށް ފާޑު ކިޔަމުން ޓުޗެލް ބުންޏެވެ.
ޓުޗެލްގެ ހިތްހަމަ ނުޖެހުން ފެންމަތިވީ ޓޮޓެންހަމްއިން މެޗުގައި ޖެހި ދެ ގޯލް ވެސް އޮފްސައިޑް ވެފައިވާ ކަމަށް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
17 August 2022
ތި ރެފްރީ އަރާ މެޗެއް ވިއްޔާ މިކަހަލަ ގޮތަކަށް ނިމެނީ.