ކުޅިވަރު / މީހުން

ދައްޗާއި ތުރާލަށް ކެތްތެރިވެ ކާމިޔާބުގެ އެންމެ އުހަށް

ސިޓީގެ ކެޕްޓަން އަލީ ހުޒާމު: މިއަހަރަކީ އޭނާގެ ވޮލީ ކެރިއާގައި އެންމެ ކާމިޔާބު އަހަރު --- ފޮޓޯ: ނިޝާން އލީ | މިހާރު

19 އޯގަސްޓް 2022 - 07:20

މި އަހަރުގެ ވޮލީބޯލް ސީޒަންގައި، ސްޕޯޓްސް ކްލަބް ސިޓީ އަށް އަހަރުގެ ތިން މުބާރާތް ވެސް ކާމިޔާބު ކޮށްދިނުމުގެ ފަހަތުގައި ހުރީ ސެޓަރު، އެޓޭކަރު، ބްލޮކަރު އަލީ ހުޒާމް (ހުޒާންޓޭ) އެވެ. އެއް ކުޅުންތެރިޔެއްގެ ކުޅުމަށް ބަލައިފިނަމަ، މި އަހަރު ހުޒާމު ދެއްކި ވަރުގެ ކުޅުމެއް ދެއްކުނު ދެވަނަ އެހެން ކުޅުންތެރިޔަކު ނެތްކަން ހާމަ ކޮށްދެނީ ތިން މުބާރާތުގައި ސްޓެޓްތަކުންނެވެ.

މި އަހަރަކީ ހުޒާމު، 29، ގެ ވޮލީ ކެރިއާގެ ޕީކު އަހަރެވެ. އަދި އަމިއްލަ ކާމިޔާބާއި ޓީމެއްގެ ގޮތުގައި ހޯދި ކާމިޔާބުގައި ވެސް ސިޓީގެ ކެޕްޓަންގެ ދައުރު ބޮޑުވުމުން އޭނާ އަށް ހުއްޓިފައި އޮތް ސަމާލުކަން ބޮޑެވެ.

އެކަމަކު ގިނަ ބަޔަކަށް ނޭނގި އޮތީ އޭނާ އުފުލި ގުރުބާނީ އާއި ދިރިއުޅުމުގެ ދައްޗާއި ތުރާލާއި އުނދަގުލުގެ ތެރޭގައި ކުޅިވަރުގެ ހަޔާތް ކުރިއަށް ގެންދާ ގޮތެވެ.

ޖުމުލަތަކުން ގުޅި އެތުރި ތަރުތީބަކުން މި ކިޔައިދެނީ އެ ވާހަކަ އެވެ.

ވ. ފެލިދޫ އަކީ ރާއްޖޭގެ އެންމެ ހަމަހިމޭން، އެންމެ އަމާން އެއް ރަށެވެ. އެކަމަކު އެ ރަށުގެ ހަމަހިމޭން ކަމާއި އަމާން ކަމުގެ އިހްސާސްތައް ގުރުބާންކޮށް، ހުޒާމު މާލެ ގެނައީ، ސްކޫލް ދައުރުން ފެށިގެން އޭނާގެ ކިބައިން ފެނުނު ވޮލީގެ ހުނަރުތަކުންނެވެ. ރަށުގައި އަމިއްލަ ގެދޮރުގައި މިނިވަން ކަމާއެކު ދިރިއުޅެމުން ދިޔަ މި ޒުވާނާ، އުމުރުން 19 އަހަރުގައި މާލެ ފައިބައި ދިރިއުޅެން ވެއްދީ ގަލޮޅު ދަނޑޫގައި އޭރު ބާވެ ވީރާނާވެފައި ހުރި އޮކޮމެޑޭޝަން ބްލޮކަށެވެ.

އެއީ އޭރު ވެސް މިހާރު ވެސް ރަށް ރަށަށް ނިސްބަތްވާ ކުޅުންތެރިން ނިދައި އެއްޗެހި ދޮވެ ހަދާ ތަނެވެ. މިހާރު އާބާތުރަ ފިލުވައި މަރާމާތުކޮށް ބްލޮކްގެ ކޮޓަރިތަކުގެ ފެންވަރު ވަނީ ރަނގަޅު ކުރެވިފަ އެވެ. އެކަމަކު 2012 ގައި ހުޒާމު މާލެ ގެނެސް އެތަނަށް ވެއްދިއިރު އެތަން އޮތީ ވީރާނާވާން ކައިރިވެފަ އެވެ. ފާރުތަކުގެ ބައެއް ދިމަ ދިމާއިން ސިމެންތިތައް ނެއްޓިފަ އެވެ. ވާރޭ ވެހޭނަމަ ފާރުތައް ފޯކޮށްލައި ކޮޓަރި އަށް ފެން ފައިބަ އެވެ.

އެކަމަކު ކުރިމަގުގެ އުންމީދީ ކުޅުންތެރިޔަކަށް ވާން އުންމީދުކޮށްގެން ހުރި ހުޒާމް އެކަންކަމަށް ކެތްތެރިވި އެވެ.

މިހާރު އެވޯޑް 2017 ގެ ހަފުލާގެ ތެރެއިން ހުޒާމު --- ފައިލް ފޮޓޯ

"އަޅުގަނޑު ކައިރީ އަޝްރާ [ވީއޭއެމްގެ މިހާރުގެ ނައިބު ރައީސް އަލީ އަޝްރަފް] ބުނީ ގައުމީ ޓީމަށް ކުޅެން ހިނގާށޭ، އެއީ ސްކޫލް ނިމުނު ނޫން އަނެއް އަހަރު،" ގައުމީ ޓީމުން ސީނިއާ ކެރިއަ ފެށި ހުޒާމް ކިޔައިދިނެވެ.

"އަޅުގަނޑު ގެނެސް ލީ މިތަނަށް. ފުރަތަމަ ދުވަހު އައިސް މިތަނަށް ވަނީމަ ވެސް އެހެން ގޮތެއް ހީވި. އޭރު އަޅުގަނޑު ވެސް ހުންނާނީ ވަރަށް އާވެއިފަތާ."

ރާއްޖޭގެ އެންމެ މަތީ ލެވަލްގައި ކުޅެމުން، އޮކޮމެޑޭޝަން ބްލޮކްގައި ހުޒާމުގެ ދިރިއުޅުން ހޭދަ ކުރާތާ މިހާރު 10 އަހަރުވީ އެވެ. ރަށްރަށަށް ނިސްބަތްވާ ބައެއް ކުޅުންތެރިންގެ ދިރިއުޅުން އޭރު ހަމަޖެހިފައި އޮތް ބްލޮކުގައި ހުޒާމު އާއި ބައެއް އެހެން ކުޅުންތެރިން ދިރިއުޅެން ޖެހުނު ގޮތަކީ މިހާރު އަރަމުން އަންނަ އުމުރުން ހަގު ކުޅުންތެރިންނަށް ފަހަރެއްގައި ވަޒަންކޮށްލަން ފަސޭހަ ކަމަކަށް ނުވެދާނެ އެވެ.

"ލާން ބޭނުން ކުރާ ހެދުންތައް ވެސް އެންމެ ފުރަތަމަ އަތުން ދޮވެގެން އުޅުނީ،" ގައުމީ ޓީމުގެ ވައިސް ކެޕްޓަން ކަން ވެސް ކުރަމުން އަންނަ ހުޒާމު ބުންޏެވެ.

"ކުޅެން ދާން ލާ އެއްޗިހި ވެސް އާންމުކޮށް ލާ އެއްޗިހި ވެސް އަތުން ދޮންނަނީ. ޖޯޒީ ވެސް ކޮންމެ ދުވަހަކު ހަވީރު ޕްރެކްޓިސް ނިންމާފައި އައިސް އަތުން ދޮންނަން."

އޭނާ ބުނި ގޮތުގައި ފަހުން ލޯންޑްރީގެ ހިދުމަތް ދޭ ތަނަކަށް ކުޅޭ ސާމާނު ފިޔަވައި އެހެން އެއްޗިހި ދޮންނަން ގެންދަން ފެށި އެވެ. އެއީ ކޮންމެ ފަހަރަކު 40 ރުފިޔާ އެވެ. އެކަމަކު އެއީ ގަވާއިދުން ކުރަން ޖެހޭ ކަމަކަށް ވާތީ ނިސްބަތުން އެކަމަށް ހޭދަ ކުރަން ޖެހޭ ފައިސާ ގިނަވުމުން ލޯންޑްރީ އަށް ގެންގޮސް ދޮވުން ހުއްޓުނެވެ. އެ މުއްދަތުގައި އަމިއްލަ އަށް ނުވަތަ ރައްޓެއްސެއްގެ ގެޔަށް ފޮނުވައިގެން ބައެއް ދޮވެ އެވެ.

"ދެން އަހަރެމެން މިތިބޭ ރޫމަށް އަޝްރާ ގަނެ ދިނީ މެޝިނެއް،" ހުޒާމު ބުންޏެވެ.

މިހާރު އެވޯޑްސް ހަފުލާގެ ތެރެއިން ހުޒާމް (ވ) އާއި ވީއޭއެމްގެ ކުރީގެ ޖެނަރަލް ސެކެރެޓަރީ ހުސައިން މުހައްމަދު އަދި އަހުމަދު އަބްދުލް ކަރީމް ލޯންގޭ --- ފައިލް ފޮޓޯ: މިހާރު

ގާތްގަނޑަކަށް 12 ފޫޓު 12 ފޫޓުގެ ކުޑަ ކޮޓަރީގައި އޭނާ އާއެކު އިތުރު ތިން ކުޅުންތެރިން ދިރި އުޅެ އެވެ. ދޮވުމާއި އިސްތިރި ކުރުން ކޮޓަރީގައި ކުރިއަށް ގެންދިޔަޔަސް ކެއިން ބުއިން އޮންނަނީ ހޮޓަލުންނެވެ. އެ ދަތި ދިރިއުޅުމުގައި ނޫޅެން ވެގެން ބައެއް ކުޅުންތެރިން ކުޅިވަރު ކެރިއާ ހުއްޓާލައި މާލެ ދޫކޮށް ރަށަށް ވެސް ބަދަލުވި އެވެ.

އެކަމަކު ހުޒާމު ބުނި ގޮތުގައި އޭނާގެ ދިރިއުޅުން އެކޮމެޑޭޝަން ބްލޮކެއްގައި ވޭތުކުރަން ޖެހުނަސް އޭނާ ބެލީ ދިރިއުޅުން ވޮލީބޯޅައިގެ ތެރޭގައި ބިނާ ކުރުމަށެވެ.

"ފުރަތަމަ އޭރު އުނދަގޫ ވިޔަސް. މިހާރު ދެން މިހެން އުޅެ އުޅެ ހޭނިއްޖެ މިހާރު ކިތައް އަހަރު މިވަނީ މިގޮތަށް ބްލޮކުގައި އުޅޭތަން،" އޭނާ ބުންޏެވެ.

އެހެން ވަޒީފާ އަކަށް ވެސް ނުގޮސް އޭނާ ހުސްވީ ވޮލީބޯޅަ އަށެވެ. އެ ކުޅިވަރުން އާމްދަނީއެއް ހޯދައިގެން ދިރިއުޅުން ބިނާކޮށް ކޮޅަށް ނެގިދާނެކަން ގަބޫލު ކުރި އެވެ. ނަމަވެސް ދެން އެހާ ދިގު މުއްދަތެއްގައި ވޮލީ ކުޅޭނެ ކަމުގެ ޔަގީން ކަމެއް ހުޒާމު ނުދެ އެވެ. އޭނާގެ ޕާފޯމަންސް ދަށްވީކީ ނޫނެވެ. ކުޅެން ލިބޭ ފުރުސަތުތައް ވެސް ގިނަ އެވެ. އެކަމަކު އެންމެ މަތީ ލެވަލްގައި ދެން އެހާ ގިނަ ދުވަހު ނުކުޅޭނެ ކަމަށް ހުޒާމު ބުންޏެވެ.

މިދިޔަ އަހަރު ކައިވެނި ކުރި ހުޒާމު ބުނި ގޮތުގައި ފުލު ޓައިމް ކުޅުންތެރިޔެއްގެ ގޮތުގައި ހޭދަކުރި ކެރިއާ ކުރިއަށް އޮތް ދެތިން އަހަރު ތެރޭ ހުއްޓާލަނީ ވޮލީބޯޅަ އާ ވަކިން ދިރިއުޅުން ވޭތު ކުރާކަށް ނޫނެވެ.

ހުޒާމު (ކ) ގައުމީ ޓީމުގެ މެޗަކަށް ނުކުތުމުގެ ކުރިން ގައުމީ ސަލާމަށް ހުއްޓިގެން

"އަންހެނުން ރަށުގައި ބަހައްޓާފައި އަހަރެން މާލޭގައި މި ގޮތަށް ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫން. އެހެންވީމަ ދެން ހީއެއް ނުވޭ މާގިނަ ދުވަހު ޓޮޕް ލެވަލްގައި ކުޅޭނެ ހެނެއް." "ހަވީރު" ނޫހުން ދިން ވޮލީގެ އެންމެ އުންމިދީ ކުޅުންތެރިޔާގެ އެވޯޑް 2012 ގައި ހޯދި ހުޒާމު ބުންޏެވެ.

"ރަށުގައި ކޮންމެ ވެސް އަމިއްލަ މަސައްކަތެއް ފަށައިގެން ކުރިއަށް ދެވޭތޯ ވިސްނަނީ. އެކަމަކު ރިސޯޓް މުބާރާތް ފަދަ މުބާރާތްތައް ކުޅެލަފާނަން. އަދި ވޮލީން އެނގިފައި ހުރި އެއްޗެއް ޒުވާން ކުދިންނަށް ވެސް ބުނެދީ އެ ކުޅުންތެރިން ޓްރެއިން ކުރަން ވެސް އެހީވާނަން."

އެންމެ މޮޅަށް ކުޅެވުނު ސީޒަން

ވޮލީ ބޯޅައިގައި މި އަހަރު ފެނުނީ އޭނާ އާއި ސިޓީގެ ނުފޫޒެވެ. މިއީ ހުޒާމުގެ ކެރިއާގައި އޭނާ އެންމެ މޮޅަށް ކުޅުނު އަހަރެވެ. އޭނާގެ ކިބައިން ފެނުނު ކުރިއެރުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހުޒާމު ދެނީ ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ އަށެވެ.

ޖެނުއަރީ މަހު ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި ވެލޯސޯ ވަނީ ރާއްޖޭގެ ކޯޗު ކަމުގައި ދުރާލާއި ޕްރެކްޓިސްތަކެއް ފަށައިފަ އެވެ. ގައުމީ ޓީމުގައި ވެސް މީގެ ކުރިން ބިދޭސީ ތިން ކޯޗަކާއެކު މަސައްކަތް ކުރި ހުޒާމު ބުނި ގޮތުގައި ކޯޗު ވެލޯސޯ ޓްރޭނިންތައް ތަފާތެވެ. މޮޅެވެ.

މުބާރާތަށް ތައްޔާރުވާން ޓީމެއްގެ ގޮތުގައި މަސއްކަތް ކުރާކަށް ސިޓީ އަކަށް ވެސް މާ ގިނަ ދުވަހު މަސައްކަތް ކުރަން ފުރުސަތެއް ނުލިބެ އެވެ.

ހުޒާމު މެޗެއްގެ ތެރެއިން އުފާ ފާޅު ކުރަނީ --- ފައިލް ފޮޓޯ

"ގިނައިން ޕްރެކްޓިސް ކުރީ ގައުމީ ޓީމުގައި. އެ ޕްރެކްޓިހުގެ ތަފާތު ކަންނޭނގެ މުބާރާތުގައި ވެސް މި ފެނުނީ،" އޭނާ ބުންޏެވެ.

މި އަހަރު ދެއްކި ކުޅުމާއެކު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް އޭނާ އަށް ފުރުސަތު ބޮޑުވުމަކީ ކައިރީގައި އޮތް ކަމެކެވެ. އެކަމަކު އޭނާ ބުނީ އިންޑަވިޖުއަލް އެވޯޑަކަށް ވުރެ ގައުމީ ޓީމާއެކު ރަން މެޑައްޔެއް ހޯދުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެން ކަމަށެވެ.

ދަތި ދިރިއުޅުމެއްގައި ވިޔސް ޝަކުވާއެއް ނެތް

އިންޓަ ސްކޫލް މުބާރާތުގެ ތަށިތައް ވ. އަތޮޅު ތައުލީމީ މަރުކަޒަށް ހޯދައިދީ ގައުމީ ޓީމުގެ ދޮރު ހުޅުވި ހުޒާމުގެ ކެރިއާ ކުރިއަށް ގެންދިޔައީ ބުރަ މަސައްކަތާއެކު އެވެ. މާލޭގައި ދިރިއުޅެން އެންމެ ފަސޭހަ އިންތިޒާމުތަކެއް ނެތެވެ. އެކަމަކު ވޮލީބޯޅައިގައި ހުޒާމުގެ ހިތް ބަންޑުންވުމުން ގޮންޖެހުންތަކާއި ދައްޗާއި ތުރާލާ އެކު އުޅެން ޖެހުނަސް އޭނާގެ ޝަކުވާ އެއް ނެތެވެ.

"އޭރު ކުޅެން އައިއިރު ވެސް ބެލީ މީގެ ތެރޭގައި ހިފަހައްޓާލެވޭތޯ. މިފަހަރު މި ކާމިޔާބުތަކާއެކު ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ،" ހުޒާުމު ބުންޏެވެ.

ދިރިއުޅުމުގެ މި ދައްޗާ ވޭނުގައި 10 އަހަރު އެއް ލެވަލެއްގައި ކުޅުން ކުރިއަށް ގެންދިޔައީ ބޮޑު އިންޖަރީ ނެތި އެވެ. މިއީ ވެސް އޭނާގެ ސީވީގައި ލިޔަން ޖެހޭނެ ވާހަކަ އެކެވެ. އެއީ ވެސް ގިނަ ގުރުބާނީ އާއި ފަރުވާތެރި ކަމާއެކު ކުރި މަސައްކަތުގެ ނަތީޖާއެކެވެ.

0 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 85%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454