މުނިފޫހިފިލުވުން / ވާހަކަ

ޝުކުރު

ބުދަ ދުވަހާ ގުޅޭ

"ހެޔޮތަ؟" މަލްސާ ބުންޏެވެ.

އަހަންނަށް ހެވެއް ނޫނެވެ. އަހަރެން ވިސްނީ އެންމެ ނުބައިކޮށެވެ. ހިތަށްއެރިއެވެ. މަލްސާއަށް އެނގުނީއެވެ. އަހަރުމެން ފުރަންއުޅޭ ވާހަކަ ކޮންމެވެސް މީހަކު ބުނީއެވެ. ފިލަންއުޅޭކަން ވެސް އެނގުނީއެވެ. ގަދަބާރަކުން މަލްސާއަކަށް އަހަންނެއް ނުހުއްޓުވޭނެއެވެ. އޭނަ ޖެހޭނީ މަކަރެއްހަދާށެވެ. ކުރަން އެ އުޅެނީ އެ ކަމެވެ. އަހަންނަށް ވެސް މަކަރުހެދިދާނެއެވެ. ފޯނު ހިފައިގެން އުސައިދަށް ނީވޭ ހިސާބަށް ޖެހިލީމެވެ.

"ވިލިނގިއްޔަށް ދާން މި އުޅެނީ،" އަހަރެން ދޮގެއްހެދީމެވެ. "މާދަން ގެންދަންވީނު."

ހަމަހިމޭންކަމުގެ ފަސް ވަރަކަށް ސިކުންތު ހޭދަވިއެވެ. އަހަންނަށް ހީވީ ފަސް ގަޑިއިރުވިހެންނެވެ.

"ހައިބާ! ހައިބާ ތި ހީކުރަނީ އަހަންނަކީ މޮޔައެއްކަމަށްތަ؟" ވަރަށް ހަމަޖެހިލާފައި މަލްސާ ބުންޏެވެ. "ޕާސްޕޯޓު ހެއްދިކަމާ، މެންދުރު ފުރާކަން ވެސް އަހަންނަށް އެނގެޔޭ! ދަނީ ލަންކާއަށްކަން ވެސް އެނގޭ. ކުރިން ހިތަށްއެރީ ކޮންމެވެސް މުހިންމު ބޭނުމަކު ދަނީކަމަށް ވެދާނޭ. އެކަމަކު ދޮގުހެދީމަ އެނގިއްޖެ ހައިބާގެ ނިޔަތް ރަނގަޅު ނޫންކަން."

މަލްސާއަށް އެނގުނީތީ އަހަރެން ހައިރާނެއް ނުވެއެވެ. ލަދެއް ވެސް ނުގަތެވެ.

"ނިޔަތުގެ ވާހަކަ މަލްސާ ނުދައްކަމާ ދޯ؟" އަހަރެން ވެސް ވަރަށް ހަމަޖެހިލާފައި ބުނީމެވެ. "ދަރިފުޅަށް އެންމެ ބޭނުން ޖެހުނު ވަގުތު ދެއަތް ފޮޅާލާފަ، މިހާރު އަގުބޮޑުހެން ހީވާ ސާމާނުތައް ގަނެގެން ގެނެސް އުސައިދަށް ތި ދެނީ ކީއްކުރަންކަން އަހަންނަށް ވެސް އެނގެޔޭ! ނުލާހިކު ރީތިކޮށް އެއްބަސްވެފަ، އެގްރީމަންޓު ވެސް ހަދާފަ.."

"ބުނަން ހައިބާ! ތި ޓޮޕިކަށް ވާހަކަދައްކާކަށް އަހަންނަކަށް ވެސް ހައިބާއަކަށް ވެސް ނެތް ޓައިމެއް،" މަލްސާ ބުންޏެވެ. "މިހާރު އެނގިއްޖެއްނު ހައިބާ ކުރަން ތި އުޅޭ ކަންތައް އަހަންނަށް އެނގޭކަން. އަހަރެން އުސައިދު ގޮވައިގެން މި ތާ ކައިރީގަ މިހިރަ ތަނަށް މި ދަނީ. ލަސްވަންޏާ ބަލާ އަޔަސް އޯކޭ. ނުވާނެ މާ ގިނަ އިރެއް. އޯކޭ ނުދީފިއްޔާ އަހަންނަށް ވެސް ކުރެވޭނެ ކަންކަން ހުންނާނެ. ބައްޕައަށް އެންމެ ކޯލެއް ކޮށްލަންޖެހޭނީ. ކޯޓުން ޕާސްޕޯޓު ހިފާއްޓާނެ. އެ ވަރުގެ ގެއްލުމެއް ނުދޭންވެގެން ރީތިކޮށް މި ބުނަނީ. ހިނގާ މި ކަން ހަޑިކޮށް ނުގެންދަމާ!"

"ތީ އިންޒާރެއްތަ؟" އަހަރެން އެހީމެވެ.

"ވަރިހަމަ އެހެން ހީކުރިޔަސް." ކުޑަކޮށް ނުރުހިފައި މަލްސާ ބުންޏެވެ.

އަހަރެން ހިތަށްއެރިއެވެ. ރާއްޖެއިން ފުރެންދެން މަލްސާއަށް ދޫދޭން ޖެހޭނެއެވެ. ދަތުރު ފަސްވެއްޖެއްޔާ އެތައް ފައިސާއެއް ބޭކާރުވާނެއެވެ. އަހަރެން އެއްބަސްވީމެވެ. އުސައިދު ދިޔައެވެ. އޭރު ވެސް ފޮށްޓަށް އަޅަންޖެހޭ ކުދިކުދި އެއްޗެހި ހުއްޓެވެ. އަލްވާން ވީ ތަޅެއް ގަންނަން ބޭރަށް ގޮހެވެ. ތަޅު ގަނެގެން އައި އިރު އުސައިދަށް މީރު ކަހަލަ ޗޮކުލެޓެއް ވެސް އަލްވާން ގެނައެވެ. އެއީ އާންމުކޮށް ވަރަށް ނުހުންނަ ވައްތަރެއްގެ ޗޮކުލެޓެކެވެ.

"ކޮބާ އުސައިދު؟" ކުދިން ގާތު އަލްވާން އެހި އަޑު އިވުނެވެ.

ދެ ކުދިން ކުރެ އެކަކަށް ވެސް އުސައިދު ވީ ތަނެއް ނޭނގެއެވެ. ދެން އަލްވާން އައީ އަހަރެން ކައިރިއަށެވެ. ފުރަތަމަ އަހަރެން ބެލީ އެހެން ވާހަކައެއް ދައްކައިގެން އަލްވާންގެ ވާހަކަ ބަދަލުކުރެވޭތޯއެވެ. އެ ކަމެއް ނުވިއެވެ. ދެން ޖެހުނީ ބުނާށެވެ. އަލްވާނަށް ލިބުނީ ވަރުގަދަ ސިހުމެކެވެ.

"މިތާ ކައިރީ ހުންނަ ތަން ބަންދުކޮށްފަ ހުންނަތާ ކޮން ޒަމާނެއް؟" އަލްވާން ބުންޏެވެ.

އަލްވާން އެހެން ބުނީމައި އަހަންނަށް ވެސް ބަލިހަނދާނެއްވިއެވެ. އެ ތަނުގައި ކަރުދާސްޖަހައިފައި ހުރިހެން އަހަންނަށް ހީވިއެވެ. އަލްވާން ވަގުތުން އުސައިދަށް ގުޅިއެވެ. ފޯނެއް ނުނަގައެވެ. އަހަރެން ހާސްވިއެވެ. މަލްސާއަށް ގުޅީމެވެ. އެ ފޯނު އޮތީ ނިވިފައެވެ. ނުވަތަ ނިއްވާލައިފައެވެ.

"ހައިބާ ކުރާ ކަންތައް،" ވިސްނައިދޭ ކަހަލަ ރާގެއްގައި އަލްވާން ބުންޏެވެ. "މަލްސާގެ ބޭނުމަކީ އަހަރުމެންގެ ފްލައިޓު ކަޓުވާލުން. އެއާޕޯޓަށް ދެވޭހާ ވަގުތު އޮއްވައެއް އޭނައެއް ނާންނާނެ. އަހަންނަށް ޔަގީން ކަށަވަރު."

އުސައިދަށާއި މަލްސާއަށް އަހަންނަށް ގުޅުނު އަދަދެއް ނޭނގެއެވެ. ވަރަށް ރުޅިއައެވެ. އެ ފަދަ ނިންމުމެއް އަހަންނަށް ނިންމުނީތީ ދެރަ ވެސް ވިއެވެ. އެއިން ކުރާނެ ފައިދާއެއް ނެތެވެ. އުސައިދު ގޮވައިގެން މަލްސާ އައި އިރު ވެސް އެއާޕޯޓަށް ދާން ވަގުތު އޮތެވެ. ދާ މަގުމަތީ އެއްވެސް މައްސަލައެއް، ތާށިކަމެއް ދިމާނުވެއްޖެ ނަމައެވެ. މަލްސާގެ ވާހަކަ ވަރަށް މޮޅެވެ. މަލްސާގެ ފޯނުގައި މައްސަލައެއް އުޅެއެވެ. ފޯނު ނިއްވައިލާފައޭ ބައެއް ފަހަރު ބުނަނީ އެހެންވެއެވެ. އުސައިދުގެ ފޯނު ރަނގަބީލުވި އަޑު އުސައިދަށް ނީވުނީއެވެ. ކައިރީގައި ހުރި ތަން ބަންދުކޮށްފައި ހުރިކަން ވެސް މަލްސާއަށް ނޭނގުނީއެވެ. އެހެން ވެދާނޭ ހިތަށްއެރިއެވެ. އަހަންނަކީ އެ ތަނާ ކައިރީ ތަނެއްގައި އުޅޭ މީހެކެވެ. އަހަންނަކަށް ވެސް ނޭނގުނެވެ.

އެއާޕޯޓަށް ދާން ކާރަކަށް ގުޅީމެވެ. ކާރެއް ހޯދަން ވިއްސަކަށް މިނެޓު ހޭދަވިއެވެ. އެ ހިސާބުން، ފުރޭނެކަމުގެ އުންމީދު އަހަންނަށް ގެއްލުނެވެ. އަހަރުމެންނަށް ނުކުމެވުނީ، ވަރަށް ކާރުބާރު ބޮޑު ވަގުތަކުއެވެ. ތެޅެމުންފޮޅެމުން ހުޅެލައަށް ދެވުނު އިރު ކައުންޓަރު ބަންދުވެއްޖެއެވެ. އެ ދުވަހަކު ނުފުރުނެވެ. އަހަރުމެން ތާރީހު ބަދަލުކުރީމެވެ. އެހެނަސް ދެނެއް ނުފުރުނެވެ. އަހަރުމެން ބަލިވާން ފެށިއެވެ. އެކަކު ގަދަވާ އިރަށް އަނެކަކު ބަލިވެއެވެ. ވާ ގޮތެއް ނޭނގެއެވެ. ކޮންމެ މީހެއްގެ ވެސް ގައިގައި ރިއްސައިފައި ހުންއަންނަނީއެވެ. ދޮށީ ދެ ކުދިން ވެސް ބަލިވިއެވެ. ޑަކުޓަރުންނަކަށް ބައްޔެއް ނުފެނެއެވެ. ދެނީ ޕެނަޑޯލެވެ. އެއިން ރަނގަޅުވެއެވެ. އެހެނަސް ދުވަސްކޮޅަކަށެވެ.

މަލްސާ ފަންޑިތަހަދާފާނެކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނަގެ އެ ކަހަލަ ވިސްނުމެއް ނުހުރެއެވެ. އެ ދަތުރަށް ތައްޔާރުވެގެން ތިބިހާ ދުވަހު އަހަރުމެން ތެރެއިން އެކަކު އަބަދު ވެސް އުޅުނީ ބަލިވެއެވެ. ދޭތެރެއަކުން އަހަރެންގެ ފައިފުރޮޅުނެވެ. ހަމަ އެ ކަމަށް ލުޔެއް ލިބުނު ތަނާ އަލްވާނަށް ފާނަބަސަންދު ޖެހުނެވެ. އަލްވާނަކީ، އޭނަ ބުނާ ގޮތުން، އެއް ފަހަރު އެ ބަލި ޖެހިފައި ހުރި މީހެކެވެ. ކަމުގެ ބޮޑުކަމުން ހައިރާންވާ ވަރުގެ ކަމަކާ ދިމައެއް ނުވެއެވެ. މުޅީން ވެސް ދިމާވީ، އާންމުކޮށް ދިމާވާ ކަހަލަ ކުދިކުދި ކަންތަކެވެ. ރޫހާނީކަމެއްކަމަށް ހީނުކުރެވުނީ ވެސް، އެ ފަދަ ކަމަކުން ސަލާމަތްވާން ކުރާ ކަހަލަ ކަމެއް ނުކުރެވުނީ ވެސް އެހެންވެއެވެ. އެހެނަސް ވަރަށް އަޖައިބުވާ ކަހަލަ ކަމެއް ދިމާވިއެވެ. ދަތުރު ކެންސަލުކުރާ އިރަށް ހުރިހާ ކަމެއް ހަމައަކަށްއެޅުނެވެ. އިތުރަކަށް ބައްޔެއް ވެސް ނުޖެހެއެވެ. އަނިޔާވާ ކަހަލަ ހާދިސާއެއް ވެސް ދިމައެއް ނުވެއެވެ.

ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ޓަކައި، ގޮންޖެހުން ބޮޑު ދިރިއުޅުމަކާ ކުރިމަތިލާން ޖެހުނެވެ. އަހަރެން ހެދިކާހަދަން ފެށީމެވެ. އަލްވާން ވެސް ގިނަ ވަގުތު އުޅެނީ ގެއިން ބޭރުގައެވެ. ކޮންމެވެސް ގުރޫޕަކާ ގުޅިގެން މަސައްކަތެއް ކުރުމުގައެވެ. އަލުން ފުރާކަށް އަހަރުމެން ނުވިސްނަމެވެ. ދާން ބޭނުމެވެ. މަލްސާއަށް ފިލަން ބޭނުމެވެ. އެ ކަން ކުރެވެން ނެތީއެވެ. އުސައިދު ހުރީ މަލްސާއަށް ގޮސް ހުސްވެފައެވެ. މޮޅެތި ކުޅޭއެއްޗެއްސާއި، އަގުބޮޑު އަންނައުނު އެއްކޮޅަށް ލުމުން، ލޯބީގެ ތިލަފަތް އެ ކޮޅަށް ބަރުވިއެވެ. އަހަރެންގެ މައިވަންތަ ލޯތްބަކަށް ތިލަފަތުގެ ކަށި ގުޑުވައެއް ނުލެވުނެވެ. އެ ކަމާ ވިސްނާފައި އެހެން ކަމަކާ ވިސްނާނެ ހަކަތައެއް އަހަރެން ގަޔަކު ނުހުރެއެވެ. އިންތިހާއަށް ހަނދާން ބަލިވިއެވެ. ހަރުއެއްޗެއްގެ ވާހަކަދައްކާނެކަމެއް ނެތެވެ. ދިޔާއެއްޗެއް ވެސް އަހަރެންގެ އަރުން އެތެރެއަށް ފޮނުވައިލުމަކީ ހަނގުރާމައެކެވެ. ގެއިން ބޭރަށް ނުކުންނަ ހިތެއް ނުވެއެވެ. ގޭގައި އޮންނަ ހިތެއް ނުވެއެވެ. ނިދަން ބޭނުމެވެ. ނުއެއް ނިދެއެވެ. ހަޔާތުގެ އާ ބައިވެރިޔަކަށްވީ ނުފިލާ ބޮލުގަރިހުމެކެވެ. ކުދިކުދި ކަންތަކާ ރޮވެން ފެށިއެވެ. ރުންކުރުވާން ފެށިއެވެ. ޑަކުޓަރު ބުނަނީ އަހަރެން އުފާކޮށްދިނުމަށެވެ. އެއީ ކާކަށް ކުރެވޭނެކަމެއް ހެއްޔެވެ؟

އުސައިދަށް އަށާރަ އަހަރު ފުރުނެވެ. އަހަރުމެން ކޯޓަށްދިޔައީމެވެ. ދިޔަ އިރު ވެސް އަހަރެން ހުރީ މާޔޫސްވެފައެވެ. އަލްވާން ހުރީ ރުޅިއައިސްފައެވެ. މަލްސާ ކަންތައް ކުރި ގޮތުންނެވެ. އަަހަންނަށް ލުއިހޯދައިދޭން އަލްވާނަށް ކުރެވޭނެކަމެއް ނެތީމައެވެ. ކޯޓުގައި ހިނގި ހުރިހައި ކަމެއް އަހަރެން ހަނދާނެއް ނެތެވެ. ތެދަށް ބުނާ ނަމަ، އެ ތަނުގައި ވީނުވީއެއް ވެސް ނޭނގެއެވެ. ޝަރީއަތް ނިމުމުން އަހަރުމެން ނުކުތީމެވެ. އަހަރުމެންނާ އެކުގައި ދިޔަ އުސައިދެއް ނާދެއެވެ. އޭނަ ފެނޭތޯ ހޯދީމެވެ.

"ކޮބާ އަހަރެންގެ ދަރިފުޅު؟" އެހެން އެހުނު ހަނދާނެއް ވެއެވެ. "އޭނަގެ މަންމަޔާ އެއްކޮށް ދިޔައީ ދޯ؟ އަޅެ ކީއްވެގެންތަ އޭނަ ނުހުއްޓުވީ؟ މަ އެ ގެއަށް ގެންދެބަލަ!"

އަހަރެން ދައްކާ ވާހަކަ ނީވޭކަމަށް ހަދަން އަލްވާން ހުރީ ފަރިތަކޮށްފައެވެ. އޭނަ ބެލީ އަހަރެން ގޮވައިގެން ހިނގޭތޯއެވެ. އެހެންވާނެކަން އޭނައަށް އެނގޭ ކަހަލައެވެ. ކާރާ ހަމައަށް ދެވުމުން، އަހަރެން ކާރަށް އަރުވައިފައި ދޮރުލެއްޕިއެވެ. އަހަރެންގެ ކަމަކީ ރުއިމެވެ.

"ދެން ހުއްޓާލާ!" އަލްވާން އެދުނެވެ. "ގެއަށް ގޮސް ރެސްޓުކޮށްލީމަ ރަނގަޅުވެދާނެ."

"އަޅެ އުސައިދު ދައްކާލާފަ އަހަރެން ގެއަށް ގެންދެބަލަ!" އަހަރެން އެދުނީމެވެ. "ހަމަ އެންމެ ފަހަރަކު. ހެޔޮނުވާނެ."

"އޭރުން ހައިބާ ހައްތަހާ ދެރަވާނީ،" އަލްވާން ބުންޏެވެ. "އާދަވާން ދަސްކުރޭ!"

ނޭވާނުލައި އުޅެން އާދަވޭ ހެއްޔެވެ؟ ހިތާ ނުލައި ދިރިއުޅެން އާދަވޭ ހެއްޔެވެ؟ އަހަރެން އުސައިދު ބޮޑުކުރީ ކިހައި މަސައްކަތަކުން ހެއްޔެވެ؟ އެއްވެސް ކަމެއް ނުކޮށްދިން މީހެއް ދެކެ އުސައިދު އެހައި ލޯބިވެގެން ނުވާނެއެވެ. މިއީ ކޮން ފަދަ އިންތިހާނެއް ހެއްޔެވެ؟ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟ ކުށެއް ނުކުރަނީސް މިހައި ބޮޑު އަދަބެއް އަހަންނަށް ހައްގު ހެއްޔެވެ؟

ނޫނެކެވެ. އަހަންނަށް ކުށެއް ކުރެވިއްޖެއެވެ. ނަސީބަށް ގޮންޖަހަން މަސައްކަތްކުރެވިއްޖެއެވެ. އަހަރެން މިންވަރަށް ޝުކުރުނުކުރީ ކީއްވެގެން ހެއްޔެވެ؟ އެއްބަޔަކަށް ދަރިންގެ ނިއުމަތެއް ނުލިބެއެވެ. އަނެއް ބަޔަކަށް އަންހެންދަރިންގެ ނަސީބެއް ނުލިބެއެވެ. ހަމަ އެހެންމެ، ފިރިހެންދަރިންގެ ނިއުމަތުން މަހުރޫމުވެފައިވާ ބަޔަކު ވެސް ތިބެއެވެ. އެއީ ތަގުދީރު ނިޔާކުރާ ގޮތެވެ. އެޔެއް ބަދަލެއް ނުކުރެވޭނެއެވެ. ނަފުސާނީ ބަލިމަޑުކަމެއްގެ އުނގުތެރޭގައި އޮށޯތުމަކީ އަހަރެން އަމިއްލައަށް ނިންމިނިންމުމެކެވެ. ދެން ޖެހޭނީ އެ ބައްޔާ ހަނގުރާމަކުރާށެވެ. ޔަގީނުން ވެސް އަހަންނަކަށް ލުޔެއް ނެތެވެ. ފަރުވާއެއް ނެތެވެ. މި އަޅާއަށް ކެތްތެރިކަން ދެއްވާށިއެވެ.

ނިމުނީ

8 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިސްތު

28 August 2022

"ކުށެއް ނުކުރަނީސް މިހައި ބޮޑު އަދަބެއް އަހަންނަށް ހައްގު ހެއްޔެވެ؟" ހަމަ އެފަދައިން، ކުށެއް ނުކުރަނީސް އެހައި ބޮޑު އަދަބެއް ހައިބާގެ އަންހެން ދަރިންނަށް ހައްގު ހެއްޔެވެ؟ އަންހެން ކުދިންނަށްވީތީ އަމިއްލަ ބަނޑުން ވިހާފަވެސް އެކުދިންނަށް އަޅާނުލާ މުޅި ހަޔާތްއެކީ މީހެއްގެ ދަރިއަކާހެދި މޮޔަވެގެން އުޅުނީ އެކުދިންގެ ކޮން ކުށަކާހެދި ހެއްޔެވެ؟ އަންހެން ކުދިންނަށް ވީތީ ހެއްޔެވެ؟

The name is already taken The name is available. Register?

އިއްސެ

28 August 2022

ޝުކުރު ނުކުރާމީހުންނަންވާނީއެހެން

The name is already taken The name is available. Register?

މީޕް

28 August 2022

މީގަ ގޯހީ ހައިބާ... އުސައިދަށް ރަނގަޅު ތަރުބިއްޔަތެއް ދެވުނުނަމަ އޭނާގެ މަންމަ އޭނާ އެއްލާލި ދުވަހު ލޯބިން ބަލާ ބޮޑުކުރި މީހާއަށް ފައިސާއަށް ހެއްލިގެން ދެރަ ގޮތެއް ނަހަދާނެ.

The name is already taken The name is available. Register?

އަިމިނަ

28 August 2022

އަހަރެންގެ ތިބެނީ 2 އަންހެންދަރިން އެއީ މިންވަރުފުޅު. ބައެއްމީހުން ބުނޭ ދެންފިރިހެން ދަރިއަކު ނުހޯދަނީހޭ. މަ ބުނަން މަ އަމިއްލައަށް ކުރާކަމެއް ނަމަ ބޭނުންވައްތަރެކޭ ހޯދާނީ

The name is already taken The name is available. Register?

މަބަލްދީބް

28 August 2022

މަގޭ ބްލަޑް ޕްރެޝަރ މަތިވެއްޖެ މިވާހަކަ ކިޔާ ނިމުނުއިރު. ދެން މިކަހަލަ ވާހަކަ ނުގެނެސްދޭތި ހެޔޮނުވާނެ.

The name is already taken The name is available. Register?

ހިބާ

28 August 2022

ކޮންމެ ކަމެއްގައިވެސް ނިޔަތް މުހިއްމު ވާނެ. އޭނަގެ ނިޔަތަކީ އޭނައަށް ފިރިހެން ކުއްޖެއް ލިބޭނެ ކަން، ބެލޭނެ ކަން ބަފާބެ އާ ދެންވެސް އުޅޭ ބަޔަކަށް ދެއްކުން. ހަމަ އަސްލުވެސް ލިބުނު މިންވަރަށް ޝުކުރު ނުކުރެވުނީ. އެކަމަކު އުސައިދު ކަންތައް ކުރިގޮތްވެސް ކަޑަ. އުސައިސު ހައިބާއާ އެއްކޮށް ގުޅުން ކަނޑާނެހެން ހިޔެއް ނުވޭ. އެހެންނޫނަސް އެއީ 18 އަހަރުވެފަ ހުރި ބޮޑު މީހެއް. އޭނަ ދާން ބޭނުން މީހަކު ކޯޓަކުން ނުބަލާނެ 18 ވީމަ. އެތަންކޮޅު ބިންމާވެސް ބަލާލިނަމަ.

The name is already taken The name is available. Register?

ޙޙ2022

28 August 2022

ނަސީބަކުން ހާސަރުގަނޑު ނިމިއްޖެ.... ބޮއިހަލަކި

The name is already taken The name is available. Register?

ސަސި.

28 August 2022

މި ހެޔޮލަފާ އަންހެން މީހާއާއި މެދު ހަމްދަރުދީވަން، އަދި އޭނާގެ ފިރިމީހާ އަލްވާނުގެ ހިތްވަރަށް ސާބަސް. ކިތަންމެ ވަރަކަށް މަސްތުވާ މީހަކު ވިޔަސް އެކަން ހުއްޓާލެވި ރަގަޅު މީހަކަށް ވެވޭނެކަން ސާބިތު ކޮއްދިން މަލްސާއަށް މަރުހަބާ. ދެން ބިންމާއަށް ޝުކުރިއްޔާ ވާހަކަ ލިޔެދޭތީވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454